[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 49

 

ދިހަ ވަނަ ދަޢުވާ:

އެމީހުން ބުނާ ގޮތުގައި ސުންނަތަކީ ޙުއްޖަތެއް ކަމުގައިވާނަމަ ޤުރްއާން ފަދައިން އެ ލިޔެ ރައްކާތެރިކުރުމަށް އަމުރުފުޅު ކުރެއްވީހެވެ.

 

ރައްދު

މީގެ ޖަވާބު ދަންނައެވެ. އެއްޗެއް ނުލިޔެ އޮތުމަކީ އެ އެއްޗެއްގެ ޙުއްޖިއްޔަތުކަން ނަފީ ވާން ޖެހޭ ކަމެއް ނޫނެވެ. ފަހެ އެމީހުން އެބުނި ފަދައިން އެކަން އޮތް ނަމަ، ލިޔަން ކިޔަން ނުދަނަން މީސްމީހުންނަށް ލިބިފައި ހުރި ދަރިންގެ މައިންބަފައިން ޘާބިތު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި މީގެ އިތުރުން މިހާރު މީސްތަކުންގެ ލޯމައްޗަށް ފެންނަން ހުރި މައްކާ އާއި މަދީނާ އާއި ކަޢުބާ އާއި މަސްޖިދުއްނަބަވީ އާއި ޤުދުސްއާއި މަސްޖިދުން އަޤްޞާ ފަދަ ތަންތަން އެއީ ހަމަ ޙަޤީޤަތުގައިވެސް އެތަންތަން ކަމުގައި ޘާބިތެއް ނުކުރެވޭނެއެވެ. އެހެނީ އެތަންތަން ހުރީ ކޮންތަކަނު ކަމާއި އެތަންތަން ހުރީ ކިހިނެތް ކަމާއި އަދި އެނޫން އެފަދަ ތަފުސީލުތައް ޤުރްއާނުގައި ނުވަތަ އެމީހުން އެބުނާހެން ﷲ ތަޢާލާ ލިޔުއްވާފައި ނެތީމަ އެތަންތަން ޘާބިތެއް ނުކުރެވޭނެއެވެ.

 

ފަހެ ތަވާތުރުކޮށް ނުވަތަ ތެދުވެރި އިތުބާރު ހުރި ފަރާތެއްގެ ކިބައިން އަންނަ ވާހަކައަކީ ވެސް ހުއްޖަތެއް ކަމުގައި ފުދެއެވެ. އަދި ޤުރްއާނުގައި ވެސް ތެދުވެރި ހެކިވެރިންގެ ބަހަކީވެސް ޙުއްޖަތެއް ކަމުގައި އެތައް ތަނެއްގައި ބަޔާންކުރައްވާފައި ވާއިރު ޙުއްޖަތެއް ކަމުގައި ބެލެވޭނީ ހަމަ އެކަނި ލިޔެ ރައްކާތެރި ކުރެވިފައިވާ އެއްޗެއް ކަމުގައި ވާނަމަ ކަމުގައި ކަނޑައެޅުމަކީ ޤުރްއާނާ ވެސް ފުށުއަރާ ކަމެކެވެ. ޤުރްއާނަށް އިންކާރު ކުރުމުގެ ތެރެއިން ހިމެނޭނެ ކަމެކެވެ.

 

މީގެ އިރުތުން ޢަބްދުﷲ ބުނު ޢަމްރޫ رضي الله عنه ނަބިއްޔާ صلى الله عليه وسـلم ގެ ޙަދީޘްފުޅުތައް ލިޔުއްވި ކަމަށް އޮތް އަބޫ ހުރައިރާ رضي الله عنه ގެ ކިބައިން އައިސްފައިވާ ރިވާޔަތުންވެސް އެމީހުންގެ އެދަޢުވާ މުޅިން ބާޠިލުވެއެވެ. އޭގެ ތަފުސީލު މަތީގައި ބަޔާންވެ ހިނގައްޖެއެވެ.

 

ހަމައެއާއެކު ހަނދާންކޮށްލަން ޖެހޭ އަނެއް ކަމަކީ، އެއްޗެއްގެ ޙުއްޖިއްޔަތު ބިނާވަނީ ހަމައެނި އެ އެއްޗެއް ލިޔެވިފައި އޮތީމަ ކަމުގައި ޤަބޫލު ކުރާނަމަ އޭރުން އެހިސާބުން އެބުނެވެނީ ޤުރްއާނަކީވެސް ހުއްޖަތެއް ނޫން ކަމުގައެވެ. އެހެނީ ﷲ ތަޢާލާ ނަބިއްޔާ صلى الله عليه وسـلم ގެ މައްޗަށް ޖިބުރީލްގެފާނު މެދުވެރިކުރައްވައި ޤުރްއާން ބާވައިލެއްވީ ލިޔެވިފައިވާ ފޮތެއްގެ ގޮތުގައެއް ނޫނެވެ. އެހެންކަމުން އެމީހުން އެބުނާ އުސޫލުން ބަލާނަމަ ޤުރްއާންގެ ހުއްޖިއްޔަތުކަން ވެސް އެ ގެއްލުނީ ނޫންހެއްޔެވެ؟

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 48