[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޢުޖިޒާ

ތަޢާރަފު :

         މުޢުޖިޒާތް އައިސްފައިވަނީ ޢަރަބި ބަހުގެ ޢަޖަޒަ ނުވަތަ އަޢްޖަޒަ މި ދެ މަސްދަރުންނެވެ. އޭގެ މާނައަކީ ނުކުޅެދުމެވެ. މިގޮތުން މުޢުޖިޒާތުގެ ލުޣަވީ މާނައަކީ މީހާގެ ނުކުޅެދޭކަން ސާބިތުކޮށްދޭ ކޮންމެ އެއްޗެކެވެ.ނުވަތަ ކޮންމެ ކަމެކެވެ. މުޢުޖިޒާތުގެ އިޞްޠިލާޙީ މާނަ ވަރަށް ގިނަ ގޮތްގޮތަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ތަޢާރަފަކީ މުޢުޖިޒާތަކީ ރަސޫލުންނާއި ނަބީބޭކަލުންގެ ތެދިވެރިކަން ހާމަކުރެއްވުމުގެ ގޮތުން އެބޭކަލުންގެ އަތްޕުޅުމަތިން މާތްﷲ ފާޅުކުރައްވާ އެއާ އެއްފަދަ އެއްޗެއް ގެނައުމުގެ ކުޅަދާނަކަން ލިބިގެންނުވާ އޭގައި ތަހައްދީ އެކުލެވިގެންވާ އާދަޔާޚިލާފު ކޮންމެ ކަމެކަވެ. މި ތަޢާރަފަށް ބަލާއިރު މުޢުޖިޒާތުގައި ޚާއްޞަ ޝަރުތުތަކެއް ހުންނަންޖެހޭ ކަމުގައި ޢިލްމުގެ އަހުލުވެރިން ވިދާޅުވެއެވެ. އެއީ :

* ﷲ ގެ ޙަޟްރަތުން ފާޅުކުރައްވާ ކަމަކަށްވުން.

    މުޢުޖިޒާތުގެ ޝަރުޠުތަކުގެ ތެރޭގައި ﷲ ގެ ޙަޟްރަތުން ފާޅުކުރައްވާ ކަމަކަށް އެކަމެއް ވާންޖެހެއެވެ. އެއީ ﷲ ގެ ޙަޟްރަތުން އެބޭކަލަކަށް ފާޅުކުރައްވާ ޤައުލެއް ކަމުގައި ވިޔަސްމެއެވެ. މިސާލަކަށް ޤުރުއާނެވެ. ނުވަތަ ފިޢުލަކަށްވިޔަސްމެއެވެ. މިސާލަކަށް ނޫޙު ޢަލައިހިސަލްގެ ޤައުމުގެ މީހުން ތޫފާނުން ސަލާމަށްކުރެއްވުމެވެ. އަނެއްބައިފަހަރު އެއީ ” ތުރުކު ” އަކަށްވެސްވެދެއެވެ. އޭގެ މާނައަކީ ވާކަމެއް ނުވާކަމަކަށް ހެއްދެވުމެވެ. މިސާލަކަށް ޔޫނުސް ޢަލައިހިސަލާމް މަހެއްގެ ބަނޑު ތެރޭގައި ލެއްވުމެވެ.

* އާދަޔާ ޚިލާފުކަމަކަށްވުން.

     މިއީވެސް މުޢުޖިޒާތުގައި ހިމެނެންޖެހޭ ޝަރުޠެކެވެ. އެހެނީ އެހެންނޫންނަމަ ކޮންމެ މިހަކުވެސް ނަބީކަމަށް ދަޢުވާކޮށް އެފަދަ ކަންތައްތައް ދައްކަން ފަށާފާނެއެވެ. އާދަޔާ ޚިލާފުކަމަކަށްވުމުން އެއިން އިސްތިސްނާ ވާ ކަންތައްތަކެއްވެސް ވެއެވެ. އެކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޞިޙުރާއި ، ޖާދުލާއި ، ސައިންސްވެރިން ހޯދާ އާ ހޯދުންތަކެވެ.

* އެއާ އެއްފަދަ އެއްޗެއް ގެނައުމަށް ހުރިހާ މަޚްލޫޤުން ނުކުޅެދިގެންވުން.

       މިޝަރުޠުނުވާނަމަ ކުރީގައި ބަޔާންކުރެވުނު ފަދައިން ކޮންމެ މީހަކުވެސް ނަބީކަމަށް ދަޢުވާކޮށްފާނެއެވެ. ޚާއްޞަގޮތެއްގައި މީސްތަކުން މިއަދު ކުރިއަރައިފައިވާ ކުރިއެރުމުގައި މިއީ ވަރަށް ފަސޭހަކަމެކެވެ. އެހެނަސް މުޢުޖިޒާތެއް ގެނައުމަކީ ހަމައެކަނި ރަސުލެއް ނުވަތަ ނަބިއްޔެއްގެ އަތްޕުޅުމަތިން ފާޅުވެގެންދާ ކަންތަކެވެ. އެހެނީ މުޢުޖިޒާތަކީ އެފާޅުކުރައްވާ ބޭކަލަކު ނޫނީ އެހެން ބޭކަލަކަށް ގެނައުމުގެ ކުޅަދާނަކަން ލިބިގެންވާ ބޭކަލެއް ނޫނެވެ.

* ރަސޫލެއް ނުވަތަ ނަބީ ބޭކަލެއްގެ އަތްޕުޅުމަތިން ފާޅުކުރައްވާކަމަކަށްވުން.

 މިއީމުޢުޖިޒާތުގެ ޝަރުތެއްގެ ގޮތުގައި ލައްވާފައިވާއިރު މައިން އިސްތިސްނާވާ ކަންތައްތަކެއްވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަރާމަތާއި ، ނަބީކަން ލިބުމުގެ ކުރިން އެފަދަ ބޭކަލުންގެ ފަރާތުން ފާޅުވާކަންތައްތަކާއި، ﷲ ފަރާތުން ލިބޭ ތަފާތު އެހީތެރިކަމެވެ.

* އެ ރަސޫލަކު ނުވަތަ ނަބިއްޔަކު ވިދާޅުވާ ގޮތަކަށް އެކަމެއްވުން.

 މުޢުޖިޒާތުގެ މައިގަނޑު އެއްބޭނުމަކީ ނަބިއްޔުންގެ ދަޢުވާއަކީ ޙައްޤުތެދުކަން ހާމަކޮށްދިނުމެވެ. މިސާލު : މުސައިލަމަތުލް ކައްޛާބަކީ ނަބީކަމަށް ދަޢުވާކުރި މީހެކެވެ. މިގޮތުން އޭނަގެ ނަބީކަމުގެ ހެއްކެއްގެ ގޮތުން ލޯބަލި ޖެހިފައިވާ މީހެއްގެ ލޯ ރަނގަޅުކުރުމަށްޓަކާ ލޮލަށް ކުޅުޖެހުމުން ލޮލުގެ ފެނުމުގެ ބާރު މުޅިނެތިގެންދިޔައެވެ. ވީމާ އެ ނަބިއްޔަކު ވިދާޅުވާ ގޮތަކަށް ކަންތައްވުން އެއީ މުޢުޖިޒާތުގެ ޝަރުތަކަށްވީއެވެ.

* އަދަޔާ ޚިލާފު ކަންތައްތައް ފާޅުވާ ދުވަސްވަރެއްގައި ހިނގާ ކަމަކަށްނުވުން.

މީގެ ތެރޭގައި ޤިޔާމަތްވުމުގެ އަލާމާތްތަކާއި އެފަދަ ކަންތައްތައް ހިމެނިގެންވެއެވެ.  މިފަދަ ކަންތައްތައް ފާޅުވާ ދުވަސްވަރެއްގައި ހިނގާ ކަންތައްތައް މުޢުޖިޒާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

   މުޢުޖިޒާތް ދެއްވުމުގެ ބޭނުން ، މުޢުޖިޒާތް ދަނެގަންނާނެ ގޮތްތައް :

މުޢުޖިޒާތް ދެއްވުމުގެ ބޭނުންތަކުގެ ތެރޭގައި ރަސޫލުންނާއި ނަބިއްޔުންގެ ތެދުވެރިކަން ހާމަކުރެއްވުމުގެ އިތިރުން އެބޭކަލުންނަށް ﷲ ގެ ފުރިހަމަ ތާޢީދުވާކަން ހާމަކޮށް މީސްތަކުންގެ މައްޗަށް އެބޭކަލުންގެ ރިސާލަތުން ހެކިޤާއިމްވުމުން މީސްތަކުން އިސްލާމްދީން ޤަބޫލުކުރުން އަވަސްވުމާއި ޤިޔާމަތްދުވަހު ﷲ ގެ ދަރުބާރުގައި ޢުޛުރު ދެއްކުމުގެ މަގު ބަންދުކުރުން ހިމެނިގެންވެއވެ. މިސަބަބުތަކަށްޓަކައި މާތްﷲ ރަސޫލުންނާއި ނަބިއްޔުންނަށް މުޢުޖިޒާތް ދެއްވުމުގައި ޢާއްމު ގޮތެއްގެ އެބައެއްގެ ޒަމާނާއި ތަނާއި މީހުންނާއި ގުޅޭގޮތުން މުޢުޖިޒާތް ދެއްވައެވެ. އެހެނީ އޭރުން މުޢުޖިޒާތް ދެއްވުމުގެ ބޭނުން ޙާޞިލުކުރަން ފަސޭހަވާނެތީވެއެވެ. މީސްތަކުންގެ ފަރާތުން ފެނިގެންދާ ކަންތައްތަކަކީ މުޢުޖިޒާތެއްކަން ދަނެގަންނާނެ ގޮތްތައްވެއެވެ. މިގޮތުން މުތަވާތުރުގެ ގޮތުގައި އަހަރުމެންނާއި ހަމައަށް އަންނަ ޚަބަރުތަކަކީ މީގެ މިސާލެކެވެ.

މުޢުޖިޒާތާއި ސިހުރުގެ ތަފާތު

ސިހުރަކީ އުނގެނި ދަސްކޮށް ބަހާއި ޢަމަލުންކުރެވޭ ފާފަތަކަށް އަރައިގަނެ ޖިންނި ޝައިޠާނުންގެ އެހީ ހޯދުމާއެކު ކުރާ އާދައާ ޚިލާފުކަންތައްތަކެކެވެ. އެހެންނަމަވެސް ސިހުރަކީ ޙަޤީގަތުގައި އާދަ ފޫވައްޓާލާ ފަދަ އެއްޗެއް ނޫނެވެ.ސިހުރަކީ، ބާބިލަށް ފޮނުއްވުނު ދެމަލާއިކަތުން ކަމުގައިވާ ހާރޫތާއި މާރޫތާއެކު އުޑުން ބިމަށް މާތް ﷲ ބަވައިލެއްވި އެއްޗެކެވެ. އެއީ މީސްތަކުން ޢިމްތިޙާނުކުރެއްވުމަށްޓަކައެވެ. ކީރިތި ޤުރުއާނުގައި އަލް ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި ސިހުރުގެ އަސްލާ ބެހޭގޮތުން އައިސްފައިވެއެވެ. އެހެންކަމުން މިއީ މުޢުޖިޒާތެއް ނޫނެއެވެ.

އުމަވީ ދައުލަތުގައި ޢަބްދުލް މަލިކް އިބުން މަރުވާންގެ ވެރިކަމުގައި ނަބީކަމަށް ދަޢުވާކުރި އަލްޙާރިޘް އައްދިމިޝްޤީ އަކީ ނަބީކަމަށް ދަޢުވާކުރި ޝައިޠާނާގެ ހެއްލުންތެރިއެކެވެ. އޭނާއަކީ ﷲ ނުކިޔަމަންތެރިވެފައި ބޮޑެތި ފާފަކުރަމުން މީސްތަކުން ލޯ މައްޗަށް އާދަޔާ ޚިލާފު ކަންތައް ދައްކަމަން ގެންދިޔަމީހަކެވެ. އެގޮތުން އަތްފައި ވާފަށަކަން ބަދެލުމަށްފަހު އެއްވެސް ހަރަކާތެއްނެތި އެ މޮހެލުމާއި، އުޑުމަތީން މީސްތަކުންނާއި އަސްތައް ދައްކަވައި އެއީ މަލާއިކަތުން ކަމަށް ބުނެއެވެ. ނަމަވެސް މިއިން ކަމެއް ﷲ ބިރުވެތިވާ އަޅެއްގެ ކައިރިގައި ހިނގައިފިނަމަ އެބޭކަލެއް ﷲގެ ނަންފުޅެއް ނުވަތަ ކުރުސި ކިޔަވައިފިނަމަ އެކަމެއް ބާޠިލްވެގެންދެއެވެ.

ބައެއް ރަސޫލުންނަށް ދެއްވުނު މުޢުޖިޒާތްތައް :

އާދަމްގެފާނު  : މާތް ﷲ އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތް ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާ އަންގަވަނީ މިފަދައިންނެވެ. وَعَلَّمَ ءَادَمَ الأَسْمَآءَ كُلَّهَا [1] މާނައީ: ” އަދި ތިމަންއިލާހު އާދަމްގެފާނަށް ހުރިހާތަކެތީގެ ނަންތައް އަންގަވައި ދަސްކޮށްދެއްވިއެވެ. ”   އާދަމްގެފާނަކީ އެއްވެސް އެއްޗެއް އުނގެނި ކިޔެވުމަކާނުލައި ހުރިހާ އެއްޗެއްގެ ނަން ދަސްކޮށްދެއްވުން ހިމެނިގެންވަނީ މުޢުޖިޒާތުގެ ތެރެއިންނެވެ.

 ނޫހުގެފާނު : ނޫހުގެފާނަށް މާތްﷲ ދެއްވި މުޢުޖިޒާތަކީ މާތްﷲ އެކަލޭގެފާނުގެ ޤައުމުގެ ނުބައި ކާފިރުވި މީސްތަކުން ހަލާކުކުރެއްވުމަށްޓަކައި ފޮނުއްވި ތޫފާނުން މާތްﷲ އެކަލޭގެފާނު ސަލާމަތްކުރެއްވުމެވެ. ނޫހުގެފާނާއި އެކަލެގެފާނަށް އީމާންވި މީހުން ސަލާމަތްކުރެއްވި ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީ ކުރައްވާ އަންގަވާފައިވަނީ

وَقِيْلَ يَأَرْضُ ابْلَعِى مَآءَكِ وَيَسَمَآءُ أَقْلِعِى وَغِيْضَ الْمَآءُ وَقُضِىَ الأَمْرُ وَاسْتَوَتْ عَلَى الْجُودِىِّ وَقِيْلَ بُعْدًا لِّلْقَوْمِ الظَّلْمِيْنَ [2]  މާނައީ :

” އަދި، އެންގެވުނެވެ. އޭބިމާއެވެ! ތިޔަބިމުގެ ފެންގަނޑު ދިރުވާލާށެވެ. އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދެމުންގޮސް ހިނދިއްޖެއެވެ! އަދި ( ﷲ ގެ ) އަމުރުފުޅު ނިޔާވެވި ނިމިއްޖެއެވެ. އަދި ޖޫދީ ފަރުބަދައިގެ މައްޗަށް އެ ( ނައުކޮޅު ) ބީހި ހަމަޖެހިއްޖެއެވެ. އަދި ، އެންގެވުނެވެ. އަނިޔާވެރިންނަށް ހަލާކާއި ނެތި ދިޔުން ހުއެތެވެ. “

 ސާލިޙުގެފާނު : މާތްﷲ ޞާލިޙުގެފާނު ފޮނުއްވީ ޘަމޫދު ބާގައިގެ މީހުންގެ ގާތަށެވެ. އެމީހުންނަކީ ޖަނަވާރު ގެންގުޅުމާއި އެތަކެތި ބެލުމުގެ މާހިރުންނެވެ. މިހެންވެ މާތްﷲ އެކަލޭގެފާނަށް އާދަޔާ ޚިލާފު މުޢުޖިޒާތެއްގެ ގޮތުގައި ހިލައިން ހެއްދެވިގެންވާ އަންހެންޖަމަލެއް ދެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

قَدْ جَآءَ تْكُم بَيِّنَةٌ مِّن رَّبِّكُمْ هَذِهِ نَاقَةُ اللهِ لَكُمْ ءَايَةً  فَذَرُوْهَا تَأْكُلْ فِىْ أَرْضِ اللهِ وَلاَ تَمَسُّوهَا بِسُوْءٍ فَيَأْخُذَكُمْ عَذَابٌ أَلِيْمٌ [3]  މާނައީ : ” ޞާލިޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. ފަހެ، ތިޔަބައިމީހުން ހައްދަވައި ބޮޑު ކުރެއްވި އިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ފައުޅުވެގެންވާ ހެއްކެއް އަތުވެއްޖެއެވެ. ހެއްކެއްގެ ގޮތުން މިއޮތީ މާތް ﷲ ފޮނުއްވި ޖަމަލެކެވެ. ފަހެ މާތްﷲ ގެ މިލްކުބިމުން އޭތިކައި އުޅެން ތިޔަބައިމޫހުން އޭތި ދުކުރާށެވެ. އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ. ފަހެ އެހެން ހަދައިފިނަމަ ވޭނުން ފުރިގެންވާ ބިރުވެރި އަޒާބަކުން އެއިލާހު ތިޔަބައިމީހުން ހަލާކު ކުރައްވާފާނެތެވެ. “

 އިބްރާހީމްގެފާނު : މިއީ ﷲ ގެ ޚަލީލެވެ. އެކަލޭގެފާނަށްޓަކައި މާތްﷲ އަލިފާން ފިނިއެއްޗެއްކަމުގަޔާއި ސަލާމަތްތެރިއެއްޗެއްކަމުގައި ލެއްވިއެވެ. މިކަން ބަޔާން ކުރައްވައި މާތްﷲ ކީރިތި ޤުރުއާޏުގައި ވަޙީ ކުރައްވާ އަންގަވާފައިވަނީ

قُلْنَا يَنَارُ كُوْنِى بَرْدًا وَسَلَمًا عَلَى إِبْرَاهِيْمَ [4] މާނައީ : ” ދެން އެމީހުން އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލައިލި ހިނދު ތިމަން އިލާހު އަލިފާނަށް ވަޙީ ކުރެއްވީމެވެ. އޭއަލިފާނެވެ! އިބްރާހީމްގެފާނުގެ މައްޗަށް ފިނިއެއްޗެއްކަމުގަޔާއި ސަލާމަތެއް ކަމުގައިވާށެވެ. “

މޫސާގެފާނު : މާތްﷲ މޫސާގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ ޖައްބާރު އިލާހެއްކަމަށް ދައުވާކުރި އަނިޔާވެރި ފިރުޢައުނުގެ ގާތަށެވެ. އެކަލޭގެފާނަށް މާތް ﷲ 9 މުޢުޖިޒާތް ދެއްވެވިއެވެ. މާތްﷲ ވަޙީ ކުރައްވާ އަންގަވަނީ

وَلَقَدْ ءَاتَيْنَا مُوْسَى تِسْعَ ءَايَتٍ بَيِّنَتٍ [5] މާނައީ : ” ތިމަން އިލާހު މޫސާގެފާނަށް ފާޅުވެ ބަޔާންވެގެންވާ 9 އާޔަތް ( މުޢުޖިޒާތް ) ދެއްވީމެވެ. “

މިއާޔަތުގައި އިޝާރާތް ކުރައްވާފައިވާ މުޢުޖިޒާތުގެ ތެރޭގައި ހިމެނެނީ ހިލަގަނޑުން ފެން ނިކުތުމާއި ، ހުދުކުލައިގެ ވިދަވިދައިހުރި ނޫރެއް އެކަލޭގެފާނުގެ އަތްޕުޅުގައި ލައްވާފައިވުމާއި ، އެކަލޭގެފާނަށް ދެއްވިގެންވާ އަސާކޮޅާއި ، އުޑުން މަންނަ އަދި ސަލްވާ ބާވައިލެއްވުމާއި އަދި އެކަލޭގެފާނަށް ދެއްވުނު އެންމެ މަތިވެރި މުޢުޖިޒާތް ކަމުގައިވާ އެކަލޭގެފާނުގެ އަސާކޮޅު ނާގަ ހަރުފަޔަކަށް ބަދަލުވުމެވެ.

 ޢީސާގެފާނު : ޢީސާގެފާނަކީވެސް މާތްﷲ ބަނޫ އިސްރާޢީލުންގެ ގާތަށް ފޮނުއްވި ރަސޫލެކެވެ. އަދި އެއީ ބަނޫ އިސްރާޢީލުގެ އެންމެފަހުގެ ނަބިއްޔާވެސްމެއެވެ. މާތްﷲ އެކަލެގެފާނަށްވެސް އެތަށް އެތަށް މުޢުޖިޒާތެއް ދެއްވިއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުޢުޖިޒާތްތަކަކީ ބަރަސްބަލިޖެހިފައިވާ މީހުން އަދި ލޯފަންމީޙުންގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސެވުމުން ރަނގަޅުވުމާއި ، ﷲ ގެ އިޛްނަފުޅާއެކު މަރުވެފައިވާ މީހަކު ދިރުއްވުމާއި ، މަށިން ދޫންޏެއް ހެއްދެވުމަށްފަހު އެއަށްފުމެލެއްވުމުން ފުރާނަ އެޅިގެން ދިއުމާއި ، އުޑުން ކާއެއްޗެޙިގެ ދިލަނގެއް ބާވައިލެއްވުން ހިމެނިގެންވެއެވެ.

ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް : ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ޙިއްޞީ އަދި މައުނަވީ ވަރަށް ބޮޑެތި މުޢުޖިޒާތްތަކެއް ދެއްވެވުނެވެ. އެންމެ ގިނަ މުޢުޖިޒާތް ދެއްވެވުނީވެސް އެކަލެގެފާނަށެވެ. މިގޮތުން ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަލޭގެފާނަށް އެއްހާސް ނުވަތަ ތިންހާސް މުޢުޖިޒާތް ދެއްވެވުނެވެ. އެއީ ހަނދު ދެފަޅިވުމާއި ، ކާއެއްޗެހި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ބެހެއްޓުމުން އެކާއެއްވެހި އެކަލޭގެފާނަށް ތަސްބީޙަކިޔުމާއި ، ހިލަތަކާއި ގަސްތައް އެކަލޭގެފާނަށް ސަލާމްކުރުމާއި ، ވިހަލާފައިދިން ބަކަރީގެ ކުޑަކަޅުވާ މަސްގަނޑު އެކަލޭގެފާނައި ވާހަކަ ދެއްކުމާއި ، މިނިކާވަގަކު އެކަލޭގެފާނުގެ ނަބީކަމަށް ހެކިދިނުމާއި ، އިސްރާއާއި މިޢުރާޖުގެ ޙާދިޘާއާއި ، އަދި އެކަލޭގެފާނަށް ދެއްވުނު އެންމެ މަތިވެރި މުޢުޖިޒާތްކަމުގައިވާ ޤުރުއާން ހިމެނިގެންވެއެވެ. މީގެ އިތުރުންވެސް ތަފާތު ގިނަގުނަ މުޢުޖިޒާތް އެކަލެގެފާނަށް ދެއްވުނެވެ.

ކީރިތި ރަސޫލާއަށް ދެއްވުނު އެންމެ މަތިވެރި މުޢުޖިޒާތް ކަމުގައިވާ

” ކީރިތި ޤުރުއާން  “

މިއީ ކީރިތި ރަސޫލާއަށް ދެއްވި އެންމެ މަތިވެރި އެންމެ ބޮޑު މުޢުޖިޒާތެވެ. މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި އެފަދަ ފޮތެއް ނުގެނެވޭނެކަމުގައި މުޅި އިންސާނިއްޔަތަށް ގޮން ޖައްސަވާލައްވާފައެވެ. ކީރިތި ޤުރުއާން މުޢުޖިޒާތަކަށް ވުމުގެ ސަބަބުތަކުގެ ތެރޭގައި އޭގެ މާނައިން ސިކުނޑިތަކަށް ކުރާ އަސަރު ވަރުގަދަވެފައި އަޑުއަހާމީހާގެ ހިތަށް ބިރުވެތިކަންވަދެ ޙައިރާންކުރުވަނިވި ގޮތަކަށް އެފޮތުން މީސްތަކުންނަށް ހިދާޔަތް ލިބެމުން ދިއުމާއި ، މިޒާމާނުގެ ޢިލްމި އާހޯދުންތަކާއި ސައިންޓިފިކް ޙަޤީޤަތްތަކާ ކީރިތި ޤުރުއާން ތަޢާރުޟު ނުވުމާއި އަދިވެސް ތަފާތު ސަބަބުތައް ހިމެނިގެންވެއެވެ. ކީރިތި ޤުއާނަކީ ކީރިތި ރަސޫލާއަށް ދެއްވުނު ފޮތްވެސްމެއެވެ. މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ބައެއްމީހުން އުއްމީދު ކުރިފަދަ ނަތީޖާއެއް ޤުރުއާނަކުންނުފެނެއެވެ. މިމީހުން ދެކެންބޭނުންވަނީ އެފޮތަކީ 1400 އެތައް އަހަރެން ވެފައިވާ ފޮތަކަށްވީހިނދު އެފޮތުގައި “މުސްކުޅި” ގޮތްތަކާއި އާދަތައް ހިމެނިފައިވާތަނެވެ. މިގޮތުން މިފޮތްބަލާ ދިރާސާކުރާ ކާފިރުން ހީކުރަނީ މިފޮތަކީ އަރަބިކަރައިގެ ސަހަރާއިން އައިފޮތެއްކަމާއި މިފޮތުގައި ހުންނާނީ ސަހަރާގެ ވާހަކަތައް ކަމުގައެވެ. އެހެނަސް ކީރިތި ޤުރުޢާނުގައި ސަހަރާގެ ވާހަކަތަކާއި ވާދީގެ ވާހަކަތައް، މީގެ އިތުރަށް ކަނޑާއި އެއްގަމުގެ އެކި ވާހަކަތަކާއި އިންސާނާ ނުދަންނަ ކިތައްމެކަންތައްތަކެއް މިފޮތުގައި ލިޔެވިގެންވެއެވެ.

މީގެ އެތައް ދުވަހެއްކުރިން ޓޮރޮންޓޯ ގައި ދިރިއުޅުނު ކަނޑުދަތުރު ކުރާ މީހެއްގެ ވާހަކަ އަހަރެންއަޑު އެހީމެވެ. އިސްލާމް ދީނުގެއެއްވެސް ވާހަކައެއް އޭގެކުރިން އޭނާ އަޑުއަހާފައެއްނުވެއެވެ. މީނާ އަށް ޤުރުއާން ތަރުޖަމާއެއް ދިނުމުން ނުހަނު ޝައުގުވެރިކަމާއި އެކު އެފޮތް ކިޔާނިންމާލިއެވެ.  އަދި އޭނާ ވަރަށް ހައިރާންވެ މި ފޮތް އޭނާއަށް ދިން ރަހުމަތްތެރިޔާ ކުރެން ” މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަކީ ކަނޑުގައި ދަތުރުކޮށްއުޅުއްވި ދަތުރުވެރިއެއްތޯ” ސުވާލުކުރިއެވެ. އަދި ރަހުމަތްތެރިޔާ ނޫނެކޭ ބުނުމުން މީނާ ވަރަށް ހައިރާންވިއެވެ. އަދި ޤުރުއާނުގައި ކަނޑުގެ ވާހަކަތަކާއި ތޫފާންގެ ވާހަކަތައް އެހާ ތަފްސީލްކޮށް ފަހުމްވާނޭހެން ބަޔާންކޮށްދެއްވުމަކީ އޭނާ އަޖައިބުވެ އަންތަރީސްވިކަމެކެވެ. އަދި މިފަދަ ފުރިހަމަފޮތެއް މީގެ 1400 އަހަރުކުރިން ދުނިޔޭގެ ކަނޑުތަކާއި ސަރަހައްދުތައް ކުރެހިފައިނުވާ އިރު، އޯސޮނޮލޮޖީ ދުނިޔެއަށް އުފަންވެފައިނުވާ ހިނދު ލިޔެވިފައި ވުމުން މީނާ އަށް ދޭހަވީ އެފޮތަކީ ﷲ ތަޢާލާ ބާވާއްލެއްވި ފޮތެއްކަމެވެ. މިކަމުގެ ނަތީޖާ އަކީ މިމީހާ އިސްލާމްވުމެވެ. މިއީ ކީރިތި ޤުރުއާނުގެ މުޢުޖިޒާއެވެ.

وصلى اللهُ وسلّم وبارك على خير خلقه نبيّنا محمّد وعلى آله وصحبه ومن سار على نهجه واستنّ بسنّته إلى يوم الدّين .

المراجع :

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ( ނޮވެލްޓީ ޕްރެސް )

އިސްލާމީ ތަރުބިއްޔަތު ގުރޭޑް 9، މިނިސްޓުރީ އޮފް އެޑިއުކޭޝަން

އިސްލާމް މުދައްރިސްކަމުގެޑިޕްލޮމާ ކޯސް – 2010 ، އަލް މުޢުޖިޒާ ހޭންޑުއައުޓު / ޢަބްދުއްޞަމަދު

_____________________________________________________

[1]  ސޫރަތުލް ބަޤަރާގެ 31 ވަނަ ޢާޔަތް.

[2]  ސޫރަތުލް ހޫދުގެ 44 ވަނަ އާޔަތް.

[3]  ސޫރަތުލް އައުރާފުގެ 73 ވަނަ އާޔަތް.

[4]     ސޫރަތުލް އަންބިޔާގެ 69 ވަނަ އާޔަތް.

[5]  ސޫރަތުލް އިސްރާގެ 101 ވަނަ އާޔަތް.