[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު ނެތި ފަތުވާ ދިނުމަކީ ޙަރާމްކަމެއް

މިއީ 14 ޖުމާދަލްއާޚިރާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.

 

ޚުޠުބާ ދެއްވީ: الشيخ صلاح البدير – حفظه الله     –

 

ޚުޠުބާގެ ޚުލާޞާ:

 

ފުރަތަމަ ޚުޠުބާ

 

الحمدُ لله الذي نوَّر بالشريعةِ بصائِرَ المُؤمنين، وبيَّن الحلالَ مِن الحرامِ للمُكلَّفين، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له ولا ظهيرَ ولا مُعين، وأشهدُ أن نبيَّنا وسيِّدنا محمدًا عبدُه ورسولُه أوضَحَ الأحكامَ وأقامَ الأعلامَ للسالِكين، صلَّى الله وسلَّم عليه وعلى آلِه وأصحابِه خُلفاء الدين وحُلفاء اليقين.

 

* ތިބާގެ ދޫ ހިފަހައްޓާށެވެ. އެއީ ރަނގަޅު ވަޢުޡެއް ދިނުމަށް ނުވަތަ އަސަރުކުރުވަނިވި ޙިކުމަތެއް ބަޔާންކުރުމަށް ނުވަތަ ފުރިހަމަ ނަސޭޙަތެއް ދިނުމަށް ނުވަތަ ހެޔޮ ކަލިމައެއް ބުނުމަށްޓަކައި މެނުވީއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا [70] يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا [71]﴾ [الأحزاب: 70، 71]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! [70] (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެއިލާހު އިޞްލާޙުކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނަޞީބު ލިބުމަކުން އެމީހާއަށް ނަޞީބު ލިބިއްޖެއެވެ. [71]”

* ޝަރީޢަތުގައިވަނީ ލުއިފަސޭހަކަމާއި ޢަދުލުވެރިކަމެވެ. އަދި އެގޮތުން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ފަސޭހަކަމާއި، ތަނަވަސްކަމާއި، މާފުކުރުމާއި މުކައްލަފުންގެ ކިބައިން ދަތިކަން އުފުލުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ﴾ [الحج: 78]

މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެއިލާހު ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ وَخُلِقَ الْإِنْسَانُ ضَعِيفًا﴾ [النساء: 28]

މާނައީ: “ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި އިންސާނާ ހައްދަވާފައިވަނީ، ނިކަމެތިވެގެންވާ މީހެއްގެ ގޮތުގައެވެ.”

އެބަހީ: ޝަރީޢަތުގައިވާ އަމުރުތަކާއި ނަހީތައްވަނީ ތިޔަބައިމީހުންނަށް ލުއިކޮށްދެއްވާފައެވެ.

﴿وَخُلِقَ الْإِنْسَانُ ضَعِيفًا﴾

މާނައީ: “އަދި އިންސާނާ ހައްދަވާފައިވަނީ، ނިކަމެތިވެގެންވާ މީހެއްގެ ގޮތުގައެވެ.”

އެއީ އޭނާގެ ނަފްސާއި އަޒުމާއި ހިންމަތުގައިވާ ނިކަމެތިކަމާ އެކަށީގެންވާ ގޮތެއްގައި ލުއިކޮށްދެއްވާފައެވެ.

* އަދިވެސް ޞަޙީޙައިނިގައި (އެބަހީ: ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި) ވެއެވެ. މުޢާޛުގެފާނާއި އަބޫ މޫސާގެފާނު – رضي الله عنهما – ޔަމަނަށް ފޮނުއްވަމުން، ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«يَسِّرَا وَلَا تُعَسِّرَا، وَبَشِّرَا وَلَا تُنَفِّرَا، وَتَطَاوَعَا وَلَا تَخْتَلِفَا» [متفق عليه]

މާނައީ: “ތިޔަ ދެބޭކަލުން ލުއި ފަސޭހަކުރައްވާށެވެ. އަދި އުނދަގޫ ނުކުރައްވާށެވެ. އަދި އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ. އަދި މީސްތަކުން ދުރުހެލިނުކުރުވާށެވެ. އަދި އެއްބޭކަލަކު އަނެއްބޭކަލަކާ އެއްބަސްވާށެވެ. އަދި ޚިލާފުނުވާށެވެ.”

* މިތަނުގައި ފަސޭހަކުރުމުގެ މުރާދަކީ ފިޤުހީ މަޛުހަބުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެބޭކަލުންނަށް އަރާފައިވާ އޮޅުންތައް އިޚްތިޔާރުކުރުމެއް ނޫނެވެ. ނަމަވެސް އޭގެ މުރާދަކީ ޢުޛުރުވެރިންނަށް ފަސޭހަގޮތްތަކަށް ޝަރުޢީ ދަލީލުތައް އައިސްފައިވާ ކަންކަމުގައި ހިފުމެވެ. އެއީ ބަލިމީހުންނާއި ދަތުރުވެރިންނާއި، ކުޑަކުދިންނާ އަދި އެނޫންވެސް އެފަދަ މީހުންނަށް ފަރުޟުތަކާއި ވާޖިބުތަކުގައި އައިސްފައިވާ ލުއިފަސޭހަ ގޮތްތަކުގައި ހިފުމެވެ.

* އަބޫ ޙަމްޒާ ވިދާޅުވިއެވެ.

“ދަތުރު މަތީގައި ރޯދަ ހިދުމާ ބެހޭގޮތުން އިބްނު ޢައްބާސްގެ އަރިހުގައި ސުވާލު ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. (އެކަމުގައިވަނީ) ފަސޭހަގޮތާއި އުނދަގޫ ގޮތެވެ. ފަހެ، ﷲ ފަސޭހަކުރައްވާފައިވާ ގޮތުގައި ހިފާށެވެ.”

* ﴿يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ﴾ [البقرة: 185]

މާނައީ: “ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.”

ﷲ ތަޢާލާގެ މިބަސްފުޅާމެދު ޤަތާދާ ވިދާޅުވެފައިވެއެވެ.

“ފަހެ، ﷲ ތިޔަބައިމީހުންގެ ނަފްސުތަކަށް އިރާދަކުރެއްވިގޮތް، ތިޔަބައިމީހުންވެސް ތިޔަބައިމީހުންގެ ނަފްސުތަކަށް އެދޭށެވެ.”

* ޔަޢުލާ ބުން އުމައްޔާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

ތިމަންކަލޭގެފާނު، ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އަށް ދެންނެވީމެވެ.

﴿فَلَيْسَ عَلَيْكُمْ جُنَاحٌ أَنْ تَقْصُرُوا مِنَ الصَّلَاةِ إِنْ خِفْتُمْ أَنْ يَفْتِنَكُمُ الَّذِينَ كَفَرُوا﴾ [النساء: 101]

މާނައީ: “ކާފިރުވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު ޤަޞްރު ކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ.”

ފަހެ، މީސްތަކުންނަށް އަމާންކަން ލިބިއްޖެއެވެ.

ފަހެ އެކަލޭގެފާނު (އެބަހީ: ޢުމަރުގެފާނު) ވިދާޅުވިއެވެ. ކަލޭގެފާނު އެކަމަކާ އަޖައިބުވި ކަމާމެދު ތިމަންކަލޭގެފާނުވެސް އަޖައިބުވިއެވެ. ފަހެ، އެކަމާބެހޭގޮތުން ތިމަންކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم އަށް

ސުވާލު ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«صَدَقَةٌ تَصَدَّقَ اللهُ بِهَا عَلَيْكُمْ، فَاقْبَلُوا صَدَقَتَهُ» [أخرجه مسلم]

މާނައީ: “ތިޔަބައިމީހުންނަށްޓަކައި ﷲ ކުރައްވާފައިވާ ޞަދަޤާތެކެވެ. ފަހެ، އެއިލާހުގެ ޞަދަޤާތް ބަލައިގަންނާށެވެ.”

* ޝަރީޢަތުގައި އައިސްފައިވާ މިފަދަ ބަސްފުޅުތަކަކީ، ﷲ ގެ މައްޗަށް ދޮގު ހެދުމަށްޓަކައި ބޭނުންކުރާ އެއްޗަކަށް ނުހަދާށެވެ. އަދި ދީނުގައި އައިސްފައިވާ މެދުމިނާއި އަމާންކަމަކީ ޝަރީޢަތުގެ މައްޗަށް ޢިލްމެއް ނެތި ބަސްބުނުމަށާއި ހަވާނަފްސާ އެއްގޮތަށް ފަތުވާ ދިނުމަށް ބޭނުންކުރާ ވަސީލަތަކަށް ހަދައިގެން ނުވާނެއެވެ.

* އައްޛަހަބީ رحمه الله ވިދާޅުވިއެވެ.

“މަޛްހަބުތަކުގައިވާ ލުއިފަސޭހަ ކަމަށް އަދި މުޖުތަހިދުންގެ ކުށްތަކަށް ތަބާވެއްޖެމީހާ ދަންނައެވެ. ފަހެ އޭނާގެ ދީންވެރިކަން ބަލިކަށިވެއްޖެއެވެ.”

* އިބްނު ޙަޒަމު رحمه الله ވިދާޅުވިއެވެ.

“ތަޤުވާވެރިކަން ނެތި، ދީނީގޮތުން ބަލިކަށިވެފައިވާ ބަޔަކު ވެއެވެ. އެއީ (ޢިލްމުވެރިންގެ) ބަސްފުޅުތަކުގެ ތެރެއިން އެބައިމީހުންގެ ހަވާނަފްސުތައް އެދޭފަދަ ބަސްތައް ނެގުމުގެ ސަބަބުންނެވެ. ފަހެ، އެބައިމީހުން ނަގަނީ ކޮންމެ ޢިލްމުވެރިއެއްގެ ބަސްފުޅުން އެންމެ ފަސޭހަ ބަސްފުޅެވެ. ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކަށް ބެލުމެއް ނެތިއެވެ.”

* އިމާމް އަޙްމަދު رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން ކޮންމެ ކަމެއްގައި ލުއިދޭމީހުންނަށް ތަބާވާމީހާ ދަންނައެވެ. އޭނާވާހުށީ ފާސިޤަކަށެވެ.”

* އަލްޙަސަނުލް ބަޞަރީ رحمه الله ވިދާޅުވިއެވެ.

“-އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ ފަރާތް ގަންދީ ބުނަމެވެ.- ސުންނަތްވަނީ ހައްދުފަހަނައެޅުމާ ފަރުވާކުޑަކުރުމާ ދެމެދުއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކެތްތެރިވާށެވެ. -ﷲ ތިޔަބައިމީހުންނަށް ރަހްމަތްލައްވާށިއެވެ.- ފަހެ، ހަމަކަށަވަރުން ސުންނަތުގެ އަހުލުވެރިންކަމުގައިވީ، މާޒީވެދިޔަ މީސްތަކުންގެ ތެރެއިން ވަރަށް މަދު ބައެކެވެ. އަދި އެއީ ބާކީ ތިބި މީސްތަކުންކުރެވެސް ވަރަށް މަދު ބައެކެވެ. އެބައިމީހުން ފަސާދަކުރާމީހުންގެ ފަސާދައިގައި ބައިވެރިނުވެއެވެ. އަދި ބިދުޢަވެރިންގެ ބިދުޢައިގައެވެސް ބައިވެރިނުވެއެވެ. އަދި އެބައިމީހުންގެ ވެރިރައްބާ ބައްދަލުވެއްޖައުމަށްދާންދެން ސުންނަތުގެ މަތީގައި ކެތްތެރިކަމާއެކު އެބައިމީހުން ތިބެއެވެ. ފަހެ، -إن شاء الله- އެގޮތުގައި ތިޔަބައިމީހުންވެސް ވާށެވެ.”

* މިކަމުގައި އޮތް އެންމެ ބޮޑު އެއް މުޞީބާތަކީ ފަތުވާ ދިނުމުގެ އެއްވެސް ޤާބިލުކަމެއް ނެތް ބަޔަކު ފަތުވާ ދިނުމަށް ނުކުތުމެވެ. އޭގެ ތެރެއިން ބައެއް މީހުންނީ ޢިލްމުވެރިން ދަންނަ މީހެއްވެސް ނޫނެވެ. ނުވަތަ ބީރައްޓެއްސެކެވެ. އެބައިމީހުންނަށް ކެހި ދީފައި އެވަނީ ޢިލްމެއް ނެތް މީހުން އެބައިމީހުންނާ ސުވާލުކުރަން ފެށުމުންނެވެ. އަދި އެބައިމީހުންނަށް ވުރެ ޖާހިލުބަޔަކު އެބައިމީހުންގެ ގާތަށް އަވަސްވެގަތުމުންނެވެ.

* އިމާމު މާލިކު رحمه الله ވިދާޅުވިއެވެ.

“މީހަކު ތިމަންކަލޭގެފާނަށް ޚަބަރު ދިނެވެ. ރަބީޢާ ބުން ޢަބްދުއްރަޙްމާނުގެ އަރިހަށް ވަތްއިރު ފަހެ، އެކަލޭގެފާނު ކީރިތި ކުރައްވަނިކޮށް ފެނުނެވެ. ފަހެ، އެކަލޭގެފާނަށް ދެންނެވީމެވެ. ކަލޭގެފާނު ކީރިތި ކުރައްވަނީ ކޮންމަކާތޯއެވެ. ކަލޭގެފާނަށް މުޞީބާތެއް ޖެހުނީ ހެއްޔެވެ؟ ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އެހެނަސް ޢިލްމެއް ނުވާ މީހުންނާ ސުވާލުވެވޭތީއެވެ. އަދި އިސްލާމްދީނުގައި މިވަނީ ބޮޑުވެގެންވާ ކަމެއް ފާޅުވެފައެވެ. ފަހެ، ރަބީޢާ ވިދާޅުވިއެވެ. ވައްކަންކުރާމީހުންނަށްވުރެ، މިތަނުގައި ފަތުވާދޭ ބައެއް މީހުން ޖަލަށްލުން މާޙައްޤުކަން ބޮޑެވެ.”

* ޝަރީޢަތުގެ ކަންކަމާއި ޙުކުމްތަކާމެދު ޢިލްމެއް ނެތި ޖާހިލުން ވާހަކަ ދައްކަން ފެށުމުން، ދީނީ ކަންކަމަށް ބަދަލު ގެންނަން ފަށައެވެ. އޭގެ ސަބަބުން ޝަރީޢަތުގެ މައްޗަށް ބަސްކިޔުމާ އަދި ބޮޑެތި ޖިނާޔަތްތައް ހިނގަމުންދެއެވެ. އެބައިމީހުންނީ ޘާބިތު ޢިލްމެއް ލިބިފައި ނުވާ، ހީގެ މައްޗަށް ނައްޞުތަކުގެ މާނަކުރާ، ދީނުގައި ހުރި އެއްގޮތް ކަންތައްތައް ވަކިކުރަން ނޭނގޭ، ފަތުވާ ދިނުމުގެ ތެރެއަށް ޢިލްމެއް ނެތި ނުވަތަ އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުނުވެ ވަންނަ މީހުންނެވެ.

* އިސްލާމީ ޢިލްމު ލިބިފައި ނުވާ މީހުންގެ ފަރާތުން ނުކުންނަ ދެކޮޅު ނުޖެހޭ ފަތުވާތަކާއި ބުރަދަނެއް ނުހުންނަ ބަސްތައް ފެތުރުމާމެދު ދަންނައެވެ. އޭގެ ސަބަބުން ދީނަށް ނޭދެވޭ އަސަރުކުރެއެވެ. އަދި މީސްތަކުންގެ މެދުގައި ފިތުނަތައް ފާޅުވެއެވެ. އަދި އެފިތުނައިގައި ބުއްދީގެ ގޮތުން ބަލިކަށި، ޢިލްމު މަދު އަދި ދީންވެރިކަން ކުޑަ މީހުން ޖެހެއެވެ. އެފަދަ މީހުން ޙައްޤު ދައްކަނީ ބާޠިލުގެ ގޮތުގައެވެ. އަދި ބާޠިލު ދައްކަނީ ޙައްޤުގެ ގޮތުގައެވެ.

* ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެއެވެ.

“އެންމެ ބޮޑު އަބާއްޖަވެރިއަކީ އޭނާގެ ދުނިޔެއަށްޓަކައި ޢާޚިރަތް ވިއްކާލި މީހާއެވެ. އަދި އެއަށް ވުރެ އަބާއްޖަވެރިމީހަކީ އެހެންމީހެއްގެ ދުނިޔެއަށްޓަކައި އޭނާގެ އާޚިރަތް ވިއްކާލިމީހާއެވެ.”

* ފަހެ، މީސްތަކުންކުރެ ބަޔަކު ނިކަމެތިވެގެންދާނޭ ދުވަހުގެ މަތިން އެބައިމީހުން ހަނދާންނުކުރަނީ ހެއްޔެވެ. އެދުވަހުން އޭނާގެ ގުނަވަންތަކާއި ހުޅުތައް ހެކިވާނެއެވެ. އަދި އެހިނދު މޭތަކުގައިވީ އެއްޗެއް ފާޅުކުރައްވާނެއެވެ. އަދި ޤަބުރުތަކުގައިވާ ކަށްތައް ނެރެވޭނެއެވެ. ހަމަކަށަވަރުން އޮލުވާލިމީހުން އެއޮލުވާލީ އެބައިމީހުންގެ ނަފްސުތަކަށްކަން އެތަނުގައި އެބައިމީހުންނަށް އެނގޭނެއެވެ. އަދި އެބައިމީހުން ކުޅެއުޅުނީ އެބައިމީހުންގެ ދީނާއެވެ. އެބައިމީހުން މަކަރުހެދީ އެބައިމީހުންގެ ނަފްސުތަކަށެވެ. އަދި އެބައިމީހުންނަށް އެކަން އެނގޭނެއެވެ.

﴿لِيَحْمِلُوا أَوْزَارَهُمْ كَامِلَةً يَوْمَ الْقِيَامَةِ وَمِنْ أَوْزَارِ الَّذِينَ يُضِلُّونَهُمْ بِغَيْرِ عِلْمٍ أَلَا سَاءَ مَا يَزِرُونَ﴾ [النحل: 25]

މާނައީ: “(އެއީ) ޤިޔާމަތް ދުވަހުން އެބައިމީހުންގެ ކުށްތައް ފުރިހަމައަށް އެބައިމީހުން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެބައިމީހުން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެބައިމީހުން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެބައިމީހުން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ!”

* ސުޙްނޫން ބުން ސަޢީދު ވިދާޅުވިއެވެ.

“ފަތުވާ ދިނުމުގައި އެންމެ ކެރެނީ އެންމެ ޢިލްމު މަދު މީހުންނެވެ. ޢިލްމުގެ އެންމެ ދޮރެއް އޭނާގެ ކިބައިގައި ވަނިކޮށް، ހަމަކަށަވަރުން ޙައްޤުގެ ހުރިހާކަމެއް އޭގައި ވާކަމަށް އޭނާ ހީކުރެއެވެ.”

* އިބްނު ވަހްބު ވިދާޅުވިއެވެ. މާލިކު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ.

“ފަތުވާ ދިނުމުގައި އަވަސްއަރުވާލުމަކީ ޖާހިލުކަމުގެ ވައްތަރެކެވެ. އަދި އެއީ ފަޟީޙަތެކެވެ.”

* އިމާމު މާލިކު رحمه الله ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނަކީ އެކަމުގެ އަހުލުވެރިއެއްކަމަށް ހަތްދިހަ ބޭކަލުން ހެކިވެވަޑައިނުގަންނަވަނީސް ތިމަންކަލޭގެފާނު ފަތުވާ ނުދެއްވަމެވެ.” އެބަހީ: ހަތްދިހަ ޢިލްމުވެރިންނެވެ.

* އިމާމު އަޙްމަދު ބުން ޙަންބަލު رحمه الله ވިދާޅުވިއެވެ.

“އަޅާ ﷲ އަށް ތަޤުވާވެރިވާހުށިކަމެވެ. އަދި އޭނާ ބުނާ ބަހާއި ދައްކާ ވާހަކައަށް ބަލާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އޭނާ އެއަށް މަސްއޫލުވާންޖެހޭނެއެވެ.”

* ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެއެވެ.

“ތިޔަބައިމީހުންކުރެ މީހަކު (ޢިލްމެއް ނެތި) މިފަދައިން ބުނުމުގައި ތަޤުވާވެރިވާހުށިކަމެވެ. “ﷲ އެވެނިކަމެއް ހުއްދަކުރެއްވިއެވެ. އަދި އެވެނިކަމެއް ޙަރާމް ކުރެއްވިއެވެ.” ފަހެ، ﷲ އޭނާއަށް ވަޙީކުރައްވާނެއެވެ. “ތިބާ ދޮގު ހަދައިފިއެވެ. ތިމަންއިލާހު އެވެނިކަމެއް ހުއްދަ ނުކުރައްވަމެވެ. އަދި އެވެނިކަމެއް ޙަރާމް ނުކުރައްވަމެވެ!”

* ހަމައެކަނި ބުއްދިން ވިސްނޭ ގޮތަށް ބަރޯސާވެ އަދި ހިތް އެދޭހާ ގޮތަކަށް، ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް ޙަލާލުކުރާ މީހާއަށް ނުވަތަ ޙަލާލުކުރައްވާފައިވާ ކަންތައްތައް ޙަރާމްކުރާމީހާއަށް، އެއިލާހުވަނީ ވަޢީދުގެ ބަސްފުޅު ވަޙީކުރައްވާފައެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلَالٌ وَهَذَا حَرَامٌ لِتَفْتَرُوا عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ [116] مَتَاعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ [117]﴾ [النحل: 116، 117]

މާނައީ: “ﷲ އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ ޙަލާލުކަމެކޭ، އަދި މިއީ ޙަރާމްކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، ﷲ އާމެދު، ދޮގުހަދާމީހުން ނުދިނޭހުށްޓެވެ. [116] (އެއީ) ކުޑަކުޑަ ވަގުތީ އަރާމެކެވެ. އަދި އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ. [117]”

 

أقولُ ما تسمَعُون، وأستغفِرُ اللهَ فاستغفِرُوه، إنه كان للأوابِين غفورًا.

 

 

ދެވަނަ ޚުޠުބާ

 

الحمدُ لله الذي علَّم وفهَّم، وأشهدُ أن لا إله إلا اللهَ وحدَه لا شريك له، وأشهدُ أن نبيَّنا وسيِّدنَا محمدًا عبدُه ورسولُه، صلَّى الله عليه وعلى آله وأصحابِه ومَن سارَ على سَنَن الحقِّ إلى يوم الدين.

 

* ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އުންމީދާއެކު އެއިލާހުގެ ޙަޟްރަތުން އެދޭށެވެ. އަދި އެއިލާހަށް ކިޔަމަންތެރިވާށެވެ. އަދި އެއިލާހަށް ނުއުރެދޭށެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ [التوبة: 119]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!”

* ފަހެ، ހައްދުފަހަނައަޅާދިއުމާއި ހަރުކަށިކަމުން ރައްކާތެރިވާށެވެ. އަދި ހަވާނަފްސަށް ތަބާވުމުން ރައްކާތެރިވާށެވެ.

* ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

خَطَّ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَطًّا ثُمَّ قَالَ: «هَذَا سَبِيلُ اللَّهِ» ثُمَّ خَطَّ خُطُوطًا عَنْ يَمِينِهِ وَعَنْ شِمَالِهِ وَقَالَ «هَذِهِ سُبُلٌ عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو إِلَيْهِ» ثمَّ قَرَأَ ﴿وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ﴾ [الأنعام: 153] [أخرجه أحمد وحسنه الألباني]

މާނައީ: ރަސޫލުﷲ صلى الله عليه وسلم ތިމަންބޭކަލުންނަށް ރޮނގެއް ކުރައްސަވައިދެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. “މިއީ ﷲގެ މަގެވެ.” ދެން އެރޮނގުގެ ކަނާތްފަރާތާއި ވައަތްފާރަތުގައި ރޮނގުތަކެއް ކުރެއްސެވުމަށްފަހު ޙަދީޘްކުރެއްވިއެވެ. “މިއީ ތަފާތު މަގުތަކެކެވެ. މިމަގުތަކުގެ ތެރެއިން އެއްވެސް މަގެއްގައި، އެމަގުތަކަށް ދަޢުވަތުދިނުމަށްޓަކައި ޝައިޠާނުންނުވާ، މަގެއް ނުވެއެވެ.” އެއަށްފަހު ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު ކިޔަވާވިދާޅުވިއެވެ.”

﴿وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ﴾ [الأنعام: 153]

މާނައީ: “އަދި މިއީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން ތަބާވާށެވެ! އެނޫން މަގުމަގަށް ތިޔަބައިމީހުން ތަބާނުވާށެވެ! އޭރުން އެއިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ.”

 

وصلُّوا وسلِّموا على أحمدَ الهادِي شفيعِ الورَى طُرًّا؛ فمَن صلَّى عليه صلاةً واحدةً صلَّى الله عليه بها عشرًا.

اللهم صلِّ وسلِّم على عبدِك ورسولِك محمدٍ، وارضَ اللهم عن جميعِ الآلِ والأصحابِ، وعنَّا معهم يا كريمُ يا وهَّاب.

اللهم أعِزَّ الإسلام والمُسلمين، اللهم أعِزَّ الإسلام والمُسلمين، اللهم أعِزَّ الإسلام والمُسلمين، وأذِلَّ الشركَ والمُشرِكين، ودمِّر الطُّغاةَ والقتَلَة المُفسِدين المُعتَدين يا رب العالمين، واكتُب الفرَجَ العاجِلَ لإخوانِنا المُستضعَفين في الشام، واكتُب الفرَجَ العاجِلَ لإخوانِنا المُستضعَفين في الشام يا رب العالمين.

اللهم وفِّق وليَّ أمرنا وإمامَنا خادِمَ الحرمَين الشريفَين لما فِيه عِزُّ الإسلام وصلاحُ المُسلمين، اللهم وفِّقه وولِيَّ عهدِه يا رب العالمين لما فِيه صلاحُ العباد والبلاد يا رب العالمين.

اللهم اشفِ مرضانا، وعافِ مُبتلانا، وارحَم موتانا، وفُكَّ أسرانا، وانصُرنا على من عادانا.

اللهم اجعَل جميعَ أوطان المُسلمين آمنةً مُطمئنَّةً مُستقِرَّةً يا رب العالمين، اللهم ارفَع عنها الحُروبَ والصِّراعات، وادفَع عنها الفتنَ والنِّزاعات يا رب العالمين.

اللهم اجعَل دعاءَنا مسمُوعًا، ونداءَنا مرفوعًا يا كريمُ يا عظيمُ يا رحيمُ.

***************

ޚުޠުބާގެ އަޞްލު