ބިދުޢަތައް ފާޅުވުމަށް މެދުވެރިވި ބައެއް ސަބަބުތައް
ޢާންމު ގޮތެއްގައި ބިދުޢަތައް ފުރަތަމަ ފާޅުވެގެން އަންނަނީ ވަރަށް ކުޑަކުޑަކަމެއްގެ ގޮތުގައެވެ. ދެން އެއަށް ފަހު މީސްތަކުންގެ މެދުގައި އެ ފެތުރި، އޭގެ ނުރައްކާތެރިކަން ބޮޑުވެ، އެއް ބިދުޢަ އަނެއް ބިދުޢައާ އެކުވެ، އެންމެ ފަހުން އެކަން ބޮޑު ފިތުނައަކަށްވެގެން ދެއެވެ.
ނަބިއްޔާ صلى الله عليه وسلم ބަޔާންކުރައްވާފައިވާ ގޮތުގައި ޔަހޫދީންވަނީ މޫސާގެފާނަށް ބާވައިލެއްވި ޙައްޤު ދީނުން އެއްކިބާވެ 71 ބަޔަށް ބެހިގެން ގޮސްފައެވެ. އަދި ނަޞާރާއިން ވަނީ ޢީސާގެފާނަށް ބާވައިލެއްވި ޙައްޤު ދީނުން އެއްކިބާވެ 72 ބަޔަށް ބެހިގެން ގޮސްފައެވެ. އަދި މި އުންމަތުގެ މީހުން މުޙައްމަދު صلى الله عليه وسلم އަށް ބާވައިލެއްވި ޙައްޤު ދީނުން އެއްކިބާވެ 73 ބަޔަށް ބެހިގެންދާނޭ ކަމަށް އެކަލޭގެފާނު ވަނީ ޚަބަރުދެއްވާފައެވެ. އަދި އެކަލޭގެފާނު ބަޔާންކުރައްވާފައިވަނީ އޭގެ ތެރެއިން އެއް ޖަމާޢަތެއް ފިޔަވާ ދެން ތިބި ޖަމާޢަތްތައް ނަރަކައިގައި ވާނޭ ކަމަށެވެ. ނަޖާވަނިވި އެ ޖަމާޢަތަކީ ޤިޔާމަތާ ޖެހެންދެން ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން އެ ތިއްބެވި ގޮތުގައި ތިބޭ ޖަމާޢަތެވެ. އެއީ ޢަޤީދާއާއި މަންހަޖާ އަދި ދީނީ ޙުކުމްތަކުގައި އެބޭކަލުން ގެންނެވި ގޮތަށް ތަބާވާ މީހުންނެވެ. [1]
މި އުންމަތުގައި ބިދުޢަތައް ފާޅުވެގެން އައި އިރުގައި އެންމެ ފުރަތަމަ ފާޅުވީ ޚުލަފާއުއްރާޝިދޫންގެ ދުވަސްވަރުގެ ފަހު ކޮޅުގައެވެ. އެއީ ޚަވާރިޖުންނާއި [2] ޝީޢީން [3] ގެ ބިދުޢައެވެ. ދެން ޞަޙާބީބޭކަލުންގެ އެންމެ ފަހު ދުވަސްވަރުގައި މުރުޖިއާއިންނާއި [4] ޤަދަރީން [5] ގެ ބިދުޢަ ފާޅުވިއެވެ. ދެން އެއަށް ފަހުގައި ތާބިޢީބޭކަލުންގެ ޒަމާނުގައި ޖަހްމީންނާއި [6] މުޢުތަޒިލީން [7] ގެ ބިދުޢަ ފާޅުވިއެވެ.[8]
އެއާއެކުވެސް މުސްލިމުންގެ ތެރެއިން ޙައްޤުގެ މަތީގައި ތިއްބެވި ބޭކަލުންވަނީ ހުރިހާ ޒަމާނެއްގައިވެސް ކީރިތި ޤުރުއުނާ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓާ، ޞައްޙަ ޢަޤީދާގެ މަތީގައި ޘާބިތުވެޑައިގެންފައެވެ. ޞަޙާބީ ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި އެންމެ ހެޔޮ ޖީލުތަކުގެ ބޭކަލުން ތިއްބެވީ އެގޮތުގައެވެ. އަދި ޤިޔާމަތާ ހަމައަށްވެސް ޙައްޤުގެ މަތީގައި ޘާބިތުވެގެން ތިބޭ ބަޔަކު ދެގޮތެއް ނުވެ އެގޮތުގެ މަތީގައި ތިބޭނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا تَزَالُ طَائِفَةٌ مِنْ أُمَّتِي قَائِمَةً بِأَمْرِ اللهِ، لَا يَضُرُّهُمْ مَنْ خَذَلَهُمْ أَوْ خَالَفَهُمْ، حَتَّى يَأْتِيَ أَمْرُ اللهِ وَهُمْ ظَاهِرُونَ عَلَى النَّاسِ» [رواه مسلم 174 – (1037)]
މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ ޖަމާޢަތެއް، ﷲ ގެ އަމުރުފުޅުމަތީ ޤާއިމުވެ، އެގޮތުގައި ދެމިތިބޭނެއެވެ. އެބައިމީހުން ނިކަމެތިކޮށްލާ ބައެއްގެ ސަބަބުން ނުވަތަ އެބައިމީހުންނާ ޚިލާފުވެގަންނަ ބައެއްގެ ސަބަބުން، އެބައިމީންނަށް ގެއްލުމެއް ނުވާނެއެވެ. ﷲ ގެ އަމުރުފުޅު އަންނަންދެން (ޤިޔާމަތް ވަންދެން) އެގޮތުގެ މަތީގައި މީސްތަކުންގެ މައްޗަށް ގަދަކަން ހޯދަމުން އެބައިމީހުން ދާނެއެވެ.”
ފަހެ އުންމަތުގައި ބިދުޢަތައް ފާޅުވީ ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވެގެންނެވެ. އޭގެ ތެރެއިން ފާހަގަވާ އެންމެ މުހިންމު ސަބަބުތައް ދެ ބަޔަކަށް ބަހާލެވިދާނެއެވެ.
ފުރަތަމައީ: އިސްލާމީ އުންމަތުގެ ތެރޭގައި ފަރުދީ ގޮތުން އަދި ޖަމާޢީ ގޮތުން މެދުވެރިވި ބައެއް ކަންތައްތައް
ދެވަނައީ: އެހެން ދީންތަކުން ކުރި އަސަރުތައް
ފުރަތަމައީ: އިސްލާމީ އުންމަތުގެ ތެރޭގައި ފަރުދީ ގޮތުން އަދި ޖަމާޢީ ގޮތުން މެދުވެރިވި ބައެއް ކަންތައްތައް
ހ. ހަވާނަފްސަށް ތަބާވުން
ހަވާނަފްސަށް ތަބާވުމަކީ ޝަރުޢީ ނައްޞުތަކުގައި ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ އެމީހަކު ހިތުހުރި ގޮތަކަށް ދީނީ އަދި ދުނިޔަވީ ކަންކަމުގައި ޢަމަލުކުރަމުން ދިޔުމެވެ. ހަވާ ނަފްސަށް ތަބާވުމަކީ އެމީހަކު ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّهِ﴾ [سورة القصص: ٥٠]
މާނައީ: “އަދި ﷲގެ ޙަޟްރަތުންވާ ހިދާޔަތާ ނުލާ، އެމީހެއްގެ ހަވާ ނަފްސަށް ތާބާވީ މީހަކަށް ވުރެ މަގުފުރެދުން ބޮޑީ ކާކު ހެއްޔެވެ!”
ށ. ޖާހިލުކަން ފެތުރުމާއި ޞައްޙަ ނޫން ޙަދީޘްތައް ފެތުރިގެން ދިޔުން
ޖާހިލުކަން ފެތުރިގެން ދިޔުމަކީ ބިދުޢަތަކާއި އެކިއެކި ޢަޤަދީ ފިރުޤާތައް ފެތުރެން މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން ފެނިގެންދާ ޙަޤީޤަތަކީ މީސްތަކުން މަގުފުރެއްދުމުގައި އުޅޭ ބޮޑުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ޢިލްމީ ގޮތުން ޤާބިލު ނޫން، ޖާހިލު ބައެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ اللَّهَ لاَ يَقْبِضُ العِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ العِبَادِ، وَلَكِنْ يَقْبِضُ العِلْمَ بِقَبْضِ العُلَمَاءِ، حَتَّى إِذَا لَمْ يُبْقِ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالًا، فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ، فَضَلُّوا وَأَضَلُّوا» [رواه البخاري (100)]
މާނައީ: “އަޅުތަކުންގެ ކިބައިން އަތުލެވޭ އަތުލެއްވުމަކުން، ﷲ ތަޢާލާ ޢިލްމު ނުހިއްޕަވައެވެ. އެހެނެއްކަމަކު އެއިލާހު ޢިލްމު ހިއްޕަވަނީ ޢިލްމުވެރީން ހިއްޕަވައިގެންނެވެ. (އެބަހީ: އެބައިމީހުން މަރުގަންނަވައިގެންނެވެ.) އެއްވެސް ޢިލްމުވެރިއަކު ނެތިއްޖައުމަށް ދާންދެނެވެ. އެހާރުން މީސްތަކުން އެމީހުންގެ ބޮޑުންކަމުގައި ޖާހިލުން ހަދައެވެ. އަދި އެބައިމީހުންނާ ސުވާލު ވެވެއެވެ. ފަހެ ޢިލްމަކާ ނުލައި އެބައިމީހުން ފަތުވާދީގެން، އެބައިމީހުން (އަމިއްލައަށް) މަގުފުރެދެއެވެ. އަދި (މީސްތަކުންވެސް) މަގުފުރައްދާލައެވެ.”
ފަހެ ޢިލްމު ފެތުރިފައިވާ މިންވަރަކުން އަދި ޢިލްމުވެރިން ތިބޭ މިންވަރަކުން އެ މުޖުތަމަޢެއްގައި ބިދުޢަތައް ނެތިގެން ދެއެވެ.
ހަމަ އެއާ އެކުގައި މުޖުތަމަޢުގައި ޞައްޙަ ނޫން ޙަދީޘްތައް ފެތުރިގެން ދިޔުމަކީވެސް ބިދުޢަތަކަށް މަގުފަހިވެގެންދާ ކަމެކެވެ. އެގޮތުން ބައެއް އަޅުވެރިން އެބައިމީހުންގެ ޖާހިލުކަމުންވަނީ މީސްތަކުން ދީނީ ކަންކަމަށް ހިތްޖެއްސެވުމަށް ކަމަށް ބުނެ، ޙަދީޘްތައް ކަމަށް މީސްތަކުންނަށް ދޭހަވާނޭ ފަދައިން ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ބުހުތާނު ދޮގުތައް ހަދައި، މުޖުތަމަޢުތަކުގައި ޞައްޙަ ނޫން އެތައް މައުޟޫޢު ޙަދީޘްތައް ފަތުރާފައެވެ.
މުއައްމަލު ބުން އިސްމާޢީލް ވިދާޅުވިއެވެ.
“ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަމާ ބެހޭގޮތުން އުބައްޔު ބުން ކަޢުބުގެ އަރިހުން ރިވާކުރެވޭ ރިވާޔަތް ތިމަންކަލޭގެފާނަށް އިތުބާރުހުރި ބޭކަލަކު ކިޔާދެއްވިއެވެ. އެޝައިޚު އަރިހުގައި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ވިދާޅުވިއެވެ. މަދާއިނުގައިވާ ބޭކަލެކެވެ. އެބޭކަލަކު އަދި ދުނިޔޭގައި އެބަހުއްޓެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. އަދި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ފަހެ، ވިދާޅުވިއެވެ. ވާސިޠުގައިވާ ޝައިޚެކެވެ. އެބޭކަލަކު އަދި ދުނިޔޭގައި އެބަހުއްޓެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. އަދި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ފަހެ ވިދާޅުވިއެވެ. ބަޞަރާގައިވާ ޝައިޚެކެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. ވިދާޅުވިއެވެ. ޢައްބާދާނުގައިވާ ޝައިޚެކެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ އަތުގައި ހިފައިގެންގޮސް އެޝައިޚު ވެދެވަޑައިގަތީ ގެއަކަށެވެ. އެތަނުގައި ޞޫފީ ފިރުޤާގެ ބަޔަކު ތިއްބެވެ. އަދި އެމީހުންގެ ޝައިޚުވެސް އެތަނުގައި ހުއްޓެވެ. ފަހެ، ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ކިޔައިދެއްވީ މި ޝައިޚެވެ. ފަހެ، ބުނީމެވެ. އޭ ޝައިޚެވެ. ތިބާއަށް މި ޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ. ބުންޏެވެ. އެއްވެސް މީހަކު ކިޔައި ނުދެއެވެ. ނަމަވެސް މީސްތަކުން ޤުރުއާނާ ދުރަށްދާތަން ފެނުމުން ފަހެ، ހަދަހަދައިގެން މި ޙަދީޘް ކިޔައިދިނީއެވެ. އެއީ އެބައިމީހުން ޤުރުއާނާ ގާތްކުރުމަށެވެ.”[9]
އަދި ދީން ޤަބޫލު ނުކުރާ މީހަކު ޤަތުލުކުރުމަށް ހާރޫނުއްރަޝީދުގެ އަރިހަށް ގެނެވުނެވެ. ފަހެ، އެމީހާ ބުންޏެވެ.
“އަހަރެން ހަދަހަދައިގެން ކީ 1000 ހަދީޘަށް ހަދާނީ ކިހިނެތް ހެއްޔެވެ؟”
ޖަވާބުގައި ހާރޫނުއްރަޝީދު ވިދާޅުވިއެވެ.
“އޭ ﷲގެ ޢަދާވާތްތެރިޔާއެވެ! ފަހެ، އަބޫ އިސްޙާޤު އަލްފިޒާޒީ އާއި އިބްނުލް މުބާރަކަށް ތިބާ ހަދާނީ ކިހިނެތް ހެއްޔެވެ! ޙަދީޘްތަކުގެ ތެރެއަށް ފީނާ އެފަދަ ޙަދީޘްތަކުން ފަހަރަކު އަކުރެއް ނަގަމުންގޮސް އެބޭކަލުން އެ ނެރޭނެއެވެ.” (އެބަހީ: އެ ބާޠިލުވާހަކަތައް ހޯދައި އެކަން މީސްތަކުންނަށް އެބޭކަލުން ބަޔާންކޮށްދެއްވާނެއެވެ.)
ނ. ޝަރުޢީ ނައްޞުތަކުގެ މައްޗަށް ބުއްދި އިސްކުރުން
ޝަރުޢީ ނައްޞުތަކުގެ މައްޗަށް ބުއްދި އިސްކޮށް، އެމީހަކަށް ވިސްނޭ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކި، ޝަރުޢީ ނައްޞުތައް ޤަބޫލު ނުކޮށް އިންކާރުކުރުމަކީ މުސްލިމުންގެ ތެރެއަށް ވަދެފައިވާ ވަރަށް ނުރައްކާތެރިކަމެކެވެ. އެކަން އިތުރަށް ފުޅާވެފައިވަނީ އިލާހާ ބެހޭގޮތުން ޔޫނާނީން ޤަބޫލުކުރަމުން އައި ފަލްސަފާތައް އެބައިމީހުންގެ ފޮތްތައް ތަރުޖަމާކުރެވުނު ދުވަސްވަރުގައި މުސްލިމުންގެ ތެރެއަށް ވަނުމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެބައިމީހުންގެ ޤަބޫލުކުރުމުގެ އަޞްލަކީ ބުއްދިއެވެ. އަދި ޝަރުޢީ ޢިލްމުން އެބައިމީހުން ޤަބޫލުކުރާނީ އެބައިމީހުންނަށް އެއީ ރަނގަޅުކަމެއްގެ ގޮތުގައި ޤަބޫލުކުރެވޭ ކަންތައްތައް އެކަނިކަމުގައި އެބައިމީހުން ހެދިއެވެ.[10] އެހެނަސް ސަލާމަތްކަން އޮތީ ޝަރުޢީ ނައްޞުތަކަށް ފުރިހަމައަށް ތަބާވެގެންނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ﴾ [سورة الأعراف: ٣]
މާނައީ: “ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވި އެއްޗަކަށް (އެބަހީ: ޤުރުއާނާއި ސުންނަތަށް) ތިޔަބައިމީހުން ތަބާވާށެވެ! އަދި އެއިލާހު ފިޔަވާ، އެހެން ވާގިވެރިންނަށް ތަބާނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”
އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް ތަބާވާށެވެ. އަދި އެއިލާހު ނަހީކުރެއްވިކަންކަމުން ދުރުހެލިވާށެވެ. އަދި ޝަރުޢީ ނައްޞުތަކުގެ މައްޗަށް އަމިއްލަ ރައުޔުތައް އިސްނުކުރާށެވެ.[11]
ރ. މަގުފުރެދިގައިވާ މީހުންނަށް ތަޤުލީދުކޮށް އަދި ތަބާވުން
ﷲ ތަޢާލާ ނިޔާކުރައްވާފައިވަނީ އިންސާނުންގެ ތެރެއިން އެއް ބަޔަކީ ސުވަރުގެވަންތަވެރިން ކަމުގައި ވުމަށެވެ. އަދި އަނެއް ބަޔަކީ ނަރަކަވަންތަވެރިން ކަމުގައި ވުމަށެވެ. ﷲ ތަޢާލާއަށް އީމާންވި ޞާލިޙު އަޅުން ވާހުށީ ސުވަރުގެވަންތަވެރިންގެ ތެރެއިންނެވެ. އެއިލާހަށް ކާފިރުވެ އަދި އުރެދުނު އަޅުން ވާހުށީ ނަރަކަވަންތަވެރިންގެ ތެރެއިންނެވެ. އޭގެ ތެރެއިން ކޮންމެ ބައެއްގެ މައްޗަށް އެބައިމީހުންގެ ޒަޢީމުންނާއި އިމާމުންތަކެއް ވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا ۖ وَكَانُوا بِآيَاتِنَا يُوقِنُونَ﴾ [سورة السجدة: ٢٤]
މާނައީ: “އަދި އެބައިމީހުން ކެތްތެރިވީ ހިނދު، ތިމަން އިލާހުގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންތަކެއް ތިމަން އިލާހު އެބައިމީހުންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަން އިލާހުގެ އާޔަތްތަކާ މެދު ޔަޤީންކުރާ ބަޔަކުކަމުގައި އެބައިމީހުން ވިއެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿وَجَعَلْنَاهُمْ أَئِمَّةً يَدْعُونَ إِلَى النَّارِ ۖ وَيَوْمَ الْقِيَامَةِ لَا يُنصَرُونَ﴾ [ سورة القصص: ٤١]
މާނައީ “އަދި ނަރަކައަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ ޒަޢީމުން ކަމުގައި ތިމަން އިލާހު އެބައިމީހުން ލެއްވީމެވެ. އަދި ޤިޔާމަތް ދުވަހުން އެބައިމީހުންނަކަށް ނަޞްރެއް ނުލިބޭނެއެވެ.”
މީގެ ތެރެއިން މަގު ފުރެދިފައިވާ ޒަޢީމުންނަކީ ނުވަތަ އިމާމުންނަކީ އެބައިމީހުންގެ ނަފްސުތައްވެސް މަގުފުރައްދާ އަދި އެބައިމީހުންނަށް ތަބާވާ މީހުންވެސް މަގުފުރައްދާ ބައެކެވެ.
ދެވަނައީ: އެހެން ދީންތަކުން ކުރި އަސަރުތައް
ހ. ކާފިރުންނާ ވައްތަރުވެގަތުން
އަޅުކަމުގައްޔާއި ޢަޤީދާގެ ކަންކަމުގައި ކާފިރުންނާ ވައްތަރުވެގަތުމަކީ މުސްލިމުންގެ ތެރޭގައި ބިދުޢަތައް ފެތުރުމަށް ދިމާވި އެންމެ ބޮޑު އެއް ސަބަބެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ» [أخرجه أبو داود في سننه (4031) وابن أبي شيبة في مصنفه (19401) (33016) وأحمد في مسنده (5114) (5115) (5667) وعبد بن حميد في المنتخب من مسنده (848) والطحاوي في شرح مشكل الآثار (231) والطبراني في الكبير (14109) وتمام بن محمد في الفوائد (770) والبيهقي في شعب الإيمان (1154)]”
މާނައީ: “ބަޔަކާ ވައްތަރުވެގެންފި މީހަކުވަނީ އެބައެއްގެ ތެރެއިންނެވެ.”[12]
ކާފިރުންނާ ވައްތަރުވެގަތުން ބެހިގެންވަނީ މައިގަނޑު ތިން ޙާލަތަކަށެވެ.
- އެބައިމީހުންގެ ދީނީ ކަންކަމުގައި ވައްތަރުވެގަތުން: ޢަޤީދާއާއި އަޅުކަމާއި ޢީދުތައްފަދަ ކަންކަމުގައި އެބައިމީހުންނާ ވައްތަރުވެގަތުމަކީ ކަނޑައެޅިގެން ނަހީކުރައްވާފައިވާ ކަމެކެވެ.
- ހެދުން އެޅުންފަދަ ޢާންމު ކަންކަމުގައި: ކާފިރުންނަށް ޚާއްޞަކަމެއްނަމަ (މިސާލަކަށް: އެބައިމީހުންނަށް ޚާއްޞަ ހެދުމެއް ލުން) އެއީ ޙަރާމްކަމެކެވެ. އެބައިމީހުންނަށް ޚާއްޞަ އެއްޗެއް ނޫންނަމަ އެއީ ހުއްދަކަމެކެވެ.
- ދުނިޔަވީ އެހެނިހެން ކަންކަމުގައި ވައްތަރުވެގަތުން: މިސާލަކަށް ހުއްދަ ވަސީލަތްތަކާއި އިދާރީ ކަންތައްތައް ފަދަ މުބާހު ކަންކަމުގައި ނަމަ އެއީ ހުއްދަ ކަމެކެވެ. އެއީ އިސްލާމްދީނުގައި ހުއްދަ ނޫން ވަސީލަތެއް ނަމަ އެކަމެއްގައި އެބައިމީހުންނާ ވައްތަރުވެގަތުން ހުއްދަވެގެން ނުވެއެވެ. [13]
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“ފާރިސީންނާއި ރޫމީންގެ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރުމުން ފާރިސީންނާއި ރޫމީންނާ ވައްތަރުވެގަތުން މުސްލިމުންގެ ތެރޭގައި ފާޅުވިއެވެ. އަދި ހިންދޫންގެ ފޮތްތައް މުސްލިމުންގެ ތެރޭގައި ފެތުރުނީ ފާރިސީންގެ ފަރާތުންނެވެ. އަދި ޔޫނާނީން (Greek) ގެ ފޮތްތައް މުސްލިމުންގެ ތެރޭގައި ފެތުރުނީ ރޫމީންގެ ފަރާތުންނެވެ. އިލްޙާދީ ބާޠިނީން [14] ފާޅުވީ މަޖޫސީންނާއި ޔޫނާނީން (Greek) ގެ ފިކުރުން ކުރިފަޅައިގެން، އެބައިމީހުންގެ ޢަޤީދާތަކުން އަޘަރުކޮށްގެންނެވެ. އެއީ އެބައިމީހުންނަކީ ޝީޢީން ކަމުގައި ދައްކައިގެން އުޅުނުކަމުގައި ވިޔަސް މެއެވެ.” [15]
މިކަން ވަނީ ބަހާއި ޢަމަލުގައި ކާފިރުންނާ ވައްތަރުވުމުގެ ތެރެއިންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ ۚ قَاتَلَهُمُ اللَّهُ ۚ أَنَّىٰ يُؤْفَكُونَ﴾ [سورة التوبة: 30]
މާނައީ: “ޔަހޫދީން ބުންޏެވެ. ޢުޒައިރުގެފާނަކީ، ﷲގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން ބުންޏެވެ. މަސީޙުގެފާނަކީ (ޢީސާގެފާނަކީ) ﷲގެ ދަރިކަލުންނެވެ. އެއީ އެބައިމީހުންގެ އަނގައިން ބުނެއުޅޭ ބަހެކެވެ. އެބައިމީހުން އެބުނާ ބަހުގައި ވައްތަރުވެގަންނަނީ އެބައިމީހުންގެ ކުރިން ކާފިރުވި މީހުންނާއެވެ. ﷲ އެބައިމީހުންނަށް ލަޢުނަތްލައްވާ ހުއްޓެވެ. އެބައިމީހުން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ!”
އެބަހީ: އެބައިމީހުން އެވަނީ ކުފުރުގައި ކުރިން އުޅުން އުންމަތްތަކާ ވައްތަރުވެގެންފައެވެ.[16]
ﷲ އަށް ދަރިކަލަކުވާކަމަށް ޔަހޫދީންނާއި ނަޞާރާއިން ބުނަން ފެށީ އެބައިމީހުންގެ ކުރިން އުޅުނު ކާފިރުންގެ ކިބައިން އަޘަރުކޮށްގެންނެވެ. މިއީ ދީންތައް ދިރާސާކުރާ މީހުން ރަނގަޅަށް ދަންނަކަމެކެވެ. އެހެނީ އެ ޢަޤީދާއަކީ ފިރުޢައުންނާއި ޔޫނާނީންނާއި ރޫމީންގެ ތެރޭގައި ކުރީއްސުރެ އޮތް ޢަޤީދާއެކެވެ. ޔަހޫދީންނާއި ނަޞާރާއިންނަށް އެ ޢަޤީދާގެ އަޘަރުކުރީ އެބައިމީހުންގެ ކިބައިންނެވެ. [17]
ށ. މުސްލިމުން މަގުފުރެއްދުމަށްޓަކައި މުސްލިމުންގެ މެދުގައި ކާފިރުންނާއި މުނާފިޤުން ފަތުރާ ބިދުޢަތައް
ކާފިރުންނާއި މުނާފިޤުންގެ އާދައަކަށް ވެފައިވަނީ މުސްލިމުންގެ މެދުގައި ބިދުޢަތަކާއި ބާޠިލު ޢަޤީދާތައް ފެތުރުމެވެ. ކާފިރުންނާއި މުނާފިޤުންގެ ރޭވުންތަކުގެ ސަބަބުން މުސްލިމުންގެ ތެރޭގައި މިފަދަ އެތައް ކަމެއް ހިނގާފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން އެއް މިސާލަކީ عبد الله بن سبأ މުސްލިމުންގެ ތެރޭގައި ފެތުރި ޢަޤީދާތަކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“ޢިލްމުވެރިން ވިދާޅުވެފައިވަނީ ރާފިޟީންގެ އަޞްލަކީ ޒިންދީޤުންނެވެ. [18] އަދި ރާފިޟީންގެ ބިދުޢަ ފެށި މީހަކީ عبد الله بن سبأ އެވެ. އޭނާއަކީ މުނާފިޤެކެވެ. އަދި ޒިންދީޤެކެވެ.” [19]
ހަމަ އެފަދައިން އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރުގައި އެބައިމީހުންވަނީ މުސްލިމުންގެ މެދުގައި މިފަދަ ޢަޤީދާތައް ފަތުރާފައެވެ. އޭގެ ތެރޭގައި ނަބީކަމަށް ދަޢުވާކުރި ޣުލާމު އަޙްމަދުގެ ބާޠިލު ޢަޤީދާތައް އިންޑިއާގެ މުސްލިމުންގެ މެދުގައި ފެތުރުމުގެ އެންމެ އިސް ރޯލެއް އަދާކުރީ އެބައިމީހުންނެވެ. [20]
[1] ބައްލަވާ: سنن ابن ماجه (3992) والكبير للطبراني (129)، وقال العراقي بعد تخريج الحديث: “وأسانيدها جياد” (المغني في تخريج الإحياء (1 / 1133))، وقال شيخ الإسلام ابن تيمية: “حديث صحيح مشهور” (مجموع الفتاوى (3 / 345))، وقال ابن كثير: “الحديث المروي في المسانيد والسنن، من طرق يشد بعضها بعضا” (تفسير ابن كثير (4 / 361))، وصححه الألباني (انظر: السلسلة الصحيحة (1 / 402 – 414)).
[2] ޚަވާރިޖުން: ބަހުގެ ގޮތުން خوارج ނެގިފައިވަނީ خارج އިންނެވެ. މާނައަކީ ނުކުތުމެވެ. އެބައިމީހުންނަށް މިފަދައިން ނަންދެވިފައިވަނީ އެބައިމީހުން ދީނުން ބޭރުވެގެން ދާތީއެވެ. ނުވަތަ ޙައްޤު މަގުން ނުކުންނާތީއެވެ. ނުވަތަ މީސްތަކުންނާ ދެކޮޅަށް ނުކުންނާތީއެވެ. ނުވަތަ ޢަލީގެފާނާ ދެކޮޅަށް ނުކުތީމައެވެ. ޢިލްމުވެރިންގެ އިޞްތިލާޙުގައި ޚަވާރިޖުންނަކީ: އިސްލާމްދީނާއި މުސްލިމުންގެ ޖަމާޢަތުން ނުކުމެގެންދާ ބައެކެވެ. އަދި އެއީ ޙައްޤަކާ ނުލާ މީސްތަކުން ކާފިރުކޮށް، މީސްތަކުންގެ ލޭ ހުއްދަކުރާތީއެވެ. އަދި ގިނަ ފަހަރަށް ދުލުން ނުވަތަ ހަތިޔާރާއެކު ވެރިންނާ ދެކޮޅަށް އެބައިމީހުން ނުކުމެއެވެ. (ބައްލަވާ: الخوارج لد. غالب العواجي (ص: 4) وفتح المنان لد. طارق القحطاني (ص: 104)).
[3] ޝީޢީން: މި ފިރުޤާގެ ދަށުގައި ވަރަށް ގިނަ ޖަމާޢަތްތަކެއް ވެއެވެ. ބައެއް ޤަބޫލުކުރުންތަކުގައި އެބައިމީހުންގެ މެދުގައި ތަފާތުތަކެއް ހުރެއެވެ. އެބައިމީހުންނަށް “ޝީޢީން” ނޭވެސް އަދި “ރާފިޟީން” ނޭވެސް ކިޔާ އުޅެއެވެ. ޢަރަބި ބަހުގައި ‘ޝީޢީން’ގެ މާނައަކީ: މީހަކަށް ނަޞްރުވެރިވާ ނުވަތަ ވާގިވެރިވާ މީހުންނެވެ. އަދި ޢިލްމުވެރިންގެ އިޞްތިލާޙުގައި ޝީޢީންނަކީ: ހަތަރު ޚަލީފާއިންގެ ތެރެއިން ޢަލީގެފާނު ފިޔަވާ ދެން ތިއްބެވި ބޭކަލުންނަށް ވުރެ ޢަލީގެފާނު މާތްކަމަށް ދެކި، ޢަލީގެފާނު ފިޔަވާ އަނެއް ތިން ބޭކަލުންގެ ޚިލާފަތަކީ ބާޠިލު އެއްޗެއްކަމުގައި ދެކި، ޚަލީފާކަމަށް އެންމެ ޙައްޤުކަން ބޮޑީ އާލު ބައިތުންކަމަށް ޤަބޫލުކުރާ މީހުންނެވެ. ޢަރަބި ބަހުގައި ‘ރާފިޟީން’ގެ މާނައަކީ: ކަމަކަށް ދެކޮޅު ހަދާ، އިންކާރުކުރާ މީހުންނެވެ. ޝީޢީންނަށް “ރާފިޟީން” މިނަމުން ނަން ދެވުނީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތަށް އިންކާރުކޮށް، ޞަހާބީ ބޭކަލުންނާ މިބައިމީހުން ދުރުވެގަތް ހިސާބުންނެވެ. ފަހެ މި ޖަމާޢަތުގެ މީހުން ދެނެގަނެވޭނެ މައިގަނޑު ސިފަތަކަކީ: ޢަލީގެފާނަކީ އިމާމެއްކަމުގައި ބުނުމާއި ޢަލީގެފާނުގެ ދަރިފަސްކޮޅުގައި އިމާމުވެރިކަން ވާނޭކަމަށް ނަބިއްޔާ صلى الله عليه وسلم ޞަރީޙަ ނައްޞުން ވަޞިއްޔަތްކުރައްވާފައި ވާކަމަށް ބުނުމާއި އަހުލުބައިތުން މަތިވެރިކުރުމުގައި ހައްދުފަހަނަ އެޅުމާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚަލީފާކަމަށް އިންކާރުކުރުމާ އަދި ޞަޙާބީ ބޭކަލުންނީ ކާފިރުންކަމުގައި ދެކުމެވެ. ޝީޢީންގެ ރާފިޟީންނަށް “އިޘްނާ ޢަޝަރިއްޔާއިން” އަދި “އިމާމިއްޔާ” މިފަދައިންވެސް ކިޔައެވެ. އެއީ އެބައިމީހުން ޤަބޫލުކުރާ 12 އިމާމުންގެ ޢަޤީދާއަށް ނިސްބަތްކޮށެވެ. އެބައިމީހުން ޤަބޫލުކުރަނީ ނަބިއްޔާ صلى الله عليه وسلم ގެ އަހުލުބައިތުންގެ ތެރެއިން ޚާއްޞަ 12 އިމާމުން ވާކަމަށެވެ. އަދި އެބައިމީހުންގެ ގާތުގައި އެ ބާރަ އިމާމުންގެ ޢަޤީދާ ޤަބޫލުކުރުމަކީ އިސްލާމުކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަދި އީމާންކަމުގެ އެންމެ މުހިންމު ބިންގަލެވެ. އަދި އެ އިމާމުންނަށް ޣައިބު އެނގޭކަމަށް އެބައިމީހުން ޤަބޫލުކުރެއެވެ. އަދި އެ އިމާމުންގެ ގާތުން ކަންކަމަށް އެދި އެބައިމީހުން ދުޢާކޮށް އުޅެއެވެ. (ބައްލަވާ: فرق معاصرة لغالب العواجي (1/316)، وفتح المنان لد. طارق بن سعيد القحطاني (ص: 141)).
[4] މުރުޖިއާއިން: ބަހުގެ ގޮތުން مرجئة ނެގިފައިވަނީ إرجاء އިންނެވެ. މާނައަކީ ފަސްކުރުމެވެ. އަދި މިބަހުގެ އެހެން މާނަތަކެއްވެސް ޢިލްމުވެރިން ޛިކުރުކުރައްވައެވެ. ޢިލްމުވެރިންގެ އިޞްތިލާޙުގައި މުރުޖިއާއިންނޭ ކިޔަނީ އީމާންކަމުގައި ޢަމަލު ނުހިމަނާ މީހުންނަށެވެ. އެބައިމީހުންގެ ތެރޭގައިވެސް އެކި ފިރުޤާތައް ވެއެވެ. އޭގެ ތެރެއިން މައިގަނޑު ތިން ޖަމާޢަތެއް ވެއެވެ. ފުރަތަމައީ: އީމާންކަމަކީ ހަމައެކަނި ހިތުގައިވާ އެއްޗެއްކަމަށް ބުނާ މީހުންނެވެ. ދެވަނައީ: އީމާންކަމަކީ ހަމައެކަނި ދުލުން އިޤުރާރުވުމޭ ބުނާ މީހުންނެވެ. ތިންވަނައީ: އީމާންކަމަކީ ހިތުގެ އިޢުތިޤާދާއި ދުލުން ޝަހާދަތް ކިޔުންކަމުގައި ބުނާމީހުންނެވެ. އަދި ގުނަވަންތަކުގެ ޢަމަލުތައް އީމާންކަމުގެ ތެރޭގައި ނުހިމެނޭކަމަށް ބުނާ މީހުންނެވެ. (ބައްލަވާ: الصحاح للجوهري (6 / 2352) ومقاييس اللغة لابن فارس (2 / 495) والإيمان لقاضي أبي يعلى الفراء (ص: 138) والملل والنحل (1 / 139) والنهاية لابن الأثير (2 / 206) وشرح الطحاوية لابن أبي العز (2 / 460) ومجموع الفتاوى لشيخ الإسلام ابن تيمية (7 / 195) والإيمان له (ص: 308) وآراء المرجئة في مصنفات شيخ الإسلام ابن تيمية لد. عبدالله السند (ص: 86 ، 119 – 120)).
[5] ޤަދަރީން: މިއީ ޤަޟާ ޤަދަރާ ގުޅުންހުރި ބައެއް ކަންކަމުގައި މަގު ފުރެދިފައިވާ ފިރުޤާއެކެވެ. މިފަދަ ވާހަކަތަކެއް ބަޞްރާގައި އެންމެ ފުރަތަމަ ޢާންމުކުރި މީހަކީ މަޢުބަދު އަލްޖުހަނީ ކިޔާ މީހެކެވެ. (ބައްލަވާ: مجلة البحوث الإسلامية (34/235)).
[6] ޖަހްމީން: މި ފިރުޤާ ނިސްބަތްކުރެވެނީ ޖަހްމު ބުން ޞަފްވާނު ކިޔާ މީހަކަށެވެ. އޭނާއަކީ ކުފުރުގެ ވަރަށް ގިނަ ޢަޤީދާތައް އާލާކޮށްފައިވާ މީހެކެވެ. އެގޮތުން ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނަފީކުރުމާއި ޤިޔާމަތްދުވަހު ހިނގާނޭ ވަރަށް ގިނަ ކަންތައްތަކަށް އިންކާރުކުރުމާއި ޤުރުއާނަކީ މަޚްލޫޤެކޭ ބުނުމާ އަދިވެސް މިފަދަ އެތައް ޢަޤީދާއެއް އޭނާވަނީ ފަތުރާފައެވެ. (ބައްލަވާ: فتح المنان لد. طارق بن سعيد القحطاني (ص: 211)).
[7] މުޢުތަޒިލީން: ބަހުގެ ގޮތުން معتزلة ނެގިފައިވަނީ اعتزل އިންނެވެ. މާނައަކީ: ދުރުވެ، އެއްކިބާވުމެވެ. ޢިލްމުވެރިންގެ އިޞްތިލާޙުގައި މުޢުތަޒިލީންނަކީ އެބައިމީހުންގެ ފަސް އަސާސު ޤަބޫލުކުރާ މީހުންނެވެ. އެއީ التوحيد އާއި العدل އާއި إنفاذ الوعيد އާއި المنزلة بين المنزلتين އަދި الأمر بالمعروف والنهي عن المنكر އެވެ. މި އިޞްޠިލާޙުތަކުގެ ތެރެއިން ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންވެސް ބޭނުންކުރައްވާ އިޞްޠިލާޙުތައް، މުޢުތަޒިލާއިން ބޭނުންކުރަނީ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ބޭނުންކުރާ މާނަތަކާ މުޅިން ތަފާތު މާނަތަކެއްގައެވެ. މިއީ ހިޖުރައިން ދެވަނަ ޤަރުނުގައި ފާޅުވި ފިރުޤާއެކެވެ. މި ފިރުޤާގެ ޒަޢީމަކީ ވާޞިލު ބުން ޢަޠާއެވެ. ޢަޤީދާގައި މިބައިމީހުންގެ ގިނަ ރައުޔުތަކަކީ ޖަހުމީންގެ ފުށުން ކުރި ފަޅައިގެން އައިސްފައިވާ ރައުޔުތަކެކެވެ. އެބައިމީހުންވަނީ ބޮޑެތި ފާފަތަކާއި ގުޅުން ހުރި މައްސަލައިގައި މި އުންމަތުގެ ސަލަފުންގެ ބަސްފުޅުން ދުރުވެ އެއްކިބާވެފައެވެ. އަދި އެ ފިރުޤާގެ އަހުލުވެރިން ޙަސަނުލް ބަޞްރީގެ މަޖްލިހުން ދުރުވެ އެއްކިބާވެ، އެކަލޭގެފާނުގެ ޒަމާނުގައި އެހެން މަޖުލިހެއް މިސްކިތުގައި ހެދިއެވެ. (ބައްލަވާ: شرح الطحاوية للبراك (ص: 420 – 421) والأصول الخمسة عند المعتزلة لد. صالح بن العابدين (ص: 14) وأحكام عصاة المؤمنين من كلام شيخ الإسلام ابن تيمية لمروان كجك (ص: 24) وفتح المنان لد. طارق بن سعيد القحطاني (ص: 214)).
[8] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (8/458) ولوامع الأنوار للسفاريني (1/71).
[9] الكفاية للخطيب (ص: 401).
[10]ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (2/84) ودرء تعارض له (1/6).
[11] ބައްލަވާ: تفسير القرطبي (7/161).
[12] މި ޙަދީޘްވަނީ އިބްނު ޢުމަރާއި އަބޫ ހުރައިރާއާއި ޙުޛައިފާ އަދި އަނަސް ބުން މާލިކު رضي الله عنهم ގެ އަރިހުން ރިވާވެގެންނެވެ. މިއީ މުޙައްދިޘުންގެ އަރިހުގައި ޞައްޙަ ޙަދީޘެކެވެ. އަދި ޙަސަން ދަރަޖައިގެ ޙަދީޘަކަށް ވުރެ ދަށަކަށް މި ޙަދީޘް ނުދާނެކަމުގައި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ. އެހެނީ މި ޙަދީޘަށް ބާރުދޭ ރިވާޔަތްތަކެއް ވެއެވެ. ފަހެ ޙަސަން ދަރަޖައަކީވެސް ޙުއްޖަތް ނެގޭވަރުގެ ޙަދީޘްގެ ދަރަޖައެކެވެ. ޢިލްމުވެރިންގެ އަރިހުގައި ޙުއްޖަތް ނެގޭ ވަރުގެ ޙަދީޘްތަކަކީ ޞައްޙަ ޙަދީޘްތަކާއި ޙަސަން ޙަދީޘްތަކެވެ. އެ ތަފްޞީލުކުރާނަމަ އެއީ: ޞަޙީޙު ލި ޛާތިހީއާއި، ޙަސަން ލި ޛާތިހީއާއި، ޞަޙީޙު ލި ޣައިރިހީ އަދި ޙަސަން ލި ޣައިރިހީ، މި ހަތަރު ބައެވެ.
މި ޙަދީޘާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް ގެނެސްދޭނަމެވެ.
1- މި ޙަދީޘަކީ ޖައްޔިދު (ރަނގަޅު) ސަނަދަކުން އައިސްފައިވާ ޙަދީޘެއްކަމުގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (އަވަހާރަވީ ހިޖުރައިން 728) رحمه الله ވިދާޅުވިއެވެ. (ބައްލަވާ:اقتضاء الصراط المستقيم لابن تيمية (10 / 271))
2- މި ޙަދީޘްގެ ސަނަދު ޞާލިޙު (ރަނގަޅު) ކަމުގައި އައްޛަހަބީ (އަވަހާރަވީ ހިޖުރައިން 748) رحمه الله ވިދާޅުވިއެވެ. (ބައްލަވާ:السير للذهبي (15 / 509))
3- އަލްޙާފިޡް އަލްޢިރާޤީ (އަވަހާރަވީ ހިޖުރައިން 806) رحمه الله ވިދާޅުވިއެވެ.
“އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން މި ޙަދީޘް، ޞައްޙަ ސަނަދަކުން އަބޫ ދާވޫދު ރިވާކުރެއްވިއެވެ.” (المغني للعراقي (1 / 318))
4- ޙުޛައިފާ رضي الله عنه ގެ އަރިހުން ރިވާވެފައިވާ ރިވާޔަތާ ބެހޭގޮތުން އަލްޙައިޘަމީ (އަވަހާރަވީ ހިޖުރައިން 807) رحمه الله ވިދާޅުވިއެވެ.
“މި ޙަދީޘްވަނީ ޠަބަރާނީ އަލްއައުސަޠުގައި ރިވާކުރައްވާފައެވެ. އެ ޙަދީޘްގައި علي بن غراب ވެއެވެ. އެކަލޭގެފާނަކީ ޘިޤާ(އިތުބާރު ހިފޭ) ރާވީއެއް ކަމުގައި އެއް ޢިލްމުވެރިއަކަށް ވުރެ ގިނަ ބޭކަލުން ވިދާޅުވެފައި ވެއެވެ. ބައެއް ބޭކަލުން އެއީ ޟަޢީފު(ބަލިކަށި) ރާވީއެއް ކަމަށްވެސް ވިދާޅުވެއެވެ. ދެން އެ ޙަދީޘްގައިވަނީ އިތުބާރު ހިފޭ ރާވީންނެވެ.” (مجمع الزوائد للهيثمي (10 / 271)).
5- އަބޫ ދާވޫދުގެ ރިވާޔަތާއި ބެހޭގޮތުން އަލްބޫޞީރީ (އަވަހާރަވީ ހިޖުރައިން 840) رحمه الله ވިދާޅުވިއެވެ.
“އަބޫ ދާވޫދު މި ޙަދީޘް ގެންނަވާފައި މި ޙަދީޘާ މެދުގައި އެއްޗެއް ވިދާޅު ނުވެއެވެ. އެއީ އެކަލޭގެފާނުގެ އަރިހުގައި މި ޙަދީޘަކީ ޢަމަލުކުރެވޭ އަދި ޙުއްޖަތް ނެގޭވަރުގެ ޙަދީޘަކަށް ވުމުންނެވެ.” (إتحاف الخيرة المهرة للبوصيري (4 / 484)).
6- މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި އަލްޙާފިޡް އިބްނު ހަޖަރު (އަވަހާރަވީ ހިޖުރައިން 852) رحمه الله ވިދާޅުވިއެވެ. (ބައްލަވާ:فتح الباري لابن حجر (10 / 271)).
7- މި ޙަދީޘްގެ ބައެއް ސަނަދުތަކުގައި ބަލިކަށިކަން ހުއްޓަސް މި ޙަދީޘަށް ބާރުދޭ ޙަދީޘްތައް ވާކަމަށް އަލްޙާފިޡް އައްސަޚާވީ (އަވަހާރަވީ ހިޖުރައިން 902) رحمه الله ވިދާޅުވިއެވެ. (ބައްލަވާ:المقاصد الحسنة للسخاوي (10 / 271) وعون المعبود للعظيم آبادي (11 / 52)).
8- މި ޙަދީޘްގެ ސަނަދު ޞައްޙަކަމުގައި އައްޝައިޚު އަޙްމަދު ޝާކިރު (އަވަހާރަވީ ހިޖުރައިން 1377) رحمه الله ވިދާޅުވިއެވެ. (ބައްލަވާ:تحقيق المسند لأحمد شاكر (4 / 515)).
9- މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި ޝައިޚް އަލްބާނީ (އަވަހާރަވީ ހިޖުރައިން 1420) رحمه الله ވިދާޅުވިއެވެ. (ބައްލަވާ:تحقيق المشكاة للألباني (2 / 1246)).
އަދި މިނޫނަސް ކީރިތި ޤުރުއާނުގެ އެއަށް އާޔަތަކާ އަދި އެތައް ޙަދީޘަކުން ކާފިރުންނާ ތަފާތުވުމަށާއި ޚިލާފުވުމަށް މުސްލިމުންނަށް ބާރުއަޅާފައިވެއެވެ.
[13] ބައްލަވާ: الأعياد المحدثة لد. عبدالله المهنا (ص: 57 – 58).
[14] ބާޠިނީން: މިނަމަކީ ވަރަށް ގިނަ ޖަމާޢަތްތަކަކަށް ނިސްބަތްކުރެވޭ ނަމެކެވެ. މި ޖަމާޢަތްތަކުގެ މައިގަނޑު ސިފަތަކަކީ ޝަރުޢީ ނައްޞުތަކުގައި އެތެރެފުށުގެ މާނައަކާއި ބޭރެފުށުގެ މާނައެއް ވާކަމަށް ބުނުމާއި އޭގެ ތެރެއިން ބޭރުފުށުގެ މާނަ ދޫކޮށްލާފައި އެތެރެފުށުގެ މާނައިގައި ހިފުމަކީ ވާޖިބެއްކަމުގައި ބުނުމާއި އެތެރެފުށުގެ މާނަ އެނގިއްޖެމީހެއްގެ ކިބައިން ތަކުލީފު ކެނޑިގެންދާކަމަށް ބުނުމާއި ﷲ ތަޢާލާގެ ޞިފަފުޅުތައް އެކުއެކީ ނަފީކުރުމާއި އެބައިމީހުންގެ އިމާމުންނަކީ އިލާހުންކަމުގައި ބުނުމާ އަދި އިސްލާމީ ޝަރީޢަތް ބާޠިލުވެއްޖަކަމަށް ބުނުމެވެ. މިބައިމީހުން ފާޅުވެފައިވަނީ ހިޖުރައިން 200-300 ދެމެދުގައެވެ. މި ޢަޤީދާއަށް ނިސްބަތްވާ ބައެއް ފިރުޤާތަކުގެ ތެރޭގައި އިސްމާޢީލިއްޔާއިންނާއި ނުޞައިރިއްޔާއާއި ދުރޫޒާއި ޤާދިޔާނިއްޔާ އަދި ބަހާއިއްޔާ (ނުވަތަ ބާބިއްޔާ) އިން ހިމެނެއެވެ. (ބައްލަވާ: فتح المنان لد. طارق بن سعيد القحطاني، ص: (187)).
[15]بيان تلبيس الجهمية لشيخ الإسلام ابن تيمية (2/478).
[16] ބައްލަވާ: تفسير البغوي (2/339).
[17] ބައްލަވާ: دراسات في أديان اليهودية والنصرانية (ص: 18).
[18] ޒިންދީޤުން: ފިޤުހުވެރިންގެ އިޞްތިލާޙުގައި ޒިންދީޤަކީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އުޅުނު މުނާފިޤުންނަށް މުޚާޠަބަކުރަން ބޭނުން ކުރާފަދަ އިޞްތިލާޙެކެވެ. އެއީ އިސްލާމްކަން ފާޅުކޮށްފައި އެހެންކަމެއް ވަންހަނާކޮށްގެން ހުރުމެވެ. އެއީ ޔަހޫދީކަން ނުވަތަ ނަޞާރާކަން ވަންހަނާކޮށްގެން ހުރުން ނުވަތަ ރައްބަކުވާކަން އިންކާރުކުރުން ނުވަތަ ޤިޔާމަތް ދުވަސް އިންކާރުކުރުން ފަދަ ކަންކަމެވެ. (ބައްލަވާ: مجموع الفتاوى (7 / 471 – 472)).
[19] مجموع الفتاوى لشيخ الإسلام ابن تيمية (2/102).
[20] ބައްލަވާ: الفرق المعاصرة لغالب العواجي (2/669) والمتنبئون في الإسلام له (ص: 288).