ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި ތަފާތު ހާދިސާތަކާއި ކުރިމަތިވެއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އުފާވެރި ދުވަސްތަކާއި، ހިތާމަވެރި ދުވަސްތަކާއި ކުރިމަތިވެއެވެ. މިއީ ޙަޔާތުގެ ޙަޤީޤަތެވެ. މިއީ ޙަޔާތުގެ ކުލަތަކެވެ.
މި ލިޔުމުގެ ފުރަތަމަ ބައިގައި ބަލާލެވިފައިވަނީ ހެޔޮކޮށް އުއްމީދުކުރުމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ދަލީލުތަކަށާއި، އިލާހީ މަޞްދަރުތަކުގެ އަލީގައި މުޞީބާތްތަކުން މިންޖުވާނެގޮތްތަކަށެވެ. ދެވަނަބައިގައި ބަލައިލެވިފައިވާނީ ފާގަތިކަމުގައި އުރެދުންތަކަށް އަރައިގަތުމުގެ ނުބައިކަމުގެ މައްޗަށެވެ.
ހެޔޮކޮށް އުއްމީދުކުރުމަށާއި މާޔޫސްނުވުމަށް ބާރުއަޅާފައިވާ ނައްޞުތައް
1 وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ ﴿٨٧﴾ [سورة يوسف]
މާނައީ: “އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.)”
2 الشرح ސޫރަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ.
﴿ إِنَّ مَعَ الْعُسْرِ يُسْرًا ﴾
މާނައީ: “ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަންވެއެވެ.”
4قال نبينا صلى الله عليه وسلم : (( عجب ربنا من قنوط عباده وقرب غِيَرِهِ، ينظر إليكم أزلين قنطين فيظل يضحك يعلم أن فرجكم قريب))
رواه أحمد و صححه الألباني
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
[އެކަލާނގެ އަޅުތަކުން އެބައިމީހުންގެ ޙާލަތު ރަނގަޅު ޙާލަތަކަށް ބަދަލުވުން ގާތްވެފައިވާއިރުވެސް، މާޔޫސްވެފައިވާލެއް ބޮޑުކަމުން އަޅަމެންގެ ވެރި ރައްބު އަޖާއިބުވެވޮޑިގަންނަވައެވެ. އެ އަޅުތަކުން ގޮތް ހުސްވެ، އުއްމީދުކެނޑިފައިވާތަން އެއިލާހު ބައްލަވާ ވޮޑިގެންވެއެވެ. އަދި މިކަމާއި ހިނިތުންވެވޮޑިގަންނަވައެވެ. އެއީ އެއަޅުތަކުން (މުޞީބާތްތަކުންނާއި ހިތާމަތަކުން) ސަލާމަތްކުރެއްވުން ކައިރީގައިވާކަމަށްޓަކައެވެ.”
މި ހަދީސަކީ އެކި ކަންކަމާއިމެދު މާޔޫސްވެފައިވާ ފަރާތްތަކަށް ފަރުވާއެކެވެ.
މޫސާގެފާނާއި އެކަލޭގެފާނަށް ތަބަޢަވީމީހުންނާއި ފިރުޢައުނުގެ ލަޝްކަރު އަރާހަމަކުރިއެވެ. އޭރު ކުރިމަތީގައި އޮތީ މާ ސިންގާ ކަނޑެވެ. ފަހަތުން ހަތިޔާރު އެޅި، ބިޔަ ބޮޑު ލަޝްކަރެކެވެ. ހުރިހާ ކޮޅެއް ބަންދުވީއެވެ. އެހެންނަމަވެސް މޫސާގެފާނު ﷲގެ ރަޙްމަތަށް އުންމީދެއް ކަނޑައެއްނުލައެވެ. އެހިނދު އެ ދަތި ކަމުން ނުކުންނާނެ މަގެއް މާތް ﷲ ދެއްކެވިއެވެ. މޫސާގެފާނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމުން ކަނޑު ދެ ފަރާތަށް ކެހިއްޖެއެވެ. އަދި މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްތެރިކަމާއެކު ކަނޑު ހުރަސްކުރިއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމާއި މޫސާގެފާނުގެ ވާހަކަޔާއި ގުޅެނީ މިހާ ހިސާބުންނެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ބައެއް ފަހަރު ކަންކަން ވަރަށް ބޮޑަށް ދަތިވެއެވެ. ބައެއްފަހަރު ކަންކަން ޙާސިލުކުރެވެން އޮތް ހުރިހާ މަގެއް ބަންދުވީއޭ ހިތަށް އަރާވަރަށް ކަންކަން ދަތިވެއެވެ. ނަމަވެސް މި ހަދީސްގައިވާ ގޮތަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަމަ މާދަމާވެސް ތިމާގެ ގިލަންވެރިކަން ފިއްލަވާފާނެއެވެ. އެކަމަށް ތިމާ ހީވެސް ނުކުރާ ސަބަބެއް މެދުވެރިކުރައްވައިގެންނެވެ. ހަމަ މާދަމާވެސް ހިތާމަޔާއި މުޞީބާތުގެ މާ ސިންގާ ކަނޑު ތިބާގެ ކުރިމަތިން ކެހިގެން ހިނގައިދާނެއެވެ. އެކަމަކު މިފަދައިން ކަންކަންވާނީ ތިބާވެސް ކަންތައްތަކެއް ކޮށްގެންނެވެ. އެކަންކަމަކީ:
- ﷲ ތަޢާލާއާއިމެދު ހެޔޮ ހީކުރުންތައް ހީކުރުން
- އެކަލާނގެއަށް ތަވައްކަލްކޮށް، ޙާލަތު ބަދަލުކުރަން މަސައްކަތްކުރުން
- ދުޢާކުރުމާއި އިސްތިޣްފާރުކުރުން
- ފާފަތަކުން ދުރުވުން
- މިންވަރަށް އީމާންވުން
ހަމައެފަދައިން، އިމާމް ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ.
“وَلَا حُزْنٌ يَدُوْمُ وَلَا سُرُوْر”
މާނައީ: “އަދި ހިތާމައެއްވެސް އަދި އުފާވެރިކަމެއްވެސް އަބަދަށް ދެމިގެންނުދެއެވެ.”
= ނުނިމޭ =