ޝަފާޢަތުގެ ވައްތަރުތައް
ޝަފާޢަތުގެ ދެވައްތަރެއްވެއެވެ. އެއީ ނަފީކުރެވިގެންވާ ޝަފާޢަތް (ޙަރާމް ޝަފާޢަތް) އަދި ޘާބިތުކުރެވިގެންވާ ޝަފާޢަތެވެ. (ޙަލާލު ޝަފާޢަތެވެ.)
ހ. ނަފީކުރެވިގެންވާ ޝަފާޢަތަކީ: ﷲ ނޫން އެހެން ފަރާތަކަށް އެކަމެއްކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ ކަމެއްގައި ﷲ ނޫން ފަރާތަކުން އެދުމެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ﴾ [البقرة 254]
މާނައީ: “އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންއިލާހު ދެއްވި ރިޒްޤުން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް އައުމުގެ ކުރިންނެވެ. އެދުވަހުގައި ވިޔަފާރިކުރުމެއް ނުވެއެވެ. އަދި ރަޙުމަތްތެރިކަމެއްވެސް ނުވެއެވެ. އަދި ޝަފާޢަތްތެރިކަމެއްވެސް ނުމެވޭމެއެވެ. ކާފިރުންނަކީ ހަމަ އަނިޔާވެރިންނެވެ.”
ށ. ސާބިތުކުރެވިގެންވާ ޝަފާޢަތަކީ: ﷲގެ ޙަޟްރަތުން އެދެވޭ ޝަފާޢަތެވެ. އަދި ޝަފާޢަތްތެރިވާ ފަރާތް އެޝަފާޢަތުގެ ސަބަބުން ކަރާމާތްތެރިކުރެއްވިގެން ވެއެވެ. (މާތްކުރެއްވިގެންވެއެވެ.) އަދި އެމީހަކަށްޓަކައި ޝަފާޢަތްތެރިވެވޭ މީހަކީ އެމީހެއްގެ ބަހާއި ޢަމަލަށް ﷲ ރުއްސަވާވެވޮޑިގެންފައިވާ މީހެކެވެ. އެކަން ހިނގާނީ އެ އިލާހުގެ އިޛުނައަށް ފަހުގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ﴾ [البقرة 255]
މާނައީ: “އެއިލާހުގެ ހަޟުރަތުގައި އެއިލާހުގެ އިޛުނައާ ނުލައި ޝަފާޢަތްތެރިވާނީ ކާކު ހެއްޔެވެ؟”[1]
ފިލާވަޅުގެ އިރުޝާދުތައް
* ޝަފާޢަތަށް އެދޭމީހާ، އެކަމަށް އެދެން ޖެހޭނީ އެއްވެސް މެދުވެރިއެއްނެތި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. މިސާލަކަށް އަންނަނިވި ޢިބާރާތުން އެކަމަށް އެދެވިދާނެއެވެ.
” އޭﷲ! އިބައިލާހުގެ ނަބިއްޔާ صلى الله عليه وسلم ގެ ޝަފާޢަތް މިއަޅާއަށްޓަކައި ލައްވާފާނދޭވެ!”
* ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަފާޢަތެއް ޞައްޙަވަނީ ދެޝަރުތަކާއެކުގައެވެ.
- ޝަފާޢަތްތެރިވެވޭމީހާއާމެދު ﷲ ތަޢާލާ ރުހިވޮޑިގެންވުން
- ޝަފާޢަތްތެރިވާމީހާ ޝަފާޢަތްތެރިވުމަށް ﷲ ތަޢާލާ އިޛުނަދެއްވުން
* ބުދުތަކާއި ގަބުރުތަކުގައިވާ މީހުންގެ ކިބައަށް ދުޢާކޮށް، އެބައިމީހުންގެ ކިބައިން ޝަފާޢަތްދެއްވުން އެދުމަކީ ބާޠިލު ޢަމަލެކެވެ. (އެބަހީ: މިފަދަ މީހުން ޝަފާޢަތަށް އެދެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެއް ނޫނެވެ. އެކަމު ޝަފާޢަތަށް އެދި އެބައިމީހުން ދުޢާކުރަނީ ބުދުތަކާއި ގަބުރުތަކުގެ ކިބައިންނެވެ. ދުޢާކުރުމަކީ އަޅުކަމެކެވެ. އެހެންކަމުން ﷲ ނޫން ފަރާތަކަށް މިފަދައިން ދުޢާކުރުމަކީ ޝިރުކުކުރުމެވެ.)
* ﷲ ތަޢާލާ މީހެއްގެ ޝަފާޢަތް ޤަބޫލުކުރައްވައިފިނަމަ އޭގެން ދަލީލުކޮށްދެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަފާޢަތްތެރިމީހާގެ ޤަދަރެވެ. އަދި އެފަދަ ޝަފާޢަތަކީ އޭގެ ސަބަބުން ޝަފާޢަތްވެވުނު މީހާއަށް ފައިދާކުރާނެ އެއްޗެކެވެ.
ސުވާލުތައް
1- ޝަފާޢަތުގެ ވައްތަރުތައް ބަޔާންކުރާށެވެ.
2- ނަފީކުރެވިފައިވާ ޝަފާޢަތް، ދަލީލާއެކު ބަޔާންކުރާށެވެ.
3- ސާބިތުކުރެވިފައިވާ ޝަފާޢަތް، ދަލީލާއެކު ބަޔާންކުރާށެވެ.
4- އަންނަނިވި ހުސްތަން ފުރާށެވެ.
ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަފާޢަތެއް ޞައްޙަވަނީ ދެޝަރުތަކާއެކުގައެވެ.
– …………………………………. ﷲ ތަޢާލާ ރުހިވޮޑިގެންވުން.
– …………………………………. ﷲ ތަޢާލާ އިޛުނަދެއްވުން.
5- ޤަބުރުތައް ކައިރިއަށް ގޮސް އެމީހުންގެ ކިބައިން ޝަފާޢަތް ދެއްވުން އެދި ދުޢާކުރެވިދާނެ ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟
= ނުނިމޭ =
_____________________________
[1] މިއީ القواعد الأربع އިން ނަގާފައިވާ ބައެކެވެ.