[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 9

 

عَنْ عَبْدِ الله بْنِ عُمَرَ رَضِيَ الله عَنْهُمَا، أَنَّ رَسُوْلَ الله صَلَّى الله عَلَيْهِ وَسَلَّمَ قَالَ: ((صَلاَةُ الجَمَاعَةِ أَفْضَلُ مِنْ صَلاَةِ الفَذِّ بِسَبْعٍ و عِشْرِيْنَ دَرَجَةً)) (متفق عليه)

ޙަދީޘްގެ މާނަ:

ޢަބްދުﷲ ބުން ޢުމަރު رَضِيَ الله عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެކަނިހުރެކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާނަމާދުގެ ޘަވާބާއި ދަރުމަ ހަތާވީސްގުނަ އިތުރުވެގެންވެއެވެ.”

މިޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއާއި މުސްލިމެވެ.

މިޙަދީޘުންލިބޭ ބައެއްފައިދާ:

* އެކަނިކުރެވޭ ނަމާދަށްވުރެ ނަމާދުގެ ޖަމާޢަތުގައިކުރެވޭ ނަމާދުގެ ޘަވާބާއި ދަރުމަ ބޮޑުކަން ހާމަވެއެވެ.

* ޖަމާޢަތުގައި ނަމާދުކުރުމުގެ މުހިއްމުކަން ހާމަވެއެވެ.

* ޖަމާޢަތުގައި ނަމާދު ނުކުރެވުނުނަމަވެސް އެކަނި ނަމާދުކުރެވިދާނެކަން މިޙަދީޘުން އެނގެއެވެ.

މުސްލިމު ފިރިހެނުން ކުޅަދާނަކަން ލިބިހުރި ޙާލު ޖަމާޢަތަށް ނަމާދަށް ދިޔުމަކީ ވާޖިބުކަމެކެވެ. އެކަން އަންނަނިވި ޙަދީޘުން ހާމަވެއެވެ.

عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ: أَتَى النَّبِيَ صَلَّى الله عَلَيْهِ وسَلَّمَ رَجُلٌ أَعْمَى، فَقَالَ : يَارَسُوْلَ الله! لَيْسَ لِيْ قَائِدٌ يَقُوْدُنِيْ إِلَى المَسْجِدِ. فَسَأَلَ رَسُوْلَ الله صَلَّى الله عَلَيْهِ وَسَلَّمَ أَنْ يُرَخِّصَ لَهُ أَنْ يُصَلِّيَ فِيْ بَيْتِهِ . فَرَخَّصَ لَهُ. فَلَمَّا وَلَّى دَعَاهُ فَقَالَ: ((هَلْ تَسْمَعُ النِّدَاءَ ؟)). قَالَ نَعَمْ. قَالَ: ((فَأَجِبْ)). (رواه مسلم)

ޙަދީޘްގެ މާނަ:

އަބޫ ހުރައިރާ  رَضِيَ الله عَنْهُ ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަރިހަށް ލޯފަންބޭކަލަކު ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާ ގޮވައިގެން މިސްކިތަށް ދާނޭމީހަކު ނެތެވެ. އަދި ގޭގައި ނަމާދުކުރުމުގެ ހުއްދަޔަށް އެދިލެއްވިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާ ގޭގައި ނަމާދުކުރުމުގެ ހުއްދަ ދެއްވިއެވެ. އަދި އެބޭކަލަކު ގެޔަށްދިއުމަށްޓަކާ ހިނގައިގަތްހިނދު، އެބޭކަލަކަށް ގޮވާލައްވައި، ސުވާލު ކުރެއްވެވިއެވެ. “ތިބާއަށް ބަންގިގޮވާއަޑު އިވޭތޯއެވެ؟” އެބޭކަލަކު ދެންނެވިއެވެ. އާދޭހެވެ. ދެން ޙަދީޘްކުރެއްވިއެވެ. “ފަހެ ބަންގިޔަށް އިޖާބަދޭށެވެ.” އެބަހީ މިސްކިތަށް ނަމާދަށް އަންނާށެވެ.

މިޙަދީޘް ގެންނަވާފައިވަނީ އިމާމް މުސްލިމެވެ.

މިޙަދީޘަށް އަޅުގަނޑުމެން ބަލާލައިފިނަމަވެސް، ނަމާދުގެ ޖަމާޢަތުގެ މުހިއްމުކަން އެނގިގެންދެއެވެ. ލޯފަން ބޭކަލަކަށް މިފަދައިން ޙަދީޘް ކުރައްވާފައިވާއިރު، ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟