ފަސްވަނަ ބާބު
މުސްތަޙައްބު ރޯދައާއި މަކުރޫހަ އަދި ޙަރާމު ރޯދަ
ފުރަތަމަ ބައި: މުސްތަޙައްބު ރޯދަ (ތަޠައްވުޢީ ރޯދަ)
ފުރަތަމައީ: ތަޠައްވުޢުގެ ތަޢުރީފު
ބަހުގެ ގޮތުން ތަޠައްވުޢުގެ މާނައަކީ: ތަބައްރުޢުކުރުމެވެ. ނުވަތަ އެމީހެއްގެ މައްޗަށް ލާޒިމު ނުވާ ހެޔޮ ކަމެއް އެމީހަކު އަމިއްލައަށް ބޭނުންވެގެން، އަމިއްލަ އިޚްތިޔާރުގައި ކުރުމެވެ.
ތަޠައްވުޢުގެ އިޞްޠިލާޙީ މާނައަކީ: އަޅުކަންތަކުގެ ތެރެއިން ފަރުޟެއް ނޫން ކަމެއް އަދާ ކޮށްގެން ﷲއާ ކުއްތަން ވުމެވެ.
ދެވަނައީ: ތަޠައްވުޢު ރޯދައިގައި ނިޔަތްގަތުން
ތަޠައްވުޢު ރޯދައިގައި ނިޔަތް ޝަރުޠުވެގެން ވެއެވެ. މިކަމުގެ މައްޗަށް އިބްނު ރުޝްދާއި އިބްނު ޤުދާމާ އަދި އައްނަވަވީ އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ތިންވަނައީ: ނިޔަތްގަންނާނޭ ވަގުތު
ރޭގަނޑު ނިޔަތް ގަނެ، އެ ނިޔަތް ދެމެހެއްޓުމުގެ ތަފްޞީލު އިސްވެ ހިނގައްޖެއެވެ.
ހަތަރުވަނައީ: މުޠުލަޤު ގޮތެއްގައި ތަޠައްވުޢީ ރޯދަ ހިފުން
މުޠުލަޤުކޮށް (ވަކި ދުވަހެއް ތަރުތީބެއް ނުވަތަ ވަކި ދުވަހެއް ކަނޑައެޅުމަކާ ނުލައި) ރޯދަ ހިފުމަކީ މުސްތަޙައްބު ކަމެކެވެ. އެއީ އެ ގޮތަށް ރޯދަ ހިފާހިފުމުގައި ރޯދަ ހިފުން ޙަރާމުކަމުގައި ސާބިތުވެފައިވާފަދަ ދުވަހެއްގައި ރޯދަ ހިފުމަކާ ނުލައި ރޯދަ ހިފާނަމައެވެ.
ފަސްވަނައީ: ޝައްވާލު މަހުން ހަ ރޯދަ ހިފުން
ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފުން ސުންނަތްވެގެން ވެއެވެ. މިއީ އިމާމު ޝާފިޢީއާއި އިމާމު އަޙްމަދާއި ދާއޫދުގެ ބަސްފުޅެވެ. މި ރައުޔަށް ޙަނަފިއްޔަ ދަންނަބޭކަލުން ކުރެ ފަހުގެ ބޭކަލުން ބުރަ ވެއެވެ. އަދި މިއީ ދަންނަބޭކަލުން ކުރެ ވަރަށް ގިނަ ބޭކަލުންގެ ރައުޔެވެ.
ހަވަނައީ: ޛުލްޙިއްޖާ މަހުގެ ފުރަތަމަ އަށްޑުވަހުގެ ރޯދަ
ޛުލްޙިއްޖާ މަހުން ފުރަތަމަ އަށްޑުވަހު ރޯދަ ހިފުމަކީ މުސްތަޙައްބު ކަމެކެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ޡާހިރީންގެ ބަސްފުޅުވެސް މެއެވެ.
ހަތްވަނައީ: ޙައްޖުވެރިޔާ ނޫން މީހުން ޢަރަފާތް ދުވަހުގެ ރޯދަ ހިފުން
ޙައްޖުވެރިޔާ ނޫން ކޮންމެ މީހަކު ޢަރަފާތް ދުވަހު ރޯދަ ހިފުން މުސްތަޙައްބުވެގެން ވެއެވެ. އެއީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ޡާހިރީންގެ ބަސްފުޅުވެސް މެއެވެ.
އަށްވަނައީ: ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މުޙައްރަމު މަހުގެ ރޯދަ
ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މުޙައްރަމު މަހު ރޯދަ ހިފުން މުސްތަޙައްބު ވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
ނުވަވަނައީ: ޢާޝޫރާ ދުވަހުގެ ރޯދަ
ޢާޝޫރާ ދުވަހުގެ ރޯދަ ހިފުން މުސްތަޙައްބުވެގެން ވެއެވެ. އެއީ މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. މިކަމުގެ މައްޗަށް އިބްނު ރުޝްދާއި އައްނަވަވީއާއި އިބްނު ޙަޖަރު އަދި އަލްޢައިނިއްޔު، އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ދިހަވަނައީ: ޢާޝޫރާ ދުވަހުގެ އެއްދުވަސް ކުރިއަށް ރޯދަ ހިފުން (ތާސޫޢާ ދުވަހުގެ ރޯދަ)
ޢާޝޫރާ ދުވަހުގެ ރޯދައާއެކު އެ ދުވަހުގެ ކުރިއަށް އެއްދުވަހު ރޯދަ ހިފުން މުސްތަޙައްބު ވެގެން ވެއެވެ. އެއީ މުޙައްރަމު މަހުގެ ނުވަވަނަ ދުވަހެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
އެގާރައީ: ޝަޢުބާން މަހުގެ ބޮޑު ބައެއްގައި ރޯދަ ހިފުން
ޝަޢުބާނު މަހުގެ ގިނަ ދުވަސްތަކުގައި ރޯދަ ހިފުން ސުންނަތްވެގެން ވެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، މާލިކީ އަދި ޝާފިޢީ – ދަންނަބޭކަލުންގެ މަޛްހަބެވެ. އަދި ހަމަ އެހެންމެ މިއީ ޙަންބަލީން ކުރެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔުވެސް މެއެވެ.
ބާރައީ: ހޯމަ ބުރާސްފަތީގައި ރޯދަ ހިފުން
ކޮންމެ ހަފުތާއެއްގެވެސް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފުން މުސްތަޙައްބުވެގެން ވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ޡާހިރީންގެ ބަސްފުޅުވެސް މެއެވެ.
ތޭރައީ: ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުން
ކޮންމެ މަހެއްގެވެސް ތިން ދުވަހު ރޯދަ ހިފުމަކީ މުސްތަޙައްބު ކަމެކެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި މިއީ ޡާހިރީންގެ ބަސްފުޅުވެސް މެއެވެ. އަދި ހަމަ އެހެންމެ މިއީ ދަންނަބޭބޭކަލުން ކުރެ ގިނަ ބައެއްގެ ރައުޔުވެސް މެއެވެ.
ސާދައީ: ކޮންމެ މަހެއްގެ 13، 14 އަދި 15ވަނަ ދުވަހުގެ ރޯދަ
ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުން އަދި މާލިކީ ދަންނަބޭކަލުން ކުރެ ޖަމާޢަތެއްގެ ބޭކަލުން ދެކިވަޑައިގަންނަވަނީ ކޮންމެ ހަނދުމަހެއްގެވެސް ތޭރަވަނަ ދުވަހާއި ސާދަވަނަ ދުވަހާއި ފަނަރަވަނަ ދުވަހުގެ ރޯދަ ހިފުމީ މުސްތަޙައްބު ކަމެކެވެ.
ފަނަރައީ: ދެ ދުވަހުން އެއްދުވަހުގެ ރޯދަ
އެއް ދުވަހު ރޯދަ ހިފައި އަނެއް ދުވަހު ރޯދަ ދޫ ކޮށްލުމީ ޖުމުލަ[1] ގޮތެއްގައި މުސްތަޙައްބު ކަމެކެވެ. މިކަމުގެ މައްޗަށް އިބްނު ޙަޒްމު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
ސޯޅައީ: ތަޠައްވުޢު ގޮތުން އެއް ރޯދަ ހިފުން
ﷲގެ މަގުގައި އެންމެ ދުވަހެއްގައިވެސް ރޯދައެއް ހިފައިފި މީހާއަށް ﷲ އަޖުރު ދެއްވާނެއެވެ. [2] މިކަމުގެ މައްޗަށް އިބްނު ޙަޒްމު އިޖުމާޢު ނަޤުލު ކުރައްވާފައި ވެއެވެ.
[1] ޖުމްލަގޮތެއްގައި ކަމަށް މިތަނުގައި ބުނެފައި އެވަނީ ރޯދަ ހިފުން ޙަރާމްކުރައްވާފައިވާ ވަކި ދުވަސްތަކެއް – މިސާލަކަށް ދެ ޢީދު ދެ ދުވަސް ތަޝްރީޤުގެ ތިން ދުވަސްފަދަ ދުވަސްތަކެއް – ވާތީއެވެ. އަދި އެ ދުވަސްތަކެއްގައި ރޯދަ ހިފުމަކީ ޙަރާމުކަމެއްތޯ ނުވަތަ ނޫންތޯ، ދަންނަބޭކަލުންގެ މެދުގައި ޚިލާފުވެފައިވާ ދުވަސްތަކެއްވެސް ވާތީއެވެ.
[2] އެއީ ދެ ޢީދު ދެ ދުވަސް ނުވަތަ ތަޝްރީޤުގެ ތިން ދުވަސްފަދަ ރޯދަ ހިފުން ޙަރާމު ކުރައްވާފައި ނުވާ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ރޯދަ ހިފުމުންނެވެ.
މަޞްދަރު: ملخص فقه العبادات