މި މަތިވެރިވެގެންވާ ޝަހާދަތުގެ ހަޤީޤަތްތަކުގެ ތެރޭގައި، އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވުމާއި، އެކަލޭގަފާނު ގެންނެވި ޝަރީޢަތާއި އެއްގޮތައް ޙުކުމް ކުރުމާއި އަދި ޙުކުމް ތަންފީޒް ކުރުމާއި އެކަލޭގެފާނާއި އަދި އެކަލޭގެފާނު ގެންނެވި ޝަރީޢަތަށް ރުހުން ހިމެނެއެވެ. ﷲ ތަޢާލާވަޙީކުރައްވާފައިވެއެވެ. ((فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا))﴿٦٥﴾ سورة النساء މާނަ: ” އެހެނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙާކިމެއްކަމުގައި ހަދައިފުމަށް ދާނދެން، އެއުރެން އީމާނެއް ނުވެއެވެ. ދެން އެއަށްފަހު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ނުބާއްވާހުއްޓެވެ. އަދި އެއުރެން އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާހުށިކަމެވެ. “
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ((لَّا يَسْتَوِي الْقَاعِدُونَ مِنَ الْمُؤْمِنِينَ غَيْرُ أُولِي الضَّرَرِ وَالْمُجَاهِدُونَ فِي سَبِيلِ اللَّـهِ بِأَمْوَالِهِمْ وَأَنفُسِهِمْ ۚ فَضَّلَ اللَّـهُ الْمُجَاهِدِينَ بِأَمْوَالِهِمْ وَأَنفُسِهِمْ عَلَى الْقَاعِدِينَ دَرَجَةً ۚ وَكُلًّا وَعَدَ اللَّـهُ الْحُسْنَىٰ ۚ وَفَضَّلَ اللَّـهُ الْمُجَاهِدِينَ عَلَى الْقَاعِدِينَ أَجْرًا عَظِيمًا )) ﴿٩٥﴾ – سورة النساء މާނަ: ” މުއުމިނުންގެ ތެރެއިން ޖިހާދު ނުކުރެވޭފަދަ ޢުޒުރުތަކުގެ ވެރިން ފިޔަވައި، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުން ﷲ ގެ މަގުގައި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރާ މީހުންނާ ހަމަހަމަ ވެގެނެއްނުވެތެވެ. އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކުރާ މީހުން، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ދަރަޖައިގެގޮތުން ﷲ މާތްކުރައްވާފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް ﷲ ވަޢުދު ވެވޮޑިގެންފައިވެއެވެ. ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ޖިހާދުކުރާ މީހުން ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް ﷲ މާތްކުރެއްވިއެވެ. “
ﷲ ތަޢާލާ މުއުމިނުންގެ ސިފަތަކާއިމެދު އެބައިމީހުންނަށް ޘަނާ ވަޙީކުރައްވަމުން އަދި އެބައިމީހުން އޭގެ ސަބަބުން މަތިވެރިވެގެންދިޔަކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ((إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ )) ﴿٥١﴾ سورة النور މާނަ: ” އެއުރެންގެ މެދުގައި، ޙުކުމްކުރެއްވުމަށް ﷲ އާއި، އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިހިނދަކު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.”
އެބައިމީހުންގެ އެތެރެފުށުގައިވާ ހަޤީޤަތާއި ޚިލާފަށް ބޭރުފުށުން ދައްކަމުންދާ މުނާފިޤުންނާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَيَقُولُونَ آمَنَّا بِاللَّـهِ وَبِالرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّىٰ فَرِيقٌ مِّنْهُم مِّن بَعْدِ ذَٰلِكَ ۚ وَمَا أُولَـٰئِكَ بِالْمُؤْمِنِينَ ))﴿٤٧﴾ ((وَإِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ ))﴿٤٨﴾ (( وَإِن يَكُن لَّهُمُ الْحَقُّ يَأْتُوا إِلَيْهِ مُذْعِنِينَ ))﴿٤٩﴾ (( أَفِي قُلُوبِهِم مَّرَضٌ أَمِ ارْتَابُوا أَمْ يَخَافُونَ أَن يَحِيفَ اللَّـهُ عَلَيْهِمْ وَرَسُولُهُ ۚ بَلْ أُولَـٰئِكَ هُمُ الظَّالِمُونَ )) ﴿٥٠﴾ سورة النور މާނަ : ” އެއުރެން ބުނެތެވެ. ﷲ އަށާއި، ރަސޫލާއަށް ތިމަންމެން އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެން ކިޔަމަންވެއްޖައީމުއެވެ. ދެން އެއަށްފަހު، އޭގެތެރެއިން ބަޔަކުމީހުން ފުރަގަސްދީ، ހިނގައިދެތެވެ. އަދި އެއުރެން މުއުމިނުން ކަމުގައެއް ނުވެތެވެ. އަދި އެއުރެންގެ މެދުގައި ޙުކުމްކުރެއްވުމަށް، ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިނަމަ، އެހާރުން އެއުރެންގެ ތެރެއިން ބަޔަކު، އެނބުރި ފުރަގަސްދޭބަޔަކު ކަމުގައިވެއެވެ. އަދި ޙައްޤު ލިބެންވަނީ، އެއުރެންނަށް ކަމަށްވާނަމަ، ރުހުމާއެކު، ކިޔަމަންތެރިކަމުގައި، އެކަލޭގެފާނުގެ އަރިހަށް އެއުރެން އާދެތެވެ. އެއުރެންގެ ހިތްތަކުގައި ބައްޔެއް ވަނީހެއްޔެވެ؟ ނުވަތަ އެއުރެން (އެކަލޭގެފާނުގެ ނަބީކަމާމެދު) ޝައްކުކުރީ ހެއްޔެވެ؟ ނުވަތަ ﷲ އާއި، އެކަލާނގެ ރަސޫލާ، އެއުރެންނަށް ބޭއިންސާފު ކުރައްވައިފާނެކަމަށް، އެއުރެން ބިރުގަންނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. “
މުނާފިޤުންގެ ޙަޤީޤަތް ފާޅުކުރައްވައި އެބައިމީހުންގެ މަކަރުވެރިކަން ފަޟީޙަތްކުރައްވަމުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا ))﴿٦٠﴾ (( وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنزَلَ اللَّـهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنكَ صُدُودًا ﴿٦١﴾ )) سورة النساء މާނަ: ” ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، އީމާން ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން ޙުކުމް ލިބިގަންނާން، ޠާޣޫތުންގެ ގާތައް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަކަށް ކާފިރު ވުމަށް އެއުރެންނަށް އަމުރު ކުރައްވާފައިވާ ޙާލުގައެވެ. އަދި، ޝައިޠާނާ އެދެނީ، (ޙައްޤު މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ. އަދި، ﷲ ބާވައިލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ ގޮތަށް ތަބަޢުވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، މުނާފިޤުން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ. “
ކިތައްމެ ކުޑަކަމެއްގައިވިޔަސް އަދި ކިތައްމެ ބޮޑުކަމެއްގައިވިޔަސް ޙުކުމް ކުރަންޖެހޭނީ ﷲގެ ޝަރީޢަތާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަަމަ ބަޔާންކޮށްދެއްވި ގޮތަށެވެ. އެއީ ވާޖިބެކެވެ. ފަރުޞެކެވެ. އެއީ އެއްވެސް މުސްލިމަކަށް އެއާއި ދެކޮޅު ނުހެދޭނޭ ކަމެކެވެ. އަމިއްލަ ފަރުދުން އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. ޙާކިމުންނާއި ވެރިން އެމީހުން ބަލަހައްޓަން ޖެހިފައިވާ މީހުން ނުވަތަ އެމީހުންގެ ދަށުގައިވާ މީހުންގެ މައްޗަށެވެ. އަދި ކިއެއްހެއްޔެވެ. އެއީ ޝަހާދަތުގެ ދެކަލިމައިގެ ޙަޤީޤަތްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
– ނުނިމޭ –
އަސްލު : رسالة ” حقيقة شهادة أن محمدا رسول الله ” للشيخ عبدالعزيز بن عبدالله بن محمد