[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަލަސްޠީނުގެ ތާރީޚް – 3

މުސްލިމުން ފަލަސްޠީން ފަތަޙަކުރުން

 

ރޭގަނޑުން ބައެއްގައި މަސްޖިދުލް ޙަރާމްއިން މަސްޖިދުލް އަޤްޞާއަށް ނަބިއްޔާ صلى الله عليه وسلم ގެންދެވުނެވެ. އަދި އެއަށްފަހު ޖިބްރީލުގެފާނު އެކަލޭގެފާނާއެކު އުޑަށް އެރުއްވިއެވެ. އެއީ މަތިވެރިވެގެންވާ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ﴾ [الإسراء: 1]

މާނައީ: “އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށް އެއިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތަނުގެ ވަށައިގެން ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”  

މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ.

ބަރާއު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

«أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى إِلَى بَيْتِ المَقْدِسِ سِتَّةَ عَشَرَ شَهْرًا، أَوْ سَبْعَةَ عَشَرَ شَهْرًا» [رواه البخاري (4486)]

މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ  صلى الله عليه وسلم 16 ނުވަތަ 17 މަހު، ބައިތުލް މަޤްދިސްއަށް ކުރިމަތިލައްވާ ނަމާދުކުރެއްވިއެވެ.”

ދަތުރު ހަދައިގެން އެ މިސްކިތްތަކުގައި އަޅުކަންކުރުމަށްޓަކައި ދިއުން ޝަރުޢުކުރައްވާފައިވަނީ ތިން މިސްކިތަކަށެވެ. އެއީ މައްކާގައިވާ މަސްޖިދުލް ޙަރާމާއި މަދީނާގައިވާ މަސްޖިދުއް ނަބަވީ އަދި ޤުދުސްގައިވާ މަސްޖިދުލް އަޤްޞާއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَا تُشَدُّ الرِّحَالُ إِلا إِلَى ثَلاثَةِ مَسَاجِدَ: مَسْجِدِ الْحَرَامِ، وَمَسْجِدِ الأَقْصَى، وَمَسْجِدِي هَذَا» [رواه البخاري (1189) ومسلم (511 – (1397)) واللفظ له]

މާނައީ: “ތިން މިސްކިތަކަށް މެނުވީ ދަތުރު ހަދައިގެން (އެބަހީ: ޤަޞްދުކޮށްގެން) ތިޔަބައިމީހުން ނުދާށެވެ. (އެއީ) މަސްޖިދުލް ޙަރާމާއި މަސްޖިދުލް އަޤްޞާއާއި ތިމަންކަލޭގެފާނުގެ މި މިސްކިތެވެ. (އެބަހީ: މަސްޖިދުއް ނަބަވީއެވެ.)”

މިކަންކަމުން މަސްޖިދުލް އަޤްޞާއާއި ޤުދުސްގެ މާތްކަން ހާމަވެގެން ދެއެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ހަޔާތްޕުޅުގައި ޝާމްކަރައަށް ލަޝްކަރުތައް ފޮނުއްވަން ފެއްޓެވިއެވެ. އެގޮތުން ދޫމަތުލްޖަންދަލުގެ ހަނގުރާމަ ހިނގީ ހިޖުރައިން 5 ވަނަ އަހަރެވެ. އަދި މުއުތާ ހަނގުރާމަ ހިނގީ ހިޖުރައިން 7 ވަނަ އަހަރެވެ. އަދި ތަބޫކު ހަނގުރާމަ ހިނގީ ހިޖުރައިން 9 ވަނަ އަހަރެވެ. ދެން އެންމެ ފަހުން އެކަލޭގެފާނު އެ ތަނަށް ފޮނުއްވުމަށް ތައްޔާރުކުރެއްވި ލަޝްކަރަކީ އުސާމާ ބުން ޒައިދުގެ ޤިޔާދަތުގެ ދަށުގައި ތައްޔާރުކުރެއްވި ލަޝްކަރެވެ. އެ ލަޝްކަރު ތައްޔާރުކުރެއްވީ ހިޖުރައިން 10 ވަނަ އަހަރު ނަބިއްޔާ صلى الله عليه وسلم ޙައްޖަތުލްވަދާޢުން އެނބުރި ވަޑައިގަތުމަށް ފަހުގައެވެ. އެ ލަޝްކަރު ޝާމުކަރައަށް ދިއުމަށް ދަތުރު ފެށުން ލަސްވީ ނަބިއްޔާ صلى الله عليه وسلم އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުންނެވެ. އެކަލޭގެފާނު އަވަހާރަވުމުން، އަބޫބަކުރުގެފާނު ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި، އެ ލަޝްކަރު ޝާމުކަރައަށް ފޮނުއްވިއެވެ.

މުރުތައްދުވީ މީހުންގެ ކަންކަން ހައްލުކުރެއްވުމަށް ފަހުގައި ދެން، އަބޫބަކުރުގެފަނު ލަޝްކަރުތައް ތައްޔާރުކުރެއްވީ ޝާމުކަރަ ފަތަޙަކުރެއްވުމަށެވެ. އެގޮތުން ފަލަސްޠީނަށް ފޮނުއްވި ލަޝްކަރުގެ ޤާޢިދަކީ ޢަމްރު ބުން އަލްޢާޞް رضي الله عنه އެވެ. އެ ބިމުގައި ހިނގި މުހިންމު ހަނގުރާމަތަކަކީ އަޖްނާދައިން ހަނގުރާމައާއި ފިޙްލު ހަނގުރާމައާއި ޔަރްމޫކު ހަނގުރާމައެވެ.

ދެން އެއަށް ފަހު ޢުމަރުގެފާނުގެ ޚިލާފަތުގައި ބައިތުލް މަޤްދިސް ފަތަޙަކުރެއްވިއެވެ. އަދި ސޮފްރޯނިޔަސް (Sophronius) ޤުދުސްގެ ތަޅުދަނޑިތައް ހަވާލުކުރީ ސީދާ ޢުމަރުގެފާނުގެ އަތްޕުޅަށެވެ. ދެން އެކަލޭގެފާނު އެބައިމީހުންގެ ކިބައިން އަހުދުކަށަވަރެއް ހިއްޕެވިއެވެ. އޭގައި ވަނީ އީލިޔާގައި (އެބަހީ: ޤުދުސްގައި) އެއްވެސް ޔަހޫދީއަކަށް ނޫޅެވޭނެ ކަމަށެވެ. ފަހެ އެއަށް ފަހުގައި ޝާމުކަރައާއި އެއާއެކުގައިވާ ކަންޢާނުންގެ ބިންތަކަކީ ޢަރަބި އިސްލާމީ ބިންތަކަކަށް ވެގެން ދިޔައެވެ. އެއީ ހިޖުރައިން 15 ނުވަތަ 16 ވަނަ އަހަރެވެ. އަދި ޞަލީބީންގެ ހަނގުރާމަތައް ފެށެންދެން އެތަން އެގޮތުގައި ދެމިއޮތެވެ.

ޞަލީބީން ބޭނުންވީ ޤުދުސްގައި ނަޞާރާއިންގެ ރަސްކަމެއް ޤާއިމުކުރާށެވެ. އެގޮތުން ހިޖުރައިން 6 ވަނަ ޤަރުނުގެ ތެރޭގައި އެތަނުގައި ތިބި ހަތްދިހަ ހާސް މުސްލިމުން ޤަތުލުކުރުމަށް ފަހު، އެބައިމީހުން އެތަނަށް ވެރިވިއެވެ. ދެން ހިޖުރައިން 583 ވަނަ އަހަރުގެ ޞަލާޙުއްދީން އަލްއައްޔޫބީ އެބައިމީހުންނަށް ދެކޮޅަށް ތެދުވެވަޑައިގެންނެވިއެވެ. އަދި ޠަބަރިއްޔާ ކޯރުގެ ކައިރިގައި އޮންނަ ޙިއްޠީނޭ ކިޔުނު ރަށުގައި ނަޞާރާއިންގެ މައްޗަށް ކާމިޔާބު ހޯއްދަވާ އަލުން އެ ބިން މުސްލިމުންގެ ދަށަށް ގެންނެވިއެވެ. އެ ހިސާބުން އެތަނުގައި އޮތް ޞަލީބީންގެ ދައުރު ނިމުނީއެވެ.

=ނުނިމޭ=

 

_______________

 

މަޞްދަރު: حاضر العلم الإسلامي وقضاياه المعاصرة لد. جميل عبد الله محمد المصري

ފަލަސްޠީނުގެ ތާރީޚް – އެހެންބައިތައް