[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މެހެމާންދާރީ އަދާކުރައްވާށެވެ. ނަމަވެސް ހައްދުފަހަނައަޅައި ނުދާށެވެ.

އަވަށްޓެރި ބައެއް ޤައުމުތަކުގެ އިއްޒަތްތެރިން ސާކްސަމިޓަށް ރާއްޖެއަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. ނަމަވެސް ބައެއްޤައުމުތަކުގައިވާ ދީންތަކުގެ ޝިޢާރުތައް ރާއްޖޭގައި ފާޅުކަންބޮޑުގޮތެއްގައި ބެހެއްޓިފައިވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަޝްރަޙު މިވަގުތު ހަލަބޮލިވެފައިވެފައެވެ.

އިސްލާމްދީނަކީ މެހެމާނުންނަށް އިޙްތިރާމްކޮށް، މެހެމާންދާރީ އަދާކުރުމަށް ގޮވާލާ ދީނެކެވެ. މިގޮތުން ކާފަރަކު މުސްލިމުންގެ ޤައުމަކަށް އަތުވެއްޖެނަމަ، އޭނާއަށް ކަމޭހިތަންޖެހޭނެއެވެ. ޙައްޤަކާނުލައި ގޯނާކޮށްގެން ނުވާނެއެވެ. ހަމައެފަދައިން، އޭނާއަށް ކޮންމެހެން ލިބިދޭންޖެހޭ ޟަރޫރީ ޙައްޤުތައް ދިނުމަށް ހުރަސްއަޅައިގެން ނުވާނެއެވެ. ހަމައެފަދައިން ވާހަކަ ދެއްކުމުގައާއި، އެހެނިހެން މުޢާމަލާތުތައް ކުރުމުގައި ޙައްދުގެ ތެރެއިން އިޙްތިރާމު ކުރަންޖެހޭނެއެވެ.

ނަމަވެސް މެހެމާންދާރީ އަދާކުރުމުގެ މާނައަކީ އެއްވެސް ޙާލެއްގައި އެމީހާގެ ދީނަށް ރުހުމެއްނޫނެވެ. ހަމައެހެންމެ، އޭނާގެ ދީން ފާޅުކޮށް، އެދީނުގެ ޝިޢާރުތައް ފާޅުކުރުމަށް މަގުފަހިކޮށްދިނުމެއްވެސް ނުމެނޫންމެއެވެ. ފެނާއި ތެޔޮ އެއްނުވާފަދައިން، ތަވްޙީދުގެ އަހުލުވެރިއަކު ޝަރީކުކުރާމީހުންގެ ދީނަށް ރުހި ނަހަދާނެއެވެ. އިސްލާމްކަމުގެ މާނައަކީ ތައުޙީދާއެކު ﷲއަށް ކިޔަމަންތެރިވުމާއި، އެކަލާނގެއަށް ބޯލަނބައި ކިޔަމަން ގަތުމުގައި ގަދައަޅައި މަސައްކަތްކުރުމާއި، ޝިރުކާއި، އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަތް ވުމެވެ. ޙަޤީޤީ އިސްލާމްކަމަކީ މިއީއެވެ. މިއިންކަމެއް އުނިވެއްޖެނަމަ އިސްލާމްކަން ފުރިހަމަނުވާހުއްޓެވެ. އީމާންކަމުގެ އަހުލުވެރިންނަކީ ކޮބައިކަން ބަޔާންކުރައްވައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لا تَجِدُ قَوْماً يُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَئِكَ كَتَبَ فِي قُلُوبِهِمْ الإِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ أُوْلَئِكَ حِزْبُ اللَّهِ أَلا إِنَّ حِزْبَ اللَّهِ هُمْ الْمُفْلِحُونَ)) [المجادلة:22] މާނައީ: (( ﷲއާއި އާޚިރަތް ދުވަހަށް އީމަންވާ މީހުން، ﷲއާއި އެކަލާނގެ ރަސޫލާއާ އިދިކޮޅު ހަދާމީހުންނަށް ލޯބި ބަހައްޓާތަން ކަލޭގެފާނު ނުދެކޭނެއެވެ. އެއީ އެބައިމީހުންގެ ބަފައިން ނުވަތަ ދަރިން ނުވަތަ އަޚުން ނުވަތަ އާއިލާ ކަމުގައި ވިޔަސްމެއެވެ. އެކަލާނގެ އީމާންކަން ލިޔުއްވައިފައި ވަނީ އެބައިމީހުންގެ ހިތްތަކުގައެވެ. އަދި އެކަލާނގެ ހަޟްރަތުން ޖިބްރީލް އަލައިހިއްސަލާމް ފޮނުވައި އެބައިމީހުންނަށް ގަދަކަން ދެއްވިއެވެ. އަދި އެބައިމީހުން އެތަންތަނުގެ ދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުންނަސުވަރުގެ ތަކަށް ވައްދަވާނެއެވެ. އެތަނުގައި އެބައިމީހުން ދެމިތިބޭނެއެވެ. ﷲ އެބައިމީހުންނަށް ރުހިވޮޑިގެން ވެއެވެ. އަދި އެބައިމީހުން އެކަލާނގެއަށް ރުހިގެން ވެއެވެ. އެބައިމީހުންނީ ﷲގެ ޖަމާޢަތެވެ. ހަމަކަށަވަރުން ކާމިޔާބު ވެގެންވާ ބަޔަކީ ﷲގެ ޖަމާޢަތުގެ މީހުންނެވެ.))

އަޅުގަނޑުމެންގެ ތެރެއިން މީހެއްގެ ހިތަށް އަރާފާނެއެވެ. އެމީހުންގެ ދީނުގެ ރަމްޒުތައް ގެނެސް ދައްކާލީއެވެ. އެކަމުން އަޅުގަނޑުމެންގެ ދީނަށް އަސަރެއްނުކުރެއެވެ. އައްޑޫގެ އެވެނިމިވެނި ތަނެއްގައި އިނގިރޭސިންގެ ފަރާތުން ލިބުނުތަކެތީގައި ޞަލީބުވެސް އެބަހުއްޓެވެ. އަހަރެމެންނަށް އެމީހުންގެ ދީނަކީ ބާޠިލު ދީންތަކެއްކަން އެނގެއެވެ. ދަންނަވަންތޯއެވެ؟ މިފަދަ ކަންކަމުގެ ނަތީޖާއަކީ މިއަދަކު ނުވަތަ މާދަމާއަކު ފެންނާނެ ކަންކަމެއް ނޫނެވެ. އެންމެ ފުރަތަމަ ބުދަށް އަޅުކަން ކުރެވުނުގޮތަށް ވިސްނަވާލައްވާށެވެ. ‘އާދަމްގެފާނާއި ނޫޙުގެފާނާ ދެމެދު އެތައް ޒަމާންތަކެއް ވޭތުވެދިޔައެވެ. މިދުވަސްތަކުގައި އެބައިމީހުންގެ ތެރޭގައި ޞާލިޙު ބޭކަލުން އުޅުއްވިއެވެ. އެއިން ބޭކަލަކު އަވަހާރަވާއިރަށް އެބައިމީހުން އެކަމާ ދެރަވެ ހިތާމަކޮށްއުޅެއެވެ. މިޙާލަތުގައިވަނިކޮށް އެބައިމީހުންގެ ތެރެއަށް ޝައިޠާނާ ވަދެގަތެވެ. އެބޭކަލުން ހަނދާންކުރުމުގެ ގޮތުން އެބޭކަލުންގެ ޞިފާގައި ބުދުހެދުމަށް ވަސްވާސް ދިނެވެ. އެބައިމީހުން އެޞޫރަތަށް ހަދާފައި އެބައިމީހުންގެ މަޖްލިސްތަކުގައި ބަހައްޓައި އުޅެއެވެ. ބޭނުމަކީ އެޞާލިޙު ބޭކަލުން މަތިން ހަނދާންކޮށް ހެދުމެވެ. އެބައިމީހުން، އެބުދުތަކަށް އަޅުކަމެއް ނުކުރެއެވެ. ނަމަވެސް ޒަމާންތައް ވޭތުވަމުންގޮސް، ޢިލްމު ނެތިދިޔުމުން މިބުދުތަކަށް އަޅުކަން ކުރަން ފެށުނީއެވެ.’ (ބައްލަވާ: ޞަޙީޙުލް ބުޚާރީ (4920)، ފަތްޙުލްބާރީ (851/8).

ވިސްނަވާލައްވާށެވެ! މިއަދު އަޅުގަނޑުމެންގެ ޤައުމަށް އެތަކެތި އެގެނައީ ދައްކާލާށެވެ. އެކަންކުރި ބަޔަކީ މުސްލިމުން ކަމުގައި ވިޔަސް ވަރިހަމައެވެ. މާދަމާ އެތަކެތީގެ ދާރުލްއާޘާރެއް ޤާއިމުނުކުރާނެކަމެއްވެސް ނޭނގެއެވެ. އޭގެ އަނެއްދުވަހު ވާނީ ބުދުފައްޅިއަކަށް ކަންނޭނގެއެވެ.  އަދި އެއަށްފަހު، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ދާއިރު މިތަކެއްޗަށް އަޅުކަންނުކުރާނެ ކަމެއްވެސް ހަމަނޭނގެއެވެ. މިކަމާމެދު ބިރުވެތިވެ، މިފަދަ ޝިރުކީ ތަކެތި ދިވެހިރާއްޖެއަށް ވެއްދުމަކީ ބިރުހުރިކަމެކެވެ. އަހަރެމެންގެ ޢަޤީދާއާއި އަޅުގަނޑުމެންގެ ދީން ހިމާޔަތް ކުރުމަށްޓަކައެވެ. މިމަތިވެރި ދީން އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް އަމާނަތްތެރިކަމާއެކު ފޯރުކޮށްލަ ދިނުމަށްޓަކައެވެ. ދިވެހިރާއްޖޭގައި ފާޅުގައި އިސްލާމްދީން ނޫން ފިޔަވައި އެހެން ދީނަކަށް ފާޅުގައި ގޮވާނުލެވޭ އިރު، މިފަދަ ތަކެތި އިސްލާމީ ބިމަށް އަލަށް އެރުވުމަކީ ކިހިނެއް ހުއްދަވާނެކަމެއްތޯއެވެ؟

ޚަބަރުފަތުރާ ވަޞީލަތްތަކުގެ ޛަރީޢާއިން އަޅުގަނޑަށް ފެނުނު ބައެއް ޢިބާރާތްތަކުގައިވެއެވެ. ކާފަރުންވެސް މުސްލިމުންގެ މިސްކިތްތައް ހެދުމަށް ހުއްދަދީ ހަދައެވެ. ވީއިރު، އަހަރެމެންވެސް އޭގެބަދަލުގައި އެބައިމީހުންގެ ދީނުގެ ޝިޢާރުތައް ބެހެއްޓުމަށް ހުއްދަދެވެންޖެހޭނެއެވެ. ދަންނަވަންތޯއެވެ؟ އެބައިމީހުންގެ ދީނުގެ މިފަދަ ޝިޢާރުތަކަކީ ﷲ ފިޔަވައި އެބައިމީހުން އަޅުކަންކޮށްއުޅޭ ފަރާތްތަކުގެ ރަމްޒުތަކެވެ. މިއީ ﷲ އަށް ކުފުރުވުމާއި، ޝިރުކުގެ ތަކެއްޗެވެ. ﷲ ގެ ރުއްސެވުމަށްވުރެ އެބައިމީހުންގެ ރުހުމަށް އެދެނީތޯއެވެ؟ ކާފަރަކު މުސްލިކަމަށް ހެޔޮކޮށް ހިތީތީވެ، އެމީހާއަށް ހެޔޮކޮށް ހިތުމަކަށް އިސްލާމްދީން ހުރަހެއް ނާޅައެވެ. އަދި އެމީހާ އެކޮށްދިންކަންތަކުގެ ބަދަލުގައި އޭނައަށް އަކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ބަދަލުގައި ހަދިޔާއެއް ދިނުމަކަށްވެސް އިސްލާމްދީން ހުރަހެއް ނާޅައެވެ. ނަމަވެސް، ދީނުގެ މައްސަލާގައި އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ އަޞްލަށް ރުޖޫޢަވާށެވެ. އެއީ ކުރިން ދެންނެވުނު ފަދައިން އެބައިމީހުން އަޅުކަންކުރާ ފަރާތްތަކަށް ކާފަރުވެ، އެތަކެތިން ބަރީޢަތް ވާށެވެ. މިއީ ބަދަލުދީ، ޝުކުރުއަދާކުރަންޖެހޭ ކަމެއް ނޫނެވެ. މިސްކިތްތަކަކީ އިސްލާމްދީނުގެ މަތިވެރި ކަލިމަ އުފުލައި، ﷲއަށް އިޚްލާޞްތެރިވުމުގެ ތަނެކެވެ. ބިމަކީ ﷲގެ ބިމެކެވެ. ﷲގެ ބިމުގައި މިސްކިތްތައް ބިނާކުރަނީ ޙައްޤުގޮތުގައެވެ. މިސްކިތްތައް ވަނީ ﷲއަށެވެ. ﷲގެ ބިމުގައި އެއިލާހަށް ޝިރުކުކުރެވޭ ތަންތަނާއި، ޝިރުކުގެ ޝިޢާރުތައް ފެތުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަޅުގަނޑުމެންގެ ގެދޮރުގައި އަޅުގަނޑުމެން ނުރުހޭ ތަނެއް ހަދައި، އެތަކެތި ގޭތެރޭގައި ފަތުރާ ހެދުމަށް ފަހެ ރުހޭނެތޯއެވެ؟

މުސްލިމުންގެ ޝިޢާރުގެ ނަމުގައި ސޫރަކުރަހާ، ފޮތިތައް ދަމާ ހެދުމަކީ މުސްލިމުންގެ ދީނީ ޝިޢާރުތައް ދައްކައި ދިނުމެއް ނޫނެވެ. މުސްލިމުންގެ ޝިޢާރަކީ މުސްލިމުންގެ އުޅުމާއިގުޅުމެވެ. އިސްލާމްދީނުގައި ދައްކަވާދެއްވާފައިވާ ޝިޢާރުތައް އުފުލުމެވެ. ފަސްވަގުތަށް ގޮވާލެވޭ ބަންގިއެވެ. މުސްލިމުންގެ ހެދުންއެޅުމުގެ ވަށްޓަފާޅިއެވެ. ސަލާމްގޮވުމާއި ސަލާމްކުރުން ފެތުރުމެވެ. މިފަދަމިފަދަ ދީނުގައިވާ ޝިޢާރުތަކެވެ. ދީނާ ޚިލާފަށް ޞޫރަތަކާއެއްޗެހި ކުރަހައި، ތަންތަނުގައި ހިއްޕާފައި ނުވަތަ ދަމާފައި ބެހެއްޓުމެއް ނޫނެވެ.

ނިންމާލަމުން ދަންނަވާލަންއޮތީ، މެހެމާނުންނަށް މެހެމާންދާރީ އަދާކުރައްވާށެވެ. ނަމަވެސް ޙައްދުގެ ތެރޭގައެވެ. ދީން ބޮލާލައިޖަހާފައެއް ނޫނެވެ. ކަމެއް ކުރުމުގެ ކުރިން އިސްލާމްދީނުގައި އޮތްގޮތް ބައްލަވާލައްވާށެވެ. ދީނާމެދު އަޅާނުލައްވައި، “މިފަހަރު ކުރެވުނީތާއޭ” “ދެންފަހަރަކުންނޭ” “ޚަރަދުތަކެއް ކުރެވިއްޖޭ” “އޮޅުނިއްޔޭ” “ހިތްއޮތީ ހަމަ ހުދު ކަފަކޮޅެއްހެނޭ” “މެހެމާނުންގެ ކުރިމަތީ އަގުވެއްޓެނީއޭ” ބުނުއްވައިގެން ކަންކަން މަސަލަސްކުރެއްވުމަކީ އަބަދަކު ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ. ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެއެވެ. ތިމާމެންގެ ދުނިޔެއަށްޓަކައި އާޚިރަތް ވިއްކާނުލާށެވެ. އަދި މިފަދަ ޝިރުކުގެ ޝިޢާރުތައް ފެތުރުމުގައި ވާގިވެރިންނަށް ނުވާށެވެ. ﷲ، އަޅުގަނޑަށާއި ތިއެންމެހާ އަޚުންނަށް ތެދުމަގު ދައްކަވައި، އެމަގުގައި ޘާބިތުކުރައްވާށި!