[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 13

ފަށްކެނޑުމަށްޓަކައިކުރާ ކައިވެނި

ފަށްކެނޑުމަށްޓކައި ކުރާ ކައިވެންޏާމެދު ޢިލްމުވެރިންގެމެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެގޮތުން ޖުމްޙޫރު ޢިލުމުވެރިން (مالك وأحمد والشافعي) ވިދާޅުވަނީ އެގޮތަށްކުރާ ކައިވެނި އެއީ ބާޠިލު ކައިވެންޏެކެވެ. އަދި އެގޮތަށްކުރާ ކައިވެނިން ފުރަތަމަ ފިރިމީހާ ޙަލާލެއްވެސް ނުވާނެއެވެ.

ޙަނަފީ މަޛުޙަބާއި ޝާފިޢީ މަޛުޙަބުގެ ބައެއް ޢިލުމުވެރިން ވިދާޅުވާގޮތުގައި ފަށްކެނޑުމަށް ކުރާ ކައިވެންޏަކީ މަކުރޫހަ ކައިވެންޏެކެވެ. އެހެންނަމަވެސް އެއީ ބާޠިލު ކައިވެންޏެއްނޫނެވެ. އެހެނީ އެފަދަ ކައިވެންޏަށް ނަންދެވިފައިވަނީ المحلّل އިންނެވެ. އެއިން ދަލީލުކޮށްދެނީ ޞައްޙަވާނެކަމަށެވެ. އެހެނީ އެއީ ޙަލާލުވުމުގެ ސަބަބެވެ.

ޖުމްހޫރުން މިކަމުގައި ގެނެސްފައިވާ ދަލީލުތައް

  1. މާތްﷲ ރުއްސުންލެއް އިބުނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((لَعَنَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمُحَلِّلَ، وَالْمُحَلَّلَ لَهُ))[1]

މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ފަށް ކަނޑާދޭމީހަށާއި ފައްކަނޑާމީހާއަށް ލަޢުނަތް ލެއްވިއެވެ.”

  1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

«أَلَا أُخْبِرُكُمْ بِالتَّيْسِ الْمُسْتَعَارِ» ، قَالُوا: بَلَى، يَا رَسُولَ اللَّهِ، قَالَ: «هُوَ الْمُحَلِّلُ، لَعَنَ اللَّهُ الْمُحَلِّلَ، وَالْمُحَلَّلَ لَهُ “[2]

މާނައީ: ޢާރިއާއެއްގެ ގޮތުގައި ނެގޭ ފިރިހެން ބަކަށްޓެއްގެ ވާހަކައިން ތިމަންކަލޭގެފާނު ޚަބަރު ނުދެއްވަން ހެއްޔެވެ. އެބައިމީހުން ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ. ނޫނެކެވެ. ދެއްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެއީ ފަށްކެނޑުމެވެ. ފަށް ކަނޑާދޭމީހަށާއި ފައްކަނޑާމީހާއަށް ﷲ ޞުބުޙާނަހޫ ވަތަޢާލާ ލަޢުނަތް ލެއްވިއެވެ.”

  1. ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ފަށްކަނޑާ މީހާއާއި ފަށްކަނޑާދެވޭމީހާ ރަޖަމްކުރެވޭ ޙާލުގައި މެނުވީ ތިމަންކަލޭގެފާނުގެ އަރިހަށް ނުގެނެވޭނެއެވެ.”
  2. އުމަރުގެ އަރިހުން ނާފިޢު ރިވާ ކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހުގައި މީހަކު ސުވާލުދެންނެވިއެވެ. މީހަކު އޭނާގެ އަނބިމީހާ ތިންފަށް ވަރިއަކުން ވަރިކުރިއެވެ. ދެން އޭނާގެ އަޚަކާ އެ އަންހެންމީހާ ކައިވެނިކުރިއެވެ. އެކައިވެނިކުރީ އެއަންހެންމީހާއާއެކު ދިރިއުޅުމަށްޓަކައެއް ނޫނެވެ. އެކަންކުރީ އޭނާގެ އަޚަށް އެއަންހެންމީހާ ޙަލާލުކޮށްދިނުމަށް ޓަކައެވެ. (އެބަހީ: ފަށްކެނޑުމަށްޓަކައެވެ.) ފަހެ އޭނާގެ ފުރަތަމަ ފިރިމީހާ ޙަލާލުވާނެ ހެއްޔެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. ހަމައެކަނި ހެޔޮގޮތުގައި ދިރިއުޅުމަށްޓަކައި ކުރެވޭ ކައިވެންޏެއްމެނުވީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ ޒަމާނުގައި އެފަދައިން ކަންތަށްކުރާމީހުންނަކީ ބުއްދި ހަމަނުވާ ސޭކުންކަމުގައި އަހަރެމެން ދެކެމެވެ.[3]

 ރާޖިޙުވެގެންވާގޮތް

     ޙައްޤުވެގެންވަނީ ޖުމްހޫރުންގެ އަރިހުން އައިސްފައިވާ ގޮތެވެ. އެހެނީ ހަމަކަށަވަރުން ކައިވެނީގެ މަޤުޞަދަކީ ހެޔޮގޮތުގައި ދެމިގެންދާގޮތެއްގައި ދިރިއުޅުމެވެ. ފަށްކެނޑުމުގެ މަޤުޞަދުގައި ކައިވެނިކޮށްފިނަމަ އެކަމުގައި ވަކި ވަގުތެއް ކަނޑައެޅިގެންދެއެވެ. ނުވަތަ ޖިމާޢުވުމަށްފަހު ފިރިމީހާ ވަރިކުރުމަށް ޝަރުޠުކޮށްފިކަމުގައިވާނަމަ ފަހެ އެކައިވެނި ފާސިދުވެދާހުއްޓެވެ. އެހެނީ އެކައިވެނި ވައްތަރުވެގެންދަނީ މުތުޢާ ކައިވެންޏާއެވެ. އަދި އެވައްތަރުގެ ކައިވެންޏަކީ ބާޠިލު ކައިވެންޏެއްކަމަށް ފިޤުހު ޢިލުމުވެރިން ޢިއްތިފާޤުވެލައްވައެވެ.

العلامة ابن كثير رحمه الله ވިދާޅުވެފައިވެއެވެ.

“ދެވަނަ މީހާއާ ކަވެނިކުރާއިރު އެކާވެނީގެ މަޤްޞަދަކަށް ވާންޖެހޭނީ ހެޔޮގޮތުގައި އެއަންހެނާއާއެކު ދިރިއުމެވެ. އަދި އުފާވެރިކަން ޙާޞިލުކުރުމަށްޓަކައި ދެމިގެންދާގޮތަށް ކުރާކާވެންޏަކަށް ވާންޖެހޭނެއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ކައިވެނި ޝަރުޢުކުރައްވާފައިވާ ގޮތެވެ. އަދި އިމާމު އަޙުމަދު މިކަންތައްތަކާއެކު ޖިމާޢުވުން ޝަރުޠުކުރައްވާފައިވެއެވެ… އަދި ޙަސަނުމް ބަޞަރީ الإنزال ޝަރުޠުކުރައްވާފައިވެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކުން ފަހުމްވެގެންދާގޮތެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.

((حَتَّى تَذُوقِي عُسَيْلَتَهُ وَيَذُوقَ عُسَيْلَتَكِ))[4]                       

މާނައީ: “ކަމަނާގެ ފަރާތުން އޭނާ ލައްޒަތުލިބި އަދި ކަމަނާ އޭނާގެ ފަރާތުން ލައްޒަތު ލިބިގެންފުމަށްދާންދެން އެކަމެއް ނުވާހުއްޓެވެ.”[5]  

އަދިވެސް މި މައުޟޫގައި ވާހަކަފުޅުދައްކަވަމުން އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން ބައެއް އިސްލާމީ ޤައުމުތަކުގައި އެކަން އެއީ ހުއްދަކަމެއްކަމަށް ޙުކުމްކުރެއެވެ. ފަހަ ހަމަކަށަވަރުން އަހަރެންނަށް އެނގުނު ޞައްޙަގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އަޞްޙާބުބޭކަލުންނާއި ތާބިޢީބެކަލުން އެކަމުން އަންހެންމީހާ ފުރަތަމަ ފިރިމީހާގެ މައްޗަށް ޙަލާލުވާނެކަމަށްވުދާޅުވެފައި ނުވެއެވެ.”[6] والله المستعان.

=ނުނިމޭ=

____________________________

މިލިޔުމުގެ އެހެން ބައިތައް

[1]  سنن ابن ماجة وتحقيق الألباني :صحيح ، الإرواء ( 1897 ) ، المشكاة ( 3296 )

[2]  سنن ابن ماجة تحقيق الألباني :حسن ، الإرواء ( 6 / 309 – 310 )

[3]  رواه الحاكم في المستدرك

[4]  رواه أصحاب السنن

[5]  تفسير ابن كثير

[6]  تفسير ابن كثير