[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެންގުޅުއްވި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް މިއަދާ ހަމައަށް ރައްކާތެރިކަމާއެކު އެބައޮތް ހެއްޔެވެ؟ 3

ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކުރެވޭ އިސްތަށިތައް އެބައިމީހުންގެ އަތުގައިވާކަމަށް ދަޢުވާކުރާމީހުން، އެތަކެތި ގެންގުޅެނީ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެންނެވެ. އެގޮތުން އެއިސްތަށިތައް ފަށުވި ފަދަ އެއްޗަކަށްލާ، ބިއްލޫރި ފޮއްޓެއްފަދަ އެއްޗެއްގެ ތެރޭގައި ބަހައްޓައެވެ. އަދި ބައެއް ތަންތަނުގައި، އަހަރަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނައިންވެސް، އެއިސްތަށިތައް ރައްކާކޮށްފައި ހުންނަ ތަނުން ނެރެ، އެކަންފާހަގަކުރުން އޮވެއެވެ. އެގޮތުން ރަމަޟާން މަހުގެ 27 ވިލޭރޭ ނުވަތަ ޝަޢުބާން މަސް ދެބައިވާ ރޭފަދަ އެބައިމީހުން ފާހަގަކުރާ އެފަދަ މޫސުންތަކުގައި އެފަދައިން ކަންތައްކުރެއެވެ. [انظر: الآثار النبوية (ص: 91-93 ، 95)، تبرك الصحابة بآثار رسول الله صلى الله عليه وسلم للكردي (ص: 58-60)، تحذير المسلمين عن الابتداع والبدع في الدين لأحمد بن حجر البنعلي (ص: 168-170)]

އިސްތައްޓާއި ފައިވާން ޖޯޑާ އަދި އެނޫންވެސް އެފަދަ ނަބިއްޔާ صلى الله عليه وسلم ގެ އަޘަރުތައްކަމަށް ބުނާ ތަކެތި އެބައިމީހުން އަތުގައިވާކަމަށް ދަޢުވާކުރާމީހުންގެ އެދަޢުވާއަކީ ވަރަށް ޝައްކުކުރެވޭ ދަޢުވާއެކެވެ. މިޝައްކު ފިލުވުމަށްޓަކައި އެތަކެއްޗަކީ ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްވާ ތަކެތިކަން، ޞައްޙަކޮށް ހެއްކާއެކު އެބައިމީހުން ޘާބިތުކޮށްދޭން ޖެހެއެވެ. ނަމަވެސް އެގޮތަށް އެކަން ކޮށްދެވިފައިވޭ ހެއްޔެވެ؟

އައްޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ.

“އަހަރެމެންނަށް އެނގިފައިވާގޮތުން، ނަބިއްޔާ صلى الله عليه وسلم ގެ ހެދުންކޮޅުތަކާއި އިސްތައްޓާ އަދި އެނޫންވެސް އެކަލޭގެފާނުގެ އާޘާރުތައް ވަނީ ގެއްލިފައެވެ. އަދި އެއްވެސްމީހަކަށް، އެފަދަ އެއްޗެއް ވާކަން ހެއްކާއެކު ޔަޤީންކޮށް ޘާބިތުކޮށް ނުދެވެއެވެ.” [التوسل أنواعه وأحكامه للألباني (ص: 146)، وانظر: أوضح الإشارة في الرد على من أجاز الممنوع من الزيارة لأحمد بن يحيى النجمي (ص: 309)، هذه مفاهيمنا لصالح بن عبد العزيز آل الشيخ(ص: 204)]

ޚާއްޞަކޮށް ސާދަ ސަތޭކަ ޤަރުނަށްވުރެ ދިގު ޒަމާނަކަށްފަހު ނަބިއްޔާ صلى الله عليه وسلم ގެ އެފަދަ އާޘާރުތަކެއް ހުރެދާނެކަމަށް ނުބެލެވެއެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކޮށް އެފަދައިން އެކުރާ ދަޢުވާއަކީ، އެބައިމީހުން ޙާޞިލުކުރުމަށް އެދޭ ކަންކަން ޙާޞިލުކުރުމަށްޓަކައި ހަދާ ދޮގެއްކަމަށް ބެލެވެއެވެ. އެއީ ޙަޤީޤަތެއް ނެތް ބައެއް ދޮގު ޙަދީޘްތައް ހަދާ ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކުރާ ފަދައިންނެވެ.

ކޮންމެއަކަސް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެންމެ ބޮޑަށް ބަރަކާތް ޙާޞިލުކުރެވޭނީ އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަށް ތަބާވެ، އެކަލޭގެފާނުގެ ނަމޫނާއަށް ބަލައިގެންނެވެ. އަދި ސިއްރާއި ފާޅުގައި އެކަލޭގެފާނުގެ މަންހަޖަށް ތަބާވެގެންނެވެ. ހަމަކަށަވަރުން ހުރިހާ ހެވެއްވަނީ އެކަމުގައެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.

“ނަބިއްޔާ صلى الله عليه وسلم މަދީނާގެ އަހުލުވެރިންގެ ގާތަށް ވަޑައިގަތުމުން އެކަލޭގެފާނުގެ ބަރަކާތުގައި އެބައިމީހުން އެކަލޭގެފާނަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރިއެވެ. ފަހެ އެކަމުގެ ބަރަކާތުގައި އެބައިމީހުނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުވިއެވެ. އަދި ކިއެއް ހެއްޔެވެ. ރަސޫލާ صلى الله عليه وسلم އަށް އީމާންވެ އެކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކުރާ ކޮންމެ މުއުމިނަކަށް، އީމާންވެ ކިޔަމަންތެރިކަން އަދާކުރިކަމަށްޓަކައި، ރަސޫލާ صلى الله عليه وسلم ގެ ބަރަކާތުން ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ޙާޞިލުވާނެއެވެ. އެކަމުގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. [مجموع فتاوى لشيخ الإسلام ابن تيمية (113/11)]

= ނިމުނީ =

____________________________

މަޞްދަރު

މިލިޔުމުގެ އެހެނިހެން ބައިތައް