[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތްތަކަށް އީމާންވުން

ފޮތްތަކަށް އީމާންވުމުގައި ވާޖިބުވެގެންވަނީ ހަމަކަށަވަރުން އެއިލާހުގެ ނަބިއްޔުންނާއި ރަސޫލުންގެ ދަޢުވަތުގެ ޙައްޤުކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ﷲ ފޮތްތައް ބާވައިލެއްވިކަމަށް އީމާންވުމެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ﴾  [سورة الحديد ٢٥]

މާނައީ: “ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންއިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލު އިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّـهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ﴾ [سورة البقرة ٢١٣]

މާނައީ: “މީސްތަކުން އެއް އުންމަތެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ، ﷲ އުފާވެރިކަމުގެ ޚަބަރުދޭ ބައެއްގެ ގޮތުގައްޔާއި އަދި އިންޛާރުކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެބައިމީހުންގެ މެދުގައި ޚިލާފުވި ކަންތައްތަކުގައި ޙުކުމް ކުރުމަށް، އެބޭކަލުންނާ އެކުގައި ޙައްޤު ގޮތުގައި ފޮތް ބާވައިލެއްވިއެވެ.”

އަދި ﷲ ނަން ބަޔާންކުރައްވާފައިވާ ފޮތްތަކަށް އެތަފްޞީލާއެކު އީމާންވާން ޖެހެއެވެ. އޭގެ ތެރޭގައި: ތައުރާތާއި، އިންޖީލާއި، ޒަބޫރު އަދި ޤުރުއާން ހިމެނެއެވެ. ޤުރުއާނަކީ އޭގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ފަހުން ބާވައިލެއްވި ފޮތެވެ. އެއީ އެފޮތްތަކުގެ މައްޗަށް ހެކިވަނިވި އަދި އެފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ފޮތެވެ. އަދި އެއީ އުންމަތުގެ އެންމެހާ މީސްތަކުން ތަބާވެ، އެއަށް ޙުކުމް ކުރަންޖެހޭ ފޮތެވެ. އަދި އެފޮތާއެކު ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަވެފައިވާ ސުންނަތަށްވެސް ޙުކުމްކުރަންޖެހެއެވެ. ﷲ سبحانه وتعالى، އެއިލާހުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ފޮނުއްވެވީ އެންމެހާ އިންސީންނާއި ޖިންނީންގެ ގާތަށެވެ. އަދި އެކަލޭގެފަނުގެ މައްޗަށް މިޤުރުއާން ބާވައިލެއްވިއެވެ. އެއީ އެއާ އެއްގޮތަށް އެބައިމީހުންގެ މެދުގައި ޙުކުމް ކުރުމަށްޓަކައެވެ. އަދި އެއީ އެބައިމީހުންގެ މޭތަކަށްވާ ޝިފާއެއްކަމުގައި ލެއްވިއެވެ. އަދި ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުއުމިނުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ﴾ [سورة الأنعام ١٥٥]

މާނައީ: “މި ޤުރުއާނަކީ، ތިމަންއިލާހު ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބާވާށެވެ! އަދި ތިޔަބައިމީހުން  ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ﴾ [سورة النحل ٨٩]

މާނައީ: “އަދި ތިމަންއިލާހު، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެ ކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ لَا إِلَـٰهَ إِلَّا هُوَ يُحْيِي وَيُمِيتُ  فَآمِنُوا بِاللَّـهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّـهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ﴾ [سورة الاعراف ١٥٨]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ. އެއިލާހީ، އުޑުތަކާއި ބިމުގެ ވެރިކަން އެއިލާހަށް މިލްކުވެގެންވާ އިލާހެވެ. އެއިލާހު މެނުވީ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެއިލާހެވެ. ފަހެ، ﷲ އަށާއި އުންމިއްޔަ ނަބިއްޔާ ކަމުގައިވާ އެއިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ ﷲ އަށާއި އެއިލާހުގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބާވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”

މިމާނައިގައި އައިސްފައިވާ އާޔަތްތައް ވަރަށް ގިނައެވެ.

____________________________________

މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-

މިލިޔުމާ ގުޅުންހުރި ލިޔުންތައް