[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (18): ރަނާއި ރިހީގެ ގަހަނާއިން ޒަކާތް ދިނުން

ރަނާއި ރިހީގެ ގަހަނާއިން ޒަކާތްދިނުން

ރަނާއި ރިހީގެ ގަހަނާގެ ތަޢުރީފު

(ޢަރަބިބަހުގައި) “الحُلِيُّ” އަކީ “حَلْيٌ” ގެ ގިނަގޮތެވެ. އެއީ ޒީނަތްތެރިވުމަށްޓަކައި ރަނާއި ރިހިން ހެދިފައި ހުންނަ ގަހަނާއަށް ކިޔާނަމެކެވެ.([1])

ބޭނުންކުރާ ރަނާއި ރިހީގެ ގަހަނާއިން ޒަކާތްދިނުން

ބޭނުންކުރާ ރަނާއި ރިހީގެ ގަހަނާއިން ޒަކާތްދިނުމާމެދު ޢިލްމުވެރިން ވަނީ ގިނަ ބަސްތަކަކަށް އިޚްތިލާފު އުފެދިފައެވެ. މި ބަސްތަކުގެ ތެރެއިން އެންމެ ބާރުގަދައީ ދެ ބަހެކެވެ.

ފުރަތަމަ ބަސް: މިފަދަ ގަހަނާއިން ޒަކާތް ދެއްކުން ވާޖިބުވާނެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ބަހެވެ.([2]) އަދި ޝާފިޢީގެ ކިބައިންވެސް އައިސްފައިވާ ބަހެކެވެ.([3]) އަދި އަޙްމަދުގެ ކިބައިން މިގޮތަށް އައިސްފައިވެއެވެ.([4]) ސަލަފުންގެ ތެރެއިން ބޭކަލުންތަކެއް މިގޮތަށް ވިދާޅުވެއެވެ.([5]) އަދި މިއީ އިބްނުލް މުންޛިރާއި،([6]) އަލްޚައްޠާބީއާއި،([7]) އިބްނު ޙަޒްމާއި،([8]) އައްޞަންޢާނީއާއި،([9]) އިބްނު ބާޒާއި،([10]) އިބްނު ޢުޘައިމީން([11]) އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ.

ދަލީލުތައް؛

ފުރަތަމައީ؛ ޤުރްއާނުން

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْ‌هُم بِعَذَابٍ أَلِيمٍ)) (التوبة: 34) މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ!”

މި އާޔަތުން ދަލީލުނެގޭގޮތް:

މި އާޔަތުގެ ޢާއްމު މާނައިގެ ތެރޭގައި މިފަދަ ގަހަނާތައް ހިމެނޭނެއެވެ. އަދި ރަނުގެ ބައެއް ތަކެއްޗާއި، ބައެއް ޙާލަތްތަކުގައި އެތަކެތި އިސްތިސްނާވެގެންވާކަމަށް ދަލީލެއް އައިސްފައެއްނުވެއެވެ. ނައްޞެއް އަދި އިޖުމާޢުއެއްނެތި ވަކި އެއްޗަކަށް ނުވަތަ ވަކި ބާވަތަކަށް (ޒަކާތް ނުދިނުން) ޚާއްޞަކުރުން ހުއްދަވެގެންނުވެއެވެ.([12])

ދެވަނައީ؛ ސުންނަތުން

(1) އަނަސް ބުން މާލިކު رَضِيَ اللهُ عنه ވިދާޅުވިއެވެ. އަބޫބަކުރުގެފާނު ލިޔުއްވައިދެއްވި ފަތުގައިވާގޮތުގެ މަތިންނެވެ. ((أَنَّ أَبَا بَكْرٍ رَضِيَ اللهُ عَنْهُ كتَبَ لَهُمْ: إِنَّ هَذِهِ فَرَائِضُ الصَّدَقَةِ الَّتِي فَرَضَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ((وفيه:)) وَفِي الرِّقَّةِ رُبْعُ العُشْرِ، فَإِذَا لَمْ يَكُنِ المالُ إِلَّا تِسْعِينَ وَمِائَةَ دِرْهَمٍ؛ فَلَيْسَ فِيهَا شَيْءٌ إِلَّا أَنْ يَشَاءَ رَبُّهَا))([13]) މާނައީ: “އަބޫބަކުރުގެފާނު އެބޭކަލުންނަށް ލިޔުއްވިއެވެ. ހަމަކަށަވަރުން މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަރުޟުކަން ބަޔާންކުރެއްވި ފަރުޟު ޞަދަޤާތެވެ. (އޭގައިވެއެވެ.) އަދި ރިހިން (200 ދިރުހަމް ހަމަވެއްޖެނަމަ) ދިހަބައިކުޅަ އެއްބައެވެ. ސަތޭކަ ނުވަދިހަ އޮވެއްޖެނަމަ (އެބަހީ؛ 200 ދިރުހަމް ހަމަނުވާނަމަ)، ޒަކާތްދިނުމެއް ނުވެއެވެ. އެއިގެ ވެރިފަރާތުން (ޘަވާބަށްއެދި ދޭ ޞަދަޤާތެއް) މެނުވީއެވެ.”

ޙަދީޘުން ދަލީލުނެގޭގޮތް:

ގަހަނާއަކީ ރިހީގެ ގަހަނާއެއްނަމަ، އެ ގަހަނާގައި ޒަކާތުގެ ޙައްޤު ދިނުން ވާޖިބުވާނެއެވެ. އެއީ މި ނައްޞުތަކުގެ ޢާއްމު މާނައިގެ ތެރެއަށް ވަންނާތީއެވެ.([14])

(2) އަބޫ ހުރައިރާ رَضِيَ اللهُ عنه ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِى نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ، كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِى يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ فَيُرَى سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِ…الحديث))([15]) މާނައީ: “ރަނާއި ރިހި (މުދަލުގެ ގޮތުގައި ލިބިގެންވާ) މީހަކު، އެ ތަކެތީގެ ޙައްޤު (އެބަހީ؛ ޒަކާތް) ނުދީފިކަމުގައި ވާނަމަ، ޤިޔާމަތްދުވަހު، އެމީހަކަށް އެ މުދާތައް އަލިފާނުންވާ (ދަގަނޑު) ފޮތިތަކެއްފަދައިން ހަދާލެވެއެވެ. ފަހެ، އެތަކެތި ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެތަކެތިން، އެމީހާގެ ނިތްކުރީގައްޔާއި، އަރިކަށީގައްޔާއި، ބުރިކަށީގައި، ޖައްސަވަމުން ގެންދަވާނެތެވެ. އެ ފޮތިތައް ހިހޫވާ ކޮންމެފަހަރަކު އަނެއްކާވެސް ދޮންކުރެވެއެވެ. ކޮންމެ ދުވަހެއްގެ ދިގުމިން ފަންސާސްހާސް އަހަރުވާ (ޤިޔާމަތް) ދުވަހުގައި، މީސްތަކުންނާމެދު ޙުކުމް ކުރެވިއްޖެއުމަށް ދާންދެން، އެމީހަކަށް މި ޢުޤޫބާތް ދެއްވާނެތެވެ. ފަހެ، އޭގެފަހުގައި، އެމީހާއަށް މަގުދެއްކެވޭނެއެވެ. ސުވަރުގޭގެ މަގަށް، ނޫނީ ނަރަކައިގެ މަގަށެވެ. …”

މި ޙަދީޘުން ދަލީލުނެގޭގޮތް:

ކޮންމެ އަހަރަކު ރަނާއި ރިހިން ޒަކާތްދިނުން ވާޖިބުވެގެންވާކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޞައްޙަކޮށް ޔަޤީންކަމާއެކު އައިސްފައިވެއެވެ. ގަހަނާ ހުންނަނީ ރިހިން ނުވަތަ ރަނުންނެވެ. ނައްޞެއް އަދި އިޖްމާޢުއެއްނެތި “ރަނާއި ރިހިން ޒަކާތްދޭންޖެހެނީ ގަހަނާއިން ފިޔަވައޭ” ބުނުން ހުއްދައެއް ނުވާނެއެވެ.([16])

(3) އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عنه ވިދާޅުވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. ((لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ))([17]) މާނައީ: “ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަނުވާ (ރިހިން) ޒަކާތްދިނުމެއް ނުވެއެވެ.”

މި ޙަދީޘުން ދަލީލުނެގޭގޮތް:

މި ޙަދީޘުން ދޭހަވާގޮތުގައި ރިހީގައި ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަވެއްޖެނަމަ ޒަކާތް ދޭންޖެހޭނެއެވެ. އެއީ؛ ވަކިގޮތަކަށް ނަހަދާއޮތް ރިހިގަނޑަކަށްވީނަމަވެސް، ނުވަތަ ރިހީގެ ފައިސާފޮއްޗަށް ހެދިކަމުގައިވީނަމަވެސް، ނުވަތަ ގަހަނާއެއްގެ ގޮތަށް ހެދިކަމުގައިވީނަމަވެސް ތަފާތެއްނެތެވެ.([18])

ތިންވަނައީ: އަޘަރުތަކުން

ޢާއިޝާ ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ. ((لَا بَأْسَ بِلُبْسِ الحُلِيِّ إِذَا أُعْطِيَتْ زكَاتُهُ))([19]) މާނައީ: “ރަނާއި ރިހީގެ ގަހަނާއިން ޒަކާތްދޭކަމުގައިވާނަމަ އެތަކެތި ގަހަނާގެ ގޮތުގައި އެޅުން މައްސަލައެއްނޫނެވެ.”

ހަތަރުވަނައީ: ގަހަނާއަކީ އަގުގެގޮތުގައި ބެލެވޭނެ އެއްޗެކެވެ. އެހެންކަމުން، ވަކިގޮތަކަށް ނަހަދާއޮތް ރިހިގަނޑަކާ ނުވަތަ ރަންގަނޑަކާ އެއްގޮތްވެއެވެ.([20])

ފަސްވަނައީ: ރަނާއި ރިހިން ޒަކާތްދެއްކުމުގައި އިތުރުވުން އެއީ ޝަރުޠުވެގެންވާކަމެއް ނޫނެވެ. އެހެންކަމުން، ޚަރަދުކުރުމަށްޓަކައި ރައްކާކޮށްފައިހުންނަ ރަނާއި ރިހިން، ނުވަތަ ޢާއްމުކޮށް ބޭނުންކުރާވަރަށްވުރެ އިތުރުވެފައި ހުންނަ ގަހަނާއިން ޒަކާތް ދެއްކުން ވާޖިބުވާނެއެވެ.([21])

ހަވަނައީ: ރަނާއި ރިއްސަކީ އެދޭތީގެ ޒާތުގައި ބަދަލުކުރުމަށާއި ތަޞައްރުފުކުރުމަށްޓަކައި އަގެއްގެގޮތުގައި ޚަލްޤުކުރައްވާފައިވާ ދެ މަޢުދަނެވެ. އަދި އެ ދެ މަޢުދަނަކީ ކޮންމެ ގޮތަކަށް އެ ދެ މަޢުދަން ހުއްޓަސް އިތުރުވާ ދެ އެއްޗެވެ. އިތުރުވުމަށް ކޮންމެހެން ވިޔަފާރިކުރުމުގެ ނިޔަތް އޮންނާކަށްނުޖެހެއެވެ. އަދި އެ ދެ މަޢުދަނީ ބޭނުންކުރުމުން އޭގެ އަގު ބާޠިލުކުރާ ދެ އެއްޗެއްވެސް ނޫނެވެ. އެއީ ވިޔަފާރި މުދަލާއި، އެހެނިހެން ޖަވާހިރާއި، މުތާއި، ޔާޤޫތާއި، އެސްފަދަ ތަކެއްޗާ ޚިލާފަށެވެ. މިފަދަ ތަކެތި ޚަލްޤުކުރެވިފައިވަނީ ޒީނަތުގެގޮތުގައި އެޅުމަށެވެ. ވިޔަފާރިކުރުމުގެ ނިޔަތާނުލައި މިފަދަ ތަކެތި ވިޔަފާރީގެ ގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ.([22])

ދެވަނަ ބަސް: ބޭނުންކުރުމަށްޓަކައި ހުންނަ ރަނާއިރިހީގެ ގަހަނާއިން ޒަކާތް ވާޖިބެއްނުވާނެއެވެ.([23]) މިއީ މާލިކީ މަޛްހަބާއި،([24]) ޝާފިޢީ މަޛްހަބުގައި އެންމެ ޞައްޙަބަހެވެ.([25]) އަދި ޙަންބަލީ މަޛްހަބުގެ ބަހަކީވެސްމިއެވެ.([26]) އަދި ގިނަ ޢިލްމުވެރިން ވިދާޅުވަނީ މިގޮތަށެވެ.([27])

ދަލީލުތައް؛

ފުރަތަމައީ؛ ޤުރްއާނުން

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْ‌هُم بِعَذَابٍ أَلِيمٍ * يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ‌ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُ‌هُمْ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ)) (التوبة: 34-35) މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތިން) އެބައިމީހުން، އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި ޖެއްސެވޭނެއެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކޭށެވެ!”

މި އާޔަތުން ދަލީލުނެގޭގޮތް:

މި އާޔަތުގައި ކަންޒުކުރުމުގެ ވާހަކައާއި، ހޭދަކުރުމުގެވާހަކަ އައިސްފައިވުމުން ދަލީލުކޮށްދެނީ މި އާޔަތުގައިވާ ރަނާއި ރިއްސަކީ ފައިސާގެގޮތުގައި ބޭނުންކުރާ ރަނާއި ރިހިކަމެވެ. އެހެނީ، ކަންޒުކޮށް، ހޭދަކުރަނީ ފައިސާގެގޮތުގައި ބޭނުންކުރާ ރަނާއި ރިއްސެވެ. ގަހަނާގެގޮތުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ރަނާއި ރިހި ފޮރުވުމަކީ ކަންޒުކުރުންކަމުގައެއް ނުބެލެވޭނެއެވެ. އަދި އޭގެ ޠަބީޢަތުގައި އެއީ ހޭދަކުރުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެއްވެސް ނުމެނޫންމެއެވެ.([28])

ދެވަނައީ؛ ސުންނަތުން

(1) ޢަބްދުﷲ (ބުން މަސްޢޫދު) ގެ އަނބިކަނބަލުން ޒައިނަބު ވިދާޅުވިއެވެ. ރަސޫލުﷲ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. ((تَصَدَّقْنَ، يَا مَعْشَرَ النِّسَاءِ، وَلَوْ مِنْ حُلِيِّكُنَّ…الحديث))([29]) މާނައީ: “އޭ އެންމެހާ އަންހެންތަކުންނޭވެ! ތިޔަކަނބަލުން ޞަދަޤާތްކުރާށެވެ! އެއީ ތިޔަކަނބަލުން ގަހަނާގެގޮތުގައި އަޅުއްވާތަކެތިން ކަމުގައި ވީނަމަވެސްމެއެވެ.”

މި ޙަދީޘުން ދަލީލުނެގޭގޮތް:

ނަބިއްޔާ صلَّى الله عليه وسلَّم ގެ މި ޙަދީޘުން ދަލީލުކުރަނީ؛ ގަހަނާއިން ޒަކާތް ދިނުމަކީ ވާޖިބުކަމެއް ނޫންކަމެއް ކަމަށެވެ. އެހެނީ، މިފަދަ ގަހަނާއިން ޒަކާތްދިނުން ވާޖިބުކަމުގައިވާނަމަ، ތަޠައްވުޢުކޮށް ދޭ ޞަދަޤާތެއްގެގޮތުގައި އެތަކެތި ހޭދަކުރުމަށް މާތް ނަބިއްޔާ صلَّى الله عليه وسلَّم ނޭންގެވީހެވެ.([30])

(2) އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عنه ވިދާޅުވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. ((لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ))([31]) މާނައީ: “ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަނުވާ (ރިހިން) ޒަކާތްދިނުމެއް ނުވެއެވެ.”

މި ޙަދީޘުން ދަލީލުނެގޭގޮތް:

ރަސޫލުﷲ صلَّى الله عليه وسلَّم މިވަނީ ރިހީގެ ތެރެއިންވާ الرِّقَةُ (އެބަހީ؛ ފައިސާގެގޮތުގައި ބޭނުންކުރާ ރިހީގެ ދިރުހަމް) އަށް ޒަކާތް ޚާއްޞަކުރައްވާފައެވެ. އަދި އެނޫން ރިހީގެ ތަކެތި ބަޔާންނުކުރައްވާ ދޫކޮށްލައްވާފައެވެ. ރިހިން މިވެނިވަރެއް ހަމަވެއްޖެނަމަ، މިވެނި މިންވަރެއްގެ ޒަކާތް ވާޖިބުވާނޭ އެކަލޭގެފާނު ޙަދީޘް ނުކުރައްވައެވެ. އެހެންނަމަވެސް، އެކަލޭގެފާނު އެވަނީ ރިހީގެ ތަކެތީގެ ތެރެއިން ރިހީގެ ދިރުހަމް ޝަރުޠުކުރައްވާފައެވެ. މީސްތަކުންގެ ތެރޭގައި ބޭނުންކުރާ ތައްގަނޑުޖަހާފައިހުންނަ ނިޝާން އެކުލެވޭ ރިހީގެ ފޮއްޗަށް ނޫނީ “الرِّقَة”ُ މި ނަން ޢަރަބިންގެ ތެރޭގައި ބޭނުންކޮށެއް ނޫޅެއެވެ. އެހެންކަމުން، ގަހަނާއިންނާއި އެނޫންވެސް ރިހީގެ ތަކެތިން ޒަކާތް ވާޖިބުވުމުގައި މިއީ އިތުރަށް ޚާއްޞަކޮށްދޭ ޚާއްޞަކޮށްދިނުމެކެވެ.([32])

ތިންވަނައީ؛ އަޘަރުތަކުން([33])

(1) ޢާއިޝާ رَضِيَ اللهُ عنها ގެ ކިބައިން އައިސްފައިވެއެވެ. “އެކަމަނާގެ އަޚުގެ ޔަތީމު އަންހެންދަރިން އެކަމަނާގެ ގެކޮޅުގައި އުޅުއްވިއެވެ. އެ ކުދިންގެ ގަހަނާ ހުއްޓެވެ. އެކުދިންގެ ގަހަނާއިން އެކަމަނާ ޒަކާތެއް ނުނެރުއްވައެވެ.”([34])

(2) އަސްމާ ބިންތު އަބޫބަކުރު رَضِيَ اللهُ عنها ގެ ކިބައިން އައިސްފައިވެއެވެ. “އަސްމާގެ ދަރިކަނބަލުންތައް ރަނުގެ ގަހަނާއިން އެކަމަނާ ގަހަނާ އަޅުއްވަވާދެއްވާކަމުގައިވެއެވެ. އަދި އެތަކެތިން ޒަކާތެއް ނުދެއްވަވައެވެ. އެ ގަހަނާގެ މިންވަރު ފަންސާސް (ހާހަށް) އަރާކަމުގައިވެއެވެ.”([35])

ހަތަރުވަނައީ: ޒަކާތުގައި އިޖްމާޢުވެފައިވާ އަޞްލަކީ އިތުރުވާ މުދަލުން ޒަކާތް ދިނުމެވެ.([36])

ފަސްވަނައީ: ޒީނަތުގެގޮތުގައި އަޅާ ގަހަނާއަކީ ހެދުމާއި، އެނޫންވެސް ތަކެތީގެ ތެރެއިން ހުއްދަގޮތުގައި ބޭނުންކުރާތަކެތިފަދަ އެއްޗެކެވެ. އެ ގަހަނާތަކަކީ؛ އަގުގެ ޖިންސުގެ ތެރޭގައި ހިމެނޭ ތަކެތިކަމަކަށް ނުބެލެވޭނެއެވެ.([37])

ހަވަނައީ: ބޭނުންކުރާ ގަހަނާއަކީ ހުއްދަ ބޭނުމެއްކޮށްގެން ހުއްދަ އިތުރުވުމަކުން އިތުރުވުމުން އެކަހެރިވެފައިވާ އެއްޗެކެވެ. ފަހެ، މަސައްކަތްކުރުމަށްޓަކައި ބޭނުންކުރާ ޖަމަލުފަދަ ތަކެތިން ޒަކާތް ނެރެންނުޖެހޭފަދައިން މިފަދަ ގަހަނާއިން ޒަކާތް ނެރޭކަށްނުޖެހޭނެއެވެ.([38])

________________________________________

([1]) ((النهاية)) لابن الأثير (1/435).

([2]) ((تبيين الحقائق للزيلعي وحاشية الشلبي)) (1/277)، ويُنظر: ((فتح القدير)) للكمال ابن الهمام (2/215).

([3]) ((المجموع)) للنووي (6/32).

([4]) ((المغني)) لابن قدامة (3/41).

([5]) އިބްނު ޙަޒްމު ވިދާޅުވިއެވެ. “މިއީ މުޖާހިދާއި، ޢަޠާއާއި، ޠާވޫސާއި، ޖާބިރު ބުން ޒައިދާއި، މައިމޫން ބުން މިހްރާނާއި، ޢަބްދުﷲ ބުން ޝައްދާދާއި، ސަޢީދު ބުނުލް މުސައްޔިބާއި، ސަޢީދު ބުން ޖުބައިރާއި، ޛައްރުލް ހަމަދާނީއާއި، އިބްނު ސީރީން ވިދާޅުވާގޮތެވެ. އަދި އަލްޙަސަން (އަލްބަޞަރީ) މިގޮތް މުސްތަޙައްބުކަމުގައި ވިދާޅުވެއެވެ. އަދި އައްޒުހުރީ ވިދާޅުވެފައިވެއެވެ. ‘ސުންނަތުގައި ބަޔާންވެފައިވާގޮތުން (ރަނާއިރިހީގެ) ގަހަނާއިން ޒަކާތްދިނުންވެއެވެ.’ އަދި މިއީ އިބްނު ޝުބްރުމާއާއި، އަލްއައުޒާޢީއާއި، އަލްޙަސަން ބުން ޙައްޔުގެ ބަހެވެ.” ((المحلى)) (6/76 رقم 684). އިބްނުލް މުންޛިރު ވިދާޅުވެފައިވެއެވެ. “(ރަނާއި ރިހީގެ) ގަހަނާއިން ޒަކާތްދިނުން ވާޖިބުކުރެއްވިކަމަށް ޢުމަރު ބުނުލް ޚައްޠާބުގެ ކިބައިން ރިވާވެފައިވެއެވެ. އަދި މިއީ ޢަބްދުﷲ ބުން ޢައްބާސާއި، ޢަބްދުﷲ ބުން މަސްޢޫދާއި، ޢަބްދުﷲ ބުން ޢަމްރާއި، ސަޢީދު ބުނުލް މުސައްޔިބާއި، ޢަޠާއާއި، ސަޢީދު ބުން ޖުބައިރާއި، ޢަބްދުﷲ ބުން ޝައްދާދާއި، މައިމޫން ބުން މިހްރާނާއި، އިބްނު ސީރީނާއި، މުޖާހިދާއި، ޖާބިރު ބުން ޒައިދާއި، އައްޒުހުރީއާއި، ސުފްޔާނުއް ޘައުރީއާއި، އަބޫ ޙަނީފާއާއި އެބޭފުޅާގެ އަޞްޙާބުން ދެކެވަޑައިގަންނަވާގޮތެވެ. އަދި އިބްނުލް މުންޛިރު އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ.” ((الترغيب والترهيب)) (1/313)، وينظر: ((الإشراف)) لابن المـُنْذِر 3/45، ((الأموال)) لأبي عبيد (ص: 539)، ((المغني)) لابن قدامة (3/42).

([6]) އިބްނުލް މުންޛިރު ވިދާޅުވިއެވެ. “ޤުރްއާނާއި ސުންނަތުން ދޭހަކޮށްދޭގޮތުގައި ގަހަނާއިން ޒަކާތް ވާޖިބުވެގެންވެއެވެ.” ((الإشراف)) (3/45).

([7]) އަލްޚައްޠާބީ ވިދާޅުވިއެވެ. “ޤުރްއާނުގައިވާ ދަލީލުތަކުގެ ބޭރުފުށުގެ މާނައިން ހެކިދެނީ ގަހަނާއިން ޒަކާތް ވާޖިބުކުރައްވާ ބޭކަލުންގެ ބަހަށެވެ. އަދި އަޘަރުތަކުން މިކަމަށް ބާރުދެއެވެ. (ގަހަނާއިން) ޒަކާތް ވާޖިބުނުވާނެކަމަށް ވިދާޅުވާ ބޭކަލުން ބައްލަވަނީ ނަޒަރީގޮތުންނެވެ. މިބަހަށް ބައެއް އަޘަރުތައް އައިސްފައިވެއެވެ. އެންމެ ރައްކާތެރިގޮތަކީ ގަހަނާއިން ޒަކާތް ދެއްކުމެވެ.” ((معالم السنن)) (2/17).

([8]) އިބްނު ޙަޒްމު ވިދާޅުވިއެވެ. “ރަނާއި ރިހީގެ ގަހަނާގައި ބަޔާންކުރެވުނު މިންވަރު ހަމަވެ، އެއިގެ ވެރިފަރާތުގެ އަތުގައި އޮވެ ހަނދުމަހުން އަހަރެއްވެއްޖެނަމަ ޒަކާތް ވާޖިބުވާނެއެވެ.” ((المحلى)) (6/75 رقم 684).

([9]) ޢައްޞަންޢާނީ ވިދާޅުވެފައިވެއެވެ. “ދަލީލުގެގޮތުން ބަލާއިރު އެންމެ ފާޅުކޮށްބޮޑުކޮށް ދަލީލުލިބޭ ބަހަކީ ގަހަނާއިން ޒަކާތް ވާޖިބުވާނެކަމަށް އައިސްފައިވާ ބަހެވެ. އެއީ؛ އެކަމާގުޅޭގޮތުން އައިސްފައިވާ ޙަދީޘްތައް ޞައްޙަވުމާއި، އެ ޙަދީޘްތަކުގެ ބާރު ގަދަވީމައެވެ.” ((سبل السلام)) (2/135).

([10]) އިބްނު ބާޒު ވިދާޅުވިއެވެ. “ނަޤުދުގެ ތެރޭގައި އަންހެން ކަނބަލުން އަޅާ ރަނާއި ރިހީގެ ގަހަނާ ހިމެނެއެވެ. ޚާއްޞަގޮތެއްގައި ނިޞާބުހަމަވެ، ޙައުލުހަމަވެއްޖެނަމަ، އެއިގެން ޒަކާތްދޭންޖެހޭނެއެވެ. އެއީ؛ ބޭނުންކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ގަހަނާއަކަށްވިނަމަވެސް ނުވަތަ ބޭނުންކުރުމަށްފަހު އަނބުރާގެންނަގޮތަށް ދީފައިވާ ގަހަނާއަކަށްވީނަމަވެސް، ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ބަހަކީ ޒަކާތްދޭންޖެހޭނެކަމަށް އައިސްފައިވާ ބަހެވެ.” ((مجموع فتاوى ابن باز)) (14/333، 234)

([11]) އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. “ގަހަނާއިން ނިޞާބުހަމަވެއްޖެނަމަ ކޮންމެ އަހަރަކު ޒަކާތް ދެއްކުމަކީ ވާޖިބުކަމެކެވެ. މިއީ އަބޫ ޙަނީފާގެ މަޛްހަބެވެ. އަދި އަޙްމަދުގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައިވާގޮތެވެ. އަދި ޝާފިޢީ މަޛްހަބުގެ ދެ ބަހުންކުރެ އެއްބަހެވެ. ރާޖިޙުވެގެންވާ ބަހަކީ މިއީއެވެ. އެއީ؛ މިކަމުގެ މައްޗަށް ޤުރްއާނުންނާއި ސުންނަތުންނާއި އަޘަރުތަކުން ދަލީލު ލިބޭތީއެވެ.” ((الشرح الممتع)) (6/129، 275).

([12]) ((المحلى)) (6/80 رقم 684)، ((الشرح الممتع)) (6/275)، ((فتاوى اللَّجنة الدَّائمة – المجموعة الأولى)) (9/262).

([13]) رواه البخاري (1454).

([14]) ((المحلى)) لابن حزم (6/80 رقم 684).

([15]) رواه مسلم (987).

([16]) ((المحلى)) لابن حزم (6/80 رقم 684).

([17]) رواه البخاري (1405)، ومسلم (979).

([18]) ((المغني)) لابن قدامة (3/42).

([19]) رواه أبو عبيد في ((الأموال)) (926) صحَّح إسنادَه ابنُ المُلَقِّن في ((البدر المنير)) (5/582)، وقال ابنُ حجرٍ في ((التلخيص الحبير)) (2/764): له ما يقويه.

([20]) ((المغني)) لابن قدامة (3/42).

([21]) ((تبيين الحقائق للزيلعي وحاشية الشلبي)) (1/277).

([22]) ((المبسوط)) للسرخسي (2/176).

([23]) ((الندوة السادسة من ندوات قضايا الزَّكاة المعاصرة)) (ص: 378) ގެ ފަތުވާގައި އައިސްފަވެއެވެ. “އަންހެނުންގެ ގަހަނާއިން ޒަކާތް ވާޖިބުނުވާނެކަމަށް އައިސްފައިވާ ބަހުގައި ހިފާކަމުގައިވާނަމަ އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. (ހ) ހުއްދަގޮތެއްގައި އެ ގަހަނާ ބޭނުންކުރުމެވެ. ޙަރާމް ގޮތަކަށް ބޭނުންކުރާކަމުގައިވާނަމަ ޒަކާތް ދޭންޖެހޭނެއެވެ. މިސާލަކަށް؛ ބުދެއްގޮތަށް ހަދާފައިވާ ގަހަނާއަކުން ޒީނަތްތެރިވުމެވެ. (ށ) އެ ގަހަނާގެ ޤަޞްދަކީ ޒީނަތްތެރިވުންކަމުގައި ވުމެވެ. ފަހެ، ފޮރުވުމާއި ވިޔަފާރިކުރުމުގެ ޤަޞްދު އޮވެއްޖެނަމަ ޒަކާތް ވާޖިބުވާނެއެވެ. (ނ) ދުރު މުސްތަޤްބަލެއްގައި ބޭނުންކުރުމަށް ރައްކާކުރުމެއްނެތި، ކައިރި ދުވަސްތަކެއްގައި ބޭނުންކުރާ ގަހަނާއެއްކަމުގައިވުމެވެ. މިސާލަކަށް؛ މުސްތަޤްބަލުގައި ކައިވެނިކުރާ އަނބިމީހާއަށް ދިނުމަށްޓަކައި ރައްކާކުރާ ގަހަނާއެވެ. (ރ) ޒީނަތްތެރިވެވޭނެފަދަ ޙާލަތެއްގައި ގަހަނާ އޮތުމެވެ. އެހެންކަމުން، އަލުން ހަދައިގެން ނޫނީ ބޭނުންނުކުރެވޭފަދަ ޙާލަތެއްގައި ހުންނަ ގަހަނާއިން ޒަކާތްދިނުން ވާޖިބުވާނެއެވެ. ގަހަނާ ހަލާކުވާ ހިސާބުން ޖެހޭނީ އަހަރު ގުނަންފަށާށެވެ. (ބ) ބޭނުންކުރާ ގަހަނާތަކަކީ ޢުރުފީގޮތުން ބަލާއިރު މެދު މިންވަރަކަށް ވާންވާނެއެވެ. ގަހަނާގެ މިންވަރު އިސްރާފުވެ، މެދު މިންވަރަށްވުރެ ގިނަވެއްޖެނަމަ، މެދު މިންވަރަށްވުރެ އިތުރުވާ ގަހަނާއިން ޒަކާތްދިނުން ވާޖިބުވާނެއެވެ.”

([24]) ((الكافي في فقه أهل المدينة)) لابن عبد البر (1/ 286)، އިބްނު ޢަބްދުލްބައްރު ވިދާޅުވިއެވެ. “އަންހެނުން އަޅާއުޅޭ ގަހަނާއިން ޒަކާތްދޭންނުޖެހޭނެކަމަށް މާލިކާއި އެބޭފުޅާގެ އަޞްޙާބުންގެ މެދުގައި އިޚްތިލާފެއްނެތެވެ. އެހެނީ، (އެ ޒަމާނުގައި) މަދީނާގައި ޢަމަލުކުރެވެމުން އައިސްފައިވަނީ މިގޮތަށެވެ.” ((الاستذكار)) (3/150)، وينظر: ((المدونة الكبرى)) لمالك بن أنس (1/305)، ((بداية المجتهد)) لابن رشد (1/251).

([25]) ((المجموع)) للنووي (6/35)، ويُنظر: ((الحاوي الكبير)) للماوردي (3/272).

([26]) ((الإقناع)) للحجاوي (1/ 273)، އަބޫ ދާވުދު އައްސިޖިސްތާނީ ވިދާޅުވިއެވެ. “ތިމަންމެންގެ ގާތުގައި (ބޭނުންކުރާ) ގަހަނާއިން ޒަކާތްދެއްކުމެއްނުވެޔޭ އަޙްމަދު ވިދާޅުވަނިކޮށް އަޑުއެހީމެވެ.” އެހެން ފަހަރަކު ވިދާޅުވަނިކޮށް ތިމަން އެހީމެވެ. “(އަޙްމަދު) ވިދާޅުވިއެވެ. ބޭނުންކުރާ ގަހަނާގެ ޒަކާތަކީ ބޭނުންކޮށްލުމަށްޓަކައި އެހެންމީހުންނަށް ދިނުމާއި، އެ ގަހަނާ އެޅުމެވެ. (އެބަހީ؛ ޒަކާތް ދޭކަށް ނުޖެހޭނެއެވެ.)” ((مسائل الإمام أحمد رواية أبي داود السجستاني)) (ص: 114)، وينظر: ((المغني)) لابن قدامة (3/41).

([27]) ((المجموع)) للنووي (6/35)، وانظر: ((المغني)) لابن قدامة (3/42).

([28]) ((فقه الزَّكاة)) ليوسف القرضاوي (1/295).

([29]) رواه البخاري (1466)، مسلم (1000) واللفظ له.

([30]) ((الشرح الممتع)) لابن عُثيمين (6/284).

([31]) رواه البخاري (1405)، ومسلم (979).

([32]) ((الأموال)) لأبي عبيد (ص: 542، 543).

([33]) އަޙްމަދު ވިދާޅުވިއެވެ. “ރަސޫލުﷲ صلَّى الله عليه وسلَّم ގެ އަޞްޙާބުންކުރެ ފަސް ބޭކަލަކު ވިދާޅުވެފައިވެއެވެ. “ގަހަނާއިން ޒަކާތެއް ނުވެއެވެ.” އަދި އެބޭކަލުން ވިދާޅުވެއެވެ. “ގަހަނާގެ ޒަކާތަކީ ބޭނުންކޮށްލުމަށް އެހެންމީހުންނަށް ދިނުމެވެ.” ((المغني)) لابن قدامة (3/42).

([34]) رواه مالك في ((الموطأ)) (2/351)، وابن زنجويه في ((الأموال)) (1782)، والبيهقي (4/138) (7784). قال ابنُ عبد البَرِّ في ((الاستذكار)) (3/31): أثبتُ إسنادًا وأعدَلُ شهادةً. وصحَّحه ابن الملقِّن في ((البدر المنير)) (5/582)، وصحَّح إسناده النووي في ((المجموع)) (6/33)، والألباني في ((آداب الزفاف)) (192).

([35]) رواه الإمام أحمد كما في ((مسائل عبد الله)) (618)، والدارقطني (2/109) (10)، والبيهقي (4/138) (7791) وجوَّد إسنادَه ابنُ الملقِّن في ((البدر المنير)) (5/583).

([36]) ((الاستذكار)) لابن عَبدِ البَرِّ (3/151).

([37]) ((الحاوي الكبير)) للماوردي (3/272)، ((المغني)) لابن قدامة (3/42)، ((فتاوى اللَّجنة الدَّائمة – المجموعة الأولى)) (9/263).

([38]) އަބޫ ޢުބައިދު ވިދާޅުވިއެވެ. “ޢިރާޤުގެ އަހުލުވެރިން ވިދާޅުވިއެވެ. މަސައްކަތްކުރުމަށްޓަކައި ބޭނުންކުރާ ޖަމަލުންނާއި ގެރިން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެހެނީ، މި ޙާލަތުގައި އެފަދަ ތަކެއްޗަކީ އަޅުންނާއި، ބޭނުންކުރާ ތަކެއްޗާ އެއްވައްތަރު ތަކެއްޗެވެ. ދެން އެބައިމީހުން (އެބަހީ؛ ޢިރާޤުގެ އަހުލުވެރިން) ގަހަނާއިން ޒަކާތްދިނުން ވާޖިބުކުރައްވައެވެ. އަދި ޙިޖާޒުކަރައިގެ އަހުލުވެރިން؛ މަސައްކަތްކުރުމަށްޓަކައި ބޭނުންކުރާ ޖަމަލުންނާއި ގެރިން ޒަކާތްދިނުން ވާޖިބުކުރައްވައެވެ. އަދި ގަހަނާއިން ޒަކާތް ވާޖިބުނޫންކަމަށް ވިދާޅުވެއެވެ. މި ދެ ބައިގެ ބޭކަލުންވެސް އެބޭކަލުންގެ މަޛްހަބުގައި މި ދެ އެއްޗަކީ އެކައްޗެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތްކުރައްވައެވެ. އެއީ؛ އެ ދެ އެތިންވެސް ޒަކާތް ދޭންނުޖެހުން، ނުވަތަ އެ ދެ އެތިންވެސް ޒަކާތް ދޭންޖެހުމަށެވެ. ހަމަމިގޮތަށް، އަހަރެމެންގެ ގާތުގައިވެސް މި ދެ އެއްޗަކީ ހަމަ އެއް ޙުކުމެއްގެ ދެ އެއްޗެވެ. އެ ދެ އެތިން ޒަކާތް ދިނުމެއްނުވެއެވެ. އެއީ އެ ދެ އެއްޗާމެދު ބަޔާންވެދިޔަ ވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ.” ((الأموال)) (ص: 544). އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “އިސްތިޢުމާލުކުރާ ގަހަނާއިންނާއި، މަސައްކަތްކުރުމަށްޓަކައި ބޭނުންކުރާ ޖަމަލުންނާއި ގެރިން ޒަކާތް ދޭންނުޖެހޭނެކަމަށް ބުނާމީހެއްގެ ޤިޔާސްކުރުން އެވަނީ ފުށުއަރާފައެވެ. އަދި އިސްތިޢުމާލުކުރާ ގަހަނާއިންނާއި، މަސައްކަތްކުރުމަށްޓަކައި ބޭނުންކުރާ ޖަމަލުންނާއި ގެރިން ޒަކާތް ދިނުން ވާޖިބުކުރާމީހާގެ ޤިޔާސްވެސް އެވަނީ ފުށުއަރާފައެވެ. އަދި ގަހަނާއިން ޒަކާތް “ވާޖިބުކޮށްފައި، މަސައްކަތްކުރުމަށް ބޭނުންކުރާ ގެރިން ޒަކާތް ވާޖިބުނުކުރާމީހާ، ނުވަތަ މަސައްކަތްކުރުމަށް ބޭނުންކުރާ ގެރިން ޒަކާތް ވާޖިބުކޮށްފައި، ގަހަނާއިން ޒަކާތް ވާޖިބުނުކުރާމީހާ އެވަނީ ޤިޔާސްކުރުމުގެ މަގުގައި އޮޅިފައެވެ. ((الاستذكار)) (3/154)، وينظر: ((الحاوي الكبير)) للماوردي (3/272، 279)