[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިކަމެތިކަން އިޙްސާސްކޮށްލައްވާށެވެ!

ޢާއްމު އިންސާނެއްގެ ޢުމުރަށް ބަލާއިރު، އަހަރެންގެ ޢުމުރު ގާތްގަނޑަކަށް ދެބައިވަނީއެވެ. އެހެންވެސް އިންސާނުންނެކޭ އެއްފަދައިން ނެތުމުގެ ތެރެއިން ދުނިޔެއަށް ފޮނުއްވައި، ކުޑަކުއްޖެއްގެގޮތުގައިވުމަށްފަހު، ހަށިގަނޑަށް އާރާއިބާރު ލިބި ޒުވާންކަމުގައި ދުވަސްތައް ގުނަމުންދަނީއެވެ. ﷲ ރަޙްމަތާއެކު ފުރިހަމަ ޞިއްޙަތާއި، އާރާއިބާރު ވަނީ ލިބިފައެވެ.

ބިންމައްޗަށް ބަލާލެވޭ ފަހަރު ފެންނަ ކުދިކުދި ހިނިތަކާމެދު ހިތަށް އަރައެވެ. “މިއީ ހާދަކުޑަޖަނަވާރެކެވެ. ނިކަމެތި ޟަޢީފު ބަލިކަށި ޖަނަވާރެކެވެ. ކުޑަ ތަންކޮޅަކަށް ދުވެލުމަށްޓަކައި ހާދަވަގުތެއް އެބަ ނަގައެވެ. ކުޑަ ފެންތިއްކެއްގެ ސަބަބުން އޭގެތެރެއަށް ޣަރަޤުވެ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަރުވެދެއެވެ. މީހެއްގެ ނުވަތަ ޖަނަވާރެއްގެ ފައިދަށުވެ މަރުވުމަކީ ކުޑަވަގުތުކޮޅެއްތެރޭ ހިނގައިނިމިދާނެކަމެކެވެ.” ހޮޅިބުރިއާއި ބޮކީގެ އައްޔަށް އަންނަ ކުދިކުދި އުދެހޭ ތަކެއްޗާމެދު ހިތަށް އަރައެވެ. “މިތަކެތި އައްޔާ ދިމާލަށް މިއަންނަނީ މިތަކެއްޗަށް ނުވިސްނޭތީއެވެ. ބޮކީގެ ނުވަތަ ހޮޅިބުރީގެ ހޫނުގެ ސަބަބުން ފިހި ވެއްޓެއެވެ. އެތަކެއްޗަށް ފާރަލަމުންދާ ހޯނުތަކުގެ ޝިކާރައަކަށް ވެގެންދަނީ ހާދަހާ އަވަހަކަށެވެ.” ހައްތަހާވެސް އަޖައިބުތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމެވެ. އެފަދަ ތަކެއްޗަށްވުރެ އެތައްގޮތަކުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން މާތްކުރައްވާފައިވުމީ، އެއިލާހުގެ ފަރާތުން އަޅުގަނޑުމެންގެ މައްޗަށްވާ ރަޙްމަތެވެ. އޯގާވަންތަކަމެވެ.

އެތަކެތީގެ ނިކަމެތިކަން އިޙްސާސްވާ ފަދައިން އަހަރެންގެ ނިކަމެތިކަން އިޙްސާސްކޮށްލުމަކީ މުހިއްމުކަމެކެވެ. ނިކަމެތިކަން އިޙްސާސްކޮށްލުމަކީ ދިމާވެދާނެ ނުރައްކަލަކަށް ތައްޔާރުވުމަށް މަގުފަހިކޮށްދޭނެކަމެކެވެ. ދިމާވެދާނެ ނުރައްކަލުން ނަޖާތުގެ މަގަށް ވާޞިލުވުމަށްޓަކައި އެހީއަކަށްވާނޭ ކަމެކެވެ. ނިކަމެތިކަން އިޙްސާސްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފަހުން އެކަމުގެ އުފާ ކުރާނޭކަމެކެވެ. ސުނާމީއެއް އަރާފާނެކަމަށް ބިރުވެތިވެ، އޭގެ ކުރިމަތީގައި އެވަގުތުކުރެވޭނެކަމެއް ނެތްކަންދަނެ، ކުރިން އަޅާ ސަލާމަތީ ފިޔަވަޅުތައް ފަދައިންނެވެ. ކަނޑުވާހިނދު ދެންކުރާނެކަމެއް ނޯންނާނެކަން ދަނެ، އެކަމަށްޓަކައި ތައްޔާރުކުރި ސަލާމަތީ އެއްޗެހިތައް ފަދައިންނެވެ.

ހިތަށް އަރައެވެ. އާދައިގެ ރަށެއްގެ ދެތިންކިލޯމީޓަރެއް މައްޗަށް އަރާބަލާލުމުން މިއޮއްފަދަ އިންސާނާއެކޭ އެހިންޏެކޭ ވަކި ތަފާތެއް ހުންނާނެބާއެވެ. މަތިންދާބޯޓުތައް މައްޗަށް އަރަމުންދާއިރު އެފެންނަނީ އެމަންޒަރެވެ. ބޮޑެތި އެތައް އިމާރާތެއް ކުދި ކުދި އެއްޗެހިތަކެއްގެ ގޮތުގައި ވެގެންދެއެވެ. ވިސްނާލެވެއެވެ. ހިނގާބިނގާވެ އުޅެމުން މިދާ ބިމަކީ ހާދަހާވާބޮޑު ތަނެކެވެ. އެތައް ބިލިޔަން ބަޔަކު މިބިމުގައި ދިރިއުޅެމުން އެބަދެއެވެ. އެތައް ހާސްހެކްޓަރެއްގެ ހުސްބިން އެބަވެއެވެ. ސައިންޓިސްޓުން ބުނާގޮތުގައި ދުނިޔޭގެ އީކުއޭޓަރއާ ދިމާލުގެ ވަށަމިނަކީ  40،076 ކިލޯމީޓަރެވެ. (24،902 މޭލެވެ.) ހާދަހާ ވާ ބޮޑެވެ. އެހެންކަމަށްވާނަމަ މިއޮއްބޮޑު ދުނިޔެއާ އަޅާބަލާއިރު ދެފޫޓުވަރުފުޅާ އިންސާނެއްގެ ނިސްބަތަކީ ފަހެ ކޮބައިބާއެވެ؟

މައްޗަށް ބަލާލުމުން މިފެންނަނީ ބޮޑުވެގެންވާ ނޫކުލައިގެ އުޑެވެ. އިރާއި ހަނދާއި ތަރިތަކާއި ވިލާތަކެވެ. އެތަނުގެ ބޮޑިމިން ކިހާވަރެއް ވާނެބާއެވެ. ސައިންސްވެރިން ޖައްވުގެ ދިގުމިން ދިރާސާކުރުމަށްޓަކައި ގެންގުޅޭ އެއް މިންގަނޑަކީ “ލައިޓް އިޔަރ” ނުވަތަ އަހަރެއްގެ ތެރޭގައި އަލިދަތުރުކުރާ ދުރުމިނެވެ. އައްޔަކީ ވަރަށް އަވަހަށް ދަތުރުކުރާ އެއްޗެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އަލި ގާތްގަނޑަކަށް ސިކުންތެއްގެ ތެރޭގައި 186 ހާސް މޭލު ކަޑައްތުކުރެއެވެ. އެހެންކަމަށްވާނަމަ، އެންމެ ސިކުންތެއްގެ ތެރޭގައި އަލި ދުނިޔެވަށާ 7 ނުވަތަ 8 ބުރުޖަހާނެއެވެ. މިއީ ސިކުންތެއްގެ މިންވަރެވެ. ޖައްވުގެ ދުރުމިން ބެލުމަށްޓަކައި ބޭނުންކުރަނީ އަލި ދަތުރުކުރާ އެއްއަހަރުގެ މިންވަރެވެ. އެއީ 5،879 ބިލިއަން މޭލެވެ. މިގޮތުން އިންސާނުންނަށް އަދި މިހާތަނަށް އެންމެ ދުރުހޯދުމަކަށް ހޯދިފައިވަނީ، ހަބްލު ސްޕޭސް ޓެލެސްކޯޕުން ހޯދިފައިވާ 12.5 ބިލިއަން ލައިޓް އިޔާރސް ދުރުގައިވާ އެއްޗެކެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. މިއީ އަދި އިންސާނުންނަށް އެންމެ ދުރަށް ހޯދިފައިވާ މިންވަރެވެ. އޭގެ ދުރަށް ވާނެ މިންވަރު ދެނެވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲއެވެ. އަދި މީގެ އިތުރަށް އެތައް އުޑުތަކެއް ﷲ ލައްވާފައިވާކަން އެއިލާހުވަނީ އަންގަވާފައެވެ.

މިއޮއްބޮޑު ކާއިނާތުގައި ހަމައެކަނި ދުނިޔޭގެ ނިސްބަތް ހާދަކުޑަވާނެއެވެ. އޭރު ކުޑަކަމަށް ހީކޮށްއުޅު ހިންޏަކަށްވުރެވެސް އެތައް ތަނެއް ކުޑަވާނެއެވެ. އަދި މިކާއިނާތުގައި އަހަރެންގެ ނިސްބަތަކީ ފަހެ ކޮބާ ބާއެވެ؟ ސުން ޕޮއިންޓުގެ ފަހަތަށް ކިތައް ސުމެއް ޖަހަން ޖެހޭނެ ބާއެވެ؟؟؟

ކޮންމެއަކަސް، އަޅުގަނޑުމެން ވިސްނާލަންވީ މިއޮއްބޮޑު ކާއިނާތުގައި އަޅުގަނޑުމެންގެ ނިސްބަތަކީ ވަރަށްވެސް ކުޑަ ނިސްބަތެކެވެ. މިއީ އަޅުގަނޑުމެންގެ ނިކަމެތިކަމާއި، ދެރަކަމުގެ ލާމަސީލު ނަމޫނާއެކެވެ. އަޅުގަނޑުމެންގެ ނިސްބަތް ކިތަންމެ ކުޑަނަމަވެސް، އަޅުގަނޑުމެންގެ ކަންތައްތައް ހިންގަވައި، ރާއްވަވާ މަތިވެރި ވަންތަ އިލާހު އަޅުގަނޑުމެންގެ ކަންތައް ހަތްއުޑުގެ މަތިން ބައްލަވާވޮޑިގެންވެއެވެ. އަޅުގަނޑުމެންގެ ދުޢާ އައްސަވާވޮޑިގެންވެއެވެ. އަޅުގަނޑުމެންވަނީ އެއިލާހުގެ މަދަދާއި އެހީތެރިކަމަށް ބޭނުން ޖެހިފައެވެ.

މިފަދަ ނިކަމެތި މީހަކަށް އިންސާނާވެފައިވާއިރު، އޭނާ ހެއްދެވި އިލާހު ދޮގުކޮށް، އެއިލާހަށް އުރެދި، އެއިލާހުގެ އަމުރުފުޅުތަކަށް ފުރަގަސްދީ، އެއިލާހުގެ ޝަރީޢަތަށް ކުޑައިމީސްކުރިމީހަކަށްވުރެ މޮޔަމީހަކީ ފަހެ ކާކުތޯއެވެ؟ ބޮތްކާއި ހޮޅިބުރީގެ އައްޔަށް އެއަންނަ އުދުހޭ ކުދިކުދި ތަކެއްޗަށްވުރެ މޮޔަކަން ބޮޑުވާނެއެވެ. އެއީ އިންސާނާއަށް ވިސްނުމާއި، ފިކުރުކުރުމުގެ ބާރު އެހެންތަކެއްޗަށްވުރެ ބޮޑަށް ދެއްވާފައިވާތީއެވެ. ހިދާޔަތުގެ މަގުދެއްކެވުމަށްޓަކައި އެބައިމީހުންގެ ތެރެއިން ރަސޫލުންނާއި ނަބިއްޔުން ފޮނުއްވައި، އެއިލާހުގެ ފޮތް ބާވާލައްވާފައި ވާތީއެވެ.

އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންގެ ނިކަމެތިކަން ހިތަށް ގެނެސް، އިލާހީ އަމުރުފުޅުތަކަށް ބޮޑައިނުވެ، ކިބުރުވެރިނުވުމެވެ. ފަހުން އަންނަން އޮތް ދުވަހަކަށް ތައްޔާރުވުމެވެ. ނިކަމެތިކަމުގެ ފައިދާ ޙާޞިލުކުރުމެވެ. ބޮޑައިވެގަތުމުގެ ސަބަބުން ހަލާކުވެގެންދިޔައީ ކިތަންމީހުން ހެއްޔެވެ؟ އިބްލީހެވެ. ފިރުޢަޥްނާއި ހާމާނާއި ޤާރޫނެވެ. އަބޫޖަހުލާއި، އަބޫލަހަބެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لَوْ كَانَتِ الدُّنْيَا تَعْدِلُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ مَا سَقَى كَافِرًا مِنْهَا شَرْبَةَ مَاءٍ)) (الترمذي، وصححه شيخ الألباني في الصحيحة) މާނައީ: “ﷲ ޙަޟްރަތުގައި ދުނިޔޭގެ އަގު މަދިރިއެއްގެ ފިޔައަކާ އެއްވަރުނަމަވެސް، ކާފަރަކަށް ދުނިޔެއިން ފެންކޯވަރެއްވެސް ނުދެއްވީހެވެ.” ސުބުޙާނަﷲ! ފިކުރުކުރާމީހުންނަށް މިކަންކަމުގައި ހެކިތަކެއް ވެއެވެ.

ﷲ އަޅަމެންނަށް ތެދުމަގު ދައްކަވައި، އެމަގުގައި ޘާބިތުކުރައްވާށި! އާމީން.