[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިން ހެލުމެއް އައުމުން…

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ބިންހެލުންތަކާ ބެހޭގޮތުން ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ބައެއް ނައްޞުތައް

ކީރިތި ޤުރުއާނާއި ސުންނަތުގައި ބިންހެލުންތަކާ ގުޅުން ހުރި ނައްޞުތަކެއް ވާރިދުވެފައިވެއެވެ. (އެ ނައްޞުތައް ވިދާޅުވެލެއްވުމަށް (1) (2)).

އަދި ޤިޔާމަތް ގާތްވުމުން، ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރޭގައިވެސް ބިންހެލުން ގިނަވުން ހިމެނިގެންވެއެވެ. (ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބިންހެލުންތަކުގެ ތަފްޞީލު ވިދާޅުވެލެއްވުމަށް).

 

ފާފަތައް ދޫކޮށްލުމަށް ނަސޭޙަތްތެރިވުން

ސަލަފުންގެ ދުވަސްވަރުގައި ބިންހެލުމެއް އައުމުން، ތައުބާވެ އިސްތިޣުފާރުކުރުމަށް އޭރުގެ ޢިލްމުވެރިން މީސްތަކުންނަށް ނަސޭޙަތްތެރިވެ އުޅުއްވިއެވެ. އަދި ހެޔޮ ކަންތައްތައްކޮށް، މުންކަރާތްތައް ދޫކޮށްލުމަށްވެސް އެބޭކަލުން މީސްތަކުންނަށް ވަޢުޡުދެއްވާ، ނަސޭޙަތްތެރިވެ އުޅުއްވިއެވެ.

މަދީނާއަށް ބިންހެލުމެއް އައުމުން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه މަދީނާގެ އަހުލުވެރިންނާ މުޚާޠަބުކޮށް ނަސޭހަތް ދެއްވަމުން ވިދާޅުވިއެވެ.

“ދެވަނަ ފަހަރަށް (ބިން ހެލުމެއް) އަތުވެއްޖެނަމަ, ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ އެކުގައި ނޫޅުއްވާނަމެވެ.” [1]

 

އަދި ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه الله އިސްލާމީ ރަށްތަކުގެ އަހުލުވެރިންނަށް ލިޔުއްވިއެވެ.

“ހަމަކަށަވަރުން ބިން ހެލުމަކީ ޢުޤޫބާތެއްގެ ގޮތުގައި ﷲ ތަޢާލާ ފޮނުއްވާ އެއްޗެކެވެ.”

ދެން މީސްތަކުން ދުޢާކޮށް، ޞަދަޤާތްކުރުމަށް އެކަލޭގެފާނު އިރުޝާދުދެއްވިއެވެ. [2]

 

އަދި ހިޖުރައިން 94 ވަނަ އަހަރު ޙިމްޞަށް ބިންހެލުމެއް އައެވެ. ފަހެ އެ ދުވަހު މީސްތަކުން ބިރުން މިސްކިތަށް އެރިއެވެ. އަދި ފަތިސް ނަމާދަށް ފަހުގައި އައިފަޢު ބުން ޢަބްދިން އަލްކަލާޢީ ވަޢުޡުވިދާޅުވިއެވެ. ﷲ އަށް ބިރުވެތިވުމަށާއި ރައްކާތެރިވެ ތިބުމަށް އެކަލޭގެފާނު މީސްތަކުންނަށް އިންޛާރުދެއްވިއެވެ. އަދި ޤުރުއާނުގައިވާ ޢަޛާބުގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވިއެވެ. އަދި މީގެ ކުރިން ބިންހެލުމަކުން ހަލާކުވި މީހުންގެ ވާހަކަތައް ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ.

“ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުންގެ ކުރިން އެބަޔަކަށް ބިން ހެލުމެއް މެދުވެރި ބަޔަކު، އެބައިމީހުންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައި ތިބި ބަޔަކުކަމުގައި މެނުވީ ނުވެއެވެ. ފަހެ ތިޔަބައިމީހުން އެކަމުން ސަލާމަތްކޮށްދެއްވާ، ދުރުކޮށްދެއްވެވީތީ ﷲއަށް ޙަމްދުކުރާށެވެ. އަދި އިހުގެ އުންމަތްތަކުގެ އަނިޔާވެރިން ހަލާކުކުރެއްވި ފަދައިން ހަލާކު ނުކުރެއްވީތީވެސް ﷲއަށް ޙަމްދުކުރާށެވެ.” [3]

 

އަދި ހިޖުރައިން 233 ވަނަ އަހަރު ދިމިޝްޤަށް ވަރަށް ބާރުގަދަ ބިންހެލުމެއް އައެވެ. އެ ބިންހެލުމުގައި ފާރުތައް ވެއްޓި، ވަރަށް ގިނަ މީހުން ޢިމާރާތްތަކުގެ ދަށުވެގެން މަރުވެގެން ދިޔައެވެ. އަދި ތިން ގަޑި އިރު ވަންދެން މެދުކެނޑުމެއް ނެތި އެ ބިންހެލުން ކުރިއަށް ދިޔައެވެ. އެދުވަހު މީސްތަކުން ބިރުން މިސްކިތްތަކާ ދިމާއަށް ދިޔައެވެ. އަދި ބިނާތަކުގެ ދަށުވެގެން އެ ރަށުގެ ގިނަ މީހުން މަރުވިއެވެ. އަދި ޢަރަބި ޖަޒީރާއަށްވެސް އޭގެ އަސަރުކޮށް ވަރަށް ގިނަ މީހުން މަރުވިއެވެ. [4]

 

ބިންހެލުމަކީ ﷲގެ ޙަޟްރަތުންވާ ޢުޤޫބާތެއް ތަ؟

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ﴾ [سورة الشورى 30]

މާނައީ: “ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެއިލާހު ގިނަ ފާފަތައް ޢަފޫކުރައްވައެވެ.”

 

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿مَا أَصَابَكَ مِنْ حَسَنَةٍ فَمِنَ اللَّهِ وَمَا أَصَابَكَ مِنْ سَيِّئَةٍ فَمِنْ نَفْسِكَ﴾ [سورة النساء 79]

މާނައީ: “ތިބާއަށް ލިބިއްޖެ ހެޔޮކަމަކީ ފަހެ، ﷲގެ ޙަޟްރަތުން އައި ކަމެކެވެ. އަދި ތިބާއަށް ލިބިއްޖެ ދެރަކަމަކީ ފަހެ، ތިބާގެ އަމިއްލަ ނަފްސުގެ ފުށުން އައި ކަމެކެވެ.”

 

އަދި އިސްވެދިޔަ އުންމަތްތަކާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَكُلًّا أَخَذْنَا بِذَنْبِهِ فَمِنْهُمْ مَنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُمْ مَنْ أَخَذَتْهُ الصَّيْحَةُ وَمِنْهُمْ مَنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُمْ مَنْ أَغْرَقْنَا وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَكِنْ كَانُوا أَنْفُسَهُمْ يَظْلِمُونَ﴾ [سورة العنكبوت 40]

މާނައީ: “އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންއިލާހު ހިއްޕެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަން އިލާހު އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެބައިމީހުންގެ ތެރެއިން ވިއެވެ. އަދި ޢަޛާބުގެ ގަދަ އަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެބައިމީހުންގެ ތެރެއިން ވިއެވެ. އަދި އެބައިމީހުންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެބައިމީހުންގެ ތެރެއިން ވިއެވެ. އަދި (ކަނޑުގައި) ޣަރަޤުކުރެއްވި މީހުންވެސް އެބައިމީހުންގެ ތެރެއިން ވިއެވެ. އެބައިމީހުންނަށް އަނިޔާކުރެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވައެވެ. އެހެނެއްކަމަކު، އެބައިމީހުންގެ ނަފްސުތަކަށް ހަމަ އެބައިމީހުން އަނިޔާވެރިވިކަމުގައި ވިއެވެ.”

 

މިކަމާ ބެހޭގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ބައެއް ފަހަރު ﷲ ސުބުޙާނަހޫ ވަތަޢާލާ ނޭވާލުމުގެ އިޛުނަ ބިމަށް ދެއްވައެވެ. އޭގެ ސަބަބުން ބޮޑެތިވެގެންވާ ބިންހެލުންތައް ކުރިމަތިވެއެވެ. އެކަމުން އަޅުތަކުންނަށް ބިރުވެތިކަން ކުރިމަތިވެއެވެ. އަދި ފާފަތަކުން ދުރުވެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެއެވެ. އަދި އެކަމަށް ހިތާމަކޮށް ތައުބާވެއެވެ. އެއީ ބިން ހެލިގަތުމުން ސަލަފުންގެ ބައެއް ބޭފުޅުން ވިދާޅުވެފައިވާ ފަދައިންނެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބު، އެއިލާހުގެ ރުއްސެވުން ހޯދުމުގެ ފުރުޞަތު ތިޔަބައިމީހުންނަށް ދެއްވަނީއެވެ.” [مفتاح دار السعادة لابن القيم (1 / 221)]

 

އެހެނަސް އެފަދަ މުޞީބާތެއް ބައެއްގެ މައްޗަށް އައުމުން އެއެންމެންނަކީ ނުބައި ބައެއްކަމުގައި ނުބެލެވޭނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ އަދި ޞާލިޙު ބަޔަކުވެސް ތިބުން އެކަށީގެން ވެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ޒައިނަބު ބިންތު ޖަޙްޝު رضي الله عنها ސުވާލު ދެންނެވިއެވެ.

“އޭ ﷲ ގެ ރަސޫލާއެވެ! ތިމަންމެންގެ ތެރޭގައި ޞާލިޙުންވަނިކޮށް ތިމަންމެން ހަލާކުވެދާނެ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«نَعَمْ، إِذَا كَثُرَ الْخَبَثُ» [رواه البخاري (3346)]

މާނައީ: “އާދޭހެވެ. ނުބައިކަންތައްތައް ގިނަވުމުންނެވެ.”

 

މިތަނުގައިވާ ނުބައިކަންތައްތަކުގެ ތެރޭގައި އެންމެހާ ފާފަތައް ހިމެނެއެވެ. އޭގެ ތެރޭގައި ޝިކުރާއި ޒިނޭއާއި ރާބުއިމާ އަދި މި ނޫނަސް މިފަދަ އެންމެހާ ފާފަތައް ހިމެނެއެވެ. އަދި އެއްވެސް ބިރެއް ނެތި ފާޅުގައި ފާފަތައްކޮށް ފާފަތައް ޢާންމުވެ، މުންކަރާތްތައް މަނާ ނުކުރެވޭނަމަ އެންމެންނަށް ޢާންމުވެގެންވާ ކޯފާއެއް އަތުވެދާނެއެވެ. [5]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ﴾‏ [سورة الأنفال ٢٥]

މާނައީ: “އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނަ އައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއް ނޫނެވެ. އަދި ހަމަކަށަވަރުން ﷲ އީ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ!”

 

މި އާޔަތުގައި މިވާ ފިތުނައިގެ ތަފްސީރުގައި އެއީ: “އިމްތިޙާނުތައް” ކަމުގައްޔާއި “މުޞީބާތްތައް” ކަމުގައި އަދި “ޢަޛާބު” ކަމުގައިވެސް ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. [6]

ދެން އެއަށްފަހުގައި ޤިޔާމަތްދުވަހުން އެބައިމީހުން އަލުން ދިރުއްވައި ޙިސާބުބެއްލެވޭނީ އެމީހެއް ކުޅަ ޢަމަލަކާ އެއްގޮތަށެވެ. ހެޔޮ މީހުންނަށް ހެޔޮ ޖަޒާއެވެ. އަދި ނުބައި މީހުންނަށް އެބައިމީހުންނަށް އެކަށޭނަ ޖަޒާއެވެ. [7]

 

އައްޝައިޚު ޢަބްދުއްރަޙްމާނު ބުން ނާޞިރު އަލްބައްރާކު – حفظه الله – އާ 18 / 7 / 1444 ހ ގައި މިކަމާ ބެހޭގޮތުން ސުވާލު ދެންނެވުނެވެ.

ސ. ސޫރިޔާ އަދި އެ ނޫން ޤައުމުތަކަށް އައި ބިން ހެލުމާ ގުޅިގެން އެ އަޚުންނަށް ތަސައްލީ ލިބޭނެފަދަ ބަސްފުޅެއް ވިދާޅުވެދެއްވާށެވެ. އަދި އެއީ ކަނޑައެޅިގެން ޢުޤޫބާތެކޭ ބުނެވިދާނެ ހެއްޔެވެ؟

ޖ. الحمد لله رب العالمين.

މިފަދަ ބިންހެލުންތަކަކީ ﷲ ތަޢާލާގެ ޤަޟާޤަދަރުގެ ދަށުން އަދި އެއިލާހުގެ އިރާދަކުރެއްވުމުގެ ދަށުން ހިނގާ ކަންތައްތައްކަމުގައި އީމާންވުމަކީ ވާޖިބެކެވެ. އަދި ހަމަކަށަވަރުން އެކަމުގައި މަތިވެރިވެގެންވާ ޙިކުމަތްވާނެކަމަށް އީމާންވާން ޖެހެއެވެ. އަދި އެއީ ކަނޑައެޅިގެން ޢުޤޫބާތެކޭ ނުބުނެވޭނެއެވެ. އަދި ކިއެއް ހެއްޔެވެ! އެއީ އެއް ބަޔެއްގެ މައްޗަށް ހުރި ޢުޤޫބާތެކެވެ. އަދި އަނެއް ބަޔަކަށް ހުރި އިމްތިޙާނެކެވެ. އަދި އެންމެހާ މީސްތަކުންނަށްވާ ހަނދުމަކޮށްދިނުމެކެވެ. އެއީ އެކަން މެދުވެރިވި މީހުންނާއި އެނޫން މީހުނަށްވެސް މެއެވެ. އެއީ ﷲ ގެ ޢުޤޫބާތާއި ކޯފާއާމެދު އެބައިމީހުންނަށް ހަނދުމަކޮށްދެނިވި ކަމެކެވެ. އަދި ﷲ މަތިވެރިކުރުމަށް ހަނދާންކޮށްދެނިވި ކަމެކެވެ. އަދި އެއިލާހުގެ ޙަޟްރަތުން ޢާފިޔަތަށް އެދި ދެންނެވުމަށްވެސް މެއެވެ.

އަދި އެންމެހާ މުސްލިމުންގެ މައްޗަށް އޮތީ އެކަމުގައި އަސަރުކުރި ބަޔަކަށް ދުޢާކޮށްދިނުމެވެ. އެއީ އެމީހެއްގެ ލޯބިވާ މީހަކު އެކަމުގައި ގެއްލިގެން ދިޔަ މީހުންނަށް ތަސައްލީ ދެއްވާތޯއެވެ. އަދި މަރުވެފައިވާ މީހުންނަށް ފާފަ ފުއްސަވައި ރަޙްމަތްލައްވާތޯ ދުޢާކުރުމެވެ.

އަދި އުންމީދު ކުރެވެނީ ޢިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުން ޝަހީދުންކަމުގައި ވުމަށެވެ. އެހެނީ ޝަހީދުންގެ ފަސް ބާވަތެއް ނުވަތަ ހަ ބާވަތެއް ބަޔާންކޮށްދެއްވިއިރު ނަބިއްޔާ صلى الله عليه وسلم ވަނީ އެފަދަ މީހުން ޝަހީދުންގެ ގޮތުގައި ހިމަނުއްވާފައެވެ. ތަނެއްގެ ދަށުވެގެން މަރުވާ މީހަކު ޝަހީދަކުކަމުގައި ވާނެކަމަށް އުންމީދުކުރެވެއެވެ. [8]

ފަހެ އެހެންކަމުން ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދަންނަވަނީ އެ މުޞީބާތް މެދުވެރިވި މީހުންނަށް ތަސައްލީ ދެއްވުމަށެވެ. އަދި މަރުވި މީހުންނަށް ރަޙުމުކުރެއްވުމަށެވެ. އަދި މުސްލިމުންގެ ކަންކަން އިޞްލާޙުކޮށްދެއްވުމަށެވެ. އަދި އެބައިމީހުންގެ ކިބައިން މުޞީބާތްތައް އުފުއްލެވުމަށެވެ.

އަދި އެއީ ހަމައެކަނި ތަބީޢީ ކާރިޘާއެކޭ ބުނާ މީހަކު އެ ބުނާ ބަހެއް މުނާސަބުވެގެން ވަނީ ﷲ ގެ ޤަޟާޤަދަރަށް އީމާން ނުވާ މީހުންނަށެވެ. އަދި މި ޢާލަމުގެ ކަންތައްތައް އެ ފަރާތެއްގެ ކުޅަދުންވަތަކަމާއި އިރާދަކުރެއްވުމުގެ ޛަރިއްޔާއިން ބަލަހައްޓަވާ ރައްބެއްވާކަން ޤަބޫލު ނުކުރާ މީހުންނަށެވެ.

މިއީ ކައުނުގައި ހިނގާ ކަންކަމެވެ. އެހެނަސް މިކަންކަމުގެ މައްޗަށް ނިޔާކަނޑައަޅުއްވަނީ އެއިލާހުގެ ކުޅަދުންވަންތަކަމާއި އިރާދަކުރެއްވުމުންނެވެ. އަދި އެކަންކަން ހިނގަނީ އެއިލާހުގެ ޙިކުމަތް ނިޔާކުރާ ގޮތުގެ މަތިންނެވެ. އަދި އެއިލާހުގެ ޢަމަލުފުޅުތަކުގައި ވަރަށް ބޮޑު ޙިކުމަތްތަކެއް ވެއެވެ. ފަހެ ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙިކުމަތްވަންތަ އަދި ކުޅަދުންވަންތަ އިލާހެވެ.”

[سلسلة الكلمات العامة (13)]

 

 

 

ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން

އިސްވެ ބަޔާންވެ ދިޔަ ނައްޞުތަކަކީ އެފަދަ މުޞީބާތެއް މެދުވެރިވުމުން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން ނަހީކުރާ ނައްޞުތަކެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ! މުސްލިމުންނަކީ އެއް ހަށިގަނޑެއްފަދަ ބަޔެކެވެ. މުސްލިމުންގެ ތެރެއިން އެއްބަޔަކަށް ދިމާވާ މުޞީބާތުގައި އެހެނިހެން މުސްލިމުން އެބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތްގޮތަކަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ» [رواه مسلم (38 – (2699))]

މާނައީ: “ދުނިޔަވީ ދަތިކަމެއް މުއުމިނެއްގެ ކިބައިން އެއްކިބާކޮށްދީފި މީހަކަށް، ޤިޔާމަތްދުވަހުގެ ދަތިކަންތަކުގެ ތެރެއިން ދަތިކަމެއް އޭނާގެ ކިބައިން ﷲ އެއްކިބާކޮށްދެއްވާނެއެވެ. އަދި އުނދަގުލުގައިވާ މީހަކަށް ފަސޭޙަކޮށްދީފި މީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ﷲ އޭނާއަށް ފަސޭޙަކޮށްދެއްވާނެއެވެ. އަދި މުސްލިމެއް ނިވާކޮށް ފަރުދާކޮށްދީ މީހަކަށް، ދުނިޔެއާއި އާޚިރަތުގައިވެސް ﷲ އެމީހަކު ނިވާކޮށް ފަރުދާކޮށްދެއްވާނެއެވެ. އަދި އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ވާހާ ހިނދަކު، އެއަޅަކަށް ވާގިވެރިވެވޮޑިގެންނެވުމުގައި ﷲ ވޮޑިގެންވެއެވެ.”

 

ފަހެ މިފަދަ ކަމެއް މެދުވެރިވެއްޖެ މީހަކަށް އޮތީ ކެތްތެރިވުމެވެ. އަދި މިކަމުން ޢިބުރަތް ޙާޞިލުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ‎[١٥٥]‏ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ‎[١٥٦]‏ أُولَـٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَـٰئِكَ هُمُ الْمُهْتَدُونَ ‎[١٥٧]﴾‏ [سورة البقرة 155 – 157]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނު ކުރައްވާ ހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ނަފްސުތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކަލޭގެފާނު ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ! [155] އެބައިމީހުންނީ އެބައިމީހުންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ އަދި ހަމަކަށަވަރުން ތިމަންމެންނީ، އެއިލާހުގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. [156] އެބައިމީހުންނީ، އެބައިމީހުންގެ ރައްބުގެ ޙަޟްރަތުން މަޣުފިރަތާއި ރަޙުމަތް އެބައިމީހުންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެބައިމީހުންނެވެ. [157]”

 

ފަހެ އިމްތިޙާނުގެ ވަގުތުގައި ޘާބިތުވުމަކީ އަޅާގެ ހިތުގައިވާ އީމާންކަން ދައްކުވައިދޭ ކަމެކެވެ. އަދި އީމާންކަން ވަރުގަދަ މީހުންނާއި ބަލިކަށިމީހުންނާއި ޞައްޙަ ޢަޤީދާގެ އަހުލުވެރިންނާއި ބާޠިލު ޢަޤީދާތަކުގެ އަހުލުވެރިން ފާޅުވެގެންދާ ކަމެކެވެ. މުއުމިނުންނަކީ މިފަދަ ކޮންމެ މުޞީބާތެއްގައި ޤަޟާޤަދަރަށް އީމާންވާ ބަޔެކެވެ. އަދި އެބައިމީހުންގެ ދުލުންނާއި ޢަމަލުން ﷲ ތަޢާލާ ރުއްސަވާވޮޑިގެންވާ ކަމެއް މެނުވީ ފެނިގެން ނުދާނެއެވެ.

 

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފާފަތަކާ ދުރުހެލިވެ ތައުބާވެ ރައްކާތެރިވާށެވެ.

 

އޭ ﷲ! އަޅަމެންނަށް ރަޙުމަތްލައްވާ އޯގާވެވޮޑިގަންނަވާނދޭވެ! އަދި އަޅަމެންގެ ތެރެއިން ތަން ދޮރު ނުދަންނަ ބަޔަކު ކުރާ ކަންތައްތަކެއްގެ ސަބަބުން އަޅަމެންނަށް ޢާންމުވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭވެ! އަދި އަޅަމެންގެ އަޚުންނާއި އުޚްތުންގެ ތެރެއިން ޙާލުގައި ޖެހިފައިވާ މީސްތަކުންނަށް އޯގާތެރިވެވޮޑިގަންނަވާނދޭވެ! އަދި އެބައިމީހުންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވާނދޭވެ! އަދި އެބައިމީހުންގެ ތެރެއިން މި ދުނިޔެއާ ވަކިވެ ދިޔަ މީހުންގެ ފާފަފުއްސަވައި ރަޙްމަތްލައްވާނދޭވެ! އާމީން.

 


[1]  السنن الكبرى للبيهقي (6377)

[2]  فتح الباري لابن رجب (9 / 251)

[3]  فتح الباري لابن رجب (9 / 252)

[4]  ބައްލަވާ: السير للذهبي (9 / 445)

[5] ބައްލަވާ: تأويل مختلف الحديث لابن قتيبة (ص: 363) وشرح النووي على صحيح مسلم (18 / 3).

[6] ބައްލަވާ:    تفسير الطبري (13 / 473) وتفسير البغوي (2 / 284).

[7] ބައްލަވާ:    صحيح البخاري (2118).

[8]  ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «الشُّهَدَاءُ خَمْسَةٌ: المَطْعُونُ، وَالمَبْطُونُ، وَالغَرِيقُ، وَصَاحِبُ الهَدْمِ، وَالشَّهِيدُ فِي سَبِيلِ اللَّهِ» [رواه البخاري (653) ومسلم (164 – (1914))] މާނައީ: “ޝަހީދުންގެ ފަސް ބާވަތެއް ވެއެވެ. ޠާޢޫނުގައި މަރުވާ މީހާއި ބަނޑަށް ޖެހޭ ބައްޔެއްގައި މަރުވާ މީހާއާއި ޣަރަޤުވެގެން މަރުވާ މީހާއާއި ތަނެއްގެ ދަށުވެގެން މަރުވާ މީހާއާ އަދި ﷲ ގެ މަގުގައި ޝަހީދުވެގެން މަރުވާ މީހާއެވެ.” މި ޙަދީޘްއާ ބެހޭގޮތުން ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު – رحمه الله – ވިދާޅުވިއެވެ.

“އޭގެ މާނައަކީ އެފަދަ މީހަކަށް ޝަހީދެއްގެ އަޖުރުވެއެވެ. އެހެނަސް އޭނާ ހިނަވައި އޭނާގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެއެވެ. ހިނަވާ ކަފުން ކުރަން ނުޖެހޭ ޝަހީދަކީ ކާފިރުންނާ ހަނގުރާމަކުރިކޮށް ޝަހީދުވާ މީހުންނެވެ. ހަނގުރާމައިގައި މަރުވެއްޖެ މީހެއް ހިނަވައި އޭނާގެ މައްޗަށް ކަށުނަމާދު ކުރުމެއް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ! އެމީހަކު ވަޅުލާނީ އެމީހަކު މަރުވި އިރުގައިވި ހެދުމުގައެވެ. އެއީ އުޙުދު ހަނގުރާމައިގައި ޝަހީދުވި ބޭކަލުންނާ މެދު ނަބިއްޔާ صلى الله عليه وسلم ޢަމަލުކުރައްވާފައިވާ ގޮތެވެ. އެހެނަސް ޣަރަޤުވެގެން މަރުވާ މީހުންނާއި ތަނެއްގެ ދަށުވެގެން މަރުވާ މީހުންނާއި ޠާޢޫނު ވަބާގައި މަރުވާ މީހުންނާއި ބަނޑަށް ޖެހޭ ބައްޔެއްގައި މަރުވާ މީހުންނާއި ހަނގުރާމައިގައި އުޅެނިކޮށް ޤަތުލުވުމަކާ ނުލައި މަރުވާ މީހުންނާ މެދު ދަންނައެވެ. އެފަދަ މީހުން ހިނަވައި އެބައިމީހުންގެ މައްޗަށް ކަށުނަމާދު ކުރާނެއެވެ.” [شرح رياض الصالحين لابن باز (4 / 75)].

 

ގުޅުން ހުރި ލިޔުންތައް:

އިންޛާރަކަށްފަހު އިންޛާރެއް

ބިންހެލުންތައް ގިނަވުން

ބިންހެލުންތައް ގިނަވުން 1

ބިންހެލުންތައް ގިނަވުން 2