[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާން މަހުން ދުވަހެއް (ފުރަތަމަ ބައި)

މިއީ ރަމަޟާން މަހުގެ ދުވަސްތައް ހޭދަކުރާނެގޮތުގެ ޕޮރޮގުރާމް ގައިޑެކެވެ.

 

 

މުސްލިމުންގެ ދުވަސް ރަމަޟާން މަހުގައި ފެށެނީ ފަތިސް ނަމާދަށް ގޮވުމުގެ ކުރީން ހާރުކެއުމާ އެކުގަ އެވެ. މޮޅުއިތުރުގޮތަކީ ހާރުކެއުން ވީހާވެސް ލަސްކޮށްލުމެވެ.

އެއަށް ފަހުގައި މި ތައްޔާރުވަނީ ފަތިސް ނަމާދަށް މިސްކިތަށް ދިއުމަށެވެ. އެހެންކަމުން ގެއިން ވުޟޫކޮށްގެން ބަންގި ގޮވުމުގެ ކުރީން މިސްކިތަށް ދާށެވެ. މިސްކިތަށް އެރުމަށް ފަހުގައި 2 ރަކުޢަތް ނަމާދެއްކުރާށެވެ. މިއީ ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތެވެ. މި ނަމާދު ކުރުމަށް ފަހު ދެން ދުޢާކުރުން، ޤުރުއާން ކިޔެވުމުގައި ނުވަތަ ޒިކުރުކުރުމުގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ބަންގި ގޮވަންދެނެވެ. ބަންގި ގޮވަން ފެށުމުން މުދިމުގެ އަޑު ދަށުން ބަންގީގެ ކަލިމަތައް ކިޔާށެވެ. ބަންގި ނިމުމުން ބަންގި ދުޢާ ކިޔުމަށް ފަހު ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް ކުރާށެވެ. މިއަށް ފަހުގައި ޤަމަތް ދީފުމަށް ދާންދެން ޤުރުއާން ކިޔަވަން ނުވަތަ ޒިކުރުކުރަން އިނދެވިދާނެއެވެ. ނަމާދުގެ އިންތިޒާރުގައި އިންނައިރު މިގޮތަށް ދުޢާކުރުމުގައި އިންނާށެވެ.

ޖަމާޢަތުގައި ނަމާދުކުރުމަށް ފަހުގައި، ނަމާދަށްފަހު ކިޔުމަށް ވާރިދުވެފައިވާ ޒިކުރުތައް ކިޔަން އިންނާށެވެ. ޒިކުރުތައް ކިޔުމަށް ފަހު މިސްކިތުގައި އިރުއަރާންދެން ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުމުގައި އިންނަން ބޭނުން ނަމަ އެގޮތް މޮޅުއިތުރުކަން ބޮޑެވެ. އެހެނީ އެއީ ރަސޫލުﷲ صلى الله عليه وسلم ފަތިސްނަމާދަށް ފަހުގައި ކަންތައް ކުރެއްވިގޮތެވެ.

ދެން އިރުއެރުމުގެ ފަނަރަ މިނެޓު ފަހުން ބޭނުންނަމަ އެގަޑީގައި ޟުޙާ ނަމާދު ކުރެވިދާނެއެވެ. ޟުޙާ ނަމާދުގެ އެންމެ ކުރު މިންވަރަކީ ދެރަކުޢަތެވެ. ނުވަތަ ބޭނުން ނަމަ ޟުޙާ ނަމާދު ކުރުން އެންމެ ރަނގަޅު ވަގުތަށް ލަސްކުރެވިދާނެއެވެ. އެއީ އަވީގެ ހޫނުކަން އިޙްސާސް ވާވަރަށް އިރުއެރުމުންނެވެ. އެއީ އެންމެ މޮޅު އިތުރު ވެގެންވާ ގޮތެވެ.

މިއަށްފަހުގައި މަސައްކަތަށް ދިއުމުގެ ކުރީން ނިދާލަން ބޭނުންނަމަ ނިދާލާށެވެ. ނިދާއިރުގައި ތިމަންނަ މި ނިދަނީ އަޅުކަމަށާއި ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ހަށިގަނޑުގައި ބާރުޖެއްސުމަށްކަން ހިތު ނިޔަތް ގަންނާ ށެވެ. އެއީ އެކަމަކީވެސް ﷲގެ އިޒުނަފުޅާއެކު ސަވާބު ލިބެނިވި ކަމެއް ކަމުގައި ވުމަށެވެ. އަދި ނިދުމުގެ ކުރީން ކިޔާ ދުޢާތަކާއި ކުރަންޖެހޭކަންކަން ކުރުމަށް އާދަކުރާށެވެ.

ނިދާހޭލައިގެން ވެސް މިފަދަކަންކަމަށް (ނިދާހޭލައިގެން ކަންކުރަން ސުންނަތުގައި ވާރިދުވެފައި ވާގޮތަށް) ސަމާލުވާށެވެ. ދެން އޮފީހަށް ދާނަމަ އޮފީހަށް ދާށެވެ. އަދި މެންދުރުނަމާދުގެ ވަގުތު ކައިރިވުމުން މިސްކިތަށް ދާށެވެ. ބަންގިގޮވުމުގެ ކުރީން ނުވަތަ ބަންގި ގޮވުމުން ވަގުތުންނެވެ. ނަމާދަށް ދިއުމުގެ ކުރީން ނަމާދަށް ތައްޔާރުވާށެވެ. މިސްކިތަށް ގޮސް މެންދުރުނަމާދުގެ ސުންނަތް ކޮށް (4ރަކުއަތް) އަދި މިނަމާދަށްފަހުގައި ވެސް ޤަމަތް ދީފުމަށްދާންދެން ޒިކުރުކޮށް ޤުރުއާންކިޔަވަން އިންނާށެވެ .

ޤަމަތް ދިނުމުން ޖަމާޢަތުގައި ނަމާދުކޮށް އެއަށް ފަހުގައި މެންދުރުނަމާދުގެ ފަހު ސުންނަތް ކުރާށެވެ. އެއީ ދެރަކުޢަތެވެ.

ނަމާދުކޮށްގެން އަނެއްކާވެސް އޮފީހަށްގޮސް އޮފީހުގައި ކުރަންހުރި މަސައްކަތް ގެއަށް ދާންވާ ގަޑިޖެހެންދެންކުރާށެވެ. މަސައްކަތް ނިމިގެން ގެއަށް އައިސް އަސުރުނަމާދު ޖެހެން ވަގުތުއޮތް ނަމަ މިވަގުތުކޮޅުގައި އަރާމުކޮށްލެވިދާނެއެވެ. ނަމަވެސް އަސުރުގަޑި ޖެހެން ކައިރިވެ އަދި އަރާމުކޮށްލަން އޮށޯވެއްޖެނަމަ ނިދިފައި ނަމާދަށް ދާން ނުހޭލެވުމުގެ ބިރުއޮތް ނަމަ މިވަގުތުކޮޅުގައި ފައިދާހުރި ކޮންމެވެސް އެހެން ކަމެއް ކޮށްލާށެވެ. މިސާލަކަށް އާއިލާއަށް ބޭނުންވާ އެއްޗެއް ގަތުމަށް ބާޒާރަށް ދިއުން ނުވަތަ އޮފީސް ނިމިގެން ސީދާ މިސްކިތަށް ގޮސް އަސުރަށް ގޮވަންދެން ޤުރުއާން ކިޔަވަން އިނދެވިދާނެއެވެ.

އަސުރަށް ފަހުގައި ކުރާނެކަމެއް ތިބާގެ ހާލަތަށް ބަލާފައި ވިސްނާލާށެވެ. މިސްކިތުގައި އިނދެ ޤުރުއާން ކިޔެވޭވަރު ވާނަމަ އެގޮތް ވަރަށް ރަނގަޅެވެ. ނަމަވެސް ތިބާ ވަރުބަލިކަން އިހުސާސްވާނަމަ މިވަގުތުކޮޅުގައި އަރާމުކޮށްލުން އެންމެ ރަނގަޅެވެ. އެއީ ތަރާވީސް ނަމާދަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މަޣުރިބު ނަމާދަށް ގޮވުމުގެ ކުރީން ރޯދަވީއްލުމަށް ތައްޔާރުވާށެވެ. މިގަޑީގައި ތިބާއަށް ފައިދާކުރަނިވި ކޮންމެވެސް ކަމެއްކޮށްލާށެވެ. އެއީ ޤުރުއާން ކިޔެވުން ނުވަތަ ދުޢާކުރުން ނުވަތަ އަނބިދަރިންނާ އެކު ފައިދާކުރުވަނިވި ވާހަކައެއް ދެއްކުމުގައެވެ. ނުވަތަ އަނބިމީހާއަށް ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމުގަ އެވެ.

މިގަޑީގައި ކުރެވިދާނެ އެންމެ ރަނގަޅު އެއްކަމަކީ ރޯދައަށް ތިބޭ މީހުނަށް ރޯދަވީއްލަން ދަޢުވަތު ދިނުމެވެ. އެއީ އެމީހުންނަށް ކާނާ ގެނެސްދީ ނުވަތަ ކާއެއްޗެހި ބަހައި ނުވަތަ އެކަހަލަކަމެއް ކުރުމުގައި އެހީތެރިވުމެވެ. މިކަމަކީ ތިބާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަމުގައި ވާނެއެވެ.

ރޯދަވީއްލުމަށް ފަހުގައި ޖަމާޢަތުގައި ނަމާދުކުރުމަށް އަވަހަށް މިސްކިތަށް ގޮސް ނަމާދަށް ފަހުގައި މަޣުރިބު ނަމާދުގެ ސުންނަތް ދެރަކުޢަތް ކުރާށެވެ. ދެން ގެއަށް އައުމަށް ފަހު ގޭގައި ލިބެން ހުރި އެއްޗެއް ކާށެވެ. ކާއިރުގައި މާ ގިނައިން ނުކާށެވެ. ކައި ނިމިގެން އިޝާނަމާދު ވަގުތު ޖެހެންދެން އޮންނަ ގަޑި އާއިލާއާއެކުގައި ފައިދާކުރުވަނިވި ގޮތެއްގައި ހޭދަ ކުރެވޭތޯ މަސައްކަތް ކުރާށެވެ. އެއީ ކުދީންނަށް އިސްލާމީ ތާރީޚުގެ ވާހަކައެއް ނުވަތަ އިސްލާމީ ޝަޚުސިއްޔަތެއްގެ ވާހަކަ ކިޔައިދިނުން ނުވަތަ ޢިލްމީ ކުއިޒެއް ނުވަތަ ފައިދާކުރުވަނިވި ވާހަކައެއް ދެއްކިދާނެއެވެ. މިނޫނަސް އާއިލާގެ މެންބަރުންނަށް ކަމުދާކަހަލަ، ތިބާއާއި އެމީހުންގެ ވިސްނުން ތަނަވަސްވާ ފަދަ ކަމެއްކުރާށެވެ. ޓީވީ ބެލުމާއި ބޭކާރުގޮތުގައި ވަގުތު ހޭދަ ނުކުރާށެވެ. ޓީވީ އިން ގިނައިން ދައްކާނީ ޢިލްމީ ގޮތުންވެސް ފައިދާ އެއް ނުކުރާ އަޚުލާގީ ގޮތުން ދަށް ފެންވަރުގެ މަންޒަރު ހިމެނޭ ޕުރޮގްރާމްތަކެވެ. ރަނގަޅު ޕުރޮގްރާމްވެސް ދައްކާކަން ފާހަނގަ ކުރަމެވެ. މިހެންކަމުން އެކަހަލަ ކަންކަމާއި ވީހާވެސް ދުރުގައި އުޅޭށެވެ. އަދި އާއިލާގެ އެހެން މެންބަރުންނަށްވެސް މިކަމުގައި އެހީވާށެވެ. ޣީބަ ބުނުމާއި ދެބައޮޑުވުމާއި ސިޔާސީ ވާހަކަ ދެއްކުމާއި ތިމާއަށް އެކަމުން ދުނޔެއާއި އާޚިރަތުގައިވެސް މަންފާއެއް ނުކުރާނެ ކަންކަމުގައި ވަގުތު ނަގާނުލާށެވެ.

ދެން ތައްޔާރުވާނީ އިޝާނަމާދަށް ދިއުމަށެވެ. މިސްކިތަށްގޮސް ޤުރުއާން ކިޔަވަން އިންނާށެވެ. ބަންގި ގޮވުމުން ޖަމާއަތުގައި އިޝާނަމާދު ކުރުމަށް ފަހުގައި އިޝާ ނަމާދުގެ ސުންނަތް ދެރަކުއަތް ކުރާށެވެ. މިއަށް ފަހުގައި މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއި އެކުގައި އިމާމު ފަހަތުގައި ތަރާވީސްނަމާދު ކުރާށެވެ. އިމާމު ޤުރުއާން  ކިޔަވާއިރުގައި އެކިޔަވަމުންދާ އާޔަތްތަކާމެދު ވިސްނާށެވެ. އިމާމު ނަމާދު ނިންމުމުގެ ކުރީންމެނުވީ ނުނިންމާށެވެ. ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ  ޙަދީޘް ކުރެއްވިއެވެ.

((مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ ))

މާނަ: “އިމާމު މީހާ ނިމެންދެން އޭނާއާ އެކުގައި ބައިވެރިވެއްޖެ މީހަކަށް މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބު ދެއްވާނެއެވެ.

ތަރާވީސް ނަމާދު ނިމުމުން ތިބާގެ އަމިއްލަ ހާލަތާއި ދިރިއުޅުމާއި ގުޅޭގޮތަށް ކަމެއް ރާވާލެވިދާނެއެވެ. ކަމެއް ރާވާއިރުގައި އަންނަނިވި ކަންކަމަށް ސަމާލުވާށެވެ.

ﷲޙަރާމް ކުރެއްވި ހުރިހާ ކަމަކާ ދުރުހެލިވެ އެފަދަ ކަމަކަށް މަގުފައިވާފަދަ ކަންކަމާއިވެސް ދުރުވުން.

ތިބާގެ އާއިލާގެ މެންބަރުން ޙަރާމް ކަންތަކުން އަދި އެފަދަކަމަކަށް މަގުފަހިވާ ފަދަ ކަންކަމުން ދުރުހެލިކުރުވުމަށް ސަމާލުކަން ދިނުން. މިކަން ކުރާނީ ހިކުމަތްތެރިކަމާއި ކެއްތެރިކަމާ އެކީގައެވެ.

މުހިއްމުކަންކަމުގައި ތިބާ އަބަދުވެސް މަޝްޣޫލުވާށެވެ.

އަވަހަށް ނިދުމަށް މަސައްކަތްކުރާށެވެ. ނިދާއިރު ކިޔާ ޒިކުރުތައް ކިޔައި ނިދުމުގެ ކުރީން ކުރަންވާ ސުންނަތް ކަންކަން ފުރިހަމަކޮށްލާށެވެ. ނިދުމުގެ ކުރީން ޤުރުއާން ކިޔަވައި ނުވަތަ ފައިދާ ކުރުވަނިވި ފޮތެއް ކިޔާލަން އިނދެވިދާނެއެވެ. އެދުވަހެއްގައި ޤުރުއާނުން ކިޔަވަން ކަނޑައަޅާފައިވާ ހިސާބަށް ނުކިޔެވިއޮތް ކަމުގައި ވާނަމަ ނިދުމުގެ ކުރީން އެބައި ފުރިހަމަކޮށްލާށެވެ.

ނިދުމަށް ފަހުގައި ހާރުކެއުމުގެ ތަންކޮޅެއްކުރީން ހޭލައިގެން ތެދުވާށެވެ. ދުޢާކުރުމާއި އަސްތަޣުފާރުކުރުމާއި  ޒިކުރު ކުރުމުގައި ވަގުތު ހޭދަކުރާށެވެ. އެއީ ރޭގަނޑުގެ ތިންބައިކުޅަ ދެބައި ވޭތުވުމަށް ފަހު، އެންމެފަހު ބައިގައި ކޮންމެ ރެއަކު ދުނިޔޭގެ އުޑަށް ﷲތަޢާލާ (އެކަލާނގެ ޒާތުފުޅާ އެކަށީގެންވާ ގޮތަށް) ފައިބައި ވޮޑިގަންނަވަ އެވެ. އަދި މިވަގުތުގައި ފާފަ ފުއްސެވުމަށް އެދި ދުޢާކުރާ އަޅުތަކުންނަށް އެއިލާހު ތައުރީފުކުރައްވާފައި ވެއެވެ. އަދި މިވަގުތުގައި އެކަލާނގެ އަށް އެދި ދަންނަވާ މީހަކަށް އެކަލާނގެ އިޖާބަ ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައިވެ އެވެ. އަދި މި ގަޑީގައި ތައުބާވާ މީހުންގެ ތައުބާ ގަބޫލު ކުރައްވާނޭކަމަށް ވެސް ވަޢުދުވެވޮޑިގެންފައިވެ އެވެ. އެހެންކަމުން މިފުރުސަތު ނަންގަވައި ނުލައްވާށެވެ.

– ނުނިމޭ –