[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމުލް މުއުމިނީން ޚަދީޖާ ބިންތު ޚުވައިލިދު رضي الله عنها – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

 

ނަބިއްޔާ صلى الله عليه وسلم ގެ ފުރަތަމަ އަނބިކަނބަލަކީ ޚަދީޖާ رضي الله عنها އެވެ. އަދި އެންމެ ފުރަތަމަ އެކަލޭގެފާނަށް އީމާންވީވެސް އެކަމަނާއެވެ.

 

* ނަސަބު

އެކަމަނާއަކީ ޚަދީޖާ ބިންތު ޚުވައިލިދު ބުން އަސަދު ބުން ޢަބްދުލްޢުއްޒާ ބުން ޤުޞައްޔު ބުން ކިލާބު ބުން މުއްރާ ބުން ކަޢުބު ބުން ލުއައްޔު ބުން ޣާލިބު ބުން ފިހުރު ބުން މާލިކު ބުން އައްނަޟްރު ބުން ކިނާނާއެވެ. ނަބިއްޔާ صلى الله عليه وسلم އާ އެކަމަނާގެ ނަސަބު ގުޅެނީ ޤުޞައްޔުއިންނެވެ.

އެކަމަނާގެ މަންމައަކީ ޤުރައިޝުންގެ ތެރެއިން ބަނޫ ޢާމިރު ބުން ލުއައްޔު ދަރިކޮޅަށް ނިސްބަތްވާ ފާޠިމާ ބިންތު ޒާއިދާއެވެ.

ޚަދީޖަތުގެފާނަކީ ޤުރައިޝުންގެ ތެރެއިން ޝަރަފުވެރި، މުއްސަނދި ބޭކަނބަލެކެވެ. ޖާހިލިއްޔަ ޒަމާނުގައި އެކަމަނާގެ ލަޤަބަކީ އައްޠާހިރާއެވެ. އަދި ކުންޔާއަކީ އުންމު ހިންދެވެ.

 

* ނަބިއްޔާ صلى الله عليه وسلم އާ ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން

ނަބިއްޔާ صلى الله عليه وسلم އާ ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ޚަދީޖަތުގެފާނު ދެ ކައިވެންޏެއް ކުރެއްވިއެވެ. އެންމެ ފުރަތަމަ އެކަމަނާ ކައިވެނި ބައްލަވައިގެންނެވީ އަބޫ ހާލާ ބުން ޒުރާރާ ބުން އައްނައްބާޝް ބުން ޢަދިއްޔު އައްތަމީމީއާއެވެ. މި ކައިވެނިން އެކަމަނާއަށް ދެ ފިރިހެން ބޭކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ ހިންދު އަދި ހާލާއެވެ.

ދެން އެކަމަނާ ކައިވެނި ބައްލަވައިގެންނެވީ ޢަތީޤު ބުން ޢާއިޛު ބުން ޢަބްދުﷲ ބުން ޢުމަރު ބުން މަޚްޒޫމާއެވެ. މި ކައިވެނިން އެކަމަނާއަށް އަންހެން ބޭކަނބަލަކު ލިބިވަޑައިގެންނެވިއެވެ. އެއީ ހިންދެވެ.

ހާލާ ބުން އަބޫ ހާލާ އާއި ހިންދު ބުން އަބޫ ހާލާ އަދި ހިންދު ބިންތު ޢަތީޤު އިސްލާމްވެވަޑައިގެންނެވިއެވެ. އަދި އެ ބޭކަލުން ވެވަޑައިގެންނެވީ ޞަޙާބީންގެ ތެރެއިންނެވެ.

ހިންދު ބުން އަބޫ ހާލާ، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޙަދީޘް ރިވާކުރައްވާފައިވެއެވެ. އަދި ޢަލީގެފާނުގެ އަރިހުގައި ޖަމަލު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ހިންދު ބިންތު ޢަތީޤު ކައިވެނި ބައްލަވައިގެންނެވީ ޞައިފިއްޔު ބުން އުމައްޔާ ބުން ޢާބިދު ބުން ޢަބްދުﷲ ބުން ޢުމަރު ބުން މަޚްޒޫމާއެވެ. އަދި މި ކައިވެނިން ފިރިހެން ބޭކަލަކު ލިބިވަޑައިގެންނެވިއެވެ. އެއީ މުޙައްމަދު ބުން ޞައިފިއްޔެވެ. އެކަލޭގެފާނަކީވެސް ޞަޙާބީއެކެވެ.

 

* ނަބިއްޔާ صلى الله عليه وسلم އާ ކައިވެނި ބައްލަވައިގެންނެވުން

މުޙައްމަދު صلى الله عليه وسلم ގެ ޒުވާން ދުވަސްވަރުވެސް އެކަލޭގެފާނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމަށް މައްކާގައި ފާހަގަކޮށްލެވޭ ބޭކަލެކެވެ. ޚަދީޖަތުގެފާނަށް އެކަލޭގެފާނުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނާ ކައިވެނި ބައްލަވައިގެންނެވުމުގެ ޝައުޤު ފާޅުކުރެއްވިއެވެ.

ޚަދީޖަތުގެފާނު ނަބިއްޔާ صلى الله عليه وسلم އާ ކައިވެނި ބައްލަވައިގެންނެވީ އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުމުގެ ފަނަރަ އަހަރު ކުރިންނެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ފަންސަވީސް އަހަރެވެ.

އިބްރާހީމް ފިޔަވާ އެކަލޭގެފާނުގެ އެންމެހާ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ލިބިވަޑައިގަތީ އެކަމަނާގެ ފަރާތްޕުޅުންނެވެ. އެއީ ދެ ފިރިހެން ބޭކަލުންނާއި ހަތަރު އަންހެން ބޭކަނބަލުންނެވެ. އެއީ އަލްޤާސިމާއި، ޒައިނަބާއި، ރުޤައްޔާއާއި، އުންމުކުލްޘޫމާއި ފާޠިމާ އަދި ޢަބްދުﷲއެވެ. ޢަބްދުﷲ ފިޔަވާ އެހެން ބޭފުޅުން ލިބިވަޑައިގެންނެވީ ނަބިއްޔާ صلى الله عليه وسلم ނަބީކަމައިގެން ފޮނުއްވުމުގެ ކުރިންނެވެ. ޢަބްދުﷲ ލިބިވަޑައިގަތީ ނަބީކަމާއިގެން ފޮނުއްވުނު ފަހުންނެވެ. އެހެންކަމުން މިދަރިކަލުންނަށް އައްޠާހިރާއި އައްޠައްޔިބުގެ ލަޤަބު ދެވިފައިވެއެވެ. ޚަދީޖަތުގެފާނު ދުނިޔޭގައި ހުންނަވަނިކޮށް އެކަމަނާގެ ދެ ފިރިހެން ބޭކަލުންވެސް އަވަހާރަވިއެވެ.

 

=ނުނިމޭ=

________________________

މަޞްދަރު: الإصابة في تمييز الصحابة لابن حجر

 

މި ލިޔުމުގެ އެހެން ބައިތައް