[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތްޖަމާޢަތުގެ އަޙުލުވެރިންގެ އަރިހުގައި ޞަޙާބީން

 

ޞަޙާބީންނާއިގުޅޭގޮތުން ރިވާވެފައިވާ ސަލަފުންގެ ބަސްފުޅުތަކުގެ ތެރެއިން:

1- އިމާމް އައްޠަޙާވީ ރަޙިމަހުﷲ ގެ ބަސްފުޅު:

އައްޠަޙާވީ ރަޙިމަހުﷲ “ޢަޤީދަތު އަހުލުއް ސުންނާ” ގައި ވިދާޅުވެފައިވެއެވެ. “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންދެކެ ލޯބިވަމެވެ. އެ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ދެކެ ލޯބިވުމުގައި ޙައްދުފަހަނަ އަޅައިނުދަމެވެ. ހަމައެހެންމެ އޭގެ ތެރެއިން އެއްވެސް ބޭކަލެއްގެ ކިބައިން ބަރީއަވެގެންނުވަމެވެ. އެ ބޭކަލުންދެކެ ރުޅިއަންނަ ނުވަތަ އެ ބޭކަލުންނާ މެދު ބަދުބަސް ބުނާ ކޮންމެ މީހަކު ދެކެ ތިމަންމެން ރުޅި އަންނަމެވެ. ތިމަންމެން، އެ ބޭކަލުން ބަޔާންކުރާހުށީ ރިވެތިގޮތުގައެވެ. އެ ބޭކަލުން ދެކެ ލޯބިވުމަކީ ދީނެވެ. އީމާންކަމެވެ. އަދި އިޙްސާންތެރިކަމެވެ. އަދި އެ ބޭކަލުން ދެކެ ރުޅި އައުމަކީ ކުފުރެކެވެ. ނިފާޤްކަމެކެވެ. އަދި ނުކިޔަމަންތެރިކަމެކެވެ.”

2- އިބްނު އަބީ ޒައިދު އަލްޤައިރުވާނީ ރަޙިމަހުﷲ ގެ ބަސްފުޅު:

އިބްނު އަބީ ޒައިދު އަލްޤައިރުވާނީ ރަޙިމަހުﷲ، އެކަލޭގެފާނުގެ މަޝްހޫރު ފިޤްހު ފޮތް “އައްރިސާލާ” ގައި ސުންނަތުގެ އަހުލުވެރިންގެ އަޤީދާ ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ. “އެންމެ ހެޔޮވެގެންވާ ޤަރުނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (އެ ބަޔަކަށް) ފެނުނު ޤަރުނެވެ. އަދި ޞަޙާބީންގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ޚުލަފާއުއްރާޝިދޫންގެ ހަތަރު ޚަލީފާއިންކަމުގައިވާ އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީ ރަޟިޔަﷲ ޢަންހުމް އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެއްވެސް ޞަޙާބީއެއް ރިވެތިވެގެންވާ ގޮތުގައި މެނުވީ ބަޔާންނުކުރާ ހުށިކަމެވެ. އެ ބޭކަލުންގެ މެދުގައި ހިނގާދިޔަ ޚިޔާލުތަފާތުވުމުގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުން އެއްކިބާވުން ހުއްޓެވެ. ހަމައެފަދައިން އެ ބޭކަލުންނީ މީސްތަކުންގެ ތެރެއިން އެންމެ ރިވެތިވެގެންވާ ޢުޛުރު އެ ބަޔަކާމެދު ދެއްކުން އެންމެ ޙައްޤުވެގެންވާ ބޭކަލުންނެވެ. އަދި އެ ބޭކަލުންނާ މެދު ހީކުރަން ޖެހޭނީ އެންމެ ރިވެތިވެގެންވާ ގޮތަށެވެ.”

3- އިމާމް އަޙުމަދު ބިން ޙަންބަލް ރަޙިމަހުﷲ ގެ ބަސްފުޅު:

އިމާމް އަޙުމަދު ބުނު ޙަންބަލް ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް “އައްސުންނާ” ގައި ވިދާޅުވެފައިވެއެވެ. “އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ (ހުރިހާ) ޞަޙާބީންގެ ރަނގަޅު ސިފަތައް ބަޔާންކުރުމާއި، އެ ބޭކަލުންގެ މެދުގައި ހިނގާދިޔަ ޚިޔާލުތަފާތުވުމާއި ބެހޭގޮތުން ވާހަކަ ދެއްކުމުން އެއްކިބާވުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަށް ނުވަތަ އެންމެ ބޭކަލަކަށް ނަމަވެސް ބަދުބަސް ރައްދުކުރާ މީހަކީ ބިދުޢަވެރި ރާފިޟީއެކެވެ. އެ ބޭކަލުން ދެކެ ލޯބިވުމަކީ ސުންނަތެކެވެ. އަދި އެ ބޭކަލުންނަށް ދުޢާކުރުމަކީ ﷲ އަށްވެވޭ ކުއްތަންވުމެކެވެ. އެ ބޭކަލުންނަށް ތަބާވުމަކީ (ސުވަރުގެއަށް ވާޞިލުވުމަށް އޮތް) މަގެކެވެ. އަދި އެ ބޭކަލުންގެ ކިބައިން މިސާލު ލިބިގަތުމަކީ މަތިވެރިކަމެކެވެ… “

އަދިވެސް ވިދާޅުވެފައިވެއެވެ. “އެ ބޭކަލުންނަށް ކުރެވިފައިވާ ކުށްތައް ކިޔައި ހެދުމާއި އެ ބޭކަލުންގެ ޤަދަރުކުޑަކުރުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާކަމެއް ނޫނެވެ. ޙާކިމާގެ މައްޗަށް ވާޖިބުވެގެންވަނީ މިފަދަކަމެއް ކޮށްފިމީހަކަށް އިންޛާރުދީ ޢުޤޫބާތް ދިނުމެވެ. ޙާކިމާ، އެފަދަ މީހަކަށް މަޢާފުދިނުމެއް ނުވެއެވެ. އެހެނެއްކަމަކު ޖެހޭނީ އެފަދަ މީހަކަށް ޢުޤޫބާތް ދިނުމަށްފަހު ތައުބާވުމަށް އަމުރުކުރާށެވެ. އެމީހާ ތައުބާ ވެއްޖެނަމަ އެމީހާގެ ފަރާތުން އެކަން ޤަބޫލުކުރަންޖެހޭނެއެވެ. ނަމަވެސް އޭނާ ތައުބާ ނުވެއްޖެނަމަ އަލުން ޢުޤޫބާތް ތަންފީޒުކޮށް، އޭނާ ތައުބާވެ، (އޭނާކުރިން ހުރި ނުބައި ޢަޤީދާ ދޫކޮށް) ޙައްޤަށް އެނބުރި ރުޖޫޢަވަންދެން ޖަލުގައި ބަންދުކުރަންޖެހޭނެއެވެ.”

4- އިމާމް އަބޫ ޢުޘްމާން އައް ޞާބޫނީ ރަޙިމަހުﷲ ގެ ބަސްފުޅު:

އިމާމް އަބޫ ޢުޘްމާން އައް ޞާބޫނީ ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް “ޢަޤީދަތުއް ސަލަފް ވަ އަޞްޙާބިލް ޙަދީޘް” ގައި ވިދާޅުވެފައިވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންގެ މެދުގައި ހިނގާދިޔަ ޚިޔާލުތަފާތުވުމުގެ މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދެއްކުމުން އެއްކިބާވުމާއި، އެ ބޭކަލުންނަށް ޢައިބުބަސްތައް ރައްދުކުރުމާއި، ޤަދަރުކުޑަކުރުމުގެ ގޮތުން ބަސްތައް ބުނެހެދުމުން ދޫތައް ސަލާމަތްކުރުމަކީ، އެބައިމީހުން (އެބަހީ ސަލަފުއްޞާލިހުން)  ދެކޭގޮތެވެ. ﷲ ގެ ޙަޟްރަތުގައި އެ ބޭކަލުންނަށް ރަޙުމަތް ލެއްވުމަށް ދުޢާކުރުމާއި އެ ބޭކަލުންނަށް ތަބާވުމަކީވެސް އެބައިމީހުން ދެކޭގޮތެވެ.”

5- ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ބަސްފުޅު:

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް “އަލްޢަޤީދަތުލް ވާސިޠިއްޔާ” ގައި ވިދާޅުވެފައިވެއެވެ. “ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ އުޞޫލުތަކުގެ ތެރޭގައި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނާއިމެދު ހިތާއި ދޫތައް (އެ ބޭކަލުންނާއި ދޭތެރޭ ނުބައިކޮށް ހީކުރުމާއި، ބަދުބަސްތައް ރައްދުކުރުމުން) ސަލާމަތްކުރަންޖެހެއެވެ. ﷲ ގެ އާޔަތުގައި އެބައިމީހުން ސިފަކުރައްވާފައިވާ ފަދައިންނެވެ. ((رَبَّنَا اغْفِرْ لَنَا وَلإِخْوَانِنَا الَّذِينَ سَبَقُونَا بِالإِيمَانِ وَلا تَجْعَلْ فِي قُلُوبِنَا غِلاًّ لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ)) سورة الحشر : 10 މާނައީ: “އަޅަމެންގެ ވެރި ربّ ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޙަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރި ربّ ! ހަމަކަށަވަރުން އިބަ އިލާހީ ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ފަރާތެވެ.” އަދި (އެބައިމީހުންގެ އުޞޫލުތަކުގެ ތެރޭގައި) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘަށް ކިޔަމަންގަތުން ވެއެވެ. “لاَ تَسُبُّوا أَصْحَابِي فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ” މާނައީ : “ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަން (ޞަދަޤާތެއްގެ ގޮތުގައި) ހޭދަކުރިނަމަވެސް އެ ބޭކަލުންގެ ތެރެއިން ބޭކަލެއް (ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރާ) މުއްދެއްގެ މިންވަރާވެސް އެއްވަރުނުވާ ހުއްޓެވެ. (އަދި ކީއްކުރަންތޯއެވެ؟) މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރުނުވާ ހުއްޓެވެ.”

ޞަޙާބީންގެ ފަޟުލުވަންތަކަމާއި ޢިއްޒަތާ ބެހޭގޮތުން ޤުރުއާނާއި ސުންނަތާއި އިޖުމާޢުގައި އައިސްފައިވާ ބަސްފުޅުތައް އެބައިމީހުން ޤަބޫލުކުރެއެވެ. އަދި ޞަޙާބީންގެ ތެރެއިން މަތިވެރިކުރަނީ  الفتح ގެފަހުން (އެއީ ޞުލްޙަލް ހުދައިބިއްޔާ) މުދާ ހޭދަކޮށް، (ﷲ އަށްޓަކައި) ހަނގުރާމަކުރި ބޭކަލުންނަށްވުރެ، އޭގެ (އެބަހީ: الفتح) ގެކުރިން މުދާ ހޭދަކޮށް، (ﷲ އަށްޓަކައި) ހަނގުރާމަކުރި ބޭކަލުންނެވެ. އަދި އެބައިމީހުން (މަތިވެރިކުރުމުގެ ގޮތުން) އިސްކަންދެނީ އަންޞާރުންނަށްވުރެ މުހާޖިރުންނަށެވެ. އަދި އެބައިމީހުން އީމާންވާގޮތުގައި، ބަދުރު ހަނގުރާމައިގައި ބައިވެރިވެލެއްވި ބޭކަލުންނަށް(އެ ބޭކަލުންގެ ޢަދަދު ތިންސަތޭކައަށްވުރެ ގިނައެވެ.) ﷲ (ޤުދުސީ ޙަދީޘެއްގައި) ވަޙީކުރެއްވިއެވެ. “اعْمَلُوْا مَا شِئْتُمْ فَقَدْ غَفَرْتُ لَكُمْ” މާނައީ : “ތިޔަބައިމީހުން ބޭނުންގޮތަކަށް ޢަމަލުކުރާށެވެ. ފަހެ، ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުނަށް ފާފަފުއްސަވައިފީމެވެ.”[1]

(އަދި އެބައިމީހުން އީމާންވާގޮތުގައި) ގަސްދަށުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބައިޢަތު ހިފި ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ނަރަކައަށް ނުވަންނަ ހުއްޓެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ފަދައިންނެވެ. ﷲ ވަނީ އެ (ހުރިހާ) ބޭކަލުންނަށް ރުހިވޮޑިގެންފައެވެ. އަދި އެ ބޭކަލުންވަނީ އެއިލާހު (ދެއްވި ނިޢުމަތްތަކަށް) ރުހިގެންނެވެ. އެ ބޭކަލުން (އެބަހީ ގަސްދަށުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ބައިޢަތު ހިފިބޭކަލުން) ގެ ޢަދަދު ސާދަސަތޭކައަށްވުރެ ގިނައެވެ.

އެބައިމީހުން ހެކިވާގޮތުގައި ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަންތަވެރި ބޭކަލެއްކަމަށް ހެކިވެވަޑައިގެންނެވި ކޮންމެ ބޭކަލަކީ ސުވަރުގެ ވަންތަވެރިއެކެވެ. އެ ބޭކަލުންގެ ތެރޭގައި (ސުވަރުގެ ވަންތަވެރިކަމުގެ ޚަބަރު ދެއްވެވި) ދިހަ ބޭކަލުންނާއި[2] ޘާބިތު ބިން ޤައިސް ބިން ޝައްމާސް  ފަދަ ބޭކަލުންވެއެވެ.

އަދި އަމީރުލް މުއުމިނީން ޢަލީ ބުނު އަބީޠާލިބު ރަޟިޔަﷲ ޢަންހުއާ އެހެން ބޭކަލުންގެ ކިބައިން ތަވާތުރުކޮށް އައިސްފައިވާ ޙަދީޘްތަކަށް އެބައިމީހުން އިޤްރާރުވެއެވެ. (ޞަޙާބީންގެ ފަރާތުން ވާރިދުވެފައިވާ) އަޘަރުތަކުންނާއި، ޞަޙާބީން އިޖުމާޢުވެ (ޚަލީފާކަމަށް ޢަލީ ރަޟިޔަﷲ ޢަންހަށްވުރެ) ޢުޘްމާންގެފާނަށް ކުރިން ބައިޢަތު ހިފުމުން (ސާބިތުކޮށްދެނީ)، މިއުއްމަތުގެ ނަބިއްޔާ ފިޔަވައި ދެން މިއުއްމަތުގައި އެންމެ މާތްވެގެންވަނީ އަބޫބަކުރުގެފާނެވެ. ދެން ޢުމަރުގެފާނެވެ. ތިންވަނައަށް ޢުޘްމާނުގެފާނު އަދި ހަތަރުވަނައަށް ޢަލީ ރަޟިޔަﷲ ޢަންހުމްއެވެ. ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ތެރެއިން ބައެއްމީހުން (ނަބިއްޔާއަށްފަހު) އެންމެ މާތްވެގެންވަނީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ކަމަށް އިއްތިފާޤުވެއެވެ. ނަމަވެސް، މިބައިމީހުންގެ މެދުގައި ޚިޔާލުތަފާތުވެފައިވަނީ ޢުޘްމާނުގެފާނާއި ޢަލީ ރަޟިޔަﷲ ޢަންހުމާގެ ތެރެއިން އެންމެ މާތްވެގެންވަނީ ކޮންބޭކަލެއްކަމާއި މެދުއެވެ. މިބައިމީހުންގެ ތެރެއިން ބައެއްމީހުން (މާތްކަންދެނީ) ޢުޘްމާނުގެފާނަށެވެ. އޭގެފަހުގައި ހަނުހުންނެވީއެވެ. (އެބަހީ ހަތަރުވަނަ ބޭކަލެއް ވިދާޅެއްނުވެއެވެ.) ނުވަތަ ހަތަރުވަނަ ބޭކަލަކީ ޢަލީގެފާނުކަމަށް ވިދާޅުވެއެވެ. އަދި އެއިގެ ތެރެއިން ބައެއްމީހުން މާތްކަންދެނީ ޢަލީގެފާނަށެވެ. އަދި އަނެއްބައިމީހުން ތިއްބެވީ މެދުގައެވެ. (އެބަހީ ދެބޭކަލުންކުރެ އެއްވެސް ބޭކަލަކަށް އަނެއްބޭކަލެއްގެ މައްޗަށް މާތްނުކުރެއެވެ.) ނަމަވެސް ސުންނަތުގެ އަހުލުވެރިންގެ (ގިނަ ޢިލްމުވެރިން) އިޤްރާރުވެފައިވަނީ (މި ދެ ބޭކަލުންގެ ތެރެއިން މާތްވެގެންވަނީ) ޢުޘްމާނުގެފާނު ކަމަށެވެ. ދެން ޢަލީގެފާނު ކަމަށެވެ. މައްސަލަ މިގޮތަށް އޮތްނަމަވެސް، ސުންނަތުގެ އަހުލުވެރިންގެ ތެރެއިން ޖުމްހޫރު ޢިލްމުވެރިންނާ ޚިލާފުވާމީހުން ޚިލާފުވެފައިވަނީ މިމައްސަލައާމެދަކު ނޫނެވެ. އެފަދަމީހުން ޚިލާފުވެފައިވަނީ ޚިލާފަތުގެ މައްސަލާގައެވެ. އެބައިމީހުން (އެބަހީ ސުންނަތުގެ އަހުލުވެރިން) އީމާންވާގޮތުގައި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްފަހު ޚަލީފާކަން (ލިބިގެން) ވަނީ އަބޫބަކުރުގެފާނަށެވެ. އެއަށްފަހު ޢުމަރުގެފާނަށެވެ. އެއަށްފަހު ޢުޘްމާންގެފާނަށް އަދި އެއަށްފަހު ޢަލީގެފާނަށެވެ. އެ ބޭކަލުންގެ ތެރެއިން އެއްބޭކަލެއްގެވެސް ޚިލާފަތާމެދު ކުޑައިމީސް ބަހެއް ބުނެފި މީހަކީ، އެމީހުންގެ ހިމާރަށްވުރެވެސް މަގުގެއްލިފައިވާ މީހެކެވެ.

މިއަށްފަހު (ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ)، ސުންނަތުގެ އަހުލުވެރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ‘އަހުލުބައިތުން’[3] ދެކެ ލޯބިވާކަމާއި، (އަހުލުބައިތުންނާ މެދު) އެކަލޭގެފާނު ކުރެއްވި ވަޞިއްޔަތަށް (އެބަހީ: އަހުލުބައިތުންނަށް ހެޔޮކޮށްހިތުމަށް ވާރިދުވެފައިވާ ޙަދީޘްތަކަށް) އެބައިމީހުން ރައްކާތެރިވާކަމުގެ ވާހަކަ ގެންނަވާފައިވެއެވެ. އަދި އެބައިމީހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުނަށް އިޚްތިރާމްކުރާކަމާއި، އެކަނބަލުންނީ އާޚިރަތުގައިވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ކަމުގައި އީމާންވާ ވާހަކަ ގެންނެވުމަށްފަހު ވިދާޅުވެފައިވެއެވެ. “ޞަޙާބީން ދެކެ ރުޅިއަރައި އަދި ބަދުބަސް ރައްދުކުރާ ރަވާފިޟުންނާއި، އަހުލުބައިތުންނަށް ބަހުން ނުވަތަ ޢަމަލުން އުނދަގޫކުރި ނަވާޞިބުންގެ[4] ކިބައިން އެބައިމީހުން (އެބަހީ ސުންނަތުގެ އަހުލުވެރިން) ވަނީ ބަރީއަވެގެންނެވެ. އެ ބޭކަލުންގެ މެދުގައި ޖެހުނު މައްސަލައާމެދު (ވާހަކަދެއްކުމުން) އެބައިމީހުން ވަނީ ދުރުވެ އެއްކިބާވެގެންނެވެ. އަދި އެބައިމީހުން ބުނާކަމުގައިވެއެވެ. އެ ބޭކަލުންގެ މެދުގައި ހިނގާދިޔަ މައްސަލަތަކާ ބެހޭގޮތުން އައިސްފައިވާ ވާހަކަތަކުގައި ދޮގުވެއެވެ. އަދި (އެ ވާހަކަތަކަށް) ވާހަކަތައް އިތުރުކޮށްފައި، ނުވަތަ އޭގެތެރެއިން ބައެއް އުނިކޮށްފައި، ނުވަތަ އެ ވާހަކަތަކުގެ އަޞްލުން އެހެން ގޮތަކަށް ފުރޮޅާލައިފައިވާ ވާހަކަތައްވެއެވެ. މިފަދަ ވާހަކަތަކުގެ ތެރެއިން ޞައްޙަ ވާހަކަތަކާއި ބެހޭގޮތުން ދަންނައެވެ. އެ ބޭކަލުންވަނީ އިޖުތިހާދުކޮށް ޙައްޤަށް ވާޞިލުވެފައެވެ. ނޫނީ އިޖުތިހާދުކޮށް ކުށްކުރެވިފައެވެ. އެ ބޭކަލުންނީ ބޮޑެތި ފާފަތަކުންނާއި ކުދި ފާފަތަކުން މަޢުޞޫމް ވެގެންވާ ބައެއްކަމަކަށް އެބައިމީހުން އީމާނެއްނުވެއެވެ. އެހެނެއްކަމަކު އެ ބޭކަލުންނަށްވެސް އާއްމުގޮތަކަށް ބަލާއިރު ކުށްކުރެވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް އެ ބޭކަލުންނަށް ފާފައެއް ކުރެވިފައިވާނަމަ، އެ ބޭކަލުންގެ މަތިވެރިކަމާއި ފަޟުލުވަންތަކަމުން އެ ބޭކަލުންނަށް ފާފަފުއްސެވުން ލިބުންވެއެވެ. އެހެނީ، އެ ބޭކަލުންގެ ފަހުން އައި މީހުންނަށް ނުފުއްސަވާ އެތައް ފާފައެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެ ބޭކަލުންނަށް ފުއްސަވާ ދެއްވާފައެވެ. މިކަމުގެ ސަބަބަކީ އެ ބޭކަލުންގެ ފަހުން ނާންނާނެ ފަދަ، ނުބައި ފާފަތައް ފުހެލާފަދަ ހެޔޮކަންތައްތަކެއް އެ ބޭކަލުން ކިބައިގައިވެއެވެ.

ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްތަކުން ޘާބިތުވެފައިވާގޮތުގައި އެ ބޭކަލުންނީ އެންމެ ހެޔޮ ޤަރުނުގެ މީހުންނެވެ. އަދި އެ ބޭކަލުންގެ ތެރެއިން ބޭކަލަކު ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރާ މުއްދެއްގެ މިންވަރު، އެ ބޭކަލުންގެ ފަހުން އައި މީހުން ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރާ އުޙުދު ފަރުބަދަވަރުގެ ރަނަށްވުރެ މަތިވެރިވެގެންވެއެވެ.

ކަންމިހެންކުރިއިރު، އެ ބޭކަލުންގެ ތެރެއިން ބޭކަލަކަށް ފާފައެއް ކުރެވުނު ނަމަވެސް އެ ބޭކަލުން އެފާފައަށް ތައުބާވެވަޑައިގެންފައި އޮވެދާނެއެވެ. ނުވަތަ އެފާފައެއް ފޮހެލާފަދަ ހެޔޮކަމެއް ކުރައްވާފައި އޮވެދާނެއެވެ. ނުވަތަ އެ ބޭކަލުން އިސްލާމްވުމުގައި ކުރިއަރައި ދިޔުމުގެ ސަބަބުން، ނުވަތަ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތުގެ ސަބަބުން އެފާފަ ފުއްސެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ، އެ ބޭކަލުންނަކީ ޝަފާޢަތް ލިބުން އެންމެ ޙައްޤުކަން ބޮޑު ބޭކަލުންނެވެ. ނުވަތަ އެ ބޭކަލުންނަށް ދުނިޔޭގައި މުޞީބާތެއް މެދުވެރިވުމުގެ ސަބަބުން އެފާފަ ފުއްސެވުމަކީ އެކަށީގެންވާކަމެކެވެ.[5] މިއީ ހަމައެކަނި ކުރެވޭ ފާފައެއްގެ ވާހަކައެވެ. ވީއިރު، އެ ބޭކަލުން ކުރެއްވި އިޖުތިހާދެއް ވާނީ ކިހިނަކުންތޯއެވެ؟ (އެ އިޖުތިހާދު) ރަނގަޅުކަމުގައިވާނަމަ ދެ އަޖުރު ލިބޭހުއްޓެވެ. ނުބައިވެއްޖެނަމަ އެއް އަޖުރު ލިބި، އެކަމަށް ފާފަފުއްސެވޭ ހުއްޓެވެ.

ހަމައެފަދައިން، އެ ބޭކަލުންނަށް ކުރެވިފައިވާ (ނުބައި) ޢަމަލުތަކާއި، އެ ބޭކަލުންގެ ފަޟްލުވެރިކަމާއި، އެ ބޭކަލުންނަށް ކުރެވިފައިވާ ހެޔޮކަންތައްތަކާ އަޅާބަލާއިރު އެއީ ވަރަށްވެސް ކުދި ކަންތައްތަކެކެވެ. (އެ ބޭކަލުން ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި) ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އީމާންވުމާއި، އެއިލާހުގެ މަގުގައި ޖިހާދުކުރުމާއި، ހިޖުރަކުރުމާއި، (ދީނަށް) ނަޞްރުދިނުމާއި، މަންފާކުރަނިވި ޢިލްމު އުގެނުމާއި، ޞާލިޙު ޢަމަލުތައްކުރުން ވެއެވެ. އެ ބޭކަލުންގެ ސީރަތަށް ޢިލްމުވެރިކަމާއި (ޢަދުލުވެރި) ނަޒަރަކުން ކަޅިހިންގާލައިފި މީހަކަށް އެނގިގެންދާނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ބޭކަލުންނަށް ދެއްވާފައިވާ ފަޟްލުވަންތަވެރިކަމެވެ. އަދި އެފަދަ މީހަކަށް ކަށަވަރުވެގެންދާނީ އެ ބޭކަލުންނަކީ ނަބިއްޔުންނަށްފަހު (ﷲ ޚަލްޤުކުރެއްވި) އެންމެ ހެޔޮ ވެގެންވާ ޚަލްޤުކުރެއްވުން ކަމުގައެވެ. އެއީ އޭގެކުރިންވެސް އަދި އޭގެފަހުންވެސް އެފަދަ މިޘާލެއްނެތް ބޭކަލުންނެވެ. އަދި (އެފަދަ މީހަކަށް އެނގިގެންދާނީ ) އެ ބޭކަލުންނަކީ މި އުއްމަތުން ޚިޔާރުކުރެވިފައިވާ ބޭކަލުންކަމެވެ. އެހެނީ، މި އުއްމަތަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮވެގެންވާ އަދި އެންމެ މަތިވެރިވެގެންވާ އުއްމަތެވެ.”

ބަޔާންވެގެން މިދިޔައީ ރަސޫލުންނާއި ނަބިއްޔުންނަށްފަހު އެންމެ ހެޔޮވެގެންވާ ބޭކަލުންނާމެދު އަހަރެމެން ދެކެންޖެހޭ ގޮތާމެދު ސަލަފުއްޞާލިޙުންގެ ކިބައިން އައިސްފައިވާ ބަސްފުޅުތަކުގެ ތެރެއިން ފަސް މިޘާލެވެ. ﷲ އެހުރިހާ ބޭކަލުންނަށް ރުއްސުން ލައްވާށި!

________________________

[1] ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެ ބޭކަލުންނަށް ފާފަފުއްސެވުންވަނީ އާޚިރަތްދުވަހުއެވެ. ދުނިޔެމަތީގައި އެ ބޭކަލުންގެ ތެރެއިން ބޭކަލަކު ޙައްދު ޤާއިމުކުރަންޖެހޭފަދަކަމެއް ކޮށްފިކަމުގައިވާނަމަ ޙައްދު ޤާއިމުކުރަންޖެހޭނެއެވެ. އަލްޤާޟީ ޢިޔާޟް ގެކިބައިން ނަޤުލުވެފައިވެއެވެ. “(އެ ބޭކަލުންގެ މައްޗަށް) ޙައްދު ޤާއިމުކުރުމަށް ވަނީ އިޖުމާޢުވެފައެވެ. އަދި ޢުމަރުގެފާނު އެއިގެ ތެރެއިން ބައެއް ބޭކަލުންގެ މައްޗަށް ޙައްދު ޤާއިމުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ މިސްޠަޙު ރަޟިޔަﷲ ޢަންހުގެ މައްޗަށް ޙައްދު ޤާއިމުކުރެއްވިއެވެ. މިސްޠަޙު ރަޟިޔަﷲ ޢަންހުއަކީ ބަދުރު ހަނގުރާމައިގައި ބައިވެރިވެލެއްވި ބޭކަލެކެވެ.” ބައްލަވާ: ޞަޙީޙް މުސްލިމް ގެ ޝަރަޙް –  އަންނަވަވީ 6351)

[2] އެދިހަ ބޭކަލުންނަކީ އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާންގެފާނާއި، ޢަލީގެފާނާއި، ޠަލްޙަތު ބިން ޢުބައިދުﷲ އާއި، ޒުބައިރު ބިން ޢައްވާމާއި، ޢަބްދުއްރަޙުމާން ބިން ޢައުފާއި، ޢަބޫ ޢުބައިދާ އާމިރު ބިން ޖައްރާޙާއި، ސަޢްދު ބިން އަބީ ވައްޤާޞާއި ސަޢީދު ބިން ޒައިދު رضي الله عنهم أجمعين އެވެ.

[3] “فضل أهل البيت وعلوّ مكانتهم عند أهل السنّة والجماعة” ގައި عبدالمحسن بن حمد العباد البدر (حفظه الله تعالى) ވިދާޅުވެފައިވެއެވެ. “ރަސޫލުﷲ ޞައްލަاﷲ ޢަލައިހި ވަސައްލަމަގެ އަހުލުބައިތުންގެ” މުރާދާ ބެހޭގޮތުން (އައިސްފައިވާ ބަސްތަކުގެ ތެރެއިން) ޞައްޙަ ބަހަކީ، އެ ބޭކަލުންނީ އެބައެއްގެ މައްޗަށް ޞަދަޤާތް ޙަރާމް ކުރެވުނުބޭކަލުންނެވެ. އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިފަސްކޮޅެވެ. އަދި ޢަބްދުލްމުއްޠަލިބުގެ ނަސްލުން އައިސްފައިވާ މުސްލިމް ފިރިހެނުންނާއި މުސްލިމް އަންހެނުންނެވެ. އެ ބޭކަލުންނަކީ ހާޝިމް ބިން ޢަބްދުމަނާފުގެ ދަރިފަސްކޮޅެވެ.”

[4] ނަވާޞިބުންނަކީ ޚަވާރިޖުންގެ ތެރެއިންވާ ބައެކެވެ.

[5] ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَا يُصِيبُ المُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حَزَنٍ وَلاَ أَذًى وَلاَ غَمٍّ – حَتىَّ الشَّوْكَةَ يُشَاكُهَا – إِلاَ كَفَّرَ اللهُ بِهَا مِنْ خَطَايَاهُ” މާނައީ: “މުސްލިމަކަށް، އެއްވެސް ވަރުބަލިކަމެއް އަދި ވޭނެއް އަދި ހިތްހަމަނުޖެހުމެއް އަދި ހިތްމޮޅިވުމެއް އަދި ހިތާމައެއް – އަދިކިއެއްތަ؟ ގަޔަށް ކައްޓެއްވަނުން ކަމުގައިވީނަމަވެސް – އެކަމުގެ ސަބަބުން ﷲ އެމީހެއްގެ ފާފަނުފުއްސަވައި ނުދެއްވާނެގޮތަކަށް (މީއިން އެއްވެސްކަމެއް) ނުޖެހެއެވެ.” (ޞަޙީޙުލް ބުޚާރީ : ފަތުޙުލްބާރީ 5641،5642)

________________________________________________

މަރުޖިޢު:

* عقيدة أهل السنة والجماعة في الصحابة الكرام رضي الله عنهم وأرضاهم – عبدالمحسن بن حمد العباد البدر