މަލާއިކަތުންނަށް އީމާންވުމާމެދު ދަންނައެވެ. އެކަމުގައި ހިމެނެނީ ޢާންމު ގޮތެއްގައި އަދި ތަފްޞީލީކޮށް (މަލާއިކަތުންނާ ބެހޭގޮތުން އައިސްފައިވާކަންކަމަށް) އީމާންވުމެވެ. ފަހެ، ހަމަކަށަވަރުން ﷲ ތަޢާލާ މަލާއިކަތުންތަކެއް ޚަލްޤުކުރައްވާފައިވާކަމަށް މުސްލިމުން އީމާންވެއެވެ. އަދި އެއީ އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުމަށް ޚަލްޤު ކުރައްވަފައިވާ ބައެކެވެ. އަދި އެއިލާހު މަލާއިކަތުން ޞިފަކުރައްވާފައިވަނީ މިފަދައިންނެވެ.
﴿عِبَادٌ مُّكْرَمُونَ [٢٦] لَا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ [٢٧] يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ [٢٨]﴾ [سورة الأنبياء]
މާނައީ: “(މަލާއިކަތުންނަކީ) މާތް ކުރައްވާފައިވާ، އެއިލާހުގެ އަޅުންތަކެކެވެ. [26] އެބޭކަލުން އެއިލާހުގެ ޙަޟްރަތަށް އިސްވެ ބަހެއް ނުދަންނަވާނެއެވެ. އަދި އެބޭކަލުން ޢަމަލުކުރައްވާނީ، އެއިލާހުގެ އަމުރުފުޅާ އެއްގޮތަށެވެ. [27] އެބައިމީހުންގެ ކުރިމަތީގައިވާ ކަންތަކާއި، އެބައިމީހުންގެ ފަހަތުގައިވާ ކަންތައް، އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހު ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން ޝަފާޢަތްތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުން ތިއްބަވާނީ، އެއިލާހުގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ. [28]”
މަލާއިކަތުންގެ ވަރަށް ގިނަ ވައްތަރުތައްވެއެވެ. އޭގެ ތެރޭގައި: ޢަރުޝި އުފުއްލެވުމަށް ހަވާލުކުރައްވާފައިވާ މަލާއިކަތުންނާއި، ސުވަރުގެއާއި ނަރަކަ ބަލަހައްޓަވާ މަލާއިކަތުންނާ އަދި އަޅުތަކުންގެ ޢަމަލުތައް ބެލެހެއްޓެވުމަށް ހަވާލުކުރައްވާފައިވާ މަލާއިކަތުން ހިމެނެއެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލާ، ނަން ބަޔާންކުރައްވާފައިވާ ފަރާތްތަކުގެ އެތަފްޞީލާއެކު އީމާންވާން ޖެހެއެވެ. އޭގެތެރެގައި: ޖިބްރީލުގެފާނާއި، މީކާއީލުގެފާނާއި، ނަރަކަ ބަލަހައްޓަވާ މާލިކުގެފާނު އަދި ތާޅަފިލި ފުންމެވުމަށް ހަވާލުކުރައްވާފައިވާ އިސްރާފީލުގެފާނު ހިމެނެއެވެ. ޞައްޙަ ޙަދީޘްތަކުގައި އެބޭކަލުން ޛިކުރު ކުރައްވާފައިވެއެވެ. ޞަޙީޙު މުސްލިމުގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«خُلِقَتِ الْمَلَائِكَةُ مِنْ نُورٍ، وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ، وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ» [خرّجه مسلم في صحيحه]
މާނައީ: “މަލާއިކަތުން ޚަލްޤުކުރައްވާފައިވަނީ ނޫރުންނެވެ. އަދި ޖިންނީން ޚަލްޤުކުރައްވާފައިވަނީ ދުން ނާރާ އަލިފާނެއްގެ ހުޅުގަނޑުންނެވެ. އަދި އާދަމުގެފާނު ޚަލްޤުކުރައްވާފައިވަނީ ތިޔަބައިމީހުންނަށް (ޝަރުޢީ ނައްޞުތަކުގައި) ޞިފަކޮށްދެއްވާފައިވާ ފަދައިންނެވެ.”
____________________________________
މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-