ﷲ ތަޢާލާއަށް އީމާންވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި: ހަމަކަށަވަރުން އެއިލާހީ އަޅުކަންކުރުން ޙައްޤުވެގެންވާ (ހަމައެކަނި) އިލާހުކަމަށް އީމާންވުން ހިމެނެއެވެ. އެހެނީ އެއިލާހީ އަޅުތަކުން ޚަލްޤުކުރައްވައި، އެބައިމީހުންނަށް އިޙްސާންތެރިވެވޮޑިގެންވާ، އެބައިމީހުންނަށް ރިޒުޤުދެއްވާ، އެބައިމީހުން ސިއްރާއި ފާޅުގައި ކުރާކަންތައްތައް ދެނެވޮޑިގެންވާ އަދި އެބައިމީހުންކުރެ ކިޔަމަންތެރި އަޅުންނަށް ޘަވާބުދެއްވައި އުރެދޭ އަޅުންނަށް ޢުޤޫބާތް ދެއްވުމަށް ކުޅަދުންވަންތަ އިލާހެވެ. އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމަށްފަހު އެބައިމީހުންނަށް އަމުރުކުރައްވާފައިވަނީ އެފަދައިން އެއިލާހަށް އަޅުކަންކުރުމަށެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ [٥٦] مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ [٥٧] إِنَّ اللَّـهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ [٥٨]﴾ [سورة الذاريات]
މާނައީ: “ތިމަންއިލާހަށް (އިޚުލާޞްތެރިކަމާއެކު) އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. [56] އެބައިމީހުންގެ ކިބައިން، ތިމަންއިލާހު ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. [57] ހަމަކަށަވަރުން ﷲ އީ ރިޒްޤުދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ އިލާހެވެ. [58]”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [٢١] الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ [٢٢]﴾ [سورة البقرة]
މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެއިލާހީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި އިލާހެވެ. (އެއިލާހަށް އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ. [21] އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް ރިޒްޤެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި އިލާހެވެ. ފަހެ، (އެއިލާހުގެ ޚާލިޤުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، ﷲ އަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ! [22]”
އަދި ރަސޫލުން ފޮނުއްވާ ފޮތްތައް ބާވައިލެއްވީ ޙައްޤު ގޮތް ބަޔާންކޮށްދެއްވާ އެކަމަށް ދަޢުވަތު ދެއްވުމަށެވެ. އަދި މިކަމާ ފުށުއަރާ ކަންކަމަށް އިންޒާރު ދެއްވުމަށްޓަކައެވެ.
އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾ [سورة النحل ٣٦]
މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ﴾ [سورة الأنبياء ٢٥]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ [١] أَلَّا تَعْبُدُوا إِلَّا اللَّـهَ ۚ إِنَّنِي لَكُم مِّنْهُ نَذِيرٌ وَبَشِيرٌ [٢]﴾ [سورة هود]
މާނައީ: “(މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ނިޡާމަކުން تنظيم ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ އިލާހުގެ ޙަޟްރަތުންނެވެ. [1] (އެއީ) ތިޔަބައިމީހުން ﷲ އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ، އެއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ ޚަބަރުދެއްވާ އަދި އުފާވެރިކަމުގެ ޚަބަރުދެއްވާ ރަސޫލަކީމެވެ. [2]”
މިއަޅުކަމުގެ ޙަޤީޤަތަކީ، އެއިލާހަށް އަޅުކަންކުރުމުގެ ގޮތުންކުރާ ހުރިހާ ކަމެއްގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އަދި ދުޢާކުރުމާއި، ބިރުވެތިވުމާއި، އުންމީދުކުރުމާއި، ނަމާދުކުރުމާއި، ރޯދަހިފުމާއި، ކަތިލުމާއި ނަދުރުބުމާ އަދި އެނޫންވެސް މިފަދަ އަޅުކަންތަކުގައި އެއިލާހަށް ކިޔަމަންތެރިކަން އަދާކޮށް އެދުމާއެކު ބިރުވެތިވެ އަދި އެއިލާހު ދެކެ ފުރިހަމައަށް ލޯބިވެ، އެއިލާހުގެ މަތިވެރިކަމުގެ ކުރިމަތީ ނިކަމެތިވެ އެއިލާހަށް އަޅުކަންކުރުމެވެ. އަދި ޤުރުއާން ބާވައިލެއްވުނީ މިމަތިވެރި އަޞްލު ބަޔާންކޮށް ދެއްވުމަށެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿فَاعْبُدِ اللَّـهَ مُخْلِصًا لَّهُ الدِّينَ [٢] أَلَا لِلَّـهِ الدِّينُ الْخَالِصُ﴾ [سورة الزمر ٢ ، ٣]
މާނައީ: “ފަހެ، ﷲ އަށް ދީން ޚާލިޞްކުރާ ޙާލު ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ! [2] ދަންނާށެވެ! ޚާލިޞްވެގެންވާ ދީންވަނީ ﷲ އަށެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ﴾ [سورة الإسراء ٢٣]
މާނައީ: “ހަމައެކަނި އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿فَادْعُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ﴾ [سورة الغافر ١٤]
މާނައީ: “ފަހެ، އެއިލާހަށް އަޅުކަން ޚާލިޞްކުރާ ޙާލު، ތިޔަބައިމީހުން ﷲ އަށް ދުޢާކޮށް، އަޅުކަން ކުރާށެވެ! ކާފިރުން ނުރުހުނު ކަމުގައިވިޔަސްމެއެވެ.”
އަދި ޞަޙީޙައިނިގައި (އެބަހީ: ޞަޙީޙު އަލްބުޚާރީއާއި ޞަޙީޙު މުސްލިމުގައި) މުޢާޛު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«حَقُّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا» [متفق عليه]
މާނައީ: “އަޅުތަކުންގެ މައްޗަށްވާ ﷲގެ ހައްޤަކީ، ހަމައެކަނި އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހާ އެއްވެސް ފަރާތެއް ޝަރީކު ނުކުރުމެވެ.”
އަދި އަޅުތަކުންގެ މައްޗަށް ﷲ ވާޖިބުކުރެއްވި އެންމެހާ ކަމަކަށް އީމާންވުމާއި އެއިލާހު ފަރުޟުކުރެއްވި އީމާންކަމުގެ 5 ރުކުނަށް އީމާންވުމާ އަދި މިޠާހިރު ޝަރީޢަތުގައި އައިސްފައިވާ އެނޫންވެސް އެފަދަ ފަރުޟުތަކަށް އީމާންވުންވެސް ހިމެނެނީ ﷲ އަށް އީމާންވުމުގެ ތެރެއިންނެވެ. އީމާންކަމުގެ 5 ރުކުނަކީ: ހަމަކަށަވަރުން ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ކުޅަދާކަން ލިބިގެންވާމީހާ ﷲގެ ގެފުޅަށް ޙައްޖުވުމެވެ.
މިރުކުންތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ މަތިވެރި ރުކުނަކީ ހަމަކަށަވަރުން ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވުމެވެ. ފަހެ، ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމުގައި ހިމެނެނީ: އަޅުކަމުގައި އިޚްލާޞްތެރިކަމާއެކު ﷲ އެއްކައުވަންތަކުރުމާއި އެއިލާހު ފިޔަވާ (އަޅުކަންވެވޭ) އެހެންހުރިހާ ފަރާތްތަކެއް ނަފީކުރުމެވެ. لا إله إلا الله ގެ މާނައަކީވެސް އެއީއެވެ.
ފަހެ، ހަމަކަށަވަރުން لا إله إلا الله ގެ މާނައަކީ: ﷲ ފިޔަވާ އަޅުކަން ޙައްޤުވާ އިލާހަކު ނުވެއެވެ. ފަހެ، ﷲ ފިޔަވާ، އިންސާނުންނާއި، ރަސްރަސްކަލުންނާއި، ޖިންނީންނާ އަދި އެނޫންވެސް އަޅުކަންވެވޭ ފަރާތްތަކަކަށް އެވެވޭ އަޅުކަމަކީ ބާޠިލު އަޅުކަމެކެވެ. ޙައްޤުގޮތުގައި އަޅުކަންވެވޭ ހަމައެކަނި ފަރާތަކީ ﷲ އެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿ذَٰلِكَ بِأَنَّ اللَّـهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ﴾ [سورة الإسراء ٦٢]
މާނައީ: “އެހެނީ، ހަމަކަށަވަރުން ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެއިލާހު ފިޔަވައި އެބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ.”
ކުރިންވެސް ބަޔާންވެ ދިޔަފަދައިން ﷲ އެންމެހާ އިންސާނުންނާއި ޖިންނީން ޚަލްޤުކުރައްވާ އެބައިމީހުންނަށް އަމުރުކުރައްވާފައިވަނީ މިއަޞްލަށެވެ. އަދި އެއިލާހުގެ ރަސޫލުން ފޮނުއްވާ އެއިލާހުގެ ފޮތްތައް ބާވައިލެއްވީވެސް އެކަމަށްޓަކައެވެ. މިއަޞްލާމެދު ބޮޑުވެގެންވާ ޖާހިލުކަމަކުން ޖާހިލުވެފައިވުމުގެ ސަބަބުން މުސްލިމުންކުރެ ގިނަ ބަޔަކު، ﷲ އާއެކު އަޅުކަމުގައި އެހެން ފަރާތްތައް ބައިވެރިކުރާކުރުން، ތިބާއަށް ފެންނާނެއެވެ. ފަހެ، ރަނގަޅަށް އެކަމާމެދު ވިސްނާފިކުރު ކުރާށެވެ. فالله المستعان.
ﷲ ތަޢާލާއަށް އީމާންވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި: ހަމަކަށަވަރުން ﷲއީ މިޢާލަމު ޚަލްޤުކުރައްވާ މިޢާލަމުގެ ކަންތައްތައް ތަދުބީރުކުރައްވާ، އެއިލާހުގެ ޢިލްމުފުޅާއި ޤުދްރަތްތެރިކަމުން އެއިލާހު އެދިވޮޑިގަންނަވާ ގޮތަށް ކަންތައްތައް ބަލަހައްޓަވާ ފަރާތްތަކަމާ އަދި ހަމަކަށަވަރުން އެއިލާހީ ދުނިޔެއާއި އާޚިރަތުގެ ވެރި، އެންމެހާ ޢާލަމްތަކުގެ ވެރިރައްބުކަމާއި، އެއިލާހު ފިޔަވާ ޚާލިޤެއް އަދި ރައްބެއްވެސް ނުވާކަމަށް އީމާންވުން ހިމެނެއެވެ. އަދި އެއިލާހު ރަސޫލުން ފޮނުއްވާ ފޮތްތައް ބާވައިލެއްވީ އަޅުތަކުން އިޞްލާޙުވުމަށްޓަކައިކަމާ އަދި އެބައިމީހުންނަށް ކާމިޔާބު ލިބެންއޮތް މަގަށް ދަޢުވަތު ދެއްވުމަށް ކަމަށް އީމާންވުން ހިމެނެއެވެ. އަދި ހަމަކަށަވަރުން އެހުރިހާ ކަމެއްގައިމެ، އެއިލާހަށް ޝަރީކަކު ނުވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿اللَّـهُ خَالِقُ كُلِّ شَيْءٍ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ﴾ [سورة الزمر٦٢]
މާނައީ: “ﷲ އީ، ހުރިހާއެއްޗެއް ޚަލްޤުކުރައްވާ އިލާހެވެ. އަދި އެއިލާހީ ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ އިލާހެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ﴾ [سورة الأعراف ٥٤]
މާނައީ: “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރައްބަކީ ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ޚަލްޤުކުރެއްވި ﷲ އެވެ. އެއަށްފަހު، އެއިލާހު އަރުޝީގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ. އަދި އެއިލާހު ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް، އެއިލާހުގެ އަމުރުފުޅަށް ކިޔަމަން ކުރައްވާފައިވާ ގޮތުގައި ހެއްދެވިއެވެ. ދަންނާށެވެ! ޚަލްޤުކުރެއްވުމާއި އަމުރު ކުރެއްވުންވަނީ، އެއިލާހަށް ޚާއްޞަވެގެންނެވެ. ޢާލަމްތަކުގެ ވެރި ﷲ މަތިވެރިވެ ވޮޑިގެންފިއެވެ.”
އަދިވެސް ﷲ ތަޢާލާއަށް އީމާންވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި: އެއިލާހުގެ އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެއިލާހުގެ ކީރިތި ފޮތުގައި ވާރިދުވެފައިވާގޮތަށް އަދި އެއިލާހުގެ އަމާނާތްތެރި ރަސޫލާގެ އަރިހުން ޘާބިތުވެފައިވާ ގޮތަށް ތަޙްރީފުކުރުމަކާ ނުލާ (އެބަހީ: ބަދަލުކުރުމަކާ ނުލާ)، ތަޢުޠީލުކުރުމަކާ ނުލާ (އެބަހީ: ނަފީކުރުމަކާ ނުލާ)، ކައިފިއްޔަތު ބަޔާންކުރުމަކާ ނުލާ (އެބަހީ: އެއީ ކިހިނެތް ހިނގާކަމެއްތޯ ބެލުމަކާ ނުލާ) އަދި ތަމްޘީލުކުރުމަކާ ނުލާ (އެބަހީ: މަޚްލޫޤޫންނާ ވައްތަރުކުރުމާ ނުލާ) އީމާންވުންވެސް ހިމެނެނީ ﷲ އަށް އީމާންވުމުގެ ތެރެއިންނެވެ. އެއިލާހުގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުން ވާޖިބުވެގެންވަނީ ވާރިދުވެގެން އައިސްފައިވާ ގޮތަށް އޭގެ ކައިފިއްޔަތު ބަޔާންކުރުމެއް ނެތިއެވެ. އަދި އޭގައިވާ މަތިވެރި މާނައަށް ދަލީލުކުރާ ޞިފަތަކަކީ ﷲ عز وجل އަށް ލިބިވޮޑީގެންވާ ޞިފަފުޅުތައްކަމަށް އީމާންވާން ޖެހެއެވެ. އަދި އެއިލާހަށް ލާއިޤުވެގެންވާ ގޮތަށް، އެއިން އެއްވެސް ޞިފައެއް އެއިލާހު ޚަލްޤުތަކުންނާ ވައްތަރު ކުރުމެއް ނެތި އީމާންވުން ވާޖިބުވެގެންވެއެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ﴾ [سورة الشورى ١١]
މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿فَلَا تَضْرِبُوا لِلَّـهِ الْأَمْثَالَ ۚ إِنَّ اللَّـهَ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴾ [سورة النحل ٧٤]
މާނައީ: “ފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް ﷲ އާ އެއްފަދަ ނުކުރާށެވެ! ހަމަކަށަވަރުން، ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ.”
މިއީ އަހްލުއްސުންނާ ވަލްޖަމާޢާގެ ޢަޤީދާއެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ގެ އަޞްޙާބުންނާއި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބާވިމީހުންނެވެ. އަދި އެއީ އަލްއިމާމް އަބޫ އަލްޙަސަން އަލްއަޝްޢަރީ އެކަލޭގެފާނުގެ المقالات އޭ ކިޔުނު ފޮތުގައި ޙަދީޘާއި ސުންނަތުގެ އަހުލުވެރިންގެ އަރިހުން ނަޤުލު ކުރައްވާފައިވާ ގޮތްވެސްމެއެވެ. އަދި އެނޫނަސް ޢިލްމާއި އީމާންކަމުގެ އަހުލުވެރިންވެސް އެފަދައިން ނަޤުލުކުރައްވާފައިވެއެވެ.
އަލްއައުޒާޢީ رحمه الله ވިދާޅުވިއެވެ.
“އައްޒުހުރީ އާއި މަކްޙޫލުގެ އަހިރުގައި ޞިފަފުޅުތަކުގެ އާޔަތްތަކާ ބެހޭގޮތުން ސުވާލު ދެންނެވުނެވެ. ފަހެ، އެ ދެބޭކަލުން ވިދާޅުވިއެވެ. (ޞިފަފުޅުތައް) އައިސްފައިވާގޮތަށް ތަބާވާށެވެ.”
އަދި ވަލީދު ބުން މުސްލިމު رحمه الله ވިދާޅުވިއެވެ.
“މާލިކާއި، އަލްއައުޒާޢީއާއި، އައްލައިޘު ބުން ސަޢުދު އަދި ސުފްޔާން އައްޘައުރީ رحمهم الله ގެ އަރިހުގައި ޞިފަފުޅުތަކާ ބެހޭގޮތުން ވާރިދުވެފައިވާ ޚަބަރުތަކާމެދު ސުވާލު ދެންނެވުނެވެ. ފަހެ، އެހުރިހާ ބޭފުޅުންވެސް ވިދާޅުވިއެވެ. ކައިފިއްޔަތު ބަޔާންކުރުމެއް ނެތި އެ(ޞިފަފުޅުތައް) އައިސްފައިވާގޮތަށް ތަބާވާށެވެ.”
އަލްއައުޒާޢީ رحمه الله ވިދާޅުވިއެވެ.
“ތިމަންބޭކަލުންނާއި ތާބިޢީން މިފަދައިން ބުނުމަށް އިއްތިފާޤުވެފައިވަމެވެ. ހަމަކަށަވަރުން ﷲ سبحانه وتعالى ވަނީ އެއިލާހުގެ ޢަރުޝީގެ މަތީގައެވެ. އަދި ޞިފަފުޅުތަކާ ބެހޭގޮތުން ސުންނަތުގައި ވާރިދުވެފައިވާ އެއްޗަަކަށް އީމާންވަމެވެ.”
މާލިކު رحمه الله ގެ ޝައިޚު، ރަބީޢާ ބުން އަބޫ ޢަބްދުއްރަޙްމާން رحمه الله ގެ އަރިހުގައި الاستواء އާބެހޭގޮތުން ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.
” الاستواء އަކީ ނޭނގޭ އެއްޗެއް ނޫނެވެ. އަދި އޭގެ ކައިފިއްޔަތެއް ނޭނގެއެވެ. އަދި ރިސާލަތުވަނީ ﷲ ގެ ޙަޟްރަތުންނެވެ. އަދި ރަސޫލާއަށް އޮތީ ބަޔާންކޮށްދެއްވުމާ ފޯރުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެންނަށް އޮތީ ތެދުކުރުމެވެ.”
އަދި އެކަމާ ބެހޭގޮތުން އަލްއިމާމް މާލިކު رحمه الله އާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.
” الاستواء އަކީ ކޮބާކަން އެނގިގެންވެއެވެ. އަދި އޭގެ ކައިފިއްޔަތެއް ނޭނގެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާ ބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.”
ދެން އެއަށްފަހު ސުވާލުކުރިމީހާއަށް ވިދާޅުވިއެވެ.
“ތިބާއަކީ ނުބައިމީހެއްކަމުގައި ތިމަންކަލޭގެފާނު ދެކިވަޑައިގަންނަވަމެވެ.” އަދި އެފަދައިން ވިދާޅުވެ، އެކަލޭގެފާނުގެ މަޖުލިހުން އޭނާ ބޭރުކުރެއްވިއެވެ.
އަދި أم المؤمنين އުންމު ސަލަމާ رضي الله عنها ގެ އަރިހުން މިމާނައިގައި ރިވާވެގެން އައިސްފައިވެއެވެ. އަދި އަލްއިމާމް އަބޫ ޢަބްދުއްރަޙްމާން ޢަބްދުﷲ ބުން މުބާރަކު رحمة الله عليه ވިދާޅުވިއެވެ.
“އަހުރެމެންނަށް އެނގިފައިވާ ގޮތުން، އަހަރެމެންގެ ވެރިރައްބު سبحانه وتعالى ވަނީ އުޑުތަކުގެ މަތީގައިވާ ޢަރުޝީގެ މަތީގައި، އެއިލާހުގެ ޚަލްޤުތަކުންނާ އެކަހެރިވެ ވޮޑިގެންނެވެ.”
މިބާބުގައި އައިސްފައިވާ އިމާމުންގެ ބަސްފުޅުތައް ވަރަށްވެސް ގިނައެވެ. މިމުޙާޟަރާގައި އެހުރިހާ ބަސްފުޅުތައް ނުގެނެވޭނެއެވެ. އެފަދަ ގިނަ ބަސްފުޅުތައް ބަލަން ބޭނުންވާ ފަރާތްތަކުން މިބާބުގައި ސުންނަތުގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކަށް ރުޖޫޢަވާށެވެ. އެފަދަ ބައެއް ފޮތްތަކަކީ:
– السنة لعبد الله بن الإمام أحمد
– التوحيد للإمام الجليل محمد ابن خزيمة
– السنة لأبي القاسم اللالكائي الطبري
– السنة لأبي بكر بن أبي عاصم
– أهل حماة އަށް ޝައިޚް އަލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ދެއްވާފައިވާ ޖަވާބުވެސްމެއެވެ. މިއީ ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މަރިވެރި ޖަވާބެކެވެ. އޭގައި އަހްލުއްސުންނާ ގެ ޢަޤީދާ އެކަލޭގެފާނު ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އަހްލުއްސުންނާ ގެ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ޞައްޙަކަމާ އަދި އެބޭކަލުންނާ ދެކޮޅުހަދާ ފަރާތްތަކުގެ ބަސްތައް ބާޠިލުވެގެންވާކަން ބަޔާންކޮށްދެއްވާ ގެންނަވަފައިވާ ޝަރުޢީ އަދި ބުއްދީގެ ގިނަ ދަލީލުތާކާއެކުވާ ބަސްފުޅުތައް ނަޤުލުކުރައްވާފައިވެއެވެ.
– التدمرية لشيخ الإسلام ابن تيمية. މިފޮތުގައި އަހްލުއްސުންނާ ގެ ޢަޤީދާ ވަރަށް ތަފްޞީލުކޮށް ނައްޞުތަކުގެ އަލީގައާއި އަދި ބުއްދީގެ ދަލީލުތަކާއެކުވަނީ ބަޔާންކޮށްދެއްވާފައިވެއެވެ. އަދި ޚިލާފުވާމީހުންނަށް ޙައްޤު ބަޔާންކޮށްދީ ރައްދު ދެއްވާފައިވެއެވެ. އަދި ޢިލްމުގެ އަހުލުވެރިންކުރެ، ޙައްޤުގޮތް ހޯދުމަށް އެދި ހެޔޮ ނިޔަތުގައި އެއަށް ބަލައިފި ކޮންމެ މީހަކަށްވެސް އެނގޭނެފަދައިން ބާޠިލު ހާމަކޮށްދީފައިވެއެވެ. އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ބާބުގައި އަހްލުއްސުންނާ އާ ޚިލާފުވާ ކޮންމެ މީހަކު ނައްޞުތަކާއި ބުއްދީގެ ދަލީލުތަކާ ޚިލާފުވާނޭކަން ކަށަވަރެވެ. އަދި އެމީހަކު ޘާބިތުކުރާ ކަންކަމުގައްޔާއި ނަފީކުރާ ކަންކަމުގައި ދެކޮޅު ނުޖެހޭނެކަންކަށަވަރެވެ.
ފަހެ، ﷲ سبحانه وتعالى އެއިލާހުގެ ފޮތުގައި އެއިލާހުގެ ނަފްސުފުޅަށް ޘާބިތު ކުރައްވާފައިވާ އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم، އެކަލޭގެފާނުގެ ސުންނަތުގައި ޘާބިތުކުރައްވާފައިވާ ގޮތަށް އަހުލުއްސުންނާ ވަލްޖަމާޢާގެ އަހުލުވެރިން ޘާބިތުކުރެއެވެ. މަޚްލޫޤޫންނާ ވައްތަރުކުރުމާ ނުލާ ޘާބިތުކުރެއެވެ. އަދި ނަފީކުރުމަކާ ނުލާ އެއިލާހުގެ ހުސްޠާހިރުވަންތަކަމަށް އިޤުރާުރުވެއެވެ. އޭގެ ސަބަބުން ދެކޮޅު ނުޖެހޭ ވާހަކަތަކުން އަހްލުއްސުންނާ ސަލާމަތްވެއެވެ. އަދި ހުރިހާ ދަލީލަކަށް ޢަމަލުކުރެއެވެ. މިއީ މިކަމުގައި ކައުނީ ސުންނަތެވެ. ފަހެ ރަސޫލުބޭކަލުން ގެންނެވި ޙައްޤުގައި ޘާބިތުވެ، އެކަމުގައި ގަދައަޅާ މަސައްކަތްކުރާ، އަދި އެ ހޯދުމުގައި އިޚްލާޞްތެރިމީހުންނަށް ޙައްޤުމަގަށް ތައުފީޤު ދެއްވައެވެ. އަދި އެމީހެއްގެ ޙުއްޖަތް ގަދަކުރައްވައެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿بَلْ نَقْذِفُ بِالْحَقِّ عَلَى الْبَاطِلِ فَيَدْمَغُهُ فَإِذَا هُوَ زَاهِقٌ﴾ [سورة الأنبياء ١٨]
މާނައީ: “އަދި ކިއެއް ހެއްޔެވެ! ބާޠިލުގެ މައްޗަށް ތިމަންއިލާހު ޙައްޤު ފޮނުއްވަމެވެ. ދެން އެޙައްޤު، އެބާޠިލު ހަލާކުކޮށްލައެވެ. ފަހެ، އެހާރުން އެބާޠިލު ނެތި ހިނގައިދެއެވެ.”
އަދި އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَا يَأْتُونَكَ بِمَثَلٍ إِلَّا جِئْنَاكَ بِالْحَقِّ وَأَحْسَنَ تَفْسِيرًا﴾ [سورة الفرقان٣٣]
މާނައީ: “އަދި އެބައިމީހުންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންއިލާހު ކަލޭގެފާނަށް ޙައްޤު ބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ.”
އަދި އަލްޙާފިޡު އިބްނު ކަޘީރު رحمه الله އެކަލޭގެފާނު މަޝްހޫރު ތަފްސީރުގައި ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.
﴿إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ﴾ [سورة الأعراف ٥٤]
މާނައީ: “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ޚަލްޤުކުރެއްވި ﷲ އެވެ. އެއަށްފަހު، އެއިލާހު ޢަރުޝީގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ.”
މިބަސްފުޅުގެ ފައިދާ ބޮޑުކަމުން މިތަނުގައި މިހެޔޮ ބަސްފުޅު ނަޤުލުކުރާނަމެވެ. އިބްނު ކަޘީރު رحمه الله ލިޔުއްވާފައިވެއެވެ.
“މިކަމުގައި މީސްތަކުން ވަރަށް ގިނަ ގޮތަށް ބަސްބުނެފައިވެއެވެ. މިއީ އާދައިގެ މައުޟޫޢެއް ނޫނެވެ. މިމަޤާމުގައި ތަބާވާ މަޛްހަބަކީ ސަލަފުއްޞާލިޙުންގެ ތެރެއިން މާލިކާއި، އަލްއައުޒާޢީއާއި، އައްޘައުރީއާއި، އައްލައިޘު ބުން ސަޢުދާއި، އައްޝާފިޢީއާއި، އަޙްމަދާއި، އިސްޙާޤު ބުން ރާހުވައިހްއާ އަދި ކުރިއާ ފަހުގެ މުސްލިމުންގެ އިމާމުންގެ ތެރެއިން އެނޫން ބޭކަލުންގެ ވެސް މަޛްހަބެވެ. އެއީ ވާރިދުވެގެން އައިސްފައިވާ ގޮތުގައި ހިފެހެއްޓުމެވެ. އެއީ ތަކްޔީފުކުރުމެއް، ތަޝްބީހުކުރުމެއް، އަދި ތަޢުޠީލު ކުރުމެއް ނެތި ތަބާވުމެވެ. އަދި ﷲއާ އެހެން ފަރާތްތަކާ ވައްތަރުކުރާމީހުންނަށް، (އިސްމުފުޅުތަކާއި ޞިފަފުޅުތަކާ ގުޅުންހުރި ޙަދީޘްތައް އިވުމުން) އެވިސްނޭ ގޮތަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ހަމަކަށަވަރުން އެއިލާހުގެ ޚަލްޤަތަކުންކުރެ އެއްވެސް އެއްޗަކާ އެއިލާހު ވައްތަރު ވެގެން ނުވެއެވެ. އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ. އެހެންކަމުން އިމާމުވެރިބޭކަލުން ވިދާޅުވެފައިވާ ފަދައިން އައިސްފައިވާ ގޮތަށް ތަބާވާނީއެވެ. އަލްބުޚާރީގެ ޝައިޚު، ނަޢީމު ބުން ޙައްމާދު އަލްޚަޒާޢީ ވިދާޅުވެފައިވެއެވެ.
“ﷲ ގެ ޚަލްޤުތަކުންނާ އެއިލާހު ވައްތަރުކޮށްފިމީހަކު ކާފިރު ވެއްޖެއެވެ. އަދި ﷲ ތަޢާލާ، އެއިލާހުގެ އަމިއްލަ ނަފްސުފުޅު ޞިފަކުރައްވާފައިވާ ގޮތަށް އިންކާރުކޮށްފިމީހާވެސް ކާފިރުވެއްޖެއެވެ.”
ﷲ އެއިލާހުގެ ނަފްސުފުޅު ޞިފަކޮށް ދެއްވުމުގައި ވައްތަރު ކުރައްވާފައެއް ނުވެއެވެ. އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ވެސް އެފަދައިން ކަންތައް ކުރައްވާފައެއް ނުވެއެވެ.
ފަހެ ޞަރީޙަ އާޔަތްތަކުގައްޔާއި ޞައްޙަ ޙަދީޘްތަކުގައި އައިސްފައިވާފަދައިން ﷲ ތަޢާލާއާ އެކަށީގެންވާ ގޮތަށް ޘާބިތުކޮށްފިމީހަކު ދަންނައެވެ. އަދި ﷲ ގެ ކިބައިން ޢައިބުތައް ނަފީކޮށްފިމީހަކު ދަންނައެވެ. އޭނާ އެވަނީ ހިދާޔަތުގެ މަގު ޚިޔާރުކޮށްފައެވެ.” ابن كثير رحمه الله ބަސްފުޅު ނިމުނީއެވެ.
____________________________________
މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-