[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 11

ހަތްވަނަ މަރުޙަލާ: ޔަހޫދީ ދައުލަތް ބޮޑުކުރުމަށް މަސައްކަތްކުރުން (1967 – 1988)

 

ޔަހޫދީ ދައުލަތުގެ ފުރަތަމަ ބޮޑުވަޒީރު ބެން ގޫރިއޯން (David Ben-Gurion) ބުނެފައިވެއެވެ.

“ފަލަސްޠީނުގެ މިހާރު މިއޮތް ޗާޓު ކުރަހާފައިވަނީ އެ ތަނުގައި އޮތް އިނގިރޭސީންގެ ވެރިކަމުގެ ފަރާތުންނެވެ. ޔަހޫދީންގެ އަތުގައި އެހެން ޗާޓެއް އެބައޮތެވެ. އަހަރެމެންގެ ޒުވާނުންނާއި ބޮޑެތި މީހުން އެކަން ހާޞިލުކުރަން ގަދައަޅާ މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ ނީލަކޯރުން ފުރާތުކޯރަށެވެ.” [1]

ޔަހޫދީ ޞުހްޔޫނީންގެ ދައުލަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިރުމަތީ ޤުދުސްއާއި އުރުދުންގެ ދަށުގައި އޮތް ހުޅަނގު އައްސޭރިއާއި މިޞްރުގެ ދަށުގައި އޮތް ޣައްޒާގެ އިތުރުން، ސީރިޔާއިން ބަޔަކާއި މިޞްރުގެ ސައިނާވެސް އެބައިމީހުންގެ ބާރުގެ ދަށަށް ގެންދަން ބޭނުންވިއެވެ. އެހެންކަމުން ޔަހޫދީ ދައުލަތުގެ ވަށައިގެންވާ ޢަރަބި ޤައުމުތަކާ ޔަހޫދީންނާ ދެމެދު އެދެވޭ ގުޅުމެއް ޤާއިމެއް ނުކުރެވުނެވެ.

 

ހަ ދުވަހުގެ ހަނގުރާމަ (Six-Day War – 1967)

 

ސީރިޔާއާއި އިޒްރޭލު ގުޅޭ ބޯޑަރުގެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ޔަހޫދީން އިސްވެ ހަމަނުޖެހުންތައް ހިންގަމުން ދިޔައެވެ. އޭގެ އިތުރުން އިޒްރޭލުން ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލާފައި، ހަމައެކަނި މިޞްރާވީ ފަޅީގައި އދ ގެ ލަޝްކަރު (UNEF) ތިބުމުގެ ސަބަބުން މިޞްރުންވެސް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔައެވެ. އަދި އެ ލަޝްކަރު މިޞްރުން ބޭލުމަށް އެބައިމީހުން އދ ގައި އެދުނެވެ. އެއަށް ފަހު، 1967 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ޚަލީޖުލް ޢަޤަބާ (Gulf of Aqaba) އަށް ދެވޭ މަގު (Straits of Tiran) ބޭނުންކުރުން އިޒްރޭލަށް މަނާކުރިއެވެ. މިކަން ވެގެންދިޔައީ އިޒްރޭލާއި އެބައިމީހުންގެ ވަށައިގެންވި ޢަރަބި ޤައުމުތަކާ ދެމެދު 6 ދުވަހުގެ ހަނގުރާމަ ފެށުނު މައިގަނޑު ސަބަބަށެވެ. މި ހަނގުރާމައަށް Six-Day War ، June War ، 1967 Arab–Israeli War އަދި Third Arab–Israeli War ވެސް ކިޔައެވެ.

1967 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު އދ ގެ ލަޝްކަރު މިޞްރުން ފޭބުމަށް ތައްޔާރުވެފައިވަނިކޮށް، އިޒްރޭލުގެ ޖެޓުތަކުން ކުއްލިއަކަށް މިޞްރާއި ސީރިއާ އަދި އުރުދުންއަށް ވައިގެ ހަމަލާތައް ދޭން ފެށިއެވެ. މި ހަމަލާތަކުގައި އދ ގެ ލަޝްކަރުގެ ސިފައިންގެ ތެރޭން ބަޔަކު މަރުވިއެވެ. އަދި މިޞްރާއި ސީރިއާ އަދި އުރުދުންއިންވެސް އެތައް ސަތޭކަ ބަޔަކު މަރުވިއެވެ. މި ހަނގުރާމައިގައި މިޞްރުގެ ދަށުގައި އޮތް ޣައްޒާއާއި ސައިނާ އާއި ސީރިއާގެ ޖައުލާންގެ އުސް ބިންތައް (Golan Heights) އަދި އުރުދުންގެ ދަށުގައި އޮތް ހުޅަނގު އައްސޭރި (West Bank) އާއި އިރުމަތީ ޤުދުސްވެސް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

މި ހަނގުރާމައިން މުހިންމު ދެކަމެއް އެނގި ހާމަވެގެން ދިޔައެވެ. އެއީ:

  1. ޤައުމިއްޔަތުގެ ޝިޢާރުތަކުގެ ދަށުގައި މުސްލިމުން ތާށިވެފައި ތިބުމުގެ ސަބަބުން އެބައިމީހުންގެ ސަފުތައް ބައިބައިވެފައިވާކަމާ އަދި އޭގެ ބަދަލުގައި، މުސްލިމުން އެބައިމީހުންގެ ދީނަށް ރުޖޫޢަވެ، އެއް އުންމަތެއްގެ ގޮތުގައި ތިބެއްޖެނަމަ ދުޝްމަނުންނަށް އެބައިމީހުންނާ ކުރިމަތިލާން ފަސޭހަ ނުވާނެކަން.
  2. ޔަހޫދީ ޞުހްޔޫނީންގެ ދައުލަތް ފުޅާކުރަން އެބައިމީހުން ނުހަނު ބޭނުންވެފައިވާކަމާ އަދި އެބައިމީހުންގެ ޙަޤީޤީ ބޭނުމަކީ ނީލަކޯރާއި ފުރާތުކޯރުގެ ދެމެދުގައިވާ އެންމެހާ ބިންތަކާއި ޢަރަބި ޖަޒީރާގެ އުތުރުގެ ރަށްތަކާ އަދި މުޅި الخليج العربي (Persian Gulf) އެއްކޮށް އެބައިމީހުންގެ ދައުލަތަށް ހަދަންކަން.

 

1967 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އދ އިން ޤަރާރެއް (United Nations Security Council Resolution 242) ފާސްކުރިއެވެ. މި ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ބިންތަކުން އެބައިމީހުން ފޭބުމަށް އެ ޤަރާރުގައި ވެއެވެ. އަދި މީގެ އިތުރުން ޢަރަބީންނާއި އިޒްރޭލާ ދެމެދު ކުރެވެމުންދާ ހަނގުރާމަތައް ނިމުމަކަށް ގެނެސް، ދެ ބައިމީހުންވެސް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކޮށް، ކޮންމެ ދައުލަކަށްވެސް އެ ދައުލަތެއްގެ ޙައްޤު ދިނުމާއެކު ޞުލްޙަވެރިކަމާ އަދި އަމާންކަމާ އެކުގައި ދިރިއުޅުމަށް ގޮވާލާފައިވެއެވެ. އަދި ކޮންމެ ބަޔަކަށްމެ، ބައިނަލްއަޤުވާމީ ގޮތުން ކަނޑައަޅާފައިވާ ޙުދޫދުތަކުގެ (ބޯޑަރުތަކުގެ) ތެރޭގައި ހަމަހަމަކަމާ އަދި އެއްބައިވަންތަކަމާ އެކުގައި އުޅުމަށްވެސް ގޮވާލާފައިވެއެވެ.

މި ޤަރާރުގެ ގިނަ ކަންތައްތައް ޔަހޫދީންނާ އެއްކޮޅަށް އޮތްކަމުގައި ވިޔަސް، އެބައިމީހުން އެ ބަލައެއް ނުގަތެވެ. އަދި ޔަހޫދީން ބުނަމުން ދިޔައީ މި ހަނގުރާމައިގައި އެބައިމީހުން ފޭރިގަތް ބިންތަކަކީ ޔަހޫދީ ދައުލަތުގެ ދަށުގައިވާ ބިންތަކެއްކަމާ އަދި ޔަހޫދީންނަށް އަމާން ބިންތަކެއް ކަމުގައެވެ. ދެން އެބައިމީހުން އެ ބިންތައް ދިފާޢުކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އެބައިމީހުން ހިފާފައިވާ ސައިނާއަށް މިޞްރުގެ އަސްކަރިއްޔާއަށް ނާދެވޭނެ ގޮތް ހެދުމުގެ ގޮތުން ސުވޭޒް ކެނަލްގެ އިރުމަތީ އައްސޭރީގައި ބޮޑު ފާރެއް ހެދިއެވެ. އެއީ Bar Lev Line ގެ ނަމުގައި މަޝްހޫރުވެފައިވާ ފާރެވެ. އަދި ސީރިޔާގެ ބިމުން އެބައިމީހުން ފޭރިގަތް ޖައުލާންގެ އުސް ބިންތައް (Golan Heights) ހިމާޔަތްކުރުމަށްޓަކައި، ސީރިޔާއިން ޖައުލާނަށް ނާދެވޭނެ ގޮތަށް ފުން ވަޅުގަނޑުތައް ކޮނެ، އެ ސަރަހައްދުގެ ވަށައިގެން އެބައިމީހުންގެ އަސްކަރީ ކިއްލާތައް ހެދިއެވެ.

 

 

މަސްޖިދުލް އަޤްޞާ ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިއުން

 

* މަސްޖިދުލް އަޤްޞާ އާއި ޤުއްބަތުއް ޞަޚްރާ

މަސްޖިދުލް އަޤްޞާގެ ނަމުން ނަންދެވިފައިވަނީ ސުލައިމާނުގެފާނު ބިނާކުރެއްވި މުޅި މިސްކިތްކޮޅަކަށެވެ. އެކަލޭގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ހަލާކުވެ ދިއުމަށް ފަހުގައި، އެތަނުގައި މިސްކިތެއް ބިނާކުރެއްވީ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه އެވެ. އެއީ އެކަލޭގެފާނުގެ ޚިލާފަތުގައި ބައިތުލް މަޤްދިސް ފަތަޙަކުރެއްވުމަށް ފަހުގައެވެ. އެ ތަނުގައިވާ ބޮޑު ހިލައަކީ ޔަހޫދީން މާތްކުރާ ސަރަހައްދެކެވެ. ޢުމަރުގެފާނު އެ ތަނަށް ވަޑައިގެންނެވި އިރު، އެ ހިލައިގެ މަތީގައިވަނީ ބޮޑު ކުނި ފުންޏެކެވެ. އެއީ ޔަހޫދީން އެތަން މާތްކުރާތީ، އެ ތަނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ނަޞާރާއިން ކޮށްފައިވާ ކަމެކެވެ. ޢުމަރުގެފާނު އެތަން ސާފުކުރެއްވުމަށް ފަހުގައި، މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަހައްދުގައި މީސްތަކުން ނަމާދުކުރުމަށް މިސްކިތެއް ބިނާކުރާނެ ތަނަކާމެދު، އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުންގެ އަރިހުން މަޝްވަރާއަކަށް އެދިވަޑައިގެންނެވިއެވެ. ކައުބުލް އަޙްބާރު رضي الله عنه މަޝްވަރާދެއްވީ އެ ހިލައިގެ ފަހަތުގައި މިސްކިތް ބިނާކުރުމަށެވެ. ނަމަވެސް އެއީ ޔަހޫދީން މާތްކުރާ ތަނަކަށްވުމުން، ޢުމަރުގެފާނު ނިންމެވީ އެ ސަރަހައްދުގެ ޤިބުލައާވީ ފަރާތުގައި މިސްކިތް ބިނާކުރެއްވުމަށެވެ. އޭރުން މީސްތަކުން މިސްކިތުގައި ނަމާދަށް ތިބޭއިރު އެ ހިލަ އޮންނާނީ، މީސްތަކުން ފަހަތުގައެވެ. ޢުމަރުގެފާނެއްވެސް އަދި އެހެން އެއްވެސް ޞަޙާބީބޭކަލެއްވެސް އެ ހިލަ އޮތް ތަނުގައި ނަމާދެއް ނުކުރައްވައެވެ. އަދި އެއަށް މާތް ކޮށެއްވެސް ނުހިއްތަވައެވެ. މިސްކިތް ބިނާކުރެއްވުމަށް ފަހު، އެތަނަށް ޒިޔާރަތްކުރެއްވި ޞަޙާބީބޭކަލުންނާއި ސަލަފުންގެ ބޭކަލުންވެސް ނަމާދުކުރެއްވީ އެ މިސްކިތްކޮޅުގައެވެ. އޭރު އެ ހިލަ އޮތީ ހާމައަށެވެ. އެ ހިލައިގެ މަތީގައި ޤުއްބެއް ބިނާކުރީ ޢަބްދުލް މަލިކު ބުން މަރްވާނުގެ ވެރިކަމުގައެވެ. އެ ޤުއްބު މަޝްހޫރުވެފައިވަނީ ޤުއްބަތުއް ޞަޚްރާގެ ނަމުންނެވެ. [2]

މަސްޖިދުލް އަޤްޞާގެ ސަރަހައްދުގައިވާ ޔަހޫދީން މާތްކުރާ ބޮޑު ހިލައަކީ މިހާރު ރަން ޤުއްބެއް ހަދާފައި އެވާ ތަނެވެ. އެ ހިލަވަނީ ޤުއްބުގެ ދަށުގައެވެ. އެ ތަން މަޝްހޫރުވެފައިވަނީ ޤުއްބަތުއް ޞަޚްރާގެ ނަމުންނެވެ. އިސްރާއާއި މިޢުރާޖުގެ ރޭގައި، މަސްޖިދުލް އަޤްޞާއަށް މަޑުކުރެއްވި އިރު، ޖިބްރީލުގެފާނުގެ އަރިހުގައި ނަބިއްޔާ صلى الله عليه وسلم ދަތުރުކުރެއްވި ބުރާޤު އެ ހިލައިގައި އެއްސެވިކަމަށް ބައެއް ރިވާޔަތްތަކުގައިވެއެވެ. [3] ނަމަވެސް އިމާމު މުސްލިމް ރިވާކުރައްވާފައިވާ ރިވާޔަތުގައިވަނީ ބުރާޤު އެއްސެވީ ނަބީބޭކަލުން އެބޭކަލުންގެ ސަވާރީތައް އެއްސެވި ބޮޅެއްގައިކަމުގައެވެ. [4] އެ ހިލައިގައި ބުރާޤު އެއްސެވިކަމުގައި ވިޔަސް، އެ ހިލައިގެ މާތްކަމާ ބެހޭގޮތުން އެއްވެސް ޞައްޙަ ނައްޞެއް ފެންނާކަށް ނެތެވެ. އެ ހިލައިގެ މާތްކަމާބެހޭ ގޮތުން އައިސްފައިވާ ރިވާޔަތްތަކަކީ ބަޔަކު ހަދާފައިވާ ދޮގު ވާހަކަތަކެއް ކަމުގައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. [5]

 

* ޔަހޫދީން ދަޢުވާކުރާ ހައިކަލް

ޢިބްރީ ބަހުން ހައިކަލް ގެ މާނައަކީ: “އިލާހުގެ ގެއެވެ.” އެއީ ޔަހޫދީން މާތްކުރާ ފައްޅިއެކެވެ. ޔަހޫދީން ދަޢުވާކުރާ ގޮތުގައި ހައިކަލުގެ ބިންގާ އެޅުއްވީ ދާވޫދުގެފާނެވެ. އަދި އެތަން ބިނާކުރަން ފެއްޓެވުމުގެ ކުރިން އެކަލޭގެފާނު އަވަހާރަވުމުން، ދެން އެތަން ބިނާކުރެއްވީ އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނެވެ. އޭރު އެބައިމީހުން ނަމާދުގައި ކުރިމަތިލީ އެތަނާ ދިމާލަށެވެ. އެތަނަށް “ޤުދުސުލް އަޤްދާސް” (The Holy of Holies) ކިޔާ އުޅެއެވެ.

އެތަން ހަލާކުކޮށްލީ ޢީސާގެފާނު އުފަންވުމުގެ 586 އަހަރު ކުރިން، ބާބިލުންގެ ޤާއިދެއްކަމުގައިވާ ބުޚްތަންޞަރު (Nebuchadnezzar) އެވެ. އަދި އެއާއެކު އެބައިމީހުންގެ މުޤައްދަސް ވަރަށް ގިނަ އެއްޗެހި ހަލާކުވެގެން ދިޔައެވެ. އޭގެ ތެރޭގައި ތާބޫތު ހިމެނެއެވެ. ޔަހޫދީން ދަޢުވާކުރާ ގޮތުގައި އެއީ ވަކި ގޮތަކަށް ހެދުމަށް، މޫސާގެފާނަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ލަކުޑި ފޮއްޓެކެވެ. އެއަށް ފަހު، ޢީސާގެފާނު އުފަންވުމުގެ 521 އަހަރު ކުރިން ޔަހޫދީން އަލުން އެނބުރި ޤުދުސްއަށް އައިސް ހައިކަލް ބިނާކުރިއެވެ. ދެން އެތަން ހަލާކުކުރީ ރޫމީންގެ ވެރިއެއް ކަމުގައިވާ ތައިޠަސް (Titus) އެވެ.

ޔަހޫދީން ހައިކަލުގެ މަތިން ހަނދާން ނައްތާލަފާނެތީ، ދަރިއަކު އުފަންވުމުން ނުވަތަ މީހަކު މަރުވުމުން ނުވަތަ ކައިވެނި ކުރާއިރު އެތަނުގެ ޛިކުރާ އާކުރަން އެބައިމީހުންގެ ޙާޚާމުން ޔަހޫދީންނަށް އެންގިއެވެ. އަދި ދެވަނަ ފަހަރަށް ހައިކަލް ހަލާކުކޮށްލި ދުވަސްކަމުގައިވާ އޮގަސްޓުމަހުގެ ނުވަވަނަ ދުވަހަކީ ކޮންމެ އަހަރެއްގައިވެސް ރޯދަހިފާ ދުވަހެއްކަމުގައިވެސް ހެދިއެވެ. [6]

ނަމަވެސް ޙަޤީޤަތަކީ ސުލައިމާނުގެފާނު ބިނާކުރެއްވީ ޔަހޫދީންގެ ފައްޅިއެއް ނޫނެވެ. އެކަލޭގެފާނު އެތަނުގައި ބިނާކުރެއްވީ މިސްކިތްކޮޅެކެވެ. އެހެނީ އެކަލޭގެފާނަކީ ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލެއްވި ނަބީބޭކަލެކެވެ. ޞައްޙަ ޙަދީޘުން ޘާބިތުވާގޮތުގައި މަސްޖިދުލް އަޤްޞާއަކީ މި ބިންމަތީގައި ބިނާކުރެވުނު ދެ ވަނަ މިސްކިތެވެ. [7] މޫސާގެފާނަށް ބާވައިލެއްވުނު ފޮތް ޔަހޫދީން އަމިއްލައަށް ބަދަލުކުރި ފަދައިން، އެބައިމީހުން މަސައްކަތްކުރަމުންދަނީ ތާރީޚުވެސް ބަދަލުކުރާށެވެ. އެގޮތުގެ މަތިން މަސްޖިދުލް އަޤްޞާ ހުރި ސަރަހައްދާއި އެތަނުގެ ވަށައިގެންވާ މަގުތަކުގެ ނަންތަކަށް ދާންދެން އެބައިމީހުންދަނީ ޔަހޫދީ ނަންތަކަށް ބަދަލުކުރަމުންނެވެ. މަސްޖިދުލް އަޤްޞާ ހުރި ސަރަހައްދު ނުވަތަ ޖަބަލު ބައިތުލް މަޤްދިސްގެ ނަން އެބައިމީހުންވަނީ ޖަބަލު އަލްހައިކަލަށް ބަދަލުކޮށްފައެވެ. އެއީ އެތަނަކީ ޔަހޫދީންގެ ތާރީޚީ ތަނެއްކަމުގައި ދުނިޔެއަށް ދެއްކުމަށްޓަކައެވެ. [8]

 

* ޔަހޫދީން މަސްޖިދުލް އަޤްޞާއަށް ވަދެގަތުން

ޔަހޫދީންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ގޮސް، ދެން އެބައިމީހުން ކުރިމަތިލީ މުސްލިމުންގެ ފުރަތަމަ ޤިބުލަ ނައްތާލުމަށެވެ. އެބައިމީހުން ބޭނުންވީ މަސްޖިދުލް އަޤްޞާ ނައްތާލުމަށް ފަހު އެތަނުގައި އެބައިމީހުން ދަޢުވާކުރާ ހައިކަލް ހަދާށެވެ.

1967 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ޔަހޫދީ ސިފައިން މަސްޖިދުލް އަޤްޞާއަށް ވަދެގަނެ، އެ ތަން އެބައިމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. އެއީ ހަނގުރާމައިގެ 3 ވަނަ ދުވަހެވެ. އޭގެ ގަޑިއިރުތަކެއް ފަހުން އިޒްރޭލުގެ ދިފާޢީ ވަޒީރު، މޮޝޭ ޑަޔާން (Moshe Dayan) މަސްޖިދުލް އަޤްޞާއަށް ވަނެވެ. އަދި ޔަހޫދީންގެ ލަޝްކަރުގެ ބޮޑު ޙާޚާމަކަށް ހުރި ޝްލޯމޯ ގޯރެން (Shlomo Goren) ވެސް ޔަހޫދީ ސިފައިންގެ ތެރެއިން ބަޔަކާއެކު މަސްޖިދުލް އަޤްޞާއަށް ވަނެވެ. ދެން ޝްލޯމޯ ގޯރެން އެތަނުގައި ޔަހޫދީންގެ އައު އަހަރު ފާހަގަކުރުމުގެ ގޮތުން ފުމޭ ދުންމާރި ފުމުނެވެ. އެއަށް ފަހު މޮޝޭ ޑަޔާން ޔަހޫދީންގެ ޢާންމުންގެ ތެރެއަށް ނުކުމެ ބުންޏެވެ.

“ޔަހޫދީން، އެބައިމީހުންގެ އެންމެ މުޤައްދަސް ތަންތަނަށް އެނބުރި އަތުވެއްޖެއެވެ. ދެން އަލުން އަހަރެމެން އެ ތަންތަން ދޫކޮށެއް ނުލާނަމެވެ.” [9]

މި ކަންތައްތައް ހިނގާދިޔައިރު، އުރުދުންގެ ފަރާތުން ޤުދުސްގެ ވަޤުފާއި މަސްޖިދުލް އަޤްޞާގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އިދާރާގެ މީހުން ތިބެން ޖެހުނީ ގޮތް ހުސްވެފައެވެ. ޞަލާޙުއްދީނުލް އައްޔޫބީ، ޞަލީބީންގެ އަތް ދަށުން މުސްލިމުންގެ ފުރަތަމަ ޤިބުލަ ފަތަޙަކުރެއްވިތާ 780 އަހަރު ފަހުން މަސްޖިދުލް އަޤްޞާ މުސްލިމުންގެ ބާރުގެ ދަށުން ގެއްލިގެން ދިޔައީއެވެ.

ޔަހޫދީން ދެކުނު ގޮތުގައި މަސްޖިދުލް އަޤްޞާ އެބައިމީހުންގެ ބާރުގެ ދަށަށް ގެނެވުމަކީ އެބައިމީހުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އެބައިމީހުންގެ ބާރުގެ ދަށަށް މަސްޖިދުލް އަޤްޞާ ގެންދިއުމަށް ފަހު، އެބައިމީހުން ބަދަލުކޮށްފައިވާ ތައުރާތުގައި އެންމެ މުޤައްދަސް ތަންކަމަށް ބަޔާންކޮށްފައިވާ ތަން (The Holy of Holies) ހޯދާ ފާހަގަކުރިއެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެއީ ޔަހޫދީންގެ ހައިކަލް ބިނާކުރެވޭނެ ތަނެވެ. އަދި އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެ ތަންވަނީ ޤުއްބަތުއް ޞަޙްރާގެ ދަށުގައެވެ.

މަސްޖިދުލް އަޤްޞާ ހުރި ބިމުގައި ޔަހޫދީންގެ ހައިކަލް ބިނާކުރުމަށްޓަކައި، އެބައިމީހުން އެންމެ ފުރަތަމަ ބޭނުންވީ މަސްޖިދުލް އަޤްޞާ ނައްތާލާށެވެ. އެގޮތުން ގްރޭޑީ ޓެރީ (Grady Terry) އަދި އައުޑީ މާފީ (Audie Leon Murphy) ކިޔާ ދެ މާސޫނިއްޔޫނުން ޤުދުސްގެ އަމީން، ރޫޙީ އަލްޚަޠީބަށް ސިޓީއެއް ފޮނުވިއެވެ. އޭގައިވަނީ މަސްޖިދުލް އަޤްޞާ ހުރި ބިން، 200 މިލިއަން ޑޮލަރަށް ވިއްކުމަށް އެދިފައެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ. އެއާއެކުވެސް ޔަހޫދީން އެބައިމީހުންގެ މަސައްކަތް ހުއްޓައެއް ނުލައެވެ.

 

* މަސްޖިދުލް އަޤްޞާއަށް ދިން ހަމަލާތަކުގެ ތެރޭގައި:

 

– 21 އޮގަސްޓު 1969 ގައި މިސްކިތުގެ މިންބަރުގައި ރޯކޮށްލުން

1969 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު އޮސްޓްރޭލިއާގެ ރައްޔިތެއްކަމުގައިވާ މައިކަލް ރޯހަން (Michael Rohan) މަސްޖިދުލް އަޤްޞާގެ މިންބަރުގައި ރޯކޮށްލިއެވެ. [10]

އެ މިންބަރަކީ ޞަލާޙުއްދީނުލް އައްޔޫބީ ބައިތުލް މަޤްދިސް ފަތަޙަކުރެއްވުމުގެ ވިއްސަކަށް އަހަރު ކުރިން ނޫރުއްދީން މަޙްމޫދު ބުން ޒަންކީގެ އަމުރަށް، މަސްޖިދުލް އަޤްޞާގައި ބެހެއްޓުމަށްޓަކައި ހަދާފައިވާ މިންބަރެކެވެ. އެ މިންބަރު މަސްޖިދުލް އަޤްޞާއަށް ގެންދެވުނީ ޞަލާޙުއްދީނުލް އައްޔޫބީ ބައިތުލް މަޤްދިސް ފަތަޙަކުރެއްވުމުންނެވެ. [11]

 

– 11 އޭޕްރީލް 1982 ގައި މަސްޖިދުލް އަޤްޞާގެ ތެރޭގައި ބަޑިޖެހުން

އިޒްރޭލަށް ހިޖުރަކޮށްފައިވާ އެލަން ހެރީ ގުޑްމަން (Alan Harry Goodman) ކިޔާ މީހަކު މަސްޖިދުލް އަޤްޞާއަށް ވަދެ އެތަނުގައި ތިބި މީހުންގެ ގަޔަށް ބަޑި ޖެހިއެވެ. މި ޙާދިޘާގައި 2 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމުވިއެވެ. [12]

 

މީގެ އިތުރުން، އިޒްރޭލުން މަސްޖިދުލް އަޤްޞާގެ ދަށުންނާއި ވަށައިގެން ބިންގަރާސްތަކެއް (ޓަނަލްތަކެއް) ކޮންނަކަން މަސްޖިދުލް އަޤްޞާގެ ކަންކަން ބަލަހައްޓާ އިދާރާއަށް ވަނީ އެކި ފަހަރު މަތިން ފާހަގަކުރެވިފައެވެ. އަދި އެކަންކަމުގެ ޝަކުވާ އދ އަށް ވެސް ހުށަހަޅާފައިވެއެވެ. [13] ނަމަވެސް މިއަދާ ހަމައަށްވެސް ޔަހޫދީން އަޤްޞާ ޙިޞާރުކޮށްފައި އޮތް އޮތުމަށް ނިމުމެއް ނާދެއެވެ.

 

 

1973 ވަނަ އަހަރު ކުރެވުނު ހަނގުރާމަ

 

މި ހަނގުރާމައަށް Ramadan War ، October War ، 1973 Arab–Israeli War ، Fourth Arab–Israeli War އަދި Yom Kippur War ވެސް ކިޔައެވެ. މި ހަނގުރާމަ ހިނގީ އިޒްރޭލުން ހިފާފައިވާ ސައިނާގެ ސަރަހައްދާއި ޖައުލާންގެ އުސްބިންތަކުގައެވެ. މިޞްރުގެ މައިގަނޑު މަޤްޞަދަކީ ސްވޭޒް ކެނަލްގެ އިރުމަތީ އައްސޭރީގައި އިޒްރޭލުން ހެދި ފާރު ހަލާކުކޮށް، އެ ސަރަހައްދު އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. އެއަށްފަހު އިޒްރޭލާއެކު ވާހަކަ ދައްކައިގެން މުޅި ސައިނާ އެއްކޮށް ހޯދުމެވެ. އަދި ސީރިޔާގެ މަޤްޞަދަކީ އެބައިމީހުންގެ ބިމުން ފޭރިގަނެފައިވާ ޖައުލާންގެ ބިންތައް އަލުން ހޯދުމެވެ.

ޢަރަބީންގެ ގުޅިފައިވާ ލަޝްކަރުން އިޒްރޭލަށް ފުރަތަމަ ހަމަލާ ދިނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހެވެ. އެ ދުވަސް ދިމާވަނީ ޔަހޫދީންގެ ކަލަންޑަރުގައި އެބައިމީހުން ދަޢުވާކުރާ އެންމެ މާތް ދުވަސްކަމުގައިވާ Yom Kippur އަށެވެ. އަދި އެއީ ހިޖުރީ ގޮތުން 1393 ވަނަ އަހަރުގެ ރަމަޟާން މަހެވެ.

ދެ ފަރާތުންވެސް ހަމަލާ ބަދަލުކުރަމުން ދިޔައީ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެނެވެ. ހަނގުރާމަ ފެށުމާއެކު އެމެރިކާއިން ވަގުތުން އިޒްރޭލަށް ވައިގެ މަގުން އިތުރު ހަތިޔާރު ފޯރުކޮށްދޭން ފެށިއެވެ. އެއާއެކުގައި އިޒްރޭލުން މިޞްރާވީ ފަޅީގައި ثغرة الدفرسوار (Operation Abirey-Halev) ގެ ނަމުގައި އޮޕްރޭޝަނެއް ހިންގިއެވެ. އަދި ސީރިޔާއާވީ ފަޅީގައިވެސް އޮޕަރޭޝަނެއް ހިންގިއެވެ. އެ އޮޕްރޭޝަންގައި ސީރިޔާގެ “ސަޢުސަޢު” (Sa’sa’) އޭ ކިޔާ ރަށާ ހަމައަށް އިސްރޭލުގެ ލަޝްކަރުން ކުރިއަށް ޖެހުނެވެ.

22 އޮކްޓޯބަރުގައި އދ އިން އިސްނަގައިގެން ވަގުތީގޮތުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައެވެ. ވަގުތީގޮތުން ހަމަލާ ހުއްޓާލުމާއެކުވެސް އިޒްރޭލުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ފުޅާކުރަމުން ދިޔައެވެ.

 

މި ހަނގުރާމައިން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް:

  1. އިސްވެ ދިޔަ ހަނގުރާމަތަކާ ޚިލާފަށް، މި ހަނގުރާމައަކީ ޢަރަބިން ފަހަތަށް ނުޖެހި، ކުރީގައި އޮވެ ޢަދުއްވުންނަށް ވަރުގަދަ، ކުއްލި ހަމަލާތަކެއް ދިން ހަނގުރާމައެކެވެ.
  2. ކުރީގެ ހަނގުރާމަތަކުގައި ކުރިމަތި ލާން ޖެހުނު ނާކާމިޔާބީއާ ޚިލާފަށް، މި ހަނގުރާމައަކީ ޢަރަބީންގެ ޙަޤީޤީ ބާރު ދައްކުވައިދިން ހަނގުރާމައެކެވެ.
  3. މި ހަނގުރާމައިން ފެނިގެން ދިޔައީ އިސްލާމީ އެއްބައިވަންތަކަމެވެ. ސީރިޔާއާވީ ފަރާތުގައި ކުރެވުނު ހަނގުރާމައިގައި މަޣުރިބާއި ޢިރާޤާއި އުރުދުން އަދި ސުޢޫދީ ޢަރަބިއްޔާގެ ލަޝްކަރުތައް ބައިވެރިވިއެވެ. އަދި މިޞްރާވީ ފަޅީގައި ސޫދާނާއި ޖަޒާއިރު އަދި ފަލަސްޠީނުގެ ލަޝްކަރުތައް ބައިވެރިވިއެވެ. އަދި ޕާކިސްތާނާއި ތުރުކީފަދަ އެހެނިހެން އިސްލާމީ ޤައުމުތަކުންވެސް އެކި ގޮތްގޮތުން މި ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
  4. މި ހަނގުރާމައިގައި ތެލަކީ ޢަދުއްވުންނާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްކަމުގައި ފުރަތަމަ ފަހަރަށް ހެދިއެވެ. އެގޮތުން އެމެރިކާ އަދި އެނޫންވެސް ޔަހޫދީންނާ ވާގިވެރިވާ ޤައުމުތަކަށް ތެޔޮ ވިއްކުން ޢަރަބި ޤައުމުތަކުން ހުއްޓާލިއެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ސުޢޫދީ ޢަރަބިއްޔާގެ އޭރުގެ ރަސްގެފާނު ފައިޞަލް ބުން ޢަބްދުލްޢަޒީޒު رحمه الله އެވެ.

 

މި ހަނގުރާމައިގެ ނަތީޖާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:

ހ. 1974 ވަނަ އަހަރުގެ ޖެނުއަރީގައި އިޒްރޭލާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި (Sinai Separation of Forces Agreement) ސޮއިކުރިއެވެ. އޭގައި ވަނީ އިޒްރޭލުން ހިފާފައިވާ ސަރަހައްދާ މިޞްރުގެ ސަރަހައްދާ ދެމެދު ފުޅާމިނުގައި 10 ވަރަކަށް ކިލޯމީޓަރު ހުންނަވަރުގެ ހުސް ބިމެއް ދޫކުރުމަށާއި އެތަން ބަލަހައްޓާނީ އދ ގެ ލަޝްކަރުން ކަމަށެވެ.

 

ށ. 1975 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އަނެއްކާވެސް އިޒްރޭލާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި (Sinai Interim Agreement  ގައި) ސޮއިކުރިއެވެ. އޭގައިވަނީ އިޒްރޭލުން ސައިނާގެ ބިމުން އަދިވެސް ފަހަތަށް ޖެހުމަށެވެ. އަދި ދެބައިމީހުންވެސް ހަނގުރާމައަކަށް ނުގޮސް ވާހަކަދައްކައިގެން ކަންކަން ޙައްލުކުރުމަށެވެ. މީގެ އިތުރުން އިޒްރޭލަށް ދަތުރުކުރާ، ހަނގުރާމައިގެ ހަތިޔާރުފަދަ ތަކެތި ނޫން އެހެނިހެން މުދާ އުފުލާ ބޯޓުތައް ސުވޭޒް ކެނަލް ހުރަސްކުރުމުގެ ހުއްދަ ދިނުމަށްވެސް އޭގައިވެއެވެ.

 

ނ. އިޒްރޭލާއެކު ޞުލްޙަ ޤާއިމުކުރުމަށްޓަކައި މިޞްރުގެ އޭރުގެ ރައީސް އަންވަރު އައްސާދާތު، އިޒްރޭލަށް ޒިޔާރަތްކުރާނެ ކަމުގައި އިޢުލާންކުރުމަށް ފަހު، 1977 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އިޒްރޭލުން ހިފާފައިވާ ޤުދުސްއަށް ދިޔައެވެ. އަންވަރު ސާދާތު އިޒްރޭލަށް ޒިޔާރަތްކުރާނެ ކަމުގައި އިޢުލާން ކުރުމުން ފުރަތަމަ، އިސްލާމީ އުންމަތުން ދެކުނީ އެއީ ޔަހޫދީންނަށް ކުރި މަލާމާތެއްކަމުގައެވެ. ނަމަވެސް އިޒްރޭލުގެ ދަށުގައި އޮތް ޤުދުސްއަށް ގޮސް ޔަހޫދީ ދައުލަތުގެ އިސްވެރިންނާ ބައްދަލުކުރުން ވެގެން ދިޔައީ އިސްލާމީ އުންމަތް ހައިރާންކުރުވި ކަމަކަށެވެ. އަދި އެކަން ވެގެން ދިޔައީ 1973 ވަނަ އަހަރުގެ ހަނގުރާމައިގައި އެބައިވަންތަކަމާއެކު ފެނުނު ޢަރަބި އިސްލާމީ ލަޝްކަރަށް ލިބުނު ނިކަމެތިކަމަކަށެވެ. އިސްލާމީ އުންމަތް އޮތީ ޔަހޫދީންގެ އަނިޔާވެރިކަން ބަލައިގަންނަ ގޮތަކަށް ނޫނެވެ. މުސްލިމުން އެދެމުން ދިޔައީ ޔަހޫދީންގެ އަތްދަށުން ފަލަސްޠީނުގެ ބިމާއި މުސްލިމުންގެ ފުރަތަމަ ޤިބުލަ މިނިވަން ކުރުމަށެވެ.

 

ރ. 1977 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިޒްރޭލުގެ އޭރު ބޮޑުވަޒީރު މެނަޚެމް ބެގިން (Menachem Begin) މިޞްރުގެ އަލްއިސްމާޢީލިއްޔާގައި އަންވަރު އައްސާދާތާ ބައްދަލުކުރިއެވެ. އެ ދެމެދުގައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، މި ބައްދަލުވުމުގައި ދެ ފަރާތުން އެއްބަސްވީ ދެ ކޮމިޓީއެއް ހެދުމަށެވެ. އެއީ ސިޔާސީ ކޮމިޓީއަކާއި އަސްކަރީ ކޮމިޓީއެކެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އިޒްރޭލުލުގެ ދިފާޢީ ވަޒީރު މޮޝޭ ޑަޔާން (Moshe Dayan) ބުނެފައިވެއެވެ.

“މި ބައްދަލުވުމުގައި މެނަޚެމް ބެގިންގެ ގާތު އަންވަރު އައްސާދާތު ބުންޏެވެ. ‘މިޞްރުގެ ރައްޔިތުންނާއި ޢަރަބީންނަށް ކަލޭމެންނަށް އަހުރެން މި ހުށަހެޅި ކަންތައްތައް އެނގިއްޖެނަމަ، އެބައިމީހުން ގަލުން ތަޅާ އަހުރެން ރަޖަމުކުރާނެއެވެ.'”

އަންވަރު އައްސާދާތު އިޒްރޭލާއެކު ބޭއްވި ބައްދަލުވުންތަކުގައި އިޒްރޭލުން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި:

  1. ވައިގެ މަގުން ހަމަލާދޭ، އެންމެ ފަހުގެ ޒަމާނީ ހަތިޔާރާއެކު ތިރީސް ހާސް ސިފައިންގެ ލަޝްކަރަކުން ލުނުބާނުގެ ޢަރަބި ބިންތަކަށް ހަމަލާދީ، އެ ބިންތަކުގައި ތިބި މުސްލިމުންނާއި ފަލަސްޠީނުގެ ރައްޔިތުން އެ ބިންތަކުން ހުސްކުރުން.
  2. އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ޔަހޫދީން ދިރިއުޅުމަށް ގެތައް (settlements) ބިނާކުރުން.
  3. ހުޅަނގު އައްސޭރި (West Bank) އާއި ޣައްޒާގެ އަހުލުވެރިންނަށް އުނދަގޫކޮށް، އެބައިމީހުންނާ ދެކޮޅަށް އިރުހާބީ ޓެރަރިޒަމުގެ ހަމަލާތައްދީ، އެބައިމީހުން އެތަން ދޫކޮށްދިއުމަށް މަޖުބޫރުކުރުވުން.

 

ބ. ކޭމްޕް ޑޭވިޑުގެ އެއްބަސްވުން

މުސްލިމުންގެ މެދުގައި އޮތް އެއްބައިވަންތަކަން ނެތިގޮސް، އިސްލާމީ އުންމަތް ބައިބައިވެ، އުންމަތުގެ އަފްރާދުންނަށް އެބައިމީހުން ނާކާމިޔާބުވެއްޖެކަމާއި، އަމާންދީ ވާޤިޢުގައި ކަންކަން ހިނގަމުންދާ ގޮތް ބަލައިގަތުން ނޫން ގޮތެއް ނެތްކަމުގެ ޝުޢޫރު ފެތުރެން ފެށިއެވެ. މިހެން މިކަން ބަދަލުވާން މެދުވެރިވި ސަބަބަތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެއް ޢަޤީދާއަކަށް ތަބާވުމުގެ ބަދަލުގައި ޢަޤީދާގެ ނުރައްކާތެރި ފިރުޤާތައް ފާޅުކަން ބޮޑު ގޮތެއްގައި ފެތުރިގެންގޮސް އެ ޢަޤީދާތަކުގެ މައްޗަށް ދައުލަތްތައް ބިނާކުރަން ފެށުމެވެ. އަދި އިސްލާމީ ދައުލަތް ބައިބައިވެ، ކުދިކުދި ޤައުމުތަކަކަށް މުސްލިމުން ބެހިގެންގޮސް، ކޮންމެ ޤައުމެއްގައި އެބައެއްގެ އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ހަނގުރާމަތަކާއި ހަމަނުޖެހުންތައް ހިނގާދިއުމުގެ ސަބަބުން ޢާންމު ފަރުދުންގެ ދިރިއުޅުންވަނީ ވިއްސިވިހާލިވެފައެވެ. އެހެންކަމުން މުސްލިމުންގެ ތެރެއިން ބައެއްމީހުން ތިބީ މުޖުތަމަޢުގެ ހަމަޖެހުމާއި އަމަންއަމާންކަމަށް ނުހަނު ބޭނުންވެފައެވެ. ނަތީޖާއަކަށްވީ ޢަދުއްވުންނާ ޞުލްޙަވުމުގެ ފިކުރުވެސް އިސްލާމީ މުޖުތަމަޢުގެ ތެރޭގައި މަޑުމަޑުން ފާޅުވާން ފެށުމެވެ. މިއީ ޔަހޫދީ ޞުހްޔޫނީންނަށް ލިބުނު ކާމިޔާބެއްކަމުގައި އެބައިމީހުން ދެކުނެވެ. އަދި މިއީ އެބައިމީހުންގެ ދައުލަތް ވަރުގަދަކޮށް، ކޮޅަށް ޖެހުމަށް ފަސޭހަވެގެންދިޔަ ކަމެކެވެ. އެހެންކަމުން ވަގުތުގެ ބޭނުންހިފާ، ޔަހޫދީ ދައުލަތުން މަސައްކަތް ފެށީ މިޞްރާއެކު ގުޅުން ބަދަހިކުރާށެވެ. އެގޮތުން ދެ ފަރާތުން ޚާރިޖީ ގުޅުންތައް އުފައްދާ، ފަތުރުވެރިކަމާއި ވިޔަފާރިއާ އަދި އެ ނޫންވެސް ކަންކަމަށް މިޞްރާއި ޔަހޫދީ ދައުލަތުގެ ބޯޑަރުތައް ހުޅުވާލުމުގެ މަސައްކަތް ފެށިއެވެ.

މި މަސައްކަތުގެ ތެރެއިން އެމެރިކާ އިސްވެ އޮވެ، މިޞްރާއި އިޒްރޭލާއެކު 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން 17 ވަނަ ދުވަހަށް ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސް އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. އެއީ ކޭމްޕް ޑޭވިޑުގެ އެއްބަސްވުން (Camp David Accords) އެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓާ (Jimmy Carter) ގެ ޙާޒިރުގައި މިޞްރުގެ ރައީސް އަންވަރު އައްސާދާތާއި އިޒްރޭލުގެ ބޮޑުވަޒީރު މެނަޚެމް ބެގިންއެވެ.

 

ކުރިއަށް އޮތް ބައިގައި މި އެއްބަސްވުމުގެ އިތުރު ތަފްޞީލު ގެނެސްދޭނަމެވެ. – إن شاء الله –

 

=ނުނިމޭ=

_______________

މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް

[1] ބައްލަވާ: Quotations on Terrorism by Harry Kawilarang (page: 233).

[2] ބައްލަވާ: اقتضاء الصراط المستقيم لابن تيمية (2 / 345 – 348).

[3] ބައްލަވާ: المستدرك على الصحيحين للحاكم (3370) وسنن الترمذي (3132).

[4] ބައްލަވާ: صحيح مسلم (259 – (162)).

[5] ބައްލަވާ: المنار المنيف في الصحيح والضعيف لابن القيم (ص: 87).

[6] ބައްލަވާ: دراسات في الأديان اليهودية والنصرانية لسعود بن عبد العزيز الخلف (ص: 82 – 85) و الموسوعة الميسرة في الأديان والمذاهب والأحزاب المعاصرة (ص: 502).

[7] ބައްލަވާ: صحيح البخاري (3366) وصحيح مسلم (1 – (520)).

[8] ބައްލަވާ: المسجد الأقصى: أربعون معلومة نجهلها لد. عيسى القدومي (ص: 40 – 42).

[9] ބައްލަވާ: The status quo at Al-Aqsa: What you need to know by Arab News (page 5 – 6).

[10] ބައްލަވާ: The status quo at Al-Aqsa: What you need to know by Arab News (page 4).

[11] ބައްލަވާ: المسجد الأقصى: أربعون معلومة نجهلها لد. عيسى القدومي (ص: 34).

[12] ބައްލަވާ: The status quo at Al-Aqsa: What you need to know by Arab News (page 4).

[13] ބައްލަވާ: Status Report on the State of Conservation of the Old City of Jerusalem and Its Walls by The Hashemite Kingdom of Jordan and The State of Palestine  (page 26 – 31).