[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޑިމޮކްރަސީތޯއެވެ؟ ނުވަތަ އިސްލާމް ދީންތޯއެވެ؟

 

ހަމަޖެހޭ ދިރިއުޅުމެއް ބޭނުން ނުވާނީ ފަހެ ކާކުތޯއެވެ؟ ދުނިޔޭގައި ދިރި އުޅޭ ކޮންމެ މީހަކީ އެމީހެއްގެ ޙަޔާތް ބާއްޖަވެރިވުމަށް އެދޭނެ މީހެކެވެ. ހިތްހެޔޮ، އަމާން، އޮމާން އަދި ސާފު މާޙައުލެއްލެއްގައި ދިރިއުޅުމަކީ ކޮންމެ މީހަކުވެސް ދެކެން ބޭނުންވާނެ ހުވަފެނެކެވެ. އާއެކެވެ. އެއްބައިވަންތަ، ސުލްހަމަސަލަސްކަން ޤާއިމްވެފައިވާ ވެއްޓެއްގައި އުޅެން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ހަމަޖެހިލައިގެން އެއްވެސް ބިރެއްނެތި، ޢާއިލާ މީހުންނާއި، ރައްޓެހިންނާއިއެކު މަޖާކޮށް އުފާކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. މިނިވަންކަމާއިއެކު ތަންތަނަށްގޮސް، މާބޮޑު ނުފޫޒެއްނެތި އުޅެން ކޮންމެ މީހަކުވެސް ބޭނުންވެއެވެ. އެހެންނަމަވެސް ސުއާލަކީ، މިބުނާ ހަމަޖެހުން އަހަރެމެންނަށް ގެނެސް ނުގެނެވިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ މުޅި ދުނިޔެއަށް ނަޒަރު ހިންގައިލި ކަމުގައިވިޔަސް އެއްބަޔަކު އަނެއްބަޔަކަށް ޑިމާންޑްކޮށް، ކަންކަމަށް އެދި ގޮވަމުންދާ މަންޒަރު ފެނިގެންދާއިރު، މިބުނާ ޑިމާންޑްތައްކުރާ ރައްޔިތުންގެ ވެރީން، ރައްޔިތުންގެ އާދޭސްތައް އަޑުއަހާ ކަންކަން އިސްލާޙު ކުރާނެކަމަށް ބުނެ އޭގެފަހުން ކަންތައްތައް ގޯހުންގޯހަށް ދާތަން ފެންނަންޖެހެނީ ކީއްވެގެންތޯއެވެ؟ އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމް ކުރެވިފައިވާ ތަންތަނުން، އެކަންތައްތައް ބީވެ، ފިތުނައިގެ އަނދަވަޅުތަކަށް ވެއްޓެންދިމާވެފައިވަނީ ކީއްވެގެންތޯއެވެ؟ ފިތުނަވެރިކަން ބޮޑުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟

މީގެ ދުވަސްކޮޅެއް ކުރިން ދިވެހި ރާއްޖެއަކީ އަމާން އޮމާން، އެކަކު އަނެކަކަށް ވާގި އެދޭ، އެކަކު އަނެކަކަށް އެހީވެ އެންމެން ގުޅިގެން ކަންކަން ކުރަމުން އައި ނަމޫނާ ޤައުމެކެވެ. މަށަކީ މިއީ ރާއްޖެ މީހެކޭ ބުނެ ބިދޭސީމީހުން ގާތު ދިވެހީން ފަޚުރުވެރިވަނީ ހަމަ ހަގީގަތުގައިވެސް ފަޚުރުވެރިވުން ޙައްޤު ގޮތުގައެވެ. އެހެންނަމަވެސް އަހަރެމެންގެ މުޖުތަމަޢުއަށް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. ނިޒާމް މުޅީން ބަދަލުވެއްޖެކަހަލައެއްނޫނެވެ. ބަދަލުވެއްޖެއެވެ.

އެކި ޤައުމުތަކާއި އެކި ޘަޤާފަތްތަކުގައި ދިރިއުޅުމުގެ ނިޒާމްތަކަކީ އެކި ގޮތްގޮތަށް ބައްޓަން ކުރެވިގެން އަންނަ އެއްޗެކެވެ. ދުނިޔޭގައި ގިނައީ އިންސާނުންގެ އުނި ސިކުނޑިތަކުން ކޮށައި މަށާފައިވާ ދިރިއުޅުމުގެ ނިޒާމްތަކެކެވެ. މިއިން ކޮންމެ ނިޒާމެއްގައިވެސް، އެ ނިޒާމެއްގައި އެކުލެވިގެންވާ ޤަވާއިދުތަކާއި އުސޫލުތައްވެއެވެ.  މިގޮތުންބަލާއިރު ދިވެހި ރާއްޖެއަށް މުޅީންއަލަށް ތަޢާރަފް ވެގެން އުޅޭ ޑިމޮކްރަސީއަކީ މެޖޯރިޓީގެ މައްޗަށް ބަރޯސާވާ ދިރިއުޅުމުގެ ނިޒާމެކެވެ. ޑިމޮކްރަސީ އެދޭނީ މެޖޯރިޓީ ބޭނުންވާ ގޮތެވެ. މިއީ ވަރަށް ބިރުވެރި ކަމެކެވެ. މި ކިޔާ މެޖޯރިޓީއަކާއި އަޅައިގަނެގެން ދާދި މިދާކަށްދުވަހު ފަތިސް ނަމާދުގައި ޤުނޫތު ކިޔުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނެގީ ހަމަ ކިރިޔާއެވެ. މިހާހިސާބަށް ކަންތައްތައް ދާކަމުގައިވާނަމަ ދުވަސް ކޮޅަކުން ފެނިގެންދާނީ ނަމާދު ކުރުމަށް ނުވަތަ ޒަކާތްދިނުމަށް ނުވަތަ ރޯދަ ހިފުމަށް ފެންނަ ނުފެންނަ ވޯޓެއްލެވިގެންދާތަނެވެ. ކަންކަން ކުރާނީ ހަރުފަތަކަށްފަހު ހަރުފަތެއް ފަހަނައަޅައިގޮހެވެ. އެންމެފަހުން ނިމޭއިރު އާޚިރުނަތީޖާގައި ދިވެހީންތިބޭނީ ހަމަ ރީތިކޮށް ޕާޓީތަކަށްބެހި ނިމިފައެވެ. ހަގީގަތުގައި ދިވެހި ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފު ކުރި ކުރުމުގެ ތެރޭގައި ވަރަށް ބޮޑަށް އޮޅުވާލެވިފައިވެއެވެ. ޑިމޮކްރަސީއޭ ކިޔައިގެން ވާހަކަ ދައްކާ މީހުންނަށް ޑިމޮކްރަސީ އާއި އިސްލާމްދީން، މި ދޭތިންކުރެ އެއްޗެއް އޮޅުނީއެވެ. ނުވަތަ ނޭނގުނީއެވެ. ނުވަތަ ގަސްތުގައި އޮޅުވާލީއެވެ.

ޑިމޮކްރަސީ އަށް ބަލައިލަމާ ހިނގާށެވެ. އެންމެ ފުރަތަމަ ޑިމޮކްރަސީ، މި ނިޒާމް ތަޢާރަފު ވެގެން އައީ ޤަދީމީ ގްރީސްއިން ނެވެ. އެއީ ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 4 ނުވަތަ 5 ގަރުނު ކުރީންނެވެ. އޭރު ގްރީކް މީހުން ދެކެމުންއައި ގޮތުގައި ދިރިއުޅެން އެމީހުންނަށް އެންމެ ކަމުދިޔަގޮތަކީ ގިނަ ބަޔަކު އެއްބަސްވާގޮތެކެވެ ނުވަތަ ގިނަބަޔަކު ރުހޭގޮތެކެވެ. މިގޮތުން ދިރިއުޅުމުގެ ނިޒާމު ކަނޑައަޅާއިރު މިބައިމީހުންނަކީ އިލާހީ ޤާނޫނަށް ކުޑަވެސް ބަލައިލުމެއްނެތި، ހިތަށްފެނުނުގޮތަކަށް ކަންކަންކޮށް ނިންމާ ކަންކަން ތަންފީޒު ކުރަމުންދިޔަ ބައެކެވެ. “ޑިމޮކްރަސީ” މި ލަފުޒު ނެގިފައިވަނީ އެންމެފުރަތަމަ ގްރީކް ބަހަކުން ކަމުގައިވާ ” δημοκρατία (dēmokratía) ” އިންނެވެ. އިނގިރޭސިބަހަށް މިބަސް ތަރުޖަމާކޮށްލުމުން އިންނަނީ ” rule of the people “. މިހެންނެވެ. އެހެންކަމުން ﷲގެ ނިޔާއަށްވުރެ ޑިމޮކްރަސީގައި ބޮޑަށް އިސްކަންދެވިގެންއަންނާނީ މީސްތަކުންގެ ނުވަތަ އެ ޖަމާޢަތެއްގައި ދިރިއުޅެމުންދާ ރައްޔިތެއްގެ ޤަވާޤިދުތަކަށެވެ. އެހެންކަމުގައިވާނަމަ އިލާހީ ޤާނޫނު ތަންފީޒުކުރުމުގައި ދަތިތަކެއް ކުރިމަތިވެގެންދާނެކަމީ ޝައްކެތްއޮތްކަމެއް ނޫނެވެ.  ކަމުގެ ހަގީގަތަކީ ކޮންމެ ގޮތަކަށް ޑިމޮކްރަސީ ބައްޓަން ކުރި ކަމުގައިވިޔަސް ޑިމޮކްރަސީގެ މައިގަނޑު ކަމުގައިވާ ” rule of the people ” އަށް ބަދަލެއް ނައަންނާނެކަމެވެ. ދިވެހިރާއްޖެއަށްވީތީ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތައް ބަދަލުވެދާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އެހެނީ ޑިމޮކްރަސީ ބިނާވެގެންވަނީ މި ބުނެވިދިޔަ ލަފުޒުގެ މައްޗަށް ކަމުގައިވާތީއެވެ.

ދެރަކަމަކީ، މިބާވަތުގެ ކަމެއް ރާއްޖެއަށްވަދެ ގަދަޔަށް ހެދިގަތްއިރު މީހުން ނިދާފައިތިބިކަމެވެ. އެހެންނަމަވެސް މާތްﷲގެ އާޔަތްތަކާއިމެދު ވިސްނާފިކުރު ކުރިނަމަހީ މިއަދު މިގޮތަށަ ކަންތައްތައް ނުވީހެވެ. މާތްﷲ ގެ މި އާޔަތްތަކާއިމެދު ވިސްނައި ފިކުރުކުރީ ތިޔައިގެތެރެއިން ކިތައްބޭފުޅުންތޯއެވެ؟ މާތްﷲ މިފަދައިން ވަޙީ ކުރެއްވިއެވެ.

فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ ۖ إِنَّكَ عَلَىٰ صِرَ‌اطٍ مُّسْتَقِيمٍ ﴿٤٣﴾ سورة الزخرف

މާނައީ: ” ފަހެ، ކަލޭގެފާނަށް އިއްވަވާ وحى އެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ. “

ހަމަގައިމުވެސް ޑިމޮކޮރެޓިކަލް ނިޒާމަކީ ބާވައިލެވުނު ނިޒާމެއްނޫނެވެ. މިގޮތުން، ޑިމޮކްރަސީގެ މި ނިޒާމަކީ އިންސާނުން އަދި ވަކީން ޚާއްސަކޮށް މުސްލިމުން އުޅުމަށް އެންމެ ކަމުދާ ނިޒާމުތޯ ބަލައި އަމިއްލަ ނަފްސާއި ހިތާއި ހިތުން ސުއާލުކުރުން ކީއްތޯއެވެ؟ މިކަމާއިމެދު ވިސްނައި ފިކުރުކޮށްނުލާންވީ ކީއްވެގެންތޯއެވެ؟

ދެން ސުއާލަކީ، އެހެންވިއްޔާ އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބަހައްޓަންވީ ކޮން ނިޒާމަކަށްތޯއެވެ؟ އެ ނިޒާމެއްގެ ސަބަބުން އަޅުގަނޑުމެންގެ ޖީލަށާއި، އަންނަން އޮތް ޖީލުތަކަށް ފައިދާވެގެންދާނީ ކޮން ނިޒާމަކުންތޯއެވެ؟ ދަންނަވަންތޯއެވެ؟ އެއީ ” rule of the God ” ، މިނިޒާމުންނެވެ. އާއެކެވެ. ކީރިތި މާތް ރަސޫލާ އާއި، އެކަލޭގެފާނުގެ މާތް ޞަޙާބީންގެ ޙަޔާތުގައި ގެންގުޅުއްވީ  އެނިޒާމެވެ. އާދެ އެއީ އިސްލާމީ ޝަރީޢަތުގެ ނިޒާމެވެ. ދިވެހި ރާއްޖޭގައި ޤާއިމުކުރެވެންޖެހެނީ އިސްލާމީ ޝަރީޢަތުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. މިކަންކަން މިގޮތަށް މެދުވެރި ނުވާންވީ ސަބެބެއް އެބައޮތްތޯއެވެ؟

ކުށްކުރާމީހުންނަށް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ޙައްޤު އަދަބު ދެވިގެންނޫނީ ކުށް އޭގެ ބުޑަކުން އުފުރައެއްނުލެވޭނެއެވެ. އަދި ކުށް ނައްތައިނުލެވިއްޖެކަމުގައިވާނަމަ އިސްލާމް ދީނުގައި ޙިމާޔަތްކުރެވިފައިވާ ފަސް މަސްދަރުކަމުގައިވާ ދީން، ނަފްސު، ބުއްދި، މުދާ އަދި ޢިއްޒަތް ޙިމާޔަތްވެގެނެއް ނުދާނެއެވެ. އެހެންކަމުގައިވާނަމަ ދިރިއުޅުމުގެ ނިޒާމްވެސް ހަމައަކަށް އެޅިގެންނުދާނެއެވެ. ނަތީޖާއަކަށްވެގެންދާނީ ދިރިއުޅުމުގެ ނިޒާމް ފާލަމުން ނެއްޓި އަރި އަޅައިލާދާތަނެވެ. އަޅުގަނޑުމެންގެ ޤައުމު، ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކޮށް މުޅި ޤައުމުގައި އިސްލާމީ ޝަރީޢަތުގެ ފޭރާންލެވި ޝަރީޢަތުގެ ނިޒާމު ހިންގޭނެ ހުރިހާ މަގެއް ފަހިވެފައި އެބަހުއްޓެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ދީނީ ދަންނަބޭކަލުން ނުހަނު ގިނައެވެ. އެއްބަހަކުން ވާހަކަ ދައްކާ، އެއްޘަޤާފަތަކަށް ލޯބިކުރާ، އެކަކު އަނެކަކާ ގުޅިލާމެހިފައިވާ ވަކި ވަކީން އޮންނަ ޖަޒީރާ ރަށްތަކެކެވެ. ﷲ އާއި ރަސޫލާއެދޭގޮތަށް މިކަން ނުވާންވީ ސަބަބެއްނެތެވެ. ހަމަގައިމު އަޅުގަނޑު މިބަޔާންކުރާގޮތަށް މިކަން ނުވާންވީ ހަމަ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނޭނގުނެވެ. އޮތީ އެންމެ ގޮތެކެވެ. އެއީ ދިވެހީންގެ ބޮޑާކަމުންނެވެ. މަޢާފުކުރައްވާށެވެ. އެހެންގޮތެއް އޮތްނަމަ އަޅުގަނޑަށްވެސް އަންގަވާލަދެއްވައްޗެވެ.

ދިވެހީންނޭވެ! ބޭނުންވީ ޑިމޮކްރަސީގެ އަޖުމަ ބެލުމަށްތޯއެވެ؟ މިހާރު ހިތި ފެނިއްޖެ ނޫންތޯއެވެ؟ ދެން އަވަހަށް ރުޖޫޢަވާށެވެ. އެހެންނޫނީ މާލަސްވެދާނެއެވެ.