[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 7 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

قَالَ اللَّهُ تَعَالَى: وَقَضَى رَبُّكَ أَلا تَعْبُدُوا إِلا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلاهُمَا فَلا تَقُلْ لَهُمَا أُفٍّ وَلا تَنْهَرْهُمَا وَقُلْ لَهُمَا قَوْلا كَرِيمًا (الإسراء: 23)
އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިއިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

____________________________________________________________

ޝަރަޙަ:

މިއީ، ކިތާބުއްތަވްޙީދް އޭ ބަޔާންކުރެއްވުމަށްފަހު، އޭގެ ދަށުން ޝެއިޚް ބަޔާންކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން ތިންވަނަ އާޔަތެވެ.

(وَقَضَى):  އިރާދަކުރައްވައި، ކަނޑައަޅުއްވައި އަމުރު ކުރެއްވިއެވެ. ﷲ ތަޢާލާގެ ޤަޟާ (އިރާދަކުރެއްވުން، ކަނޑައެޅުއްވުން) ބެހިގެންވަނީ 2 ބަޔަކަށެވެ:

1-   قَضَاءٌ شَرْعِيٌ: މިއީ ﷲ ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރެއިން، ވުމާއިނުވުން އެކަށީގެންވާ ކަންތައްތަކެވެ. މިކަންތައްތަކުގެ ތެރޭގައި ﷲ ލޯބިވެވޮޑިގަންނަވާ ކަމެއް މެނުވީ ނުހިމެނޭނެއެވެ.

މިސާލު: ހުރިހާ އިންސާނުންވެސް ﷲ އެއްކައުވަންތަކުރާ މުވައްޙިދުންކަމުގައި ވުމަށް ﷲތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. ނަމަވެސް އެއިލާހަށް ކާފަރުވެފައިވާ އެތައް އިންސާނުންތަކެއް ވެއެވެ. އެހެންކަމުން މިކަންތައްވެގެންދާނީ ޝަރުޢީ ޤަޟާއެއް ކަމުގައެވެ. އެހެނީ ﷲ ލޯބިވެވޮޑިގެންނެވި ގޮތަށް، ހުރިހާ އިންސާނުން އެއިލާހު އެއްކައުވަންތަކުރާ ބައެއް ކަމުގައި ނުވެއެވެ. މިކަމުންވެސް ދޭހަވެގެންދަނީ، އަޅުގަނޑުމެން އިންސާނުންނަށް އިޚްތިޔާރު ދެވިފައިވާ ކަމެވެ. އަދި ﷲ ލޯބިވެވޮޑިގަންނަވާ ކަންތަކުގައިވެސް އެއިލާހު އަޅުގަނޑުމެންނަށް މަޖުބޫރު ނުކުރައްވާ ކަމެވެ.

އިތުރު ތަފްޞީލީ މިސާލަކަށް ދާނަމަ، އަބޫބަކުރު ރަޟިޔަﷲ އަންހާއި، އަބޫ ޖަހުލުވެސް އިސްލާމްވުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. ނަމަވެސް މިތަނުން އިސްލާމްވެފައިވަނީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އެކަންޏެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ޝަރުޢީ ޤަޟާގެ ތެރޭގައި ހިމެނޭ ކަންތައް ވުމާއި ނުވުން އެކަށީގެންވާކަމެވެ. އަބޫ ބަކުރު ރަޟިޔަﷲ ޢަންހުވެސް އިސްލާމްވުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ. އެކަންވަނީ މެދުވެރިވެފައެވެ. އަދި އަބޫޖަހުލު އިސްލާމްވުމަށްވެސް ﷲ ލޯބިވެވޮޑިގަންނަވައެވެ. ނަމަވެސް އެކަން މެދުވެރިވެފައެއް ނުވެއެވެ. އެހެންކަމުން ޝަރުޢީ ޤަޟާގައި ހިމެނޭ ކަމެއް މެދުވެރި ނުވުމުގެ މިސާލަކަށް އަބޫ ޖަހުލު ކާފަރުވުން، ގެނެވިދާނެއެވެ.

2-   قَضَاءٌ كَوْنِيٌ: މިއީ، ﷲ ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރެއިން ނުވެނުދާނޭ ކަންތަކެވެ. މިކަންތަކުގެ ތެރޭގައި ﷲ ލޯބިވެވޮޑިގަންނަވާ ކަންތަކާއި، އެއިލާހު ލޯބިވެވޮޑިނުގަންނަވާ ކަންތައްވެސް ހިމެނެއެވެ.

މިސާލު: وَقَضَيْنَا إِلَى بَنِي إِسْرائيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوّاً كَبِيراً (الإسراء:4) “އަދި ތިމަންއިލާހު، އިސްރާއީލުގެ ދަރިންނަށް، ފޮތުގައި (އެބަހީ: ތައުރާތުގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ.” މިއާޔަތުގައި މިވާ ޤަޟާއަކީ، އަލްޤަޟާއުލް ކައުނީއެވެ. އެހެނީ ބިމުގައި ފަސާދަކުރުމަކީ ﷲތަޢާލާ ޝަރުޢުކުރައްވާފައިވާ ކަމެއް ނޫނެވެ. އަދި އެއިލާހު ރުހިވޮޑިގަންނަވާ ކަމެއްވެސް ނުމެނޫންމެއެވެ.

އަދި ހަމައެހެންމެ އަބޫ ޖަހުލު ކާފަރުވުމާއި، އަބޫ ބަކުރު ރަޟިޔަﷲ ޢަންހު އިސްލާމްވުންވެސް ހިމެނެނީ، ކައުނީ ޤަޟާގެ ތެރެއިންނެވެ. އެހެނީ އެ ދެކަންތައްވެސް ވަނީ މެދުވެރިވެފައެވެ. އަދި މިދެކަމުގެ ތެރެއިން އެއްކަމަކީ ﷲ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަދި އަނެއް ކަމަކީ އެއިލާހު ލޯބިވެވޮޑިނުގަންނަވާ ކަމެކެވެ. އެހެންކަމުން ކައުނީ ޤަޟާގެ ތެރޭގައި، ﷲ ލޯބިވެވޮޑިގަންނަވާ ކަންތަކާއި، އެއިލާހު ލޯބިވެވޮޑިނުގަންނަވާ ކަންތައް ހިމެނޭކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.

 އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-   ޤަޟާ ބެހިގެންވާ ދެބަޔަކީ ކޮބާ؟

2-   ޤަޟާ ބެހިގެންވާ ބައިތަކުގެ ތެރެއިން ކޮންމެ ބަޔަކަށްވެސް މިސާލެއް ބަޔާންކުރޭ!

______________________________________________

ކުރީގެ ބައިތައް