އަދި މިޢަޤީދާއިން އެއްފަރާތްވެފައިވާ އަދި އެއާ އިދިކޮޅު ފަރާތްތަކާމެދު ދަންނައެވެ. އެއީ ވަރަށް ގިނަ ބައެކެވެ. ފަހެ އޭގެ ތެރޭގައި: ބުދުތަކާއި، މަލާއިކަތުންނާއި، ވަލީވެރިންނާއި، ޖިންނީންނާއި، ގަސްގަހާއި، ހިލަތަކާ އަދި އެނޫންވެސް ތަކެއްޗަށް އަޅުކަންކުރާ މީހުން ހިމެނެއެވެ. ފަހެ، އެބައިމީހުންނީ ރަސޫލުންގެ ދަޢުވަތަށް އިޖާބަ ދީފައިނުވާ މީހުންނެވެ. އެހެނެއްކަމަކު އެބައިމީހުންވަނީ، ޚިލާފުވެ ބޮޑާވެގެންފައެވެ. ފަހެ، އެއީ ޤުރައިޝުންނާއި ޢަރަބީންގެ ތެރެއިން ބައެއް މީހުން އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާމެދު ކަންތައްކުރި ފަދައިންނެވެ. އެބައިމީހުން އަޅުކަންކުރާ ތަކެތީގެ ކިބައިން އެބައިމީހުންގެ ކަންކަން ފުއްދައިދިނުމަށް އެދެއެވެ. އަދި ބަލިމީހުންނަށް ޝިފާ ދެއްވުމާ އަދި ޢަދުއްވުންގެ މައްޗަށް ނަޞްރު ދެއްވުން އެދެއެވެ. އަދި އެތަކެއްޗަށް ކަތިލާ ހަދައެވެ. ފަހެ، އެކަންކަމަށް ރަސޫލުﷲ صلى الله عليه وسلم އިންކާރު ކުރައްވާ، އަދި އިޚްލާޞްތެރިކަމާއެކު ﷲ އަށް އެކަނި އަޅުކަންކުރުމަށް އެބައިމީހުންނަށް އަމުރުކުރެއްވިހިނދު، އެބައިމީހުން އެކަމާ އަޖައިބުވެ، އެކަމަށް އިންކާރުކުރިއެވެ. އަދި އެބައިމީހުން ބުންޏެވެ.
﴿أَجَعَلَ الْآلِهَةَ إِلَـٰهًا وَاحِدًا إِنَّ هَـٰذَا لَشَيْءٌ عُجَابٌ﴾ [سورة ص ٥]
މާނައީ: “އެކަލޭގެފާނު ހުރިހާ އިލާހުން އެއް އިލާހަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު އަޖައިބުވާފަދަ ކަމެއްކަން ކަށަވަރެވެ.”
ފަހެ، އެއާއެކުވެސް އެބައިމީހުންގެ ތެރެއިން ﷲ ހިދާޔަތް ދެއްކެވި ބަޔަކަށް ހިދާޔަތް ލިބިގެންފުމަށްދާންދެން، އެކަލޭގެފާނު صلى الله عليه وسلم އެބައިމީހުންނަށް ﷲ ގެ މަގަށް ގޮވާލައްވާ، ޝިރުކާމެދު އިންޛާރު ކުރައްވާ، އެކަލޭގެފާނު އެގޮވާލެއްވި ކަންކަން ޝަރަޙަކޮށްދެއްވުމުގެ މަތީ ދެމިހުންނެވިއެވެ. ދެން އެއަށްފަހު، ﷲ ދީނަށް ބައިބަޔަށް މީހުން ވަނެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އަދި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބާވީމީހުންގެ ދެމިގެންދިޔަ ދަޢުވަތާއި، ދިގު ޖިހާދުތަކަށްފަހު، އެހެން ހުރިހާ ދީންތަކެއްގެ މައްޗަށް އިސްލާމްދީން ފާޅުވެގެން ދިޔައެވެ. ދެން އެއަށްފަހު، ކަންތައްތައް ބަދަލުވެގެންދިޔައެވެ. އަދި ޚަލްޤުތަކުންގެ ތެރެއިން ގިނަ ބައެއްގެ މައްޗަށް ޖާހިލުކަން ކުރި ހޯދާ، ގިނަ ބަޔަކު ޖާހިލިއްޔަތުގެ ދީނަށް އެނބުރުނެވެ. އެއީ ވަލީވެރިންނާ އަދި ނަބީބޭކަލުންގެ އަރިހުން ކަންކަމަށްއެދި ދުޢާކުރުމާ އަދި އެނޫންވެސް އެފަދަ ޝިރުކުގެ ވައްތަރުތައް ކުރުމުގައި ހައްދުފަހަނައަޅާ ދިއުމުންނެވެ. އަދި ޢަރަބީންގެ ކާފިރުންނަށް އެނގުނުފަދައިން އެބައިމީހުންނަށް لا إله إلا الله ގެ މާނަވެސް ނޭނގެއެވެ. فالله المستعان.
ޝިރުކުކުރުން ފެތުރިގެންގޮސް އަޅުގަނޑުމެންގެ ޒަމާނާ ހަމައަށް އައިސްފައިވުމުގެ ސަބަބަކީ ޖާހިލުކަން ފެތުރި، ނަބީކަމުގެ ޒަމާނާ ދުރުވުމެވެ.
ފަހުން މިއައި މީހުންގެ ޝުބުހަތަކަކީ ހަމަ ކުރިން އައިމީހުންގެވެސް ޝުބުހަތަކެވެ. އެއީ އެބައިމީހުން ބުނިފަދައިންނެވެ.
﴿هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ﴾ [سورة يونس ١٨]
މާނައީ: “މިތަކެއްޗަކީ، ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.”
﴿مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ﴾ [سورة الزمر ٣]
މާނައީ: “ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކާއި އެފަދަ އެހެނިހެން ތަކެއްޗަށް) އަޅުކަމެއް ނުކުރަމުއެވެ.”
އަދި ﷲ ވަނީ މިޝުބުހަތައް ބާޠިލުކުރައްވާ، އެއިލާހު ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކޮށްފި މީހަކު އެއިލާހަށް ޝިރުކުކޮށް، ކާފިރުވެއްޖެކަން ބަޔާންކޮށް ދެއްވާފައެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ﴾ [سورة يونس ١٨]
މާނައީ: “އެބައިމީހުން ﷲ ފިޔަވައި އަޅުކަންކުރަނީ، އެބައިމީހުންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެބައިމީހުންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެބައިމީހުން ބުނެއެވެ. މިތަކެއްޗަކީ، ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.”
ފަހެ، އެބައިމީހުންނަށް ރައްދުދެއްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ.
﴿قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ﴾ [سورة يونس ١٨]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް އަދި ބިމުގައިވެސް ﷲ ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެއިލާހަށް ޚަބަރުދެނީހެއްޔެވެ؟ އެބައިމީހުން އެޝަރީކުކުރާ ތަކެތިން އެއިލާހު ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.”
ފަހެ، ﷲ ފިޔަވާ، ނަބީބޭކަލުންނާއި، ވަލީވެރިންނާ އަދި އެނޫންވެސް އެފަދަ ތަކެއްޗަށް ކުރެވޭ އަޅުކަމަކީ ބޮޑު ޝިރުކުކަން އެއިލާހުވަނީ މިއާޔަތުގައި ބަޔާންކޮށްދެއްވާފައެވެ. އެއީ އެތަކެއްޗަށް އަޅުކަންކުރާމީހުން އެކަންކަމަށް އެހެން ނަންތަކުން ނަންދީ އުޅުނަސްވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ﴾ [سورة الزمر ٣]
މާނައީ: ” އަދި އެއިލާހު ފިޔަވާ އެހީތެރިންތަކެއް ހިފިމީހުން ބުންޏެވެ. ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކާއި އެފަދަ އެހެނިހެން ތަކެއްޗަށް) އަޅުކަމެއް ނުކުރަމުއެވެ.”
ފަހެ، އެބައިމީހުންނަށް ރައްދުދެއްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ.
﴿إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ﴾ [سورة الزمر ٣]
މާނައީ: “ހަމަކަށަވަރުން، އެބައިމީހުން އެކަމާމެދު ޚިލާފުވެގެންއުޅޭ ކަންތަކާދޭތެރޭގައި ﷲ، އެބައިމީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފިރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.”
ފަހެ، ދުޢާކުރުމާއި، ބިރުވެތިވުމާއި، އުންމީދުކުރުންފަދަ، ﷲ ފިޔަވާ އެހެން ފަރާތްތަކަށް އެބައިމީހުން އެކުރާ އަޅުކަންތަކުގެ ސަބަބުން އެބައިމީހުން ކާފިރުވާކަން އެއިލާހު އެވަނީ ބަޔާންކޮށް ދެއްވާފައެވެ. އަދި އެބައިމީހުންގެ އެއިލާހުން އެބައިމީހުން އެއިލާހަށް ކުއްތަންކޮށްދޭކަމަށް އެބުނާ ބުނުމުގައި އެބައިމީހުން ދޮގުހަދާފައިވާކަންވެސް އެއިލާހު ބަޔާންކޮށްދެއްވިއެވެ.
ރަސޫލު ބޭކަލުން عليهم الصلاة والسلام އެކަމަކާއިގެން ވަޑައިގެންނެވި، ޞައްޙަ ޢަޤީދާގެ އިދިކޮޅު، ކުފުރު ޢަޤީދާތަކުގައިވާ ކަންކަމުގެ ތެރޭގައި: ކާލް މާރކްސް (Karl Marx) އާއި ލެނިން (Vladimir Lenin) ފަދަ އިލްޙާދާއި ކުފުރަށް މިޒަމާނުގައި ދަޢުވަތުވޭ މީހުންގެ ޤަބޫލުކުރުންތަކާއި، ސޯޝަލިޒަމާއި ކޮމިއުނިޒަމާއި ބަޢަޘިއްޔާ (Ba’athism) އަދި އެނޫންވެސް އެފަދަ ނަންނަން ކިޔައިގެން ފަތުރާ އެފަދަ ޤަބޫލުކުރުންތައް ހިމެނެއެވެ. ފަހެ، ހަމަކަށަވަރުން އެފަދަ މުލްޙިދުންގެ އުޞޫލުތަކުގެ ތެރޭގައި ހިމެނެނީ: ހަމަކަށަވަރުން އިލާހަކު ނުވާ ކަމާއި ޙަޔާތަކީ މާއްދާއެއްކަމާ އަދި އާޚިރަތް ދުވަހާއި، ސުވަރުގެ އަދި ނަރަކައަށް އިންކާރުކުރުމެވެ. އަދި އެންމެހާ ދީންތަކަށް ކާފިރުވުމެވެ. އެބައިމީހުންގެ ފޮތްތަކާއި ވާހަކަތަކަށް ނަޒަރު ހިންގާލުމުން އެނގިގެންދަނީ އެބައިމީހުންގެ ޢިލްމުގައި ޔަޤީންކަމެއް ނެތްކަމެވެ. އަދި ކިއެއްހެއްޔެވެ. އެބައިމީހުންގެ މިޢަޤީދާ އެންމެހާ ސަމާވީ ދީންތަކާ އިދިކޮޅެވެ. އަދި އޭގެ އަހުލުވެރިން ދުނިޔެއާއި އާޚިރަތުގައި އެންމެ ނުބައިވެގެންވާ ޢުޤޫބާތްތަކަށް ހުށަހަޅައެވެ.
އަދި ޙައްޤާއި އިދިކޮޅު ޢަޤީދާތަކުގެ ތެރޭގައި ބާޠިނީންނާއި ޞޫފީންގެ ޤަބޫލުކުރުންތައް ހިމެނެއެވެ. އެބައިމީހުންގެ ތެރެއިން ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންގެ ބައެއް ވަލީވެރިންނަކީ ޢާލަމުގެ ކަންކަން ހިންގުމާ ތަދުބީރުކުރުމުގައި ﷲ އާއެކު ބައިވެރިވާ ބައެކެވެ. އަލްއަޤްޠާބު، އަލްއައުތާދު، އަލްއަޣުވާޘު އަދި މިނޫންވެސް މިފަދަނަންތައް ހަދަހަދައިގެން އެމީހުންގެ އިލާހުންތަކަށް ނަންދީފައިވެއެވެ. މިއީ ރައްބުވަންތަކަމުގައި ޝިރުކުކުރުމެވެ. މިއީ އެންމެ ނުބައިވެގެންވާ ޝިރުކެވެ. އަދި މިއީ ޖާހިލިއްޔަތުގެ ޢަރަބިންގެ ޝިރުކަށްވުރެ ވެސް ނުބައިކަން ބޮޑު ކަމެކެވެ. އެހެނީ ޢަރަބިންގެ ކާފިރުން (ތެރެއިން ގިނަމީހުން) ރައްބުވަންތަކަމުގައި ﷲ އާ ޝަރީކު ނުކުރެއެވެ. އެބައިމީހުން ޝިރުކުކުރީ އަޅުކަމުގައެވެ. އަދި އެބައިމީހުން ޝިރުކުކުރީ ފަސޭހަކަމުގައިވި ޙާލެވެ. އުނދަގޫ ޙާލުގައި ދަންނައެވެ. އެބައިމީހުން ﷲ އަށް ޚާލިޞްކޮށް އަޅުކަންކުރިއެވެ. އެއީ ﷲ سبحانه وتعالى ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ﴾ [سورة العنكبوت ٦٥]
މާނައީ: “ފަހެ، އެބައިމީހުން ނަވަށް އެރިހިނދު، އެއިލާހަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، ﷲ އަށް އެބައިމީހުން ދުޢާ ކުރެއެވެ. ފަހެ އެއިލާހު އެބައިމީހުން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެބައިމީހުން (އެއިލާހަށް) ޝަރީކުކުރެއެވެ.”
އަދި ރައްބުވަންތަކަމުގައި ދަންނައެވެ. އެކަންވަނީ ﷲ އަށް ކަން ދަންނަ ބައެއްކަމުގައި އެބައިމީހުންވިއެވެ.
އެއީ އެއިލާހު ވަޙީކުރެއްވިފަދައިންނެވެ.
﴿وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّـهُ﴾ [سورة الزخرف ٨٧]
މާނައީ: “ހަމަކަށަވަރުން، އެބައިމީހުން ޚަލްޤުކުރެއްވީ ކާކުތޯ، ކަލޭގެފާނު އެބައިމީހުންނާ ސުވާލު ކުރައްވައިފިނަމަ، އެބައިމީހުން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ.”
އަދި އެއިލަހު ވަޙީކުރެއްވިއެވެ.
﴿قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّـهُ فَقُلْ أَفَلَا تَتَّقُونَ﴾ [سورة يونس ٣١]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކާކުހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކުވެގެންވަނީ ކާކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން، ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދުބީރުކުރައްވަނީ ކާކުހެއްޔެވެ؟ ފަހެ، އެބައިމީހުން ބުނާނެއެވެ. (އެއީ) ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެއިލާހަށް) ތަޤުވާވެރި ނުވަނީހެއްޔެވެ؟”
އަދި މިމާނައިގައި އައިސްފައިވާ އާޔަތްތައް ވަރަށް ގިނައެވެ.
ފަހުގެ މުޝްރިކުން ކުރީގެ މުޝްރިކުންނަށްވުރެ ދެގޮތަކުން ނުބައިކަން ބޮޑުވެގެންވެއެވެ. އެއްކަމަކަމީ: އެބައިމީހުންގެ ތެރެއިން ބައެއްމީހުން ރައްބުވަންތަކަމުގައި ﷲ އަށް ޝިރުކުކުރުމެވެ. އަދި ދެވަނަކަމަކީ: ފަސޭހައާއި އުނދަގުލުގައިވެސް އެބައިމީހުން ޝިރުކުކުރުމެވެ. އަދި އެބައިމީހުންގެ ތެރޭގައި އުޅެފިމީހަކަށް އަދި އެބައިމީހުންގެ ކަންކަން ދިރާސާކޮށް ބަލައިފި މީހަކަށް މިކަންކަން އެނގޭނެއެވެ. އަދި މިޞްރުގައިވާ އަލްޙުސައިންއާއި އަލްބަދަވީއާއި އެނޫންވެސް ޤަބުރުތަކާއި، ޢަދަނުގައިވާ ޢައިދުރޫސްގެ ޤަބުރާއި، ޔަމަނުގައިވާ އަލްހާދީގެ ޤަބުރާއި، ޝާމުގައިވާ އިބްނު ޢަރަބީގެ ޤަބުރާއި، ޢިރާޤުގައިވާ ޢަބްދުލްޤާދިރު އަލްޖީލާނީގެ ޤަބުރާއި އަދި އެނޫންވެސް، އާންމުކޮށް އެތަންތަނުގައި ހައްދުފަހަނައަޅާދިއުމަށް މަޝްހޫރުވެފައިވާ ޤަބުރުތަކުގެ ކައިރީގައި އެބައިމީހުން ކުރާ ކަންކަން ފެންނާނެއެވެ. އަދި ﷲ ތަަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އެފަދަ ފަރާތްތަކަށް އެބައިމީހުން އަދާކުރެއެވެ. އެކަންކަމަށް އިންކާރުކޮށް، ﷲ އެކަމަކާއިގެން އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި އެކަލޭގެފާނުގެ ކުރީގެ ރަސޫލުން عليهم الصلاة والسلام ފޮނުއްވެވި، ތައުޙީދުގެ ޙަޤީޤަތް ބަޔާންކޮށްދޭ މީހުން އެބައިމީހުންގެ ތެރޭގައި މަދުވެއްޖެއެވެ. فإنا لله وإنا إليه راجعون…!!
އަޅުގަނޑުމެންގެ ދުޢާއަކީ، ﷲ سبحانه وتعالى ގެ އެބައިމީހުން ތެދުމަގަށް ރައްދުކޮށްދެއްވުމެވެ. އަދި އެބައިމީހުންގެ ތެރޭގައި ހެޔޮމަގަށް ގޮވާލާ މީހުން ގިނަ ކޮށްދިނުމެވެ. އަދި މުސްލިމުންގެ ޤާއިދުންނާއި ޢިލްމުވެރިންނަށް އެފަދަ ޝިރުކާދެކޮޅަށް މަސައްކަތްކޮށް އެކަންކަމާއި އެކަންކަމަށް މަގުފަހިކޮށްދޭ ވަސީލަތްތައް ނައްތާލުމުގެ ތައުފީޤުދެއްވުމެވެ. އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ ނުހަނު ގާތުގައި ވޮޑިގެންވާ އިލާހެވެ.
އިސްމުފުޅުތަކާއި ޞިފަފުޅުތަކުގެ ބާބުގައި، ޞައްޙަ ޢަޤީދާއާ އިދިކޮޅު ޢަޤީދާތަކުގެ ތެރޭގައި ހިމެނޭ ބިދުޢައިގެ އަހުލުވެރިންގެ ޢަޤީދާތަކުގެ ތެރޭގައި: ޖަހްމިއްޔާ، މުޢުތަޒިލާ އަދި ﷲ عز وجل ގެ ޞިފަފުޅުތައް ނަފީކުރުމާއި، އެއިލާހުގެ ފުރިހަމަވެގެންވާ ޞިފަފުޅުތައް ތަޢުޠީލުކުރުމާ އަދި ދިރުމެއް ނުވާތަކެއްޗާއި ނެތް އެއްޗެހީގެ ސިފަތަކާއި މުސްތަޙީލު ސިފަތަކުން ﷲ ސިފަކުރާ މީހުންގެ ޢަޤީދާ ހިމެނެއެވެ. އެބައިމީހުންގެ ބަސްތަކުން ﷲ ތަޢާލާ ހުސްޠާހިރުވެވޮޑިގެންވެއެވެ.
އަދި އޭގައި ހިމެނޭ އެއްކަމަކީ ﷲ ތަޢާލާއަށް ބައެއް ސިފަފުޅުތައް ޘާބިތުކޮށް އަނެއްބައި ސިފަތައް ނަފީކުރުމެވެ. އެފަދަ މީހުންގެ މިސާލަކީ އަޝްޢަރީންނެވެ. އެހެނީ އެބައިމީހުންގެ މައްޗަށް ލާޒިމެވެގެންވަނީ ބައެއް ސިފަތައް ޘާބިތުކުރިފަދައިން އެބައިމީހުން ނަފީކުރި އެފަދަ އެހެން ސިފަތައްވެސް ޘާބިތުކުރުމެވެ. އެބައިމީހުންވަނީ އޭގެ ދަލީލުތައް ތައުވީލުކޮށްފައެވެ. އަދި އެއާއެކު ނައްޞުތަކުގައިވާ ދަލީލުތަކާއި ބުއްދީގެ ދަލީލުތައް ނަފީކޮށްފައެވެ. އޭގެ ސަބަބުން އެބައިމީހުންވަނީ ފާޅުކަންބޮޑު ގޮތެއްގައި ދެކޮޅުނުޖެހޭފަދަ ބަސްތައް ބުނެފައެވެ.
އަހުލުއްސުންނާ ވަލްޖަމާޢާގެ ޢަޤީދާއާމެދު ދަންނައެވެ. ﷲ سبحانه وتعالى، އެއިލާހުގެ ނަފްސުފުޅަށް ޘާބިތުކުރައްވާފައިވާ ކޮންމެ އިސްމުފުޅަކާއި ޞިފަފުޅެއް އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާ ކޮންމެ އިސްމުފުޅަކާއި ޞިފަފުޅެއް، އޭގެ އެންމެ ފުރިހަމަ ގޮތުގައި އެބައިމީހުން، އެއިލާހަށް ޘާބިތުކުރެއެވެ. އަދި މަޚްލޫޤުންނާއި ވައްތަރުވުމުން އެއިލާހު ހުސްޠާހިރުވެގެންވެއެވެ. އަދި އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ނަފީކުރުމުން އެބައިމީހުން ބަރީއަވެއެވެ. އެހެންކަމުން އެބައިމީހުން ހުރިހާ ދަލީލަކަށްވެސް ޢަމަލުކުރެއެވެ. އަދި އޭގެ މާނަތައް ފުރޮޅައި އަދި ނަފީކޮށް ނުހަދައެވެ. އަދި އެނޫން މީހުން ބުނާފަދަ ދެކޮޅު ނުޖެހޭ ބަސްތައް އެބައިމީހުން ނުބުނެއެވެ. – އެކަންވާނީ އިސްވެ ބަޔާންކުރެވިފައެވެ. –
ދުނިޔެއާއި އާޚިރަތުގައި ސަލާމަތްކަމާއި ބާއްޖަވެރިކަން ލިބެންއޮތް މަގަކީ މިއީއެވެ. މިއީ ސަލަފުންގެ ތެރެއިން މިއުންމަތުގެ އިމާމުން އެމަގަކަށް ތަބާވި ސީދާވެގެންވާ މަގެވެ. މިއުންމަތުގެ ކުރީގެ މީހުން އިޞްލާޙުވީފަދައިން މެނުވީ ފަހުގެ މީހުންވެސް އިޞްލާޙުނުވާނެއެވެ. އެއީ ޤުރުއާނާއި ސުންނަތަށް ތަބާވެ، އެއާ ޚިލާފުވާ ކޮންމެ އެއްޗަކާ ދުރުވެގެންނެވެ.
____________________________________
މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-