ހަވަނަ މަރުޙަލާ: ޔަހޫދީ ދައުލަތް ވަރުގަދަކުރުމަށް މަސައްކަތްކުރުން (1948 – 1967)
ޔަހޫދީ ދައުލަތް އިޢުލާނުކުރުން
ފަލަސްޠީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތް އިޢުލާންކުރީ 1948 ވަނަ އަހަރުގެ މެއި މަހުގެ 14 ވީ ހުކުރު ދުވަހެވެ. މިއީ ޔަހޫދީ ޞުހްޔޫނީންގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. 1895 ގައި ތިއޯޑޯ ހެޓްޒުލް “ޔަހޫދީ ދައުލަތް”ގެ ނަމުގައި ލިޔުނު ފޮތުގައި ޙަޤީޤީ ކުލަ ޖެހުނު ހިސާބެވެ.
ޔަހޫދީންގެ ދައުލަތް އިޢުލާނުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ތަލް އަބީބް (Tel Aviv) ގެ ދާރުލްއާސާރުގައެވެ. އެ ރަސްމިއްޔާތަށް ގާތްގަނޑަކަށް 250 މީހުން ޙާޟިރުވިއެވެ. އެ ރަސްމިއްޔާތު ބޭއްވީ ވަރަށް ސިއްރު ގޮތެއްގައެވެ. އެއީ އިނގިރޭސީން ނުވަތަ ޢަރަބިން އެކަން ހުއްޓުވަން މަސައްކަތްކޮށްފާނެތީއެވެ. ޔަހޫދީންގެ ދައުލަތް ޤާއިމުކުރިކަމުގެ ޤަރާރު އިއްވީ އެ ދުވަހުގެ ހަވީރު 4 ޖެހިއިރު، ބެން ގޫރިއޯން (David Ben-Gurion) އެވެ. އޭނާ އެ ޤަރާރު އިއްވަން ކޮޅަށް ހުރި އިރު ފަހަތުގައި ހުރި ފާރުގައި އޭނާގެ ބޮލާ ދިމާ މަތީގައި ހުރީ ތިއޯޑޯ ހެޓްޒުލްގެ ފޮޓޯއެކެވެ. އެ ޤަރާރުގައި ޔަހޫދީ ދައުލަތުގެ ބޯޑަރު ބަޔާންކޮށްފައެއް ނުވެއެވެ. [1]
ޔަހޫދީ ދައުލަތަށް ކިޔާނެ ނަމަކާމެދު ކުރެވުނު މަޝްވަރާތަކުގައި ތަފާތު ނަންތައް ހުށަހެޅުނެވެ. އޭގެ ތެރޭގައި: “Zion”, “The Jewish State”, “Judea”, “Land of Israel”, “Yehuda” އަދި”Ever” ހިމެނެއެވެ. ބެން ގޫރިއޯން ހުށަހެޅި ނަމަކީ “Israel” އެވެ. ނަން ފާސްކުރަން ވޯޓުދިން 9 މީހުންގެ ތެރެއިން 6 މީހުންގެ ވޯޓުން ފާސްވީ “Israel” އެވެ. އަދި ޔަހޫދީ ދައުލަތުގެ ނަމެއްގެ ގޮތުގައި އިޢުލާންކުރީ “The State of Israel” އެވެ. [2]
އިސްރާއީލުގެ ނަމުގައި ޔަހޫދީ ޞުހްޔޫނީ ދައުލަތް އިޢުލާންކުރުމުން، ހަމަ އެ ދުވަހު އެމެރިކާއިން އެ ދައުލަތް ބަލައިގަތެވެ. އިނގިރޭސިވިލާތުން އެ ދައުލަތް ބަލައިގަތީ އޭގެ އެއް އަހަރު ފަހުންނެވެ. [3]
ޔަހޫދީންނާއި ބަނޫ އިސްރާއީލް
ޔަހޫދީންނޭ ކިޔަނީ މޫސާގެފާނަށް ތަބާވާކަމަށް ދަޢުވާކުރާ މީހުންނަށެވެ. ޤުރުއާނުގައި އެބައިމީހުންނަށް 4 ނަމަކުން މުޚާޠަބުކުރައްވާފައި ވެއެވެ. އެއީ:
1- قَوْمُ مُوْسى (މޫސާގެފާނުގެ ޤައުމުގެ މީހުން)
2- بَنُوْ إِسْرَائِيْل (އިސްރާއީލުގެ ދަރިން)
3- أَهْلُ الْكِتَاب (ފޮތުގެ އަހުލުވެރިން)
4- اليَهُوْد (ޔަހޫދީން)
ކީރިތި ޤުރުއާނުގައި ޔަހޫދީންގެ ނަމުން ޛިކުރުކޮށްފައިވަނީ އެބައިމީހުންގެ ނުބައިކަމުގެ ވާހަކަ ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުވަތަ އެބައިމީހުންނަށް ބަދުބަސް ވަޙީކުރައްވާފައިވާ ޙާލަތްތަކުގައި އެކަންޏެވެ. މިކަމުން ދޭހަކޮށްދެނީ އެބައިމީހުންނަށް އެ ނަން ދެވުނީ އެބައިމީހުން ﷲގެ ދީން ބަދަލުކޮށް މަގުފުރެދުމަށް ފަހުގައިކަމެވެ. والله أعلم.
އިސްރާއީލަކީ ޔަޢުޤޫބު ބުން އިސްޙާޤު ބުން އިބްރާހީމް عليهم السلام އެވެ. ބަނޫ އިސްރާއީލު ނުވަތަ އިސްރާއީލުގެ ދަރިން ނިސްބަތްވަނީ ޔަޢުޤޫބުގެފާނަށެވެ. [4] ޢިބްރާނީ ބަހުގައި إِيل އަކީ ﷲ އެވެ. އަދި إِسْرَا އަކީ އަޅެވެ. އެހެންކަމުން إِسْرَائِيْل ގެ މާނައަކީ ﷲ ގެ އަޅާއެވެ. [5]
ފަހެ ޔަހޫދީންގެ ދައުލަތަށް ބަދުބަސް ބުނާ ޙާލަތުގައި އެބައިމީހުންނަށް “އިސްރާއީލު”ގެ ނަން ބޭނުން ނުކުރުމަށް ބައެއް ޢިލްމުވެރިން ފަތުވާދެއްވާފައިވެއެވެ. ޝައިޚް ފައުޒާން [6] އަދި ޝައިޚް ޢަބްދުލްޢަޒީޒު އައްރާޖިޙީ [7] حفظهما الله އެފަދައިން ވިދާޅުވެފައި ވެއެވެ. އެއީ ޔަޢުޤޫބުގެފާނަށް އެކަން ނިސްބަތްވެދާނެތީ އެ ލަފްޒުން ދުރުހެލިވުމުގެ ގޮތުންނެވެ.
ޔަހޫދީން ދަޢުވާ ކުރާ ގޮތުގައި އެބައިމީހުންގެ ނަސްލު ސީދާ ޔަޢުޤޫބުގެފާނާ ހަމައަށް ގުޅިގެންދެއެވެ. އަދި އެބައިމީހުންގެ ނަސްލުގެ އަޞްލަކީ ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅެވެ. އެހެންކަމުން އެބައިމީހުންނަކީ ފަލަސްޠީނުގައި ދިރިއުޅުނު، އެންމެ އިހުގެ ބަނޫ އިސްރާއީލުގެ (އެބަހީ: ޔަޢުޤޫބުގެފާނުގެ 12 ދަރިކަލުންގެ ދަރިފަސްކޮޅުގެ) ވާރުތަވެރިންނެވެ. އަދި ފަލަސްޠީނުގެ ބިމުގެ ވާރުތަވެރިންނެވެ.
އެބައިމީހުން އެފަދައިން ދަޢުވާ ކުރިޔަސް، އެބައިމީހުންނަކީ ސީދާ ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅުގެ ބައެއް ނޫނެވެ. ތާރީޚުން ފެންނަށް އޮތް ގޮތުގައި މީލާދީ ގޮތުން 8 ވަނަ ޤަރުނުގައި އުޅުނު ޚަޒަރު ދަރިފަސްކޮޅުގެ މީހުން (Khazars) ޔަހޫދީންގެ ދީނަށް ވަނެވެ. އެބައިމީހުންގެ އަޞްލަކީ ތުރުކީންއެވެ. އެބައިމީހުން ދިރިއުޅުނީ މެދުތެރޭ އޭޝިޔާގައެވެ. އަދި އެބައިމީހުންގެ ދައުލަތް އޮތީ ކަޅު ކަނޑު (Black Sea) އާއި ކެސްޕިއަން ކަނޑު (Caspian Sea) ގެ ދެމެދުގައެވެ. އަދި އުތުރުން އަޛަރުބައިޖާނާއި އަރްމީނިޔާއާއި ޔޫކުރޭން އަދި ދެކުނު އޭޝިޔާގެ ސަރަހައްދުން ގޮސް މޮސްކޯއާ ހަމައަށެވެ. މި ދައުލަތް ވެއްޓުނީ ރޫސީންގެ އަތް މައްޗަށެވެ. އެބައިމީހުންގެ ބިންތަކަށް ރޫސީން ވެރިވެގަތުމުން އެބައިމީހުން އެކި ސަރަހައްދުތަކަށް ބެހިގެން ދިޔައެވެ. އެ ދައުލަތް ދުނިޔޭގެ ޗާޓުން ފުހެވިގެން ދިޔައިރު، އެބައިމީހުން ބެހިފައިވަނީ ހުޅަނގު ޔޫރަޕާއި އިރުމަތީ ޔޫރަޕަށެވެ. އެގޮތުން އެބައިމީހުންގެ ތެރެއިން ގިނަ މީހުން އެއްތަނަކަށް ޖަމާވެ ޖަމާޢަތެއްގެ ގޮތުގައި އުޅުނީ ހަންގޭރީ (Hungary) އާއި ޕޮލެންޑް (Poland) އާއި ރޯމޭނިއާ (Romania) އަދި ރޫސީވިލާތުގައެވެ. އެހެންކަމުން ތާރީޚުން ފެންނަން އޮތީ، ޔޫރަޕުގައި އުޅުނު އަޝްކަނާޒް ޔަހޫދީން (Ashkenazi Jews) އެއީ ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅާ ގުޅުން އޮތް ބައެއް ނޫންކަމަށެވެ.
އެބައިމީހުންނަކީ ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅުގެ މީހުންކަމުގައި ދަޢުވާ ކުރާ މައިގަނޑު ސަބަބަކީ މިހާރު އޮތް ބަދަލުކޮށްފައިވާ އިންޖީލުގައި އެއީ ވަޢުދެވެގެންވާ ބިމެއްކަމަށް ބަޔާންކޮށްފައިވާތީ، އެފަދައިން ދަޢުވާ ކުރުމުން ޔޫރަޕާއި އެމެރިކާގެ ނަޞާރާއިންގެ ހަމްދަރުދީއާއި ތާއީދު އެބައިމީހުންނަށް ލިބޭނެތީއެވެ. އެހެނަސް ކީރިތި ޤުރުއާނުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި އެބައިމީހުންނަށް އެބިމަށް ވަނުމަށް އަމުރުކުރެއްވުމުން އެބައިމީހުންވަނީ އެކަމަށް ފުރަގަސްދީ، މޫސާގެފާނުގެ އެ އަމުރުފުޅަށް ދެކޮޅު ހަދާފައެވެ. އެކަމުގެ ސަބަބުން އެބައިމީހުންނަށް ޢުޤޫބާތްވެސް ދެއްވުނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا قَوْمِ ادْخُلُوا الْأَرْضَ الْمُقَدَّسَةَ الَّتِي كَتَبَ اللَّهُ لَكُمْ وَلَا تَرْتَدُّوا عَلَىٰ أَدْبَارِكُمْ فَتَنقَلِبُوا خَاسِرِينَ [٢١] قَالُوا يَا مُوسَىٰ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا مِنْهَا فَإِن يَخْرُجُوا مِنْهَا فَإِنَّا دَاخِلُونَ [٢٢] قَالَ رَجُلَانِ مِنَ الَّذِينَ يَخَافُونَ أَنْعَمَ اللَّهُ عَلَيْهِمَا ادْخُلُوا عَلَيْهِمُ الْبَابَ فَإِذَا دَخَلْتُمُوهُ فَإِنَّكُمْ غَالِبُونَ ۚ وَعَلَى اللَّهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ [٢٣] الُوا يَا مُوسَىٰ إِنَّا لَن نَّدْخُلَهَا أَبَدًا مَّا دَامُوا فِيهَا ۖ فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ [٢٤] قَالَ رَبِّ إِنِّي لَا أَمْلِكُ إِلَّا نَفْسِي وَأَخِي ۖ فَافْرُقْ بَيْنَنَا وَبَيْنَ الْقَوْمِ الْفَاسِقِينَ [٢٥] قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِي الْأَرْضِ ۚ فَلَا تَأْسَ عَلَى الْقَوْمِ الْفَاسِقِينَ [٢٦]﴾ [سورة المائدة 21 – 26]
މާނައީ: “އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! މުޤައްދަސްވެގެންވާ ބިމަށް ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެއެވެ. [21] އެބައިމީހުން ދެންނެވިއެވެ. އޭ މޫސާގެފާނެވެ! ހަމަކަށަވަރުން ގަދަފަދަ ޖައްބާރު ބަޔަކު އެތަނުގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން އެބައިމީހުން އެތަނުން ނުކުމެއްޖައުމަށްދާނދެން ތިމަންމެން އެތަނަކަށް ނުވަންނާނަމެވެ. ފަހެ އެބައިމީހުން އެތަނުން ނުކުންނަނީނަމަ، ހަމަކަށަވަރުން ތިމަންމެންނީ އެތަނަށް ވަންނާނޭ ބަޔަކީމެވެ. [22] (ﷲ ދެކެ) ބިރުވެތިވާ މީހުންގެ ތެރެއިން ﷲ ނިޢުމަތްދެއްވާފައިވާ ދެމީހަކު ބުންޏެވެ. އެބައިމީހުންނާ ދިމާޔަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ! ފަހެ، ތިޔަބައިމީހުން އެރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ (އެބައިމީހުންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނީ އީމާންވެގެން ތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި ﷲ އަށް ތިޔަބައިމީހުން ވަކީލުކުރާށެވެ! [23] އެބައިމީހުން ދެންނެވިއެވެ. އޭ މޫސާގެފާނެވެ! އެބައިމީހުން އެރަށުގައި ދެމިތިބިހައިހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނަމެވެ. ފަހެ، ކަލޭގެފާނުގެ ރައްބާއި ކަލޭގެފާނު ވަޑައިގެން އެބައިމީހުންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނަމެވެ. [24] އެކަލޭގެފާނު ވިދާޅުވިއެވެ. މިއަޅާގެ ރައްބެވެ! މިއަޅާގެ އަޚާއައި މިއަޅާގެ އަމިއްލަ ނަފްސު މެނުވީ މިއަޅާއަށް މިލްކުވެގެނެއް ނުވެއެވެ. ފަހެ، ފާސިޤުވީ މީހުންނާއި އަޅަމެންނާ ދެމެދު ނިޔާ ކުރައްވައިފާނދޭވެ! [25] އެއިލާހު ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން އެކަން (އެބަހީ: މުޤައްދަސްވެގެންވާ ރަށުގެ ބިމަށް ވަނުން) އެބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ. ސާޅީސް އަހަރުވަންދެނެވެ. ދެވޭނުދެވޭ ތަނެއް ނޭނގި ބިމުގައި ބެހިގެން އެބައިމީހުން އުޅުމަށެވެ. ފަހެ، ފާސިޤުވި ޤައުމުގެ މީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! [26]”
ޔަހޫދީންނަކީ ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅުން އައި ބައެއްކަމުގައިވިޔަސް ނުވަތަ އެކަލޭގެފާނުގެ ދަރިފަސްކޮޅާ ގުޅުމެއް ނެތް ބަޔަކުކަމުގައިވިޔަސް، އެކަން މުސްލިމުންނަށް މުހިންމެއް ނޫނެވެ. ގަދަކަމުން މުސްލިމުންގެ ބިމަށް އެބައިމީހުން ވެރިވެ، އެ ބިން ފޭރިގަނެ، އެތަނުގައި ދިރިއުޅޭ މުސްލިމުންނާމެދު ޢަދާވާތްތެރިވެ، ހަނގުރާމަކުރަމުން ދާހާ ހިނދަކު އެއީ މުސްލިމުންގެވެސް ޢަދާވާތްތެރިންނެވެ. މިފަދަ ޙާލަތެއްގައި މުސްލިމުންނަށް މުހިންމުވަނީ އެބައެއްގެ ނަސްލެއް ނޫނެވެ. [8]
ޢަރަބީންނާއި ޔަހޫދީންގެ ހަނގުރާމަ (Arab–Israeli War 1948)
ފަލަސްޠީނުގެ ބިން ބައިކުރަން އދ (UN) އިން ނިންމި ހިސާބުން ފެށިގެން ޢަރަބީންނާއި ޔަހޫދީންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން ދިޔައެވެ. އެދުވަސްވަރު ޢަބްދުލްޤާދިރު އަލްޙުސައިނީގެ ޤިޔާދަތުގެ ދަށުގައި الجِهَاد المُقَدَّس ގެ ލަޝްކަރުން ބާބުލްވާދު (Sha’ar HaGai) ހިފާ އެތަނުގެ ދޮރު ބަންދުކޮށް، ޤުދުސް ޙިޞާރުކުރުމުން 115،000 ޔަހޫދީން އަމާންދޭން މަޖްބޫރުވިއެވެ. އަދި الجِهَاد المُقَدَّس ގެ ލަޝްކަރަށް އެހީވި ފައުޒީ އަލްޤާވުޤްޖީގެ ޤިޔާދަތުގެ ދަށުގައި އައީ الإِنْقَاذ العَرَبِي ގެ ލަޝްކަރެވެ. ދެބައިމީހުންގެ ދެމެދުގައި ބަދަލުކުރެވުނު ހަމަލާތަކަށް ފަހު ޔަހޫދީންގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު މަރުވެ، އެބައިމީހުން އަސްކަރީގޮތުން ވަރަށް ބަލިކަށަވިއެވެ. ނަމަވެސް ޞުހްޔޫނީންގެ ވެރިން ހުޅަނގުގެ އެހީއާއެކު އަލުން އެބައިމީހުންގެ އަސްކަރިއްޔާ ކޮޅަށް ޖަހާ، އަވަހަށް އެބައިމީހުންގެ ދައުލަތް އިޢުލާންކުރިއެވެ. ނަމަވެސް ޢަރަބީން އެކަން ބަލައެއް ނުގަތެވެ. ޔަހޫދީންގެ ދައުލަތް އިޢުލާން ކުރީ 14 މެއި 1948 ވަނަ ދުވަހުގެ ހަވީރެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ޢަރަބި ލަޝްކަރުތައް ފަލަސްޠީނުގެ ބިމަށް ވަނެވެ. އުރުދުންއާއި ސީރިޔާއާއި ލުބުނާނާއި މިޞްރު އަދި ސުޢޫދީ ޢަރަބިއްޔާގެ ލަޝްކަރުތަކެވެ.
ޢަރަބީންގެ ލަޝްކަރުތައް ފަލަސްޠީނުގެ ބިމަށް ވަތްއިރު، އެ ލަޝްކަރުގައި ތިބީ ގާތްގަނޑަކަށް 20،000 މީހުންނެވެ. ފަލަސްޠީނުގެ އަހުލުވެރިންނާއި ޔަހޫދީންނާ ދެމެދު ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި އެބައިމީހުންގެ މައްޗަށް އަތް ގަދަކޮށްގެން ތިބި ހުޅަނގުގެ ބާރުތަކުގެ ސަބަބުން، އޭރު ފަލަސްޠީނުގައި އަސްކަރީ ޙަރަކާތް އޮތީ ވަރަށް ބަލިކަށިވެފައެވެ. މިޞްރާއި ސީރިޔާގެ ލަޝްކަރުގައި ވައިގެ މަގުން ހަމަލާ ދެވޭނެ ވަސީލަތްތަކާއި އެނޫންވެސް އޭރުގެ އެންމެ ފަހުގެ ހަތިޔާރު ހުއްޓެވެ. މި ހަނގުރާމައިގެ ކުރީކޮޅުގައި ޞުހްޔޫނީންގެ ހަނތިޔާރުއެޅި ޖަމާޢަތްތައް އެއްބައިވެ އިސްރާއީލުގެ ދިފާޢީ ބާރު (Israel Defense Forces) އުފެއްދިއެވެ. ނަމަވެސް އޭރު އެބައިމީހުންގެ އަތުގައި އެންމެ ފަހުގެ ހަތިޔާރުތަކެއް ނެތެވެ. އަދި އެބައިމީހުންގެ ވަކިވަކި ޖަމާޢަތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް ހުއްޓެވެ. އެހެންކަމުން ޢަރަބީން އެބައިމީހުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއްދީ ކާމިޔާބީތަކެއް ހޯދިއެވެ. ފަހެ ޢަރަބީންގެ ސަރުކާރުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ބޮޑެތި ޤައުމުތަކުގެ ފިއްތުންތަކާ ކުރިމަތިލާން ޖެހުނެވެ. އަދި 1948 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިއެވެ.
މިކަން ވެގެންދިޔައީ ޔަހޫދީންގެ ލަޝްކަރު އިތުރަށް ވަރުގަދަކުރަން ލިބުނު ފުރުޞަތަކަށެވެ. އެގޮތުން އެބައިމީހުން ޒަމާނީ ހަތިޔާރުތައް ހޯދާ، ހަނގުރާމަވެރިންގެ ޢަދަދު އިތުރުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވިއެވެ. އަދި “އިރްގުން” އިން އިސްވެ އަމިއްލައަށް ހަތިޔާރު ގަތެވެ. ނަމަވެސް އޭރު ޔަހޫދީންގެ ދައުލަތުގެ ވެރިޔަކަށް ހުރި ބެން ގޫރިއޯން (David Ben-Gurion) “އިރްގުން” އަށް މިކަމުގައި އިތުބާރެއް ނުކުރިއެވެ. ހަތިޔާރާއި ހަނގުރާމަވެރިންނާއެކު އައި އެލްޓަލެނާ (Altalena) ކިޔާ ބޯޓު ތަލް އަބީބުގެ ކައިރީގައި އޮތްވާ ބެން ގޫރިއޯންގެ އަމުރަށް އެއަށް ބަޑިޖެހިއެވެ. އަދި ބޯޓުގައި ތިބި އެތައް ބަޔަކު މަރުވިއެވެ. [9] ޞުހްޔޫނީން އެންމެ އިސްކަން ދިނީ އެބައިމީހުންގެ ދައުލަތް ހިމާޔަތްކުރުމަށެވެ. އެކަމަށްޓަކައި ކޮންމެފަދަ ކަމެއް ކުރަން ޖެހުނުކަމުގައިވިޔަސް އެބައިމީހުން ފަހަކަށް ނުޖެހެއެވެ. އެއީ އަމިއްލަ ރައްޔިތުން މަރަންޖެހުނުކަމުގައިވިޔަސް މެއެވެ. އަމިއްލަ ރައްޔިތުން ދިފާޢުކުރުމަށް ވުރެ ދައުލަތް ދިފާޢުކުރުން އެބައިމީހުންނަށް މާ މުހިންމެވެ. މި ހަނގުރާމައިގެ ތެރޭގައިވެސް މިހަކަލަ އެތައް ކަމެއް އެބައިމީހުންގެ ފަރާތުން ފެނިފައިވެއެވެ. މިއީ އެފަދަ އެއް ކަމެވެ.
11 ޖޫންގެ އެއްބަސްވުމުގެ ދަށުން ވަގުތީގޮތުން ހަމަލާތައް ހުއްޓާލަފައި އޮތީ 28 ދުވަހަށެވެ. 9 ޖުލައި 1948 ގައި އަލުން ހަމަލާތައް ފެށިއިރު ޢަރަބީންނަށް ކުރިމަތިލާން ޖެހުނީ ނުރައްކާތެރި، ކުއްލި ހަމަލާތަކަކާއެވެ. އެހެންކަމުން އެބައިމީހުން ފަހަތަށް ޖެހި ދިފާޢުވާން މަޖުބޫރުވިއެވެ. ނަތީޖާއަކަށްވީ ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމަށް ދެވަނަ ފަހަރަށް ޢަރަބީން އެއްބަސްވުމެވެ. އެއީ އެ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހެވެ. ދެން ޔަހޫދީ ޞުހްޔޫނީންނާ ޢަރަބީންނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަތައް މެދުކަނޑާލާ، ދެބައިމީހުންގެ މެދުގައި ޞުލްޙަ ޤާއިމުކުރުމުގެ ނަމުގައި، އދ މެދުވެރިވެ އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ.
އެހެނަސް އެ ދުވަސްވަރު އިސްރާއީލުން ހިފާފައިވާ ބިންތަކަށް އުރުދުން ކޯރުން ފެން ފޯރުކުރުމަށް މަޝްރޫޢުތަކެއް ފެށުމުން ޢަރަބީންނާއި ޔަހޫދީންގެ މެދުގައި އަނެއްކާވެސް ދެކޮޅުވެރިކަން އިތުރުވިއެވެ. އެގޮތުން އެ ދުވަސްވަރު ހިނގި ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
- ހަނގުރާމަ މެދުކަނޑާލުމަށް އިސްރާއީލުން ޢަރަބި ޤައުމުތަކާއެކު 1949 ވަނަ އަހަރު ވީ އެއްބަސްވުންތައް (1949 Armistice Agreements)
1949 ވަނަ އަހަރު އިސްރާއީލުން މިޞްރާއި ލުބުނާނާއި އުރްދުން އަދި ސީރިޔާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. އެއީ އެ ޤައުމުތަކާ އިސްރާއީލާދެމެދު ހަމަނުޖެހުންތައް ރަސްމީކޮށް ނިމުމަކަށް ގެނައުމުގެ ގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކެކެވެ. 1947 ވަނަ އަހަރު އދ އިން ޔަހޫދީންނަށް ދީފައިވަނީ ފަލަސްޠީނުގެ ބިމުގެ 56 ޕަސެންޓެވެ. ނަމަވެސް މި އެއްބަސްވުންތަކުގައި ސޮއިކުރިއިރު، ޞުހްޔޫނީންވަނީ ފަލަސްޠީނުގެ ބިމުގެ 77 ޕަސެންޓު ފޭރިގެންފައެވެ. އަދި އެބައިމީހުން ފޭރިގެންފައިވާ ބައި އެއީ އެބައިމީހުންގެ ބާރުގެ ދަށުގައިވާ ތަންތަންކަމުގައި ކަނޑައަޅާ، ފަލަސްޠީނުގެ ޗާޓު އަލުން ކުރެހިއެވެ. ޞުހްޔޫނީންގެ ބާރުގެ ދަށުގައިވާ ބައިކަމުގައި ކަނޑައަޅާ ކުރެހި ރޮނގަށް Green Line ، pre 1967 border އަދި 1949 Armistice border ވެސް ކިޔައެވެ. މި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވަނީ Armistice Demarcation Line ގެ ބޭނުމަކީ ކޮންމެ ޤައުމެއްގެ އަސްކަރިއްޔާއިން ތިބެންވީ ހިސާބު ކަނޑައެޅުންކަމުގައެވެ.
މި އެއްބަސްވުންތަކުގައިވާ ފާހަގަކޮށްލެވޭ ނުކުތާތައް
* މިޞްރު – އިސްރާއީލު އެއްބަސްވުމުގައިވަނީ އައްނަޤަބު ސަހަރާއާ މިޞްރާ ދެމެދުގައިވާ ޢައުޖާ އަލްޙަފީރު (Auja al-Hafir) އަކީ ހަތިޔާރުއެޅި އެއްވެސް ބަޔަކު ތިބުން މަނާ (demilitarized) ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި އެއާއެކުގައި ޣައްޒާ އޮންނާނީ މިޞްރުގެ ދަށުގައިކަމުގައި ކަނޑައެޅުމަށެވެ. ނަމަވެސް ފާލޫޖާ (al-Faluja) ގައި ތިބި މިޞްރުގެ އަސްކަރިއްޔާއިން އެތަނުން ފޭބުމަށް އަންގާފައިވެއެވެ. [10]
* ލުބުނާން – އިސްރާއީލު އެއްބަސްވުމުގައިވަނީ ދެ ޤައުމުގެ އަސްކަރިއްޔާއިން ތިބެންވާނީ މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ރޮނގާ ހަމައިގައިކަމާއި ދެ ޤައުމުންވެސް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް އެ ރޮނގު ހުރަސްކުރުމަކީ މަނާކަމެއް ކަމުގައެވެ. [11]
* އުރުދުން – އިސްރާއީލު އެއްބަސްވުމުގައިވަނީ އިރުމަތީ ޤުދުސްގައި ތިބި އުރުދުންގެ އަސްކަރިއްޔާއަށް އެތަނުގައި ތިބެވޭނެކަމުގައެވެ. އަދި ޝާރޫން އައްސޭރީގައި (Sharon plain ގައި) ތިބި އުރުދުންގެ އަސްކަރިއްޔާ އެތަނުން ފޭބުމަށާއި އިރާޤުގެ އަސްކަރިއްޔާއިން ތިބި ތަންތަނާ އުރުދުންއިން ހަވާލުވުމަށް އެއްބަސްވެފައިވެއެވެ. އުތުރުން ޤަލްޤީލިޔާ (Qalqilya) އާއި ތޫލްކަރަމް (Tulkarm) އަދި ޖިނީން (Jenin) ހިމެނޭ ސަރަހައްދު އަދި ދެކުނުން އަލްޚަލީލު (Hebron) ހިމެނޭ ސަރަހައްދު އޮންނާނީ އުރުދުންގެ ދަށުގައެވެ. އެއީ މިހާރު ހުޅަނގު އައްސޭރި (West Bank) އެވެ. ނަމަވެސް ވާދީ ޢާރާ (Wadi Ara) އާއި ޝާރޫން އައްސޭރީގެ އިރުމަތީގައި އޮންނަ މުޘައްލަޘް (Little Triangle) އޮންނާނީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. [12]
* ސީރިޔާ – އިސްރާއީލު އެއްބަސްވުމުގައިވަނީ ޢައިން ޖައިފް (Ein Gev) އާއި އަލްދިރްދާރާ (Al-Dirdara) ހިމެނޭ ސަރަހައްދަކީ ހަތިޔާރުއެޅި އެއްވެސް ބަޔަކު ތިބުން މަނާ (demilitarized) ތަނެއްގެ ގޮތުގައި ކަނޑައަޅާފައެވެ. [13]
ޢަރަބިން ވަނީ މި އެއްބަސްވުމަށް ތަބާވެފައެވެ. ނަމަވެސް އާދައިގެ މަތިން ޔަހޫދީ ޞުހްޔޫނީންވަނީ އެކި ފަހަރު މަތިން މި އެއްބަސްވުންތަކާ ޚިލާފުވެފައެވެ. އެހެންކަމުން އިސްތިޢުމާރީ ބާރުތަކުން އަލުން އެހެން އެއްބަސްވުމަކަށް ދާން ނިންމިއެވެ.
- އިސްތިޢުމާރީ ތިން ބާރުން 1950 ގައި ނިންމި ނިންމުން (Tripartite Declaration of 1950)
މި ނިންމުމަށް Tripartite Agreement ވެސް ކިޔައެވެ. އެމެރިކާއާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ގުޅިގެން ހެދި މި އެއްބަސްވުމުގައި އެ ތިން ޤައުމުން ސޮއިކުރީ 1950 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހެވެ. އެއީ 1949 ވަނަ އަހަރު އދ އާއެކު އިސްރާއީލާއި ޢަރަބި ޤައުމުތަކުން ވީ އެއްބަސްވުންތަކާ އެކުގައިވެސް މެދުއިރުމަތީގައި ޞުލްޙަ ޤާއިމުނުވާތީ، އެ އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ އިންތައް (ބޯޑަރުތައް) ކަށަވަރުކުރުމު ގޮތުންނެވެ. އަދި ޔަހޫދީ ދައުލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން އެބައިމީހުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތުގައި ޢަރަބީންގެ ބިމުގައި ވެރިކަންކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. އެއީ މެދުއިރުމަތީގެ ހަމަ ނުޖެހުމަކީ އެ ޤައުމުތަކުގެ އިޤްތިޞާދަށްވެސް އަސަރުކުރާކަމަކަށް ވުމުންނެވެ.
އެ އެއްބަސްވުމުގައިވަނީ ޢަރަބި ޤައުމުތަކާއި އިސްރާއީލުގެ އަސްކަރިއްޔާގެ ހަތިޔާރާއި އަސްކަރީ ބާރު ވަކި ހައްދެއްގައި ހިފަހައްޓަން ޖެހޭނެކަމުގައެވެ. އަދި އެބައިމީހުންނަށް ހަތިޔާރު ވިއްކުމުގައި ތިން ޤައުމުންވެސް އެކަމަށް ރިއާޔަތްކުރަން ޖެހޭނެކަމުގައެވެ. [14] ނަމަވެސް އެބައިމީހުންގެ ޙަޤީޤީ ބޭނުމަކީ އިސްރާއީލުގެ އަސްކަރިއްޔާއަކީ ހުރިހާ ޢަރަބި ޤައުމުތަކުގެ އަސްކަރިއްޔާއަށްވުރެވެސް ވަރުގަދަ އަސްކަރިއްޔާއަކަށް ހެދުމެވެ. އެގޮތުން ފަރަންސޭސި ވިލާތުން 1950 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ސިއްރުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީފައިވެއެވެ. އެބައިމީހުން އެކަން ކޮށްފައިވަނީ އެމެރިކާއިން ހިތްވަރުދީގެން، އެމެރިކާގެ އެހީއާވެސް އެކުގައެވެ. މިއީ އެބައިމީހުން އަމިއްލައަށް ހެދި އެއްބަސްވުމާ ވެސް ޚިލާފަށް ކުރިކަމެކެވެ. [15]
މި ތިން ޤައުމުން އަސްކަރީ ހަތިޔާރު ވިއްކާނެ މިންވަރެއް ކަނޑައެޅިކަމުގައިވިޔަސް، ރޫސީވިލާތުން އިސްރާއީލަށް ކޮށްދިނީ އެއަށްވުރެ މުހިންމު ކަމެކެވެ. އެއީ އަސްކަރީ ތަމްރީނުތައް ދިނުމެވެ.
- 1952 ގައި ޖަނުމަނުވިލާތާއި ޔަހޫދީ ދައުލަތުން އެއްބަސްވި އެއްބަސްވުން (Reparations Agreement between Israel and the Federal Republic of Germany)
މި އެއްބަސްވުމަކީ 1940 ގެ އަހަރުތަކުގެ ކުރީކޮޅު ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުވިލާތުގެ ނާޒީން ޔަހޫދީންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކުގެ ބަދަލު ހޯދުމަށް ހުޅަނގު ޖަރުމަނާއެކު އިސްރާއީލުގެ ސަރުކާރުން ސޮއިކުރި އެބަސްވުމެކެވެ. މި އެއްބަސްވުމަށް Reparations Agreement ނުވަތަ Luxembourg Agreement ވެސް ކިޔައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ 1952 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޖަރުމަނުވިލާތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ކޮންރަޑް އަޑެނަވާ (Konrad Hermann Joseph Adenauer) އެވެ. އަދި ޖަރުމަނުވިލާތުގެ ޤާނޫނުހަދާ މަޖުލިހުން މި އެއްބަސްވުން ފާސްކުރީ 1953 ވަނަ އަހަރުގެ މާޗު މަހުގައެވެ.
މި އެއްބަސްވުމާ ގުޅިގެން އިސްރާއީލުގެ ޔަހޫދީންގެ މެދުގައި ދެބަސްވުންތަކެއް ހިނގާދިޔައެވެ. އިސްރާއީލުގެ ސަރުކާރުގައި އިސްކޮށް ތިބި ޞުހްޔޫނީން ބުނަމުން ދިޔައީ މިއީ ޖަރުމަނުވިލާތުން އަނިޔާވެރިކަމާއެކު މަރާލި ޔަހޫދީންނާއި ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަން ޖެހުނު ޔަހޫދީންގެ އަތުން ގެއްލުނު މުދަލާއި ފައިސާގެ ބަދަލު ހޯދުމުގެ ގޮތުންވާ އެއްބަސްވުމެއްކަމުގައެވެ. އަދި އެ ފައިސާ ބޭނުންކުރާނީ އިސްރާއީލުގެ އިޤްތިޞާދު ބިނާކޮށް އެބައިމީހުންގެ ދައުލަތް އާރާސްތުކޮށް ތަރައްޤީކުރުމަށް ކަމުގައެވެ. ނަމަވެސް މި ކަމާ އިދިކޮޅު މީހުން ބުނަމުން ދިޔައީ މި އެއްބަސްވުމަކީ ޖަރުމަނުވިލާތާއި އިސްރާއީލު ޞުލްޙަވެ، އެބައިމީހުންގެ އަނިޔާވެރި ޢަމަލުތަކަށް މާފުދިނުމުގެ އެއްބަސްވުމެއްކަމުގައެވެ.
ދެން އެއަށް ފަހު، ފަލަސްޠީނުގެ ބިމުގައި ޔަހޫދީން ޤާއިމުވެ ތިބުމަށް އެހީތެރިވުމުގައި ޔޫރަޕުގެ ބާރުގަދަ ޤައުމުތަކާއެކު ހުޅަނގު ޖަރުމަނުވެސް ދެމިއޮތެވެ. އެ ގޮތުން، އޭގެ އަހަރުތަކެއް ފަހުން 1960 ވަނަ އަހަރު ކޮންރެޑް އަޑެނަވާ އިސްރާއީލާއެކު އެމެރިކާގެ ނިއުޔޯކްގައި ސިއްރު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެއީ އެމެރިކާގެ ރައީސްގެ އެދުމުގެ މަތިން ޖަރުމަނުވިލާތުން އިސްރާއީލަށް ނިއުކްލިއަރ ހަތިޔާރު ފޯރުކޮށްދިނުމުގެ އެއްބަސްވުމެކެވެ.
- އުރުދުން ވާދީގެ ފެނުގެ މަޝްރޫޢު (Jordan Valley Unified Water Plan)
މިއީ އުރުދުން ކޯރުން ދެމިގެން އަންނަ ފެން، އެތަނުގެ ވަށައިގެންވާ ޢަރަބި ޤައުމުތަކާއި ޔަހޫދީ ދައުލަތުން ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން 1953 ވަނަ އެމެރިކާގެ ރައީސް އެއިޒެންހޯވަރ (Dwight David Eisenhower) ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢަށް Johnston Plan ވެސް ކިޔައެވެ. އެއީ މަޝްރޫޢާ ހަމާލުވެ އިސްކޮށް ހުރި އެރިކް ޖޯންސްޓަން (Eric Allen Johnston) އަށް ނިސްބަތްކޮށެވެ. މި މަޝްރޫޢު ކުރިއަށް ދިޔައީ 1953 އިން 1955 އަށެވެ. މި މަޝްރޫޢަކީ ޞުހްޔޫނީންގެ މަޞްލަޙަތު ހުރި މައިގަނޑު ތިން ކަމެއް ޙާޞިލުކުރުމަށް ފެށިކަމެކެވެ. އެއީ:
- އުރުދުން ކޯރުގެ ފެން ޢަރަބީންނާއި ޔަހޫދީންގެ މެދުގައި ބެހުން.
ޞުހްޔޫނީން ބޭނުންވީ ނަޤަބު ސަހަރާގައި 3 މިލިއަން ޔަހޫދީން އާބާދުކުރާށެވެ. ނަމަވެސް އުރުދުން ކޯރުގެ ފެނުގެ ބޮޑު ބައެއް ލިބިގެން ނޫނީ ހަނަފަސް ސަހަރާއެއްގައި މީހުން އާބާދުކުރުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ފެން ބަހާނެ މިންވަރުވަނީ ކަނޑައަޅާފައެވެ. ފެން ބެހުމަށް ކަނޑައަޅާފަ އޮތީ:
– ސީރިއާ: 10 ޕަސެންޓް
– ލުބުނާން: 10 ޕަސެންޓް
– އުރުދުން: 40 ޕަސެންޓް
– އިސްރާއީލް: 40 ޕަސެންޓް
- 1950 ގެ އެއްބަސްވުންތަކުގައި ވާ ވަގުތީ ބޯޑަރުތައް އިތުރަށް ކަށަވަރުކޮށް ޔަހޫދީންގެ ދައުލަތް ބޮޑުކުރުން.
ޞުހްޔޫނީން ފޭރިގަތް ބިން ކަށަވަރުކުރުމުގެ ގޮތުން އެބައިމީހުން ބޭނުންވީ ޔަހޫދީންގެ ބިމުގެ ވަށައިގެން، ޢަރަބިންގެ ބިމާ އެބައިމީހުންގެ ބިމުގެ ދެމެދުގައި 200 މީޓަރުގެ ހުސް ބިމެއް ބާއްވާށެވެ.
- ޢަރަބީންނާއި ޔަހޫދީން އެއްމޭޒެއްގެ ދޮށުގައި ތިބެ އެބައިމީހުންގެ މެދުގައިވާ ޚިލާފުތައް ހައްލުކުރުން.
އިސްލާމީ ތާރީޚުން ފެންނަން އޮތީ ޔަހޫދީންނަކީ އަބަދުވެސް ޢަހުދު އުވާލާ ބައެއްގެ ގޮތުގައެވެ. ޞުހްޔޫނީ ޔަހޫދީން ތިބީ ބޭއިންސާފުން އަނިޔާވެރިކަމާއެކު ފަލަސްޠީނުގެ ބިން ފޭރިގަނެގެނެވެ. އެފަދަ ބަޔަކާއެކު އަނެއްކާވެސް އެއްބަސްވުމެއް ހަދައިގެން ކުރިއަށް ދެވިދާނެކަމަށް ޤަބޫލުކުރާނީ ކިހިނެތް ހެއްޔެވެ! އެހެންކަމުން ޢަރަބީން މި މަޝްރޫޢާ ދެކޮޅު ހެދިއެވެ. އެހެނަސް ޔަހޫދީ ޞުހްޔޫނީން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިއެވެ. ނަމަވެސް މަޝްރޫޢު ކާމިޔާބު ނުވެ 1955 ވަނަ އަހަރު އެކަން ހުއްޓާލިއެވެ.
ނަކްބާ
ޢަރަބި ބަހުގައި نَكْبة ގެ މާނައަކީ ބޮޑުވެގެންވާ މުޞީބާތެވެ. ފަލަސްޠީނުގެ ޤަޟިއްޔާގައި “ނަކްބާ” އޭ ކިޔަނީ 1948 ގައި ޔަހޫދީން އަނިޔާވެރިކަމާއެކު ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ގެތަކާއި، އެބައިމީހުންގެ ބިމުން ނުކުތުމަށް މަޖުބޫރުކުމާއި، އެކަމާ ގުޅިގެން އެބައިމީހުންނަށް ކުރިމަތިލާން ޖެހުނު ނިކަމެތިކަމާއި، ހިތްދަތިކަމާ އަދި ދަތި އުނގަދޫ ޙާލަތަށެވެ. [16]
1948 ވަނަ އަހަރު ޢަރަބީންނާއި ޔަހޫދީންނާ ދެމެދު ކުރެވުނު ހަނގުރާމަ ނިމުނު އިރު ޔަހޫދީން ވަނީ ފަލަސްޠީނުގެ ބިމުގެ 77 ޕަސެންޓު ފޭރިގަނެފައެވެ. މި ހަނގުރާމައިގެ ތެރޭގައި އެބައިމީހުން ފޭރެމުން ދިޔަ ބިންތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ގެތަކާއި އެބައިމީހުންގެ ރަށް ދޫކޮށް ދާން މަޖުބޫރުކުރިއެވެ. އަދި އެތައް ދަނޑުބިންތަކަކާއި އެތައް ރަށްތަކެއް ހަލާކުކޮށް ސުންނާފަތިކުރިއެވެ. އަމިއްލަ ދަނޑުބިންތަކުގައި ދަނޑުވެރިކަން ކުރަމުންދިޔަ ދަނޑުވެރިން އެ ދަނޑުތަކުން ބޭރުކުރިއެވެ. އަމިއްލަ މަސައްކަތުން ހަދާފައިވާ ގެތަކުގައި ތިބި މީހުން ޖެހިގެން އައި ދުވަހު ތިބެން ޖެހުނީ އަމިއްލަ ގެދޮރު ނެތް ރެފިއުޖީންގެ ގޮތުގައި ފޭލިގެތަކުގައެވެ.
ޔަހޫދީންގެ ލަޝްކަރުން ދައިރު ޔާސީން (Deir Yassin) އަށް ވަދެ، އެ ރަށުގެ އެތައް ބަޔަކު މަރާ ޤަތުލުޢާންމު ހިންގިއެވެ. އަދި ލުބުނާނުގެ ބޯޑަރު ކައިރީގައިވާ ރަށްތަކުގައިވެސް އެތައް ބަޔަކު މަރާ ގެތައް ތަޅާ ސުންނާފަތިކޮށް، އެ ރަށްތަކުގެ އަހުލުވެރިން އެ ރަށްތަކުން ނުކުތުމަށް މަޖުބޫރުކުރިއެވެ. އަދި ލުއްދު (Lydda / Lod) ގެ މިސްކިތަކަށް ވަދެ އެތައް ސަތޭކަ އާންމުން މަރާ، ޤަތުލުޢާންމު ހިންގާ، ލުއްދާއި ރަމްލާ (Ramla) ގެ އަހުލުވެރިން ރަށުން ނުކުތުމަށް މަޖުބޫރުކުރީ ބަރަކާތްތެރި ރަމަޟާން މަހުގައެވެ. އެއީ ހޫނު މޫސުމުގެ ހޫނުގަދަ ދުވަހެކެވެ. އެބައިމީހުންގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ގަދަ ހޫނުގައި އެތައް މޭލަކަށް ހިނގަން ޖެހުނެވެ. [17]
މި ނޫން އެހެން ރަށްތަކާއި އަވަށްތަކުގައިވެސް އެތައް ޢާންމުންނެއް މަރާ، ގެތައް ހަލާކުކޮށް، އެ ރަށްތަކުގެ އަހުލުވެރިން އެބައިމީހުންގެ ގެތައް ދޫކޮށް ދާން މަޖުބޫރު ކުރިއެވެ. އަދި އެތައް ރަށެއް ހަލާކުކޮށް ސުންނާފަތިކުރިއެވެ.
ޔަހޫދީން އަދި އެވަރުން ފުއްދާލީކީ ނޫނެވެ. މި ހަނގުރާމައިގެ ތެރޭގައި ޔަހޫދީން ހިންގި އަނެއް ޖަރީމާއަކީ ތައިފޮއިޑާއި ޓައިފަސް އާއި މެލޭރިޔާ ޖައްސާ ޖަރާސީމުތަކުން ފަލަސްޠީނުގެ އަހުލުވެރިން ބޯ ފެން ނަގާ ފެންވަޅުތައް ތަޣައްޔަރުކުރުމެވެ. އަދި މީގެ އިތުރުންވެސް ޔަހޫދީންވަނީ ފަލަސްޠީނުގެ އަހުލުވެރިންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގާފައެވެ. [18]
1956 ވަނަ އަހަރު މިޞްރުގެ ސައިނާގައި ކުރެވުނު ހަނގުރާމަ (Second Arab–Israeli war)
ސުވޭޒް ކެނަލްގެ ކަންތައް ބަލަހައްޓާ ކުންފުނި (Suez Canal Company) އޮތީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައެވެ. 1956 ވަނަ އަހަރުގެ ޖުލައި މަހު މިޞްރުގެ ރައީސް ޖަމާލް ޢަބްދުއްނާޞިރު، އެ ކުންފުންޏަކީ ޤައުމީ ކުންފުންޏަކަށް ހެދިއެވެ. ސްވޭޒް ކެނަލަކީ ހުޅަނގުގެ ޤައުމުތަކަށް އިޤްތިޞާދީ ގޮތުން މުހިންމު ތަނެކެވެ. އެހެންކަމުން މިކަމާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ހިތްހަމަނުޖެހުމުން އިސްރާއީލާއެކު މިޞްރަށް އެއްގަމު މަގުން ހަމަލާދޭން އެބައިމީހުން ނިންމިއެވެ. މި ހަނގުރާމައަށް Suez Crisis ، Tripartite Aggression އަދި Sinai War ވެސް ކިޔައެވެ.
މި ހަނގުރާމައިގައިގެ މައިގަނޑު މަޤްޞަދަކީ ސުވޭޒް ކެނަލާއި ޣައްޒާ އަދި ސައިނާގެ ބައެއް އެބައިމީހުންގެ ބާރުގެ ދަށަށް ގެންދިއުމެވެ. ނަމަވެސް މި ތިން ޤައުމުން މި ހަނގުރާމައާ ކުރިމަތިލީ ކޮންމެ ބައެއްގެވެސް އަމިއްލަ އެދުންތަކަކާ އެކުގައެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ބޭނުންވީ ޖަމާލު ޢަބްދުއްނާޞިރު ވެރިކަމުން ދުރުކުރާށެވެ. މިޞްރުން އޮތީ ޚަލީޖުލް ޢަޤަބާ (Gulf of Aqaba) އަށް ދެވޭ މަގު (Straits of Tiran) ބޭނުންކުރުން އިސްރާއީލަށް މަނާކޮށްފައެވެ. އެހެންކަމުން އިސްރާއީލުން ބޭނުންވީ އެބައިމީހުންގެ ބޯޓުތަކަށް އެ މަގު އަލުން ހުޅުވާށެވެ. އޭރުން އެކަން ވެގެންދާނީ އިސްރާއީލުގެ ދެކުނު ބޯޑަރުގެ ސަރަހައްދު ތަރައްޤީކުރުމަށް ލިބޭ ފުރުޞަތަކަށެވެ. އެހެން އެކަން ވެއްޖެނަމަ އެއީ ޢަރަބީންނަށް ލިބޭނެ ނިކަމެތިކަމެއްކަމުގައި އެބައިމީހުން ދެކުނެވެ.
އޭގެ ދުވަސްކޮޅެއް ކުރިން މިޞްރުންވަނީ އެއްގަމު މަގުންނާއި ކަނޑު މަގުން އަދި ވައިގެ މަގުން ހަނގުރާމަކުރުމަށް ބޭނުންކުރާނެ ފަހުގެ ހަތިޔާރު ރޫސީވިލާތުން ގަނެފައެވެ. މިއީވެސް އިސްރާއީލުން މި ހަނގުރާމައަށް ވަންނަން ބޭނުންވި ސަބަބެކެވެ. ހަމައެއާއެކު މިޞްރާއި އުރުދުންއާއި ސީރިއާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ހަމަލާދީފާނެތީ އެބައިމީހުން ޖެހިލުންވިއެވެ. އެހެންކަމުން އެފަދަ ހަތިޔާރު މިޞްރުގެ އަތުގައި ހުރުމަކީ އިސްރާއީލުގެ ދައުލަތަށް އޮތް ނުރައްކަލެއްކަމުގައި އެބައިމީހުން ދެކުނެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ދެ ލަޝްކަރަކީ ފަހުގެ ހަތިޔާރާއި ވަރުގަދަ ތަމްރީނު ލިބިފައިވާ ސިފައިން ތިބި ދެ ލަޝްކަރެވެ. އިސްރާއީލުން އެކަނި ހަނގުރާމައަށް ނުކުރުމަށް ވުރެ އެބައިމީހުންނާއެކު ހަނގުރާމައަށް ނުކުތުމަކީ ޔަހުދީންނަށް ފައިދާ ހުރި ގޮތެއްކަމުގައިވެސް އެބައިމީހުން ދެކުނެވެ. އަދި އިސްރާއީލުގެ ދިފާޢީ ބާރަކީ އޭރު މެދުއިރުމަތީ އޮތް އެންމެ ވަރުގަދަ ލަޝްކަރެވެ. މިޞްރާމެދު ދަންނައެވެ. އެ ދުވަސްވަރު އެބައިމީހުންނަށް ކުރިމަތިވެފައި އޮތް ގޮންޖެހުމަކީ އަސްކަރީ ބާރެއް ނޫނެވެ. ނަމަވެސް ސިޔާސީ ގޮތުން ޤައުމު ބައިބައިވެފައި އޮތުމެވެ.
މި ހަނގުރާމައިގައި އިސްރާއީލުގެ ދިފާޢީ ބާރުން ޣައްޒާއާއި މިޞްރުގެ ސައިނާއަށް ވަދެގަތެވެ. އަދި ޣައްޒާގައި މިނިވަންކަމަށް ހަނގުރާމަކުރަންދިޔަ ފަލަސްޠީނުގެ ފިދާއީން ބަލިކުރިއެވެ.
މި ހަނގުރާމައިގައި ނަތީޖާތަކުގެ ތެރެއިން މައިގަނޑު 3 ކަމެއް ފާހަގަކޮށްލެވެއެވެ. އެއީ:
- ފަލަސްޠީނުގެ ފިދާއީން އިސްރާއީލަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓުމަކަށް ގެނެސް ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިއުން.
- އިސްރާއީލުން އެފްރިކާއަށް ދަތުރުކުރުމަށް ޚަލީޖުލް ޢަޤަބާ (Gulf of Aqaba) އަށް ދެވޭ މަގު (Straits of Tiran) ހުޅުވާލުން.
- މި ހަނގުރާމައަށް ފަހުގައި މިޞްރާއި އިސްރާއީލުގެ ބޯޑަރު ބެލެހެއްޓުމަށްޓަކައި އދ އިން United Nations Emergency Force (UNEF) ނަމުގައި އަސްކަރީ ފައުޖެއް އެކުލަވާލުން.
ހަނގުރާމަ ފެށިތާ ތިން މަސް ފަހުން، އެ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެމެރިކާއިން އެދިގެން އދ ގެ ސަލާމަތާބެހޭ މަޖުލިސް (Security Council) ގެ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި އެމެރިކާއިން ހުށަހެޅީ އިސްރާއީލުގެ ލަޝްކަރު، 1949 ވަނަ އަހަރު ކަނޑައެޅި ވަގުތީ ބޯޑަރު (armistice lines) ގެ ފަހަތަށް ޖެހުމަށް ގޮވަލާ ޤަރާރެއް ފާސްކުރުމަށެވެ. ނަމަވެސް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން މިކަން ވީޓޯކުރިއެވެ.
1956 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި އދ އިން ނިންމީ އިސްރާއީލާ މިޞްރާ ދެމެދު ޞުލްޙަ ޤާއިމުކޮށް ދެބައިމީހުން އިތުރު ހަމަނުޖެހުމަކަށް ދިއުން ހުއްޓުވުމުގެ ގޮތުން United Nations Emergency Force (UNEF) ގެ ނަމުގައި އަސްކަރީ ފައުޖެއް އެކުލަވާލަށެވެ. އަދި މި ފައުޖު އިސްރާއީލާއި މިޞްރުގެ ބޯޑަރުގެ ދެ ފަޅީގައިވެސް ބޭއްތިއްބުމަށެވެ. ނަމަވެސް 1949 ގެ ބޯޑަރު ބަލައިގަންނަން އިސްރާއީލުން ދެކޮޅު ހެދިއެވެ. އަދި ފަހަތަށް ނުޖެހޭނެކަމުގައި ބުންޏެވެ. އަދި އިސްރާއީލާވީ ފަޅީގައި ނުވަތަ އިސްރާއީލުން ހިފާފައިވާ ބިންތަކުގައި އދ ގެ އަސްކަރިއްޔާ ބޭތިއްބުމަށްވެސް ދެކޮޅުހެދިއެވެ. އެހެންކަމުން އދ ގެ އަސްކަރިއްޔާ ތިބީ ބޯޑަރުގެ މިޞްރާވީ ފަޅީގައި، ސައިނާގައި އެކަންޏެވެ.
މިކަންކަމާ ގުޅިގެން ބައެއް މީހުން ބުނަމުން ދިޔައީ އދ އުފެއްދި ޙަޤީޤީ މަޤްޞަދު ގެއްލިއްޖެކަމުގައެވެ. އެހެނީ އދ އުފެއްދި ޙަޤީޤީ ބޭނުމަކީ ދުނިޔޭގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމެވެ. އެހެންކަމުން ވަކި ބައެއް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ދޫކޮށްލުމަކީ އިންސާފެއް ނޫން ކަމުގައި އެބައިމީހުން ބުނަމުން ދިޔައެވެ. [19]
އުރުދުން ކޯރުގެ ފެނާ ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތައް
އުރުދުން އާއި ސީރިއާ އަދި އިސްރާއީލު ހިމެނޭ ސަރަހައްދުގައި، އުރުދުން ކޯރާ ގުޅިފައިވާ ކޯރުތަކުގެ ފެން ބޭނުންކުރުމުގައި ޢަރަބީންނާއި ޔަހޫދީންނާ ދެމެދު ދެބަސްވުންތައް ހިނގިއެވެ. އިސްރާއީލުން ބޭނުންވީ އުރުދުން ކޯރުގެ ފެން ކޯރު ކަނޑައިގެން ނަޤަބު ސަހަރާއާ ހަމައަށް ފޯރުވާށެވެ. އެއީ އަލަށް ހިޖުރަކުރާ މީހުން ގެނެސް އެ ސަހަރާ އާބަދުކުރުމަށްޓަކައެވެ. ޖޯންސްޓަން މަޝްރޫޢު ފަދައިންނެވެ. އެއީ ޢަރަބި ޖަޒީރާ (Arabian Peninsula) އާއި ނީލަ ކޯރުގެ ވާދީ ފަދައިން ނަޤަބު ސަހަރާއަކީ ޔަހޫދީންގެ މައި މަރުކަޒަކަށް ހެދުމަށްޓަކައެވެ.
އެގޮތުގެ މަތިން ޠަބަރިއްޔާ ކޯރު (Lake Tiberias / Sea of Galilee) ގެ ފެން ބޭނުންކުރުމަށް މަޝްރޫޢެއް ހިންގަން އިސްރާއީލު ނިންމުމުން އެކަމާ މަޝްވަރާކުރުމަށް ޢަރަބި ލީގުން ބައްދަލުވުމެއް (1964 Arab League summit ) ބޭއްވިއެވެ. މި ބައްދަލުވުން ބޭއްވީ 1964 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 އިން 16 އަށް މިޞްރުގެ ޤާހިރާގައެވެ. މި ބައްދަލުވުމުގައި މުހިންމު 3 ކަމެއް ނިންމިއެވެ. އެއީ:
- އުރުދުން ކޯރާއި ޠަބަރިއްޔާ ކޯރާ ދެމެދުގައި ފެން ދައުރުވުން ހުއްޓުވުން.
އިސްރާއީލުގެ މަޝްރޫޢު ކާމިޔަބުވިޔަ ނުދިނުމުގެ ގޮތުން ޢަރަބި ލީގުން ނިންމީ އުރުދުން ކޯރާ ގުޅިފައިވާ މައި ތިން ކޯރުގެ ތެރެއިން ޠަބަރިއްޔާ ކޯރު ފިޔަވާ އަނެއް ދެ ކޯރުގެ ފެން، ކޯރު ކަނޑައިގެން އެހެން ދިމާލަކަށް ދައުރުކުރުވާ، ޠަބަރިއްޔާ ކޯރަށް ފެން ދައުރުވުން ހުއްޓުވުމަށެވެ.
- ގުޅިފައިވާ ޢަރަބި އަސްކަރިއްޔާއެއް ޤާއިމުކުރުން.
- منظمة التحرير الفلسطينية ގެ ނަމުގައި މުއައްސަސާއެއް ހެދުން.
އޭގެ ދުވަސްކޮޅެއް ފަހުން އިސްރާއީލުން އެބައިމީހުންގެ ފެނުގެ މަޝްރޫޢު ފެށުމުން އަނެއްކާވެސް ޢަރަބި ލީގުގެ ބައްދަލުވުމެއް ބޭއްވިއެވެ. މިބައްދަލުވުން އޮތީ 1964 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު، މިޞްރުގެ އިސްކަންދަރިއްޔާގައެވެ. ނަމަވެސް މި ބައްދަލުވުމުގައި ބޮޑަށް ވާހަކަ ދެކެވުނީ ފަލަސްޠީނުގެ މައްސަލައާއި ޢަރަބިން އެއްބައިވަންތަވުމާ ގުޅޭ ގޮތުންނެވެ.
ޢަރަބި ލީގުގެ ބައްދަލުވުންތަކުން އެދެވޭ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން އިސްރާއީލުން އުރުދުން ކޯރުގެ ފެން، ޔަހޫދީންގެ ހުރިހާ ރަށްތަކަށް ފޯރުކޮށްދިނުމުގެ ބިޔަ، ބޮޑު މަޝްރޫޢެއް ފެށިއެވެ. ހަމައެއާއެކު އެ ދުވަސްވަރު ޔަހޫދީން ‘ވަޓިކަން’ގެ އިސް ފާދިރީގެ ރުހުން ހޯދާ، ނަޞާރާއިންނާ ގުޅުން ބަދަހިކުރިއެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް “ހައިޖެކް” ކުރުން
ޤައުމެއްގެ “އެއަރ ފޯސް” އިން މަތިންދާބޯޓެއް “ހައިޖެކް”ކުރި ފުރަތަމަ ޤައުމަކީ އިސްރާއީލެވެ. 1954 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު، އެބައިމީހުންގެ “އެއަރ ފޯސް”އިން ސީރިޔާގެ މަތިންދާބޯޓެއް “ހައިޖެކް”ކޮށް ލުއްދުގެ ވައިގެ ބަނދަރުގައި ޖައްސަން މަޖުބޫރުކުރިއެވެ. އަދި އެ ބޯޓުގައި ތިބި މީހުން 48 ގަޑިއިރު ވަންދެއް ހިފެހެއްޓިއެވެ. އިސްރާއީލުގެ ދެވަނަ ބޮޑުވަޒީރު މޮޝޭ ޝަރެޓް (Moshe Sharett) އޭނާގެ އޮޓޯބަޔޮގްރަފީގައި މި ވާހަކަ ލިޔެފައިވެއެވެ.
އޭގެ ފަހުން 1973 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ލުބުނާނުގެ މަތިންދާބޯޓެއްވެސް އިސްރާއީލުންވަނީ ހައިޖެކްކޮށްފައެވެ. އަދި އެކަމާ ގުޅިގެން ނިއުޔޯކް ޓައިމްސްއަށް ދިން ބަސްދީގަތުމެއްގައި، މިފަދަ އިތުރު އޮޕްރޭޝަންތަކެއް ދެންވެސް ކުރިއަށް ގެންދާނެކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޑޭވިޑް އެލަޒަރު (David Elazar) ބުނެފައިވެއެވެ. [20]
މިއީ އެބައިމީހުން ހިންގާފައިވާ ޓެރަރިސްޓު، އިރުހާބީ ޢަމަލުތަކުގެ ތެރެއިން ބައެއް ކަންކަމެވެ.
=ނުނިމޭ=
މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري
ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް
[1] ބައްލަވާ: One Day That Shook The World by Elli Wohlgelernter (Jerusalem Post – 30 April 1998).
[2] ބައްލަވާ: One Day That Shook The World by Elli Wohlgelernter (Jerusalem Post – 30 April 1998).
[3] ބައްލަވާ: An Analytical and Historical Overview of British Policy Toward Israel by Jonathan Spyer.
[4] ބައްލަވާ: دراسات في الأديان اليهودية والنصرانية لسعود بن عبد العزيز الخلف (ص: 47 – 49).
[5] ބައްލަވާ: تفسير الطبري (1 / 553).
[6] އަޑުއައްސަވާ: شرح المنتقى من أخبار سيد المرسلين للشيخ صالح الفوزان.
[7] ބައްލަވާ: شرح تفسير ابن كثير للشيخ عبد العزيز الراجحي (30 / 2).
[8] ބައްލަވާ: دراسات في الأديان اليهودية والنصرانية لسعود بن عبد العزيز الخلف (ص: 67 – 70).
[9] ބައްލަވާ: Menachem Begin: The Absent Leader by Ofer Grosbard (page: 145 – 154).
[10] ބައްލަވާ: Egyptian-Israeli General Armistice Agreement by United Nations.
[11] ބައްލަވާ: Israeli-Lebanese General Armistice Agreement by United Nations.
[12] ބައްލަވާ: Israeli-Jordan General Armistice Agreement by United Nations.
[13] ބައްލަވާ: Israeli-Syria General Armistice Agreement by United Nations.
[14] ބައްލަވާ: Origins of the 1950 Tripartite Declaration on the Middle East by Shlomo Slonim.
[15] ބައްލަވާ: Israel and the American National Interest by Cheryl A. Ruberg (page: 91).
[16] ބައްލަވާ: Nakba and Survival by Adel Manna (page: 25 – 29).
[17] ބައްލަވާ: Nakba and Survival by Adel Manna (page: 42 , 74 – 75).
[18] ބައްލަވާ: Israel and Chemical-Biological Weapons: History, Deterrence and Arms Control by Avner Cohen (page: 31 – 32).
[19] ބައްލަވާ: The Suez Crisis of 1956 and its Aftermath by Pninah Lahav (page: 1341).
[20] ބައްލަވާ: Provisional Verbatim Record of the 2655th Meeting (6 February 1986) by United Nation’s Security Council (page: 7 – 11).