[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިން ތަރުބިއްޔަތުކުރުމާގުޅޭ 48 ފައިދާ (2)

(11) މުސްލިމެއްގެ މައްޗަށް ވަނީ، އޭނާގެ ދަރިން ކުޑައިރުގައި ނަމާދުގެ ކަންކަން އުނގަންނައިދިނުމެވެ. ފަހެ، އެ ކުދިންގެ އުމުރުން ހަތް އަހަރުވުމުން ނަމާދުކުރަން އަމުރުކުރުމެވެ. އަދި ދިހަ އަހަރުވުމުން އަދަބުދީގެންވެސް ނަމާދުކުރުވުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ، وَفَرِّقُوا بَيْنَهُمْ فِي الْـمَضَاجِعِ))([1]) މާނައީ: “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން އެކުދިންނަށް ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން (ނަމާދު ނުކޮށްފިނަމަ) އަދަބު ދީގެންވެސް ނަމާދުކުރުވާށެވެ. އަދި އެކުދީންގެ ތަންމަތިތައް ވަކިކުރާށެވެ.”

(12) މުސްލިމެއްގެ މައްޗަށް ވަނީ، އޭނާގެ ދަރިން ކުޑައިރުގައި ރޯދަހިފުމަށް ތަމްރީނުކުރުމެވެ. އަދި ރޯދަވެރިންނަށް ރޯދަވިއްލަން ދިނުމުގެ ޙަރަކާތްތަކުގައި އެކުދިން ބައިވެރިކުރުމެވެ. އަދި ރަމަޟާންމަހުގައި ޞަދަޤާތްކުރުމަށް ހިތްވަރުދީ ބާރުއެޅުމެވެ. އަދި ތަރާވީޙުނަމާދު ކުރުމަށް އާދަކުރުވުމެވެ. އަދި މިކަންކަން ރަނގަޅަށް ކުރާކަމުގައިވާނަމަ ހިތްވަރެއްގެގޮތުންނާއި އިނާމެއްގެގޮތުގައި އެކުދިން ލޯބިވާ އެއްޗެއް އިނާމެއްގެގޮތުގައި ދިނުމެވެ.

ރަމަޟާންމަހުގައި ރޯދަހިފުން ފަރުޟުކުރެއްވުމުގެ ކުރީގައި ރޯދަހިފުން ފަރުޟުވެފައިވާ ޢާޝޫރާދުވަހުގައި([2]) ރޯދަހިފުމާބެހޭގޮތުން އައްރުބައްޔިޢު ބިންތު މުޢައްވިޛު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “އަހަރެމެން ޢާޝޫރާ ދުވަހުގެ ރޯދަހިފައި އުޅުނީމެވެ. އަދި އަހަރެމެންގެ ކުޑަކުދިންލައްވާ އެދުވަހުގެ ރޯދަ ހިފުވީމެވެ. އަދި އަހަރެމެން އެކުދިންނަށް ކެހެރިން ކުޅޭ އެއްޗެހި ހަދައިދެމެވެ. ބަނޑުހައިވެގެން ކާއެއްޗަކަށް އެދި އެކުދިން ރޯނަމަ އަހަރެމެން އެކުދިންނަށް، ރޯދަވީއްލާ ގަޑި ޖެހިއްޖައުމަށް ދަންދެން މި ކުޅޭ އެއްޗެހި ދެމެވެ.”([3])

(13) މުސްލިމެއްގެ މައްޗަށް ވަނީ، އޭނާގެ ދަރިންގެ ޅަފަތުންސުރެން މަޑުމަޑުން ޙަލާލުކަންކަމާއި ޙަރާމްކަންކަން އުނގަންނައިދިނުމެވެ. ފަހެ، ކުޑަކުދިންގެ އެންމެ ޅަފަތުގެ ދުވަސްތަކުން ފެށިގެންވެސް ޙަލާލުކަންކަމާއި ޙަރާމްކަންކަން ދެނެގަންނަން ފަށާނެއެވެ. ފަހެ، އެކުދިންނަށް ރަނގަޅަށް ވިސްނައިދެވިއްޖެނަމަ ވިސްނޭނެއެވެ. މި ސަބަބާހުރެ، ޢަލީގެފާނުގެ ދަރިކަލުން ޙަސަންގެފާނު، ޞަދަޤާތަށް ހުރި ކަދުރުތަކަކުން ކަދުރެއް ނަންނަގަވައި އަނގަފުޅަށް ލެއްވިހިނދު، އެ އެތި އެއްލާލެއްވުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެންގެވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. ((أَمَا شَعَرْتَ أَنَّا لاَ نَأْكُلُ الصَّدَقَةَ؟))([4]) މާނައީ: “އަހަރެމެން([5]) ޞަދަޤާތުން ކައި ނޫޅޭކަން ތިބާއަށް ފޮރުވިފައި ވާނީ ކިހިނަކުންތޯއެވެ؟”

(14) މުސްލިމެއްގެ މައްޗަށް ވަނީ، އޭނާގެ ދަރިންނާއި އަހުލުން އަންނަނިވި ކަންކަމަށް ޢާދަކުރުވުމެވެ. އެއީ؛ ހެނދުނާއި ހަވީރުގެ ޛިކުރުތަކަށާއި، އެ ކުދިންގެ ޢުމުރުފުރައާ އެކަށޭނެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާވެފައިވާ ގިނަކަންކަމެއް ޖަމާކުރެވިގެންވާ ކުރު ޙަދީޘްތައް ކިޔުމާއި، އެ ކުދިންނާއެކު ބައިވެރިވެގެން އެފަދަ ޙަދީޘްތައް ކިޔުމެވެ. އަދި އެ ޙަދީޘްތައް ދަސްކުރާނަމަ އެ ކުދިންނަށް އިނާމެއް ކަނޑައެޅުމެވެ. ފަހެ، މިގޮތަށް ކަންތައް ކުރުމަކީ ﷲ ތަޢާލާއާއެކުގައާއި، ސުންނަތާއެކުގައާއި، އިސްލާމްދީނާއެކު އެކުދިންނަށް ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ދެވޭ ތަމްރީނެކެވެ.

(15) މުސްލިމެއްގެ މައްޗަށް ވަނީ، އޭނާގެ ދަރިންނަކީ އަޚްލާޤީގޮތުން ތަރުބިއްޔަތުވެފައިވާ ދަރިންތަކަކަށް ހެދުމެވެ. މިގޮތުން:

* ﷲއާމެދު އޮންނަންޖެހޭ އަޚްލާޤު: މިއީ ކުއްޖާގެ ފިޠުރަތު ހޭލައްވާލަދިނުމެވެ. އަދި ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތްތައް ބަޔާންކޮށްދިނުމެވެ. އަދި އަހަރެމެންގެ ކަންކަން ﷲ އަބަދުވެސް ބައްލަވާވޮޑިގެންވާކަން އުނގަންނައިދިނުމެވެ.

* ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާމެދު އޮންނަންޖެހޭ އަޚްލާޤު: އެއީ؛ އެކަލޭގެފާނުދެކެ ލޯބިވުމާއި، އެކަލޭގެފާނަށް ކިޔަމަންތެރިވުމާއި، އެކަލޭގެފާނާމެދު އަދަބުވެރިކުރުވުމާއި، އެކަލޭގެފާނު ކުރައްވާފައިވާ ހަނގުރާމަތަކާއި އެކަލޭގެފާނުގެ ސިޔަރަތު އުނގަންނައިދިނުމެވެ.

* އަމިއްލަ ނަފްސާއި، އެހެންމީހުންނާމެދު އޮންނަންޖެހޭ އަޚްލާޤު: އެއީ؛ ލަދުވެތިވުމަށާއި، ހެޔޮ ރަނގަޅު އަޚްލާޤަށާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުމަށާއި، ގާތްތިމާގެކަމުގެ ގުޅުން ގުޅުވުމަށާއި، ދޫ ރައްކާތެރިކުރުމަށާއި، ތެދުވެރިވުމަށާއި، ދީލަތިކަމަށާއި، އަމާނާތްތެރިކަމަށާއި، ތަރުތީބުކަމަށާއި، މަސްއޫލިއްޔަތު ނެގުންފަދަ ޞިފަތަކަށް ތަރުބިއްޔަތުކުރުމެވެ.

* ނުބައި އަޚްލާޤުތަކުން ދުރުކުރުވުމެވެ. މިފަދަ ޞިފަތަކުގެ ތެރޭގައި؛ ދަހިކަމާއި، ދޮގުވެރިކަމާއި، ވައްކަންކުރުމާއި، ކިބުރުވެރިކަމާއި، ދޫ ނުބައިކަމުންނާއި، އިސްރާފުކުރުމުންނާއި، ޖާސޫސްކުރުމާއި، ޙަސަދަވެރިވުމާއި، އޮޅުވާލުންފަދަ ނުބައި އަޚްލާޤީ ޞިފަތައް ހިމެނެއެވެ.

* ޢާއްމު އަދަބުތައް އުނގަންނައިދިނުން: މިފަދަ އަދަބުތަކުގެ ތެރޭގައި؛ ޤަޟާޙާޖަތްކުރުމުގެ އަދަބުތަކާއި، ފިޠުރީ ޞިފަތަކަށް އަހައްމިއްޔަތުކަން ދިނުމާއި، ސާފުތާހިރުކަމުގެ އަދަބުތަކާއި، ކެއުމާއިބުއިމުގެ އަދަބުތަކާއި، ނިދުމުގެ އަދަބުތަކާއި، އަންނައުނާގުޅޭ އަދަބުތަކާއި، އިޒުނައަށް އެދުމުގެ އަދަބުތަކާއި، ޢައުރަ ނިވާކުރުމާއި، މަޖިލިސްގެ އަދަބުތަކާއި، މަގުމަތީގެ އަދަބުތަކާއި، އާފުރުމާއި ކިނބިހިއެޅުމުގެ އަދަބުތައްފަދަ އަދަބުތައް ހިމެނެއެވެ.

(16) މުސްލިމެއްގެ މައްޗަށް ވަނީ، އޭނާގެ ދަރިންނަކީ މަތިވެރި އަޚްލާޤުތަކުގެ މައްޗަށާއި، މަތިވެރި ހިންމަތް ކުރުމަށާއި، ނަފްސު ނިކަމެތިކޮށްނުލުމަށް އެކުދިން ތަރުބިއްޔަތުކުރުމެވެ. އަދި ފިރިހެންކުދިންގެ ޅަފަތުން ފެށިގެން އެކުދިންގެ ކިބައިގައި ފިރިހެންވަންތަކަމާގުޅޭ ކަންކަން ދިރުވުމެވެ. އަދި އެކި ވައްތަރުގެ ހުނަރުތަކަށް އަހުލުވެރިކުރުމެވެ.

ހިންދު ބިންތު ޢުތުބާގެ ކިބައިން ރިވާވެފައިވެއެވެ. އެކަމަނާ، މުޢާވިޔާ ރަޟިޔަﷲ ޢަންހު ތުއްޕުޅުއިރުގައި ކަސްރަތުކުރުއްވާ ހައްދަވައެވެ. އަދި އެކަމަނާ ވިދާޅުވެއެވެ.

إِنْ يَكُ ظَنِّي صَادِقًا فِي ذَا الصَّبِي      سَادَ قُرَيْشًا مِثْلَ مَا سَادَ أَبِي([6])

ޅެންބައިތުގެ މާނައީ: “މިކުއްޖާއާމެދު ތިމަންގެ ހީކުރުން ތެދުކަމުގައިވާނަމަ، ތިމަންގެ ބައްޕަ ވެރިއެއްގޮތުގައި ވީފަދައިން މިކުއްޖާވެސް ޤުރައިޝުންގެ ވެރިއަކަށް ވާނެއެވެ.”

ޢަރަބިންގެ ތެރޭގައިވާ ބައެއް ހިތުލަފާގެ ކަންކަމަށް މޮޅެތި މީހުންނަށް މުޢާވިޔަތުގެފާނު ފެނުނުހިނދު ބުނެއެވެ. “ހަމަކަށަވަރުން މިކުއްޖާއަކީ މިކުއްޖާގެ ޤައުމުގެމީހުންގެ ވެރިއަކަށްވާނެ ކުއްޖެކެވެ.” އެހިނދު ހިންދު ވިދާޅުވިއެވެ. “އެކުއްޖާގެ ޤައުމުގެ ވެރިއަކަށް ނުވެއްޖެނަމަ އެކުއްޖާ ގެއްލިޖެއެވެ!”([7])

(17) ކުޑަކުއްޖާގެ ވަރަށް ޅަފަތުގައި އެކުއްޖާގެ ޤާބިލުކަން ފެންނަން ފަށާނެއެވެ. ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “ކަންކަމުގައި ކުޑަކުދިން އިޚްތިޔާރުކުރާ ގޮތްތަކުން އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ފާޅުވާނެއެވެ. ފަހެ، ކުދިންތައް ކުޅެން އެއްވެއްޖެނަމަ، މަތިވެރި ހިންމަތެއް ހުންނަކުއްޖާ ބުނާނެއެވެ. “ތިމަންނައާ އެކުގައިވާނީ ކާކުހެއްޔެވެ؟” އަދި ހިންމަތް ދަށް ކުއްޖެއްނަމަ ބުނާނެއެވެ. “ތިމަން ވަނީ ކާކާ އެކުގައި ހެއްޔެވެ؟”([8])

މި ސަބަބާހުރެ، ބަދުރުހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ދުވަސްވީ ބޭކަލުންނާއެކު ޢުމަރުގެފާނު ބާއްވަވާ ބައްދަލުވުންތަކަށް އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވައްދަވައެވެ.([9]) އެއީ ޢުމަރުގެފާނަށް އިބްނު ޢައްބާސްގެ ފުށުން ފެނިވަޑައިގެންފައިވާ ޤާބިލުކަމާހުރެއެވެ.

އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ، އެކަލޭގެފާނުގެ ދަރިކަލުން ސާލިމްއާ ބައްދަލުވެވަޑައިގެންފިކަމުގައިވާނަމަ ބޮސްދެއްވުމަށްފަހު ވިދާޅުވެއެވެ. “(ދުވަސްވީ) ޝައިޚަކު (ޢިލްމުވެރި) ޝައިޚަކަށް ބޮސްދެއްވަނީއެވެ.”([10])

ފަހެ، މުސްލިމެއްގެ މައްޗަށް ވަނީ އޭނާގެ ދަރިންނަށް އަޅާލައި، އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ހޯދުމެވެ. ފަހަރެއްގައި އެއިގެ ތެރޭގައި: ރައްބާނީ ޢިލްމުވެރިޔަކު، ނުވަތަ އިޞްލާޙުކުރާނެ މުޞްލިޙަކު، ނުވަތަ ﷲގެ ދީނަށް ނަޞްރުދޭނެ ކުއްޖަކުވެސް ހުރެދާނެއެވެ.

(18) އަންހެންކުދިން ލަދުވެތިކަމަށާއި، ރިވެތި އަޚްލާޤަށް ތަރުބިއްޔަތުކުރުންވެއެވެ. އެހެނީ، އެއީ އަންހެނެއްގެ ޒީނަތްތެރިކަމާއި ރީތިކަމެވެ. އަދި ޙިޖާބުއެޅުވުމަށާއި، ބޮޑުވަމުން އަންނަވަރަކަށް މަޑުމަޑުން ނިވާކުރުމަށް ޢާދަކުރުމެވެ. އެއީ؛ ޢިއްފަތްތެރިކަމާއި ހެޔޮކަމުގެ ޝިޢާރެކެވެ. ފަހެ، ރޯކޮށް އޮންނަ ދަނޑިގަނޑެއް ސީދާކޮށްލެވިދާނެއެވެ. އެހެންނަމަވެސް، އެ ދަނޑިގަނޑު ބޮޑުވެ، ވަރުގަދަވެ، ހިކިއްޖެނަމަ ޢާއްމު ގޮތެއްގައި އެ ދަނޑިގަނޑު ހަލާކުކޮށްލައިގެން މެނުވީ ތެދެއް ނުކުރެވޭނެއެވެ.

(19) ތަރުބިއްޔަތުކުރުމުގައި ހުތުރުވެގެންވާ ފަރުވާކުޑަކަން ދޭހަކޮށްދޭ ކަންކަމުގެ ތެރޭގައި: ކުރު، އޮރިޔާން ނިވާނުވާ، ބާރު ހެނދުންލުމަށް އަންހެންކުދިން ޢާދަކުރުވުން ވެއެވެ. އަދި އެކުދިންގެ ޢައުރަ ކަޝްފުކުރުމާމެދު ކަންފަސޭހަކޮށްލުންވެއެވެ. ޚާއްޞަކޮށް އެކުދިންނަކީ ތަންދޮރު ވަކިވާވަރުގެ ކުދިންނަށްވެއްޖެނަމަ، އަދި ތަންދޮރު ޢުމުރާހަމައަށް ފޯރަން ކައިރިވެއްޖެނަމަ، އަދި ބާލިޣުވުމުގެ ޢަލާމާތްތައް ފެންނަންފަށާ ޢުމުރުގެ ކުއްޖަކަށް ވެއްޖެނަމައެވެ. ފަހެ، އެކުދިންގެ ތެރޭގައި ކުދި ތަކެއްޗާއި ބޮޑެތި ތަކެތި ވަކިކުރަން ނޭނގޭ ދަރަޖައަށް އެކުދިންގެ ހިތްތައް ބަލިވެފައިވާ ކުދިން އުޅެއެވެ. އެފަދަ ކުދިން އެފަދަ ހެދުންތައް ލުމަށްފަހު، އަލުން ބަދަލުކުރުމަކީ އުނދަގޫކަމެއްގައި ވެއެވެ.

(20) ފިރިހެން ދަރިއަކަށް، އެކުއްޖާގެ ދީނާއި ދުނިޔޭގެ ކަންކަން ހެޔޮގޮތުގައި ގެންދިޔުމަށް އެހީތެރިވެދޭނެ އެކުވެރިއަކު ހޯދައިދިނުމާއި، ނުބައި އެކުވެރިންގެ ކިބައިން ދުރުކުރުވުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. ފިރިހެން ދަރިންނާއި އަންހެން ދަރިން އެކުވެރިވެ އުޅޭބަޔަކާމެދު ހުޝިޔާރުވާންވެސް ޖެހޭނެއެވެ. ޙަދީޘްގައި އިސްފައިވެއެވެ. ((الرَّجُلُ عَلَى دِينِ خَلِيلِهِ، فَلْيَنْظُرْ أَحَدُكُمْ مَنْ يُخَالِلُ))([11]) މާނައީ: “މީހާވަނީ އޭނާގެ އެކުވެރިޔާގެ ދީނުގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް އެކުވެރިވެ އުޅެނީ ކާކާއެކުގައިތޯ ބަލާހުށިކަމެވެ.” އެކުވެރިޔަކީ (އޭނައާ ދިމާލަށް) ދަމާގެންދާމީހެކެވެ!

______________________________

([1]) رواه أبو داود (495)، وصحَّحه الألباني.

([2]) ޢާޝޫރާ ދުވަހަކީ: މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. އެ ދުވަހަކީ މާތް ﷲ، ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ ކިބައިން މުސާގެފާނާއި ބަނޫ އިސްރާއީލުމީހުން ސަލާމަތްކުރެއްވި ދުވަހެވެ. ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ ކުރީގައި އެ ދުވަހުގައި ރޯދަހިފުން ފަރުޟުކުރައްވާފައިވާކަމުގައިވެއެވެ. (މުތަރުޖިމް)

([3]) رواه البخاري (1960)، ومسلم (1136).

([4]) رواه البخاري (1419)، ومسلم (1069).

([5]) އެބަހީ؛ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަހުލުބައިތުންނެވެ. އެކަލޭގެފާނުގެ އަހުލުބައިތުންނަށް ޞަދަޤާތުން ހުންނަތަކެތިން ކެއުމަކީ ހުއްދަކަމެއް ނޫނެވެ. (މުތަރުޖިމް)

([6]) العيال لابن أبي الدُّنيا (272).

([7]) تاريخ دمشق لابن عساكر (59/65).

([8]) تذكرة الآباء وتسلية الأبناء لابن العديم (ص 30).

([9]) ينظر: صحيح البخاري (4970).

([10]) النفقة على العيال لابن أبي الدُّنيا (ص 147).

([11]) رواه أبو داود (4833)، والترمذي (2378)، وهو في الصحيحة (927).