[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢީދުމީލާދުގެ ޙަޤީޤަތް 4

ބައެއް މީހުން ބުނާ ގޮތުން ޢީދުމީލާދު ފާހަނގަކޮށް މައުލޫދު ކިޔައި ހެދުމަކީ، ޢިލްމުވެރިއަކު ﷲ އާއި ގުޅުން ބަދަހިކޮށް އެކަލާނގެއާއި ކުއްތަންވުމުގެ ނިޔަތުގައި އުފެއްދި ކަމެކެވެ. އެހެން ކަމުން އެކަން ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މިއީ މިކަން ކުރަން ބޭނުންވާ ބައެއް މީހުންގެ ބަހެކެވެ. ނަމަވެސް މިއީ އެއްވެސް ތާކުންތާކު ޖެހޭ ބުނުމެއް ނޫނެވެ. އެހެނީ ކިތަންމެ ޞާލިޙް މީހަކު ކުރިކަމެއްކަމުގައިވިޔަސް އެއީ ބިދުޢައެއް ކަމުގައި ވަނީނަމަ އެކަން ގަބޫލުވެވިގެންނުވެއެވެ. އެއީ އެކަމުގައި ކިތަންމެ އިޚްލާޞްތެރިވީނަމަވެސް މެހެވެ. ޢަމަލެއް ޤަބޫލުވުމުގައި ﷲ އަށް އެކަމެއް ޙާލިޞްކުރުމާއި، ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަމެއް އަންގަވާފައިވާ ގޮތަކަށް އެކަމެއް ކުރުންވެސް ހިމެނެއެވެ. ހަމައެއާއިއެކު ޢިލްމުވެރި ރަނގަޅު މީހަކަށްވެސް ގޯހެއް ހެދިފައި އޮތުމަކީ ނުވާނެކަމެއް ނޫނެވެ. އެހެނީ ނަބިއްޔުން ފިޔަވައި އެހެން އެއްވެސް ބަޔަކީ މަޢޫޞޫމު ބަޔެއް ނޫނެވެ.

އަދި ބައެއް މީހުން، މިއީ ބިދުޢަތަކުގެ ތެރެއިންވާ ރަނގަޅު ބިދުޢައެކޭވެސް ބުނެއުޅެއެވެ. އެހެނެއްކަމަކު މިތަނުގައި ވިސްނާލަންވީ، ދީނަށް އަލަށްވައްދާ އެއްވެސް ކަމެއްގައި ހެވެއް ނުވާނޭ ކަމެވެ. ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރައްވަވާފައިވަނީ މިފަދައިންނެވެ. مَنْ أَحْدَثَ فِى أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ (متفق عليه) މާނައީ: “އަހުރެމެންގެ ދީނުގައި ތެރެއިން ނުވާ އާކަމެއް މީހަކު ކޮށްފިނަމަ ފަހެ އެކަމެއް އޭނާއަށް ރައްދު ކުރެވިގެން ވެއެވެ.” އަދިވެސް ޙަދީޘްކުރައްވަވާފައިވެއެވެ.وكل بدعة ضلالة(صحيح، رواه أحمد) މާނައީ: “ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”

އަލަށް އުފެދޭ ކޮންމެކަމަކީ ނުބައި ނުވަތަ ޙަރާމް ބިދުޢައެއް ނޫންކަމުގައި ބުނެ، ބިދުޢައިގެ ތެރޭގައި ރަނގަޅު ބިދުޢަވެސް ހުންނަ ކަމުގައި ބުނާ ބަޔަކުވެސް ވެއެވެ. މިބައިމީހުން ގެންނަ އެއް ދަލީލަކީ ނުވަތަ ބަހަނާއަކީ ޢުމަރު رضى الله عنه ތަރާވީޙް ނަމާދާއި ގުޅިގެން ވިދާޅުވި ބަސްފުޅެވެ. ޢުމަރު رضى الله عنه ވިދާޅުވިއެވެ. “މިއީ ކިހާ ރަނގަޅު ބިދުޢައެއް ހެއްޔެވެ؟” ނަމަވެސް މިއީ މިކަމަށް އެކަށޭނަ ހުއްޖަތެއް ނޫނެވެ. މިއީ ދީނަށް އަލަށް އުފެދުނު ކަމެއް ނޫނެވެ. ޢުމަރު رضى الله عنه ގެ ބުނުމުގެ މާނައަކީ ބަހުގެ ގޮތުން ބިދުޢައަކަށްވުމެވެ. ޝަރުޢީގޮތުން ބިދުޢަކަށްވުމެއް ނޫނެވެ. އެހެނީ ބިދުޢައަކީ އަލަށް އެއްޗެއް އުފެއްދުމެވެ. ރަސޫލާ صلى الله عليه وسلم  ގެ ދުވަސްވަރުވެސް ތަރާވީޙް ނަމާދު ވަނީ ޖަމާޢަތުގައި ކުރެވިފައެވެ. ނަމަވެސް ދުވަސްކޮޅެއްގެ ފަހުން މުސްލިމުންގެ މައްޗަށް ތަރާވީޙް ނަމާދު ވާޖިބަކަށް ވެދާނެކަމުގައި ބިރުފުޅުވަޑައިގެން  އެކަން ހުއްޓަވައިލެއްވީއެވެ. ދެން އެއަށްފަހު ޞަޙާބީން އެބޭކަލުން ވަކިވަކިން ތަރާވީޙް ނަމާދު ރަސޫލާ صلى الله عليه وسلم  އަވަހާރަފުޅުވަންދެންވެސް ކުރައްވަމުން ގެންދެވިއެވެ. އަދި އެކަން ޢުމަރު رضى الله عنه ގެ ޚިލާފަތާއި ހަމައަށް ދެމިގެން ދިޔައެވެ. އެއަށްފަހު ޢުމަރު رضى الله عنه ގެ ޚިލާފަތުގައި މީސްތަކުން އެއްކުރައްވައި އެއް އިމާމެއްގެ ފަހަތުގައި ތަރާވީޙް ނަމާދު ކުރާގޮތަށް ހަމަޖެއްސެވިއެވެ. އެހެންކަމުން މިއީ ޝަރުޢީ ބިދުޢައެކޭ ބުނުމުގެ ފުރުޞަތެއް ނެތެވެ.

 އެންމެ ހެޔޮ ތިން ގަރުނު ފާއިތުވެގެން ދިޔައިރުވެސް، ޢީދުމީލާދު ފާހަގަ ކުރުމާމެދު އެއްވެސް ވާހަކައެއް، އެއްވެސް ރިވާޔަތެއް އައިސްފައިނުވާއިރު އަހަރުމެން މިކަންކުރުމުގެ މާނައެއް އެބައޮތްތޯއެވެ. އެބޭކަލުން އެކަލޭގެފާނަށް ލޯބިކުރުމުގެ ގޮތުން ކުރިކަމަކަށްވުރެ ފުރިހަމަ ކަމެއް އަހަރުމެންނަށް ގެނެސްގަނެވިދާނެ ބާވައެވެ! ހަމަހިލާ އެހެނަކުންނުވާނެއެވެ. މިއީ ކުރަންޖެހޭވަރުގެ ކަމެއް ކަމުގައި ވަނީނަމަ އެކަލޭގެފާނަށް އެންމެ ފުރިހަމަ ގޮތުގައި ތަބަޢަވީ ޞަޙާބީން މިކަން ނުކޮށް ދޫކޮށްލަފާނެބާއެވެ! އޭގެތެރެއިން އެއްވެސް ބޭފުޅެއްގެ ފަރާތުން މިކަން ކުރިކަމުގައި އައިސްފައި ނެތުމުން، މިއީ ކޮށްގެންވާނޭ ކަމެއް ނޫންކަން ވަރަށް ރަނގަޅަށް ހާމަވެގެން އެބަދެއެވެ.

ބައެއް މީހުން މިކަންކުރަނީ އެކަލޭގެފާނަށް ވެވޭ ލޯތްބެއްގެ ސަބަބުން އެކަން ހާމަކުރުމަށްކަމަށްވެސް އެބައިމީހުން ބުނެއުޅެތެވެ. ރަސޫލާ صلى الله عليه وسلم  އަށް ލޯބިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. އެމީހެއްގެ އަމިއްލަ ނަފްސާއި މައިންބަފައިންނާއި އަނބިދަރިންނަށްވުރެންވެސް ބޮޑަށް ރަސޫލާ صلى الله عليه وسلم އަށް މުސްލިމުން ލޯބިކުރާނެތެވެ. ނަމަވެސް މިލޯބީގެ މާނައަކީ އެކަލޭގެފާނު ގެނެސްދެއްވާފައިނުވާ އެއްޗެއް ގެނެސްގަތުމެއް ނޫނެވެ. އެކަލޭގެފާނަށް ލޯބިކުރުމުގެ މާނައަކީ ﷲ ގެ ޙަޟްރަތުން އެކަލޭގެފާނަށް ބާއްވައިލެއްވި އެންމެހައި އެއްޗަކަށް ފުރިހަމައަށް ކިޔަމަންވެ ތަބަޢުވުމެވެ.

އެހެންކަމުން މިފަދަ ނުބައި ބިދުޢަތަކާއި ޚުރާފާތުގެ ކަންތައްތަކުން ސަލާމަތްވެ، ޢަމަލުތައް ކުރުމުގެ ކުރިން، ދީނުގައި އެކަމެއް ވަނީ ކޮންފަދައަކުންތޯ ބަލައިފާ ހުށިކަމެވެ. ތިބާއަށް ނޭނގޭކަމުގައިވަނީނަމަ އެނގޭ މީހުންގެގާތުން އޮޅުންފިލުވާށެވެ. ޣާފިލުކަމުގެ ތެރޭއިން ނިކުމެގަންނާށެވެ. މިކަމުގައި އެއްވެސް ވަރަކަށް ބައިވެރިވެފައިވަނީނަމަ އަވަހަށް މިކަން ދޫކޮށްލައި ސަލާމަތްވެގަންނާށެވެ. އަދި ތިބާގެ އަހުލުންވެސް އަދި ގާތްތިމާގެ މީހުންނާއި ރަށްޓެހި ރަޙުމަތްތެރިންވެސް މިފަދަ ކަންކަމުން ސަލާމަތްކުރާ މީހަކު ކަމުގައި ތިބާ ވާށެވެ. ޢަމަލެއް ނުވަތަ އަޅުކަމެއް ކުރުމުގެ ކުރިން އެކަމުގެ ޢިލްމު ލިބިގަންނާށެވެ. ހަވާނަފްސަށް ވިސްނޭހާ ގޮތަކަށް އަޅުކަންތައް ނުކުރާށެވެ. ކޮންމެކަމެއްވެސް ﷲ އާއި ރަސޫލާއަށް ރައްދުކުރާށެވެ. އެބަހީ ދީނުގައި އޮތް ގޮތަށް ކުރާށެވެ. އެއީ ތިބާއަށް އޮތް އެންމެ ހެޔޮގޮތެވެ.

 – ނިމުނީ –

މިސިލްސިލާގެ އެހެން ބައިތައް ބެއްލެވުމަށް