ދެވަނަ ބާބު: (ليبوكم أيكم أحسن عملا) ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.
އިސްވެދިޔަ ބާބުގައި އަލި އަޅުވާލެވިފައިވަނީ މަރާއި ދިރުމުގެ މައްޗަށެވެ. ﷲތަޢާލާ މަރާއި ދިރުން ޚަލްޤުކުރެއްވިކަން ބަޔާންކޮށްދެއްވުމަށް ފަހު، އެމަރާއި ދިރުން އެކަމަކަށްޓަކައި ލެއްވި ސަބަބު އެވަނީ ބަޔާންކުރައްވާފައެވެ. އެމަޤްޞަދަކީ، އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށްޓަކައި އިމްތިޙާނު ކުރެއްވުމެވެ.
އެންމެ ހެޔޮ ޢަމަލު (أحسن عملا)
أحسن މިއީ الحسن ގެ اسم تفضيل އެވެ. اسم تفضيل އަކީ ޢަރަބި ބަހުގައި ކަމެއްގެ އެންމެ މަތީ ދަރަޖަ ބަޔާންކޮށްދިނުމުގެ ގޮތުން ބޭނުންކުރާ ނަމެކެވެ. އެގޮތުން މިއާޔަތުގައި މިވަނީ މަރާއި ދިރުން ޚަލްޤު ކުރެވިފައި ވަނީ އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށް ޓަކައި ކަން ބަޔާންކުރައްވާފައެވެ.
އެންމެ ހެޔޮ ޢަމަލަކީ ކޮބާ؟
މި އާޔަތުގައި މިވަނީ، ﷲތަޢާލާ އަޅުތަކުން އިމްތިޙާނު ކުރައްވާނެކަން ބަޔާންކުރައްވާފައެވެ. އަދި އެކަމަކުން އިމްތިޙާނު ކުރެވޭ ކަމަކީ އެންމެ ހެޔޮ ޢަމަލުކަންވެސް އެވަނީ ބަޔާންކުރައްވާފައެވެ. އެހެންކަމުން އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަން ބަލާލުން މުހިންމެވެ.
އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު މި އާޔަތުގައި މިވާ (أحسن عملا، އެންމެ ހެޔޮ ޢަމަލު)، މިބަސްފުޅުގެ މުރާދެއްގެ ގޮތުގައި ވިދާޅުވެފައި ވެއެވެ.
أخلص عملا” މާނައީ: “(އެބަސްފުޅުގެ މުރާދަކީ) ‘ޢަމަލުގައި އެންމެ އިޚްލާޞްތެރި’ އެވެ..”[1]
އިބުނު ކަޘީރު ރަޙިމަހުﷲ މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ.
“(އެއިލާހު ވަޙީކުރައްވާފައި އެވަނީ) “ތިޔަބައި މީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށްޓަކައެވެ.” އެންމެ ގިނައިން އަމަލުކުރަނީ ކާކުތޯ ވަހީ ކުނުރައްވައެވެ. އަދިކިޔެއް ހެއްޔެވެ. ވަޙީ ކުރައްވާފައި އެވަނީ އެންމެ ހެޔޮ ޢަމަލުގެ ވާހަކައެވެ. ﷲތަޢާލާއަށް އިޚުލާޞްތެރިކާމާއެއްކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނު ޝަރީޢަތުގައިވާ ގޮތަށް އެޢަމަލެއް ކޮށްފުމަށް ދާނދެން އެޢަމަލެއް ޞާލިޙު ޢަމަލަކަށް ވެގެން ނުދާނެއެވެ. އަދި އެ ދެ ޝަރުތުންކުރެ ޝަރުޠެއް އުނިވެއެއްޖެނަމަ އެޢަމަލެއް ބާޠިލުވާ ހުށްޓެވެ.”[2]
(ނުނިމޭ)
[1] تنوير المقباس من تفسير ابن عباس 2 جزء 92 صفحة
[2] تفسير القرآن العظيم جز4, 318 صفحة