ހަމައެކަނި ތައުޙީދުއް ރުބޫބިއްޔާއަށް އިޤުރާރުވުމުން މުސްލިމަކަށް ނުވެވޭނެ
ޝިރުކު އަޅުކަމުގެ ތެރެއަށް ވަދެ މަސްހުނިވުމުން އެއަޅުކަން ފަސާދަވާކަމާއި ޢަމަލުތައް ބާޠިލުވާކަމާއި އެޢަމަލުތައް ކުރާމީހާ ދާއިމީ ނަރަކަވަންތަވެރީންގެ ތެރެއިންވާކަން ތިބާއަށް އެނގުމުން، ދެން ތިބާއަށް އެންމެ މުހިންމުވާނީ އެޝިރުކު މަޢުރިފާކޮށް ދެނެގަތުންކަން ތިބާއަށް އެނގޭނެއެވެ. އެއީ ﷲ ތަޢާލާ މި ދާގަނޑުން ތިބާ ސަލާމަތްކުރެވުމަށްޓަކައެވެ. އެއީ ﷲއަށް ޝިރުކުރުމެވެ. އެކަމަކާ ބެހޭގޮތުން އެއިލާހު މިފަދައިން ވަޙީކުރެއްވިއެވެ.
﴿ إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ﴾ [النساء 48]
މާނައީ: “ހަމަކަށަވަރުން ﷲ، އެއިލާހަށް ޝިރުކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވާދެއްވާނެއެވެ.”
އެކަންތައް މަޢުރިފާކޮށް ދެނެގަންނާނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި ޛިކުރުކުރައްވާފައިވާ ހަތަރު ޤަވާޢިދުގެ ޛަރީޢާއިންނެވެ.
ފުރަތަމަ ޤަވާޢިދު
އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބަޔަކާ ހަނގުރާމަކުރެއްވި ކާފިރުން، އެބައިމީހުން ޚަލްޤުކުރެއްވި ފަރާތަކީ އަދި އެބައިމީހުންގެ ކަންތައްތައް ތަދުބީރުކުރައްވާ ފަރާތަކީ ﷲ ތަޢާލާކަމުގައި އިޤްރާރުވިކަމުގައިވިޔަސް އެބައިމީހުން އިސްލާމްކަމުގެ ތެރެއަށް ނުވަންނަކަން ތިބާ ދެނެގަތުމެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިވަޙީބަސްފުޅެވެ.
﴿ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّـهُ فَقُلْ أَفَلَا تَتَّقُونَ ﴾ [يونس31]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤުދެއްވަނީ ކާކުތޯއެވެ؟ ނުވަތަ އިވުމާއި ފެނުންތައް މިލްކުވެ ޚާއްޞަވެގެންވަނީ ކާކަށްތޯއެވެ؟ އަދި މަރުވެފައިވާ ތަކެތީން ދިރޭތަކެތި އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާ ތަކެތި ނެރުއްވައި އަދި ކަންތައްތައް ތަދުބީރުކުރައްވަނީ ކާކުތޯއެވެ؟ (އޭގެ ޖަވާބުގައި) އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފަހެ ބިރުވެތިނުވަނީ ހެއްޔެވެ؟” [1]
ފިލާވަޅުގެ އިރުޝާދުތައް
* ތައުޙީދަކީ ސަލާމަތްކަމުގެ މަގެވެ. ފަހެ ހަމަކަށަވަރުން މުވައްޙިދެއްގެ ގޮތުގައި (އެބަހީ: ﷲ އެއްކައުވަންތަކުރާ މީހެއްގެ ގޮތުގައި) ﷲ އާ ބައްދަލުކޮށްފިމީހާ ނަޖާވެ ކާމިޔާބުވެއްޖެއެވެ. ޝިރުކަކީ ހަލާކުގެ މަގެވެ. މުޝްރިކެއްގެ ގޮތުގައި ﷲ އާ ބައްދަލުކޮށްފިމީހާ ގެއްލެނިވެ ހަލާކުވެއްޖެއެވެ.
* ޝިރުކުގެ ނަޖިސްކަން އަޅުކަމުގެ ތެރެއަށް ވަދެއްޖެނަމަ އެއަޅުކަމެއް ފަސާދަވެ އޭގެ ޘަވާބު ބާޠިލުވާނެއެވެ. އެހެންކަމުން އެންމެހާ ޝިރުކުން މުސްލިމުން ދުރުހެލިވާންޖެހޭނެއެވެ.
* ﷲ ތަޢާލާ ވުޖޫދުގައިވާކަމާއި އެއިލާހީ ޢާލަމްތައް ޚަލްޤުކުރެއްވި އިލާހުކަމާއި މީސްތަކުންގެ ކަންތައްތަކާއި ކައުނުގެ ކަންތައްތައް ތަދުބީރުކައްވަނީ އެއިލާހުކަމަށް އިޤުރާރުވުމަކީ ޞައްޙަ އިޤުރާރެކެވެ. ނަމަވެސް ހަމައެކަނި އެފަދައިން އިޤުރާރުވާމީހަކު މުސްލިމަކަށް ނުވާނެއެވެ. އެކަން ޞައްޙަވާނީ ﷲ ފިޔަވާ އަޅުކަން ޙައްޤުވާ އެހެންފަރާތެއްނުވާކަމަށް އީމާންވެ އަދި އެއިލާހަށް ޝަރީކަނުކޮށް ޚާލިޞްކަމާއެކު އަޅުކަންކުރުމުންނެވެ.
ސުވާލުތައް
1- އެއެއްޗެއް އަޅުކަމާއެއްވުމުން އަޅުކަން ފަސާދަކޮށްލާ އަދި އޭގެ ޘަވާބު ބާޠިލުކޮށްލާ އެއްޗަކީ ކޮބާ ހެއްޔެވެ؟
2- އިންސާނާ ހަލާކުވަނިވި މަގަކީ ކޮބާ ހެއްޔެވެ؟
3- ﷲ ގެ ޢަޛާބުން ނަޖާވަނިވި މަގަކީ ކޮބާ ހެއްޔެވެ؟
4- ތައުޙީދުއް ރުބޫބިއްޔަތަކީ ކޮބާ ހެއްޔެވެ؟
5- ހަމައެކަނި ތައުޙީދުއްރުބޫބިއްޔާއަށް އިޤުރާރުވުމުން މުސްލިމަކަށް ވެވިދާނެ ހެއްޔެވެ؟
= ނުނިމޭ =
_____________________________
[1] މިއީ القواعد الأربع އިން ނަގާފައިވާ ބައެކެވެ.