[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 1 ، د 1 – ތައުޙީދުގެ މުހިންމުކަން)

ތައުޙީދުގެ މުހިންމުކަން

 

ކަރީމުވަންތަ ﷲ، މަތިވެރިވެގެންވާ ޢަރުޝީގެ ރައްބުގެ ޙަޟްރަތުން އަހަރެން މި އެދެނީ ދުނިޔޭގައި އަދި އާޚިރަތުގައި ތިބާއަށް ވާގިވެރިވެވޮޑިގަތުމަށެވެ. އަދި ތިބާވީ ކޮންމެ ތަނެއްގައިމެ ތިބާއަކީ ބަރަކާތްލެއްވިގެންވާ މީހެއްކަމުގައި ލެއްވުމަށެވެ. އަދި ތިބާއީ (ނިޢުމަތް) ދެއްވިއްޖެނަމަ ޝުކުރުވެރިވާ މީހުންގެ ތެރެއިން، އިމްތިޙާންކުރެއްވިއްޖެނަމަ ކެތްތެރިވާ މީހުންގެ ތެރެއިން އަދި ފާފައެއް ކުރެވިއްޖެނަމަ ފާފަފުއްސެވުން އެދި ދަންނަވާމީހުންގެ ތެރެއިން ލެއްވުމަށެވެ. ފަހެ ހަމަކަށަވަރުން މި ތިންކަމަކީ ބާއްޖަވެރިކަމުގެ ޢަލާމާތެވެ.

ދަންނާށެވެ! ﷲ އަށް ކިޔަމަންގަތުމަށް އެއިލާހު ތިބާއަށް މަގުދައްކަވާށިއެވެ! ހަމަކަށަވަރުން ޙަނީފިއްޔާއަކީ (ޝިރުކުން އެއްކިބާވެ ތައުޙީދާ ދިމާއަށް ލެނބުމަކީ) އިބްރާހިމް عليه السلام ގެ މިއްލަތެވެ. އެއީ ހަމަކަށަވަރުން ހަމައެކަނި ﷲ އަށް ދީން ޚާލިޞްކުރާ ޙާލު އެއިލާހަށް އަޅުކަންކުރުމެވެ. އެއިލާހުގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ [سورة الذاريات :56]

މާނައީ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާ ހެއްދެވީ އެއިލާހަށް އަޅުކަންކުރުމަށްޓަކައިކަން ތިބާއަށް އެނގުމުން، ދަންނާށެވެ! ހަމަކަށަވަރުންވެސް ތައުޙީދާއެކު މެނުވީ (އެބަހީ: ﷲ އެއްކައުވަންތަކުރުމާއެކު މެނުވީ) އަޅުކަމަކަށް އަޅުކަމެކޭ ނުކިޔޭނެއެވެ. އެއީ ހަމަކަށަވަރުން ޠަހާރަތާ ނުލައި ނަމާދު އެއީ (ޤަބޫލުކުރެވިގެންވާ) ނަމާދެއްކަމުގައި ނުބެލެވޭ ބީދައިންނެވެ. އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ އެއަޅުކަމެއް ފަސާދަވެއްޖެއެވެ. އެއީ ޠަހާރަތުގެ ތެރެއަށް ޙަދަޘްވެރިކަން ވަނުމުން އެޠަހާރަތު ފާސިދުވާ ބީދައިންނެވެ.[1]

 

 

ފިލާވަޅުގެ އިރުޝާދުތައް

 

* ބާއްޖަވެރިކަމަކީ: ރުހުމާއި އަމާންކަން ލިބިގެންވާކަމުގެ އިޙުސާސެވެ. ގިނަމީހުން ބާއްޖަވެރިކަން ހޯދަން އުޅެނީ މުދަލާއި ހެދުމާއި ސަވާރީއާ އަދި އެނޫނަސް އެފަދަ ޒަރިއްޔާތަކުންނެވެ. އެހެނަސް ހަމައެކަނި އެފަދަ ކަންތައްތައް ޙާޞިލުވުމަކީ ބާއްޖަވެރިކަން ލިބޭނެ ކަމެއް ނޫނެވެ.

* ޙައްޤުގޮތުގައި ބާއްޖަވެރިކަން ޙާޞިލުކުރެވޭނީ ﷲ އަށް އީމާންވެ އެއިލާހަށް ކުއްތަންވުމަށްފަހު ތިންކަމެއް ޙާޞިލުކޮށްގެންނެވެ.

ފުރަތަމައީ: ﷲ ތިބާއަށް ދެއްވި ފަޟްލަށް އިޢުތިރާފުވެ، އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ.

ދެވަނައީ: ﷲ ގެ ޤަޟާޤަދަރާއި ޙިކުމަތްފުޅަށް އީމާންވުމާއި އެއިލާހު މެދުވެރިކުރައްވާ އިމްތިޙާނުތަކަށް ކެތްތެރިވުމެވެ.

ތިންވަނައީ: އަބަދުމެ ﷲ ގެ މަގަށް ރުޖޫޢަވެ، އެއިލާހުގެ ޙަޟްރަތަށް ތައުބާވެ އިސްތިޣްފާރުކުރުމެވެ. ވަކިން ޙާއްޞަގޮތެއްގައި ފާފައަކަށް އަރައިގަނެވުމުންނެވެ.

* އިބްރާހީމު عليه السلام ވަޑައިގެންނެވީ ޙަނީފިއްޔާއިގެންނެވެ. އެއީ ﷲ އަށް އަޅުކަން ޚާލިޞްކުރުމެވެ. އަދި މުޙައްމަދު صلى الله عليه وسلم ވަޑައިގެންނެވީ އެކަމާއިގެންނެވެ. އޭގެ ސަބަބުން އިންސާނިއްޔަތަށް ބާއްޖަވެރިކަން ޙާޞިލުވެގެންދެއެވެ.

* ތައުޙީދާ ނުލާ (އެބަހީ: ﷲ އެއްކައުވަންތަކުރުމާ ނުލާ) އަޅުކަން ޞައްޙަ ނުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّـهَ مُخْلِصًا لَّهُ الدِّينَ﴾ [سورة زمر ١١]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އަހުރެންނަށް އަމުރުކުރައްވާފައިވަނީ، ﷲ އަށް ދީން ޚާލިޞްކުރާ ޙާލު، އެއިލާހަށް އަޅުކަންކުރުމަށެވެ.”

 

 

ސުވާލުތައް

 

1- އަންނަނިވި ޖުމްލަތަކުގެ ތެރެއިން ޞައްޙަ ޖަވާބު ޚިޔާރުކުރާށެވެ.

– ޙައްޤުގޮތުގައި ބާއްޖަވެރިކަން ޙާޞިލުކުރެވޭނީ:

ހ. މުދަލުންނެވެ.

ށ. އެންމެހާ ދުނިޔަވީ ވަސީލަތްތަކުންނެވެ.

ނ. އިސްތިޣްފާރުކުރުމާއި ކެތްތެރިވުމާ އަދި ﷲ އަށް ޝުކުރުކޮށްގެންނެވެ.

2- ﷲ ތަޢާލާ އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވީ ކޮންކަމަކަށް ހެއްޔެވެ؟

3- ޙަނީފިއްޔާއަކީ ކޮބާ ހެއްޔެވެ؟

4- އަންނަނިވި އާޔަތަށް އެކަށޭނެ ސުރުޚީއެއް ލިޔާށެވެ.

﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ [سورة الذاريات ٥٦]

މާނައީ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

5- ތިބާއަށް ފާފައެއް ކުރެވިއްޖެނަމަ، ﷲ ގެ ރުއްސެވުން ޙާޞިލުކުރުމަށްޓަކައި ހަދާނީ ކިހިނެތް ހެއްޔެވެ؟

 

= ނުނިމޭ =

_____________________________

[1] މިއީ القواعد الأربع އިން ނަގާފައިވާ ބައެކެވެ.

 

 

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥

مادة التوحيد ٦

ހަތަރު ޤަވާޢިދު – އޯޑިއޯ ޕޮރޮގްރާމް

ހަތަރު ޤަވާޢިދު ފޮތް