[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞައްޙަ ޢަޤީދާ

الحمد لله وحده، والصلاة والسلام على من لا نبي بعده، وعلى آله وصحبه  أما بعد:

ފަހެ، ޞައްޙަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލު އަދި މިއްލަތުގެ އަސާސްކަމުގައި ވީހިނދު، ޞައްޙަ ޢަޤީދާއަކީ މިމުޙާޟަރާގެ މައުޟޫޢުކަމުގައި އިޚްތިޔާރުކުރީމެވެ. ޤުރުއާނާއި ސުންނަތުގައިވާ ޝަރުޢީ ދަލީލުތަކުން އެނގޭގޮތުގައި ޢަމަލުތަކާއި ބަސްތައް ޤަބޫލުވެވިގެންވަނީ ޞައްޙަ ޢަޤީދާގެ ދަށުން އެކަން ކުރުމުންނެވެ. ފަހެ، ހަމަކަށަވަރުން ޢަޤީދާ ޞައްޙަކަމުގައި ނުވާނަމަ އެފަދަމީހެއްގެ ޢަމަލުތަކާއި ބަސްތައް ބާޠިލުވެގެންވެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿وَمَن يَكْفُرْ بِالْإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ [سورة المائدة ٥]

މާނައީ: “އަދި އީމާންކަމަށް ކާފިރުވާމީހާ (އެބަހީ: އިސްލާމްދީނުގެ ޙުކުމްތަކަށް ދެކޮޅު ހަދާމީހާ ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ޢަމަލު ބާޠިލުވެގެންވެއެވެ. އަދި އޭނާވަނީ އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ﴾ [سورة الزمر ٦٥]

މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލުވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.” 

މިމާނައިގައި އައިސްފައިވާ އާޔަތްތައް ވަރަށް ގިނައެވެ. ﷲ ތަޢާލާގެ ބަޔާންވެގެންވާ ފޮތާއި، އެއިލާހުގެ އަމާނާތްތެރި ރަސޫލާ – عليه من ربه أفضل الصلاة والتسليم – ގެ ސުންނަތުގެ ދަލީލުތައް ޖަމާކުރުމުން އެނގިގެންދަނީ، ހަމަކަށަވަރުން ޞައްޙަ ޢަޤީދާގައިވަނީ: ﷲ އަށް އީމާންވުމާއި، އެއިލާހުގެ މަލާއިކަތުންނަށް އީމާންވުމާއި، އެއިލާހުގެ ފޮތްތަކަށް (އެބަހީ: އެއިލާހު ބާވައިލެއްވި ފޮތްތަކަށް) އީމާންވުމާއި، އެއިލާހުގެ ރަސޫލުންނަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާ އަދި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. ފަހެ، މި 6 ކަމަކީ ޞައްޙަ ޢަޤީދާގެ އުޞޫލެވެ. ޢަޒީޒުވަންތަ ﷲގެ ފޮތް ބާވައިލެއްވުނީ އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު عليه الصلاة والسلام ފޮނުއްވުނީ އެކަމައިގެންނެވެ. ޣައިބުގެ ތެރެއިން އީމާންވާންޖެހޭ ހުރިހާ ކަމަކާއި ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ޚަބަރު ދެއްވާފައިވާ ކަންކަމަށް އީމާންވުން އަންނަނީ މިއުޞޫލާ ގުޅިގެންނެވެ. އަދި ޤުރުއާނާއި ސުންނަތުގައި މި 6 އުޞޫލުގެ ދަލީލުތައް ވަރަށް ގިނައެވެ. ފަހެ، އޭގެ ތެރޭގައި ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު ހިމެނެއެވެ.

﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ﴾ [سورة البقرة ١٧٧]

މާނައީ: ” ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ﴾ [سورة البقرة ٢٨٥]

މާނައީ: ” ރަސޫލާއަށް، އެކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރުއާނަށް) ރަސޫލާއާއި މުއުމިނުން އީމާންވިއެވެ. އެ އެންމެންމެ ﷲ އާއި، އެއިލާހުގެ މަލާއިކަތުންނާއި، އެއިލާހު (ބާވައިލެއްވި) ފޮތްތަކާއި، އެއިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވިއެވެ. (އެބައިމީހުން ބުނެއެވެ.) ތިމަންމެން، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿ يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّـهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنزَلَ مِن قَبْلُ وَمَن يَكْفُرْ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا ﴾ [سورة النساء ١٣٦]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށާއި، އެއިލާހުގެ ރަސޫލާއަށް ބާވައިލެއްވި ފޮތަށާ އަދި ކުރިން ބާވައިލެއްވި ފޮތަށް އީމާންވުންމަތީ ތިޔަބައިމީހުން ދެމިތިބޭށެވެ! އަދި ﷲ އަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، އެއިލާހު (ބާވައިލެއްވި) ފޮތްތަކަށާއި، އެއިލާހު (ފޮނުއްވި) ރަސޫލުންނަށާއި، އާޚިރަތް ދުވަހަށް ކަފިރުވާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ إِنَّ ذَٰلِكَ فِي كِتَابٍ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ﴾ [سورة الحج ٧٠]

މާނައީ: “ހަމަކަށަވަރުން އުޑާއި، ބިމުގައިވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން އެކަންތަކަކީ ﷲ އަށް ދާދި ފަސޭހަކަމެކެވެ.”

އަދި ހަމައެހެންމެ މިއުޞޫލަށް ދަލީލުކުރާ ޞައްޙަ ޙަދީޘްތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެއް ޙަދީޘަކީ ޞަޙީޙު މުސްލިމުގައި އަމީރުލްމުއުމިނީން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވާ މަޝްހޫރު ޙަދީޘެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އީމާންކަމާބެހޭގޮތުން، ޖިބްރީލް عليه السلام ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

((أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ))

މާނައީ: “(އީމާންކަމަކީ) ﷲއަށާއި އެއިލާހުގެ މަލާއިކަތުންނަށާއި އެއިލާހު ބާވައިލެއްވި ފޮތްތަކަށާއި އެއިލާހުގެ ރަސޫލުބޭކަލުންނަށާ އަދި އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.”

ދެ ޝައިޚުން (އެބަހީ: އިމާމް އަލްބުޚާރީއާއި އިމާމް މުސްލިމް) ކުޑަ ތަފާތަކާއެކު އަބޫ ހުރައިރާގެ އަރިހުންވެސް މިފަދައިން ރިވާކުރައްވާފައިވެއެވެ. ﷲ ތަޢާލާގެ ޙައްޤުތަކާއި އާޚިރަތުގެ ކަންކަމާ އަދި ޣައިބުގެ ކަންކަމުގެ ތެރެއިން މުސްލިމަކު ޤަބޫލުކުރުން ވާޖިބުވާ އެންމެހާ ކަމެއް އަންނަނީ މި 6 އުޞޫލުގެ ދަށުންނެވެ.

____________________________________

މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-

 

މިލިޔުމާ ގުޅުންހުރި ލިޔުންތައް