[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

18 އަހަރު ނުފުރޭ ކުޑަކުދިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

“18 އަހަރު ނުފުރޭ ކުޑަކުދިން” ބަލިވެ އިނދެ ވިހަނީއެވެ. މީހުން މަރާ އެކަމަށް އެހީތެރިވެސް ވަނީއެވެ. މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިވެސް ކުރަނީއެވެ. “18 އަހަރު ނުފުރޭ ކުޑަކުދިން” ވަށްކަންކޮށް ފޭރެނީއެވެ. އަދިވެސް ހަމަ ކުޑަކުދިންނެވެ.

“18 އަހަރު ނުފުރޭ ކުޑަކުދިން” މިފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ ވާހަކަ މިއީ މިއަދު އަޅުގަނޑުމެންނަށް އާ ވާހަކައެއް ނޫނެވެ. މިކުދިން މިފަދަ ކުށްތައްކުރުމުގައި ހައްދުފަހަނަ އަޅާ ދާންފެށުމުން ރަށަކަށް ގެންގޮސް އެކަހެރިކޮށް ކުޅިވަރުކުޅެން ބައިތިއްބަންވީތޯއެވެ. ދުވަސްކޮޅެއް ވުމުން ދެވަނަ ފަހަރަށް މުޖުތަމަޢަށް ގެނެސް އެކުދިންނަށް “ގެއްލިފައިވީ ޙައްޤުތައް” ހޯދައިދޭންވީތޯއެވެ. އޭރުން މުޖުތަމަޢުގެ ޢާންމު ފަރުދުންގެ ޙައްޤުތައް ކޮބާތޯއެވެ.

މިފަދަ “ކުދިންގެ” ސަބަބުން މަގެއްގެ މައްޗަށް ނުކުތުމަށްވެސް ޖެހިލުންވާ ހިސާބަށް ކަންތައްތައް މިވަނީ ގޮއްސައެވެ. ދެވޭނެ އަދަބެއްނެތެވެ. މިއިން ދޭހަކޮށްދެނީ ދުވާލުދާ ހަތަރުދަމު މަޖިލީހުގައި ތިބެ ހޯބޯލަވައިގެން ފާސްކުރާ ވަޟައީ ޤާނޫނުތައް ފެއިލްވެފައިވާ ކަމެވެ. އެވަޟައީ ޤާނޫނުތަކުން އަޅުގަނޑުމެންނަށް ތާހިރު ދިރިއުޅުމެއް ހޯދައި ނުދެވޭނެކަމެވެ.

މިފަދަ “18 އަހަރު ނުފުރޭ ކުޑަކުދިންގެ” ކިބައިން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތްކުރެވެން އޮތީ ހަތްއުޑުގެ މަތިން ﷲ ތަޢާލާ ބާވާލައްވާފައިވާ މަތިވެރި ޝަރީޢަތަށް ތަބާވެގެންނެވެ. އެއިލާހުގެ ޝަރީޢަތުގައި އެއްވެސް ކިލަނބުކަމެއްނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވީ:

﴿ أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ ﴾ (سورة الملك ١٤)

މާނައީ: “(ހުރިހާ ތަކެއްޗެއް) ހެއްދެވި އިލާހު (އެތަކެތި) ދެނެވޮޑިގެން ނުވާނެ ހެއްޔެވެ. އަދި އެއިލާހީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

ކުޑަކުދިންނާއި ބޮޑެތިމީހުން ފަރަޤުކުރާނެ މިންގަނޑަކީ ކޮބާތޯ ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ މަޖިލިސްކުރާ ގެތަކުގައި ބަހުސްކުރެވެއެވެ. އިންސާނާގެ އުނިސިކުނޑިން ވިސްނައި މިފަދަ ބަހުސްތައްކޮށް ނަތީޖާ ނެރުމުން އެކަން ފެނިގެން ގޮސްފައިވަނީ ވަރަށް ހިތިކޮށެވެ. އިންސާނުން ހައްދަވާ ރިޒްޤުދެއްވާ އެބައިމީހުންގެ ވެރިއިލާހަށްވުރެ އެފަދަ ޤާނޫނުތައް ހަދާމީހުންގެ އޯޤާތެރިކަންބޮޑީހެއްޔެވެ؟ ހަމަޔަޤީނުންވެސް މިއީ ވާނޭކަމެއްނޫނެވެ.

 18 އަހަރުނުވާ ޒުވާނުންނަކީ ކުޑަކުދިންކަމަށް ކަނޑައެޅުމުން އެކަން ހިމެނިފައިވަނީ ކުށްކުރުން ހުއްޓުވަން ކުރާމަސައްކަތުގެ “ލޫޕް ހޯލް”އަކަށެވެ. މިއީ ޢިލްމީ ޤާބިލުކަމެއްނެތް، އިސްލާމީ ޝަރީޢަތާއި ބީރައްޓެހި ބަޔަކު ހަދާ ކޮށާމަށާފައިވާ ޤާނޫނުތައް ދީނީ ޢިލްމު ޙާޞިލުކުރައްވައިގެން ތިއްބެވި ޤާޒީންނަށް ބުނެދޭން މަސައްކަތްކުރުމުގެ ނަތީޖާއެވެ. މިކަމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިއޮތް މިންގަނޑަށްވުރެ ފުރިހަމަ މިންގަނޑެއްނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ الصَّبِىِّ حَتَّى يَبْلُغَ وَعَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الْمَعْتُوهِ حَتَّى يَبْرَأَ)) [أخرجه أبو داود / كتاب: الحدود / باب: في المجنون يسرق… / رقم:٤٤٠٢ وصححه الألباني في صحيح سنن أبي داود]

މާނައީ: “ތިން މީހެއްގެ ކިބައިން ގަލަން އުފުއްލެވިފައިވެއެވެ. ކުޑަކުއްޖާ ބާލިޣުވަންދެނެވެ. އަދި ނިދާފައިވާމީހާ ހޭލަންދެނެވެ. އަދި މޮޔަމީހާ އޭނާގެ މޮޔަކަން ފިލައްޖައުމަށް ދާންދެނެވެ.”

އިސްލާމީ ޝަރީޢަތުގައި ކުޑަކުދިންނަށް ދޭންވާ ފުރިހަމަ ހިމާޔަތްދީފައިވެއެވެ. އެކުދިންނަށް ދޭންޖެހޭ ޚަރަދު ބަރަދާއި އަނިޔާތަކުން ރައްކާތެރިކޮށްދިނުމާއި އަޅާލާނެ ފަރާތެއް ނުވަތަ ޒިންމާވާނެ ފަރާތެއް ކުޑަކުދިންނަށް ކަނޑައަޅައިދީފައިވެއެވެ. ކުޑަކުދިންނަމަ އުޅެންވާނީ ކުޑަކުދިން އުޅޭގޮތަށެވެ. އެހެންމީހުންގެ ގަޔަށާއި މުދަލަށާއި އަބުރަށް އަރައިގަނެގެން ނުވާނެއެވެ. އަދި ޝަރުޢީ ޙައްދުތަކާވެސް ގާތްވެގެންނުވާނެއެވެ. ބާލިޣުވުމަށްފަހު އެ”ކުދިން” ކުރާ ޢަމަލުތަކަށް ﷲ ތަޢާލާ ޙިސާބުކުރައްވައެވެ. އަދި އިސްލާމީ ޝަރީޢަތުގައި ޖަވާބުދާރީވެސްކުރުވައެވެ. އެހެން ކަންތައް ނުކޮށްފިނަމަ ބޮޑެތި ކުށްވެރިން މިފަދަ “ކުދިންގެ” ނިވަލުގައި ޖަރީމާތައް ހިންގާނެއެވެ.

ދުޢާއަކީ އަޅުގަނޑުމެންނަށް ހެޔޮވިސްނުންދެއްވާ އެއިލާހުގެ ޝަރީޢަތަށް ފުރިހަމައަށް ތަބާވުމުގެ ހެޔޮތައުފީޤުދެއްވުމެވެ.