[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިންވަރަށް އީމާންވުން

މިންވަރަށް އީމާންވުމާމެދު ދަންނައެވެ. އެކަމުގައި ހަތަރު ކަމަކަށް އީމާންވުން ހިމެނެއެވެ.

ފުރަތަމައީ: ވެނިމިފައިވާ ކަންކަމާއި ވާނޭކަންކަމާއި، އެއިލާހުގެ އަޅުތަކުން ޙާލަތާއި، އެބައިމީހުންގެ ރިޒްޤުތަކާއި، އަޖަލުތަކާއި، ޢަމަލުތައް ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. އަދި އެނޫންވެސް އެބައިމީހުންގެ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއިލާހު سبحانه وتعالى އަށް ވަންހަނާވެގެން ނުވެއެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿إِنَّ اللَّـهَ بِكُلِّ شَيْءٍ عَلِيمٌ﴾ [سورة العنكبوت ٦٢]

މާނައީ: “ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އަދި އެއިލާހު عز وجل ވަޙީކުރެއްވިއެވެ.

﴿لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا﴾ [سورة الطلاق ١٢]

މާނައީ: “ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހުކަމާއި، ހަމަކަށަވަރުން ﷲ ގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.”

 

ދެވަނައީ: އެއިލާހު މިންވަރުކުރައްވާ ނިޔާކުރައްވާފައިވާ އެންމެހާ ކަމެއް އެއިލާހުވަނީ ލިޔުއްވާފައިވާކަމަށް އީމާންވުމެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿قَدْ عَلِمْنَا مَا تَنقُصُ الْأَرْضُ مِنْهُمْ وَعِندَنَا كِتَابٌ حَفِيظٌ﴾ [سورة ق ٤]

މާނައީ: “ހަމަކަށަވަރުން، ބިންގަނޑު އެބައިމީހުންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންއިލާހު ދެނެވޮޑިގެންވަމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުގައި (ހުރިހާ އެއްޗެއް) ރައްކާކުރާ ފޮތެއްވެއެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ﴾ [سورة يس ١٢]

މާނައީ: “އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންއިލާހު ހިމެނުއްވީމެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿أَلَمْ تَعْلَمْ أَنَّ اللَّـهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ إِنَّ ذَٰلِكَ فِي كِتَابٍ إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ﴾ [سورة الحج ٧٠]

މާނައީ: “ހަމަކަށަވަރުން އުޑާއި، ބިމުގައި ވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަކީ، ﷲ އަށް ދާދި ފަސޭހަކަމެކެވެ.”

 

ތިންވަނައީ: އެއިލާހުގެ ތަންފީޒުވަނިވި އިރާދަފުޅަށް އީމާންވުމެވެ. އެއިލާހު އެދިވޮޑިގަންނަވާ ކަމެއް ވެއެވެ. އަދި އެއިލާހު އެދިވޮޑިނުގަންނަވާކަމެއް ނުވެއެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿إِنَّ اللَّـهَ يَفْعَلُ مَا يَشَاءُ﴾ [سورة الحج ١٨]

މާނައީ: “ހަމަކަށަވަރުން ﷲ، އެއިލާހު އިރާދަކުރައްވާކަމެއް ކުރައްވަތެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ﴾ [سورة يس ٨٢]

މާނައީ: “އެއިލާހު ކަމަކަށް އިރާދަކުރައްވައިފިނަމަ، އެއިލާހުގެ އަމުރުފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] ވަޙީކުރެއްވުމެވެ. ދެން އެކަމެއް ވެދެއެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ رَبُّ الْعَالَمِينَ﴾ [سورة التكوير ٢٩]

މާނައީ: ” ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެއެވެ.”

 

ހަތަރުވަނައީ: އެންމެހާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ އެއިލާހު سبحانه وتعالى ކަމާއި، އެއިލާހު ފިޔަވާ ޚާލިޤެއްވެސް އަދި ރައްބެއްވެސް ނުވާކަމަށް އީމާންވުމެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿اللَّـهُ خَالِقُ كُلِّ شَيْءٍ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ﴾ [سورة الزمر ٦٢]

މާނައީ: “ﷲ އީ، ހުރިހާ އެއްޗެއް ހައްދަވާ އިލާހެވެ. އަދި އެއިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ އިލާހެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ هَلْ مِنْ خَالِقٍ غَيْرُ اللَّـهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ لَا إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ﴾ [سورة فاطر ٣]

މާނައީ: “އޭ މީސްތަކުންނޭވެ! ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ! ﷲ މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤުދެއްވާ އިލާހަކު ވޭހެއްޔެވެ؟ އެއިލާހު މެނުވީ އެހެން އިލާހަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟”

ފަހެ، ބިދުޢަވެރިންގެ ބައެއް މީހުންނާ ޚިލާފަށް، އަހްލުއްސުންނާ ވަލްޖަމާޢާގެ އަހުލުވެރީންގެ ގާތުގައި މިންވަރަށް އީމާންވުމުގައި މިހަތަރު ކަންތައް ޝާމިލުވެއެވެ.

 

ﷲ އަށް އީމާންވުމުގެ ތެރޭގައި ޢަމަލާއި ބަހުން އީމާންވުން ހިމެނެއެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމުން އެ އިތުރުވެއެވެ. އަދި ފާފަކުރުމުން އެ މަދުވެއެވެ. އެހެންކަމުން ޝިރުކާއި ކުފުރު ނުހިމެނޭ ކަންކަމުގެ ތެރެއިން ޒިނޭކުރުމާއި، ވައްކަންކުރުމާއި، ރިބާ ކެއުމާއި، މަސްތުވާތަކެތި ބުއިމާއި، މައިންބަފައިންނަށް އިހާނެތިކޮށްހިތުމާ އަދި އެނޫންވެސް ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ފާފައެއް މުސްލިމަކު ކުރުމުން، އޭނާ ތަކްފީރުކުރުން (އެބަހީ: ކާފިރުކުރުން) ހުއްދަވެގެން ނުވެއެވެ. އެއީ ﷲ سبحانه وتعالى ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ﴾ [ النساء ١١٦]

މާނައީ: “ހަމަކަށަވަރުން ﷲ، އެއިލާހަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.”

ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން މުތަވާތިރުކޮށް އައިސްފައިވާ ޙަދީޘްތަކުން ޘާބިތުވާ ގޮތުގައި، ހަމަކަށަވަރުން އެމީހެއްގެ ހިތުގައި ރެވި އޮއްޓަރެއްގެ މިންވަރަށް އީމާންކަންވާމީހާ، ނަރައިން ނެރުއްވައެވެ.

ﷲ އަށް އީމާންވުމުގައި ހިމެނޭ އެއްކަމަކީ ﷲ އަށްޓަކައި ލޯބިވުމާއި، ﷲ އަށްޓަކައި ރުޅިއައުމެވެ. އަދި އެއިލާހަށްޓަކައި އެކުވެރިވުމާއި، އެއިލާހަށްޓަކައި ޢަދާވަތްތެރިވުމެވެ. ފަހެ، މުއުމިނަކަށް ވާޖިބުގެންވަނީ މުއުމިނުންނަށް އެހީތެރިވެދިނުމެވެ. އަދި ކާފިރުންނަށް ނުރުހުންތެރިވެ ދެކޮޅުވެރިވުމެވެ. އަދި މި އުންމަތުގެ މުއުމިނުންގެ ތެރެއިން އެންމެ އިސްކޮށް ތިއްބެވީ ރަސޫލުﷲ صلى الله عليه وسلم ގެ އަޞްޙާބުންނެވެ. ފަހެ، އަހުލުއްސުންނާ ވަލްޖަމާޢާގެ އަހުލުވެރިން އެބޭކަލުންދެކެ ލޯބިވެ، ނަޞްރުދީ އަދި އެބޭކަލުންނަށް ތަބާވެއެވެ. އަދި އެބޭކަލުންނަކީ ނަބީބޭކަލުންނަށްފަހު، މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ބޭކަލުންކަމުގައި ޤަބޫލުކުރެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.

«خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» [متفق على صحته]

މާނައީ: “އެންމެ ހެޔޮވެގެންވާ މީސްތަކުންނަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީސްތަކުންނެވެ. ދެން އެބައިމީހުންނަށް ފަހު އަންނަ ޤަރުނުގެ މީސްތަކުންނެވެ. ދެން އެބައިމީހުންނަށްފަހު އަންނަ ޤަރުނުގެ މީސްތަކުންނެވެ.”

އަދި އެބޭކަލުންގެ ތެރެއިން އެންމެ މާތް ބޭކަލަކީ އަބޫބަކުރު އައްޞިއްދީޤުކަން އެބައިމީހުން ޤަބޫލުކުރެއެވެ. އެއަށްފަހު ޢުމަރު އަލްފާރޫޤެވެ. އެއަށްފަހު ޢުޘްމާން ޛުއްނޫރައިނިއެވެ. އަދި އެއަށްފަހު ޢަލީ އަލްމުރުތަޟާއެވެ. رضي الله عنهم أجمعين.

އެއަށްފަހު، ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިބާ ބޭކަލުންގެ ތެރެއިން ދެން ތިއްބެވި ބޭކަލުންނެވެ. ދެން އެއަށްފަހު، ބާކީ ތިއްބެވި ޞަޙާބީބޭކަލުންނެވެ. رضي الله عنهم أجمعين. އަދި އެބޭކަލުންގެ މެދުގައި ހިނގާފައިވާ ކަންކަމުގައި އެބައިމީހުން ހަނު ތިބެއެވެ. އަދި ޞަޙާބީ ބޭކަލުންނީ އެކަންކަމުގައި މުޖުތަހިދުންކަމުގައި އެބޭކަލުން ޤަބޫލުކުރައްވައެވެ. (ފިތުނައާއި ގުޅުންހުރި ކަންކަމުގައި) އެބޭކަލުންކުރެ ޙައްޤާ އެއްގޮތަށް ޢަމަލުކުރެއްވި ބޭކަލުންނަށް ދެ އަޖުރުވެއެވެ. އަދި އެނޫން ގޮތަކަށް ޢަމަލުކުރެއްވި ބޭކަލުންނަށް އެއްއަޖުރުވެއެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ އަހުލު ބައިތުންގެ ތެެރެއިން އެކަލޭގެފާނަށް އީމާންވެވަޑައިގެންނެވި ބޭކަލުންދެކެ ލޯބިވެއެވެ. އަދި އެބޭކަލުންދެކެ ލޯބިވެ ނަޞްރުދެއެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންވެސްމެއެެވެ. އެއީ މުއުމިނުންގެ މައިކަނބަލުންނެެވެ. އެއެންމެހާ ބޭކަނބަލުންނާމެދު އެބައިމީހުން ރުހިގެންވެއެވެ. ރާފީޟީންގެ ގޮތްތަކުން އެބައިމީހުން ބަރީއަވެގެންވެއެވެ. އެހެނީ ރާފިޟީން، ރަސޫލުﷲ صلى الله عليه وسلم ގެ ބައެއް ޞަޙާބީން ދެކެ ރުޅިއާދެއެެވެ. އަދި އެބޭކަލުންނަށް އެއްޗެހި ކިޔައެވެ. އަދި އަހުލު ބައިތުންނާމެދު ހައްދުފަހަނައަޅާ ދެއެވެ. އަދި ﷲ عز وجل އެބޭކަލުންނަށް ދެއްވާފައިވާ ދަރަޖައަށްވުރެ މައްޗަށް އެބޭކަލުން އުފުލައެވެ. އަދި ނަވާޞިބުންގެ ކިބައިންވެސް ބަރީއަވެގެންވެއެވެ. އެބައިމީހުންނީ އެބައިމީހުންގެ ޢަމަލާއި ބަހުން އަހުލު ބައިތުންނަށް އުނދަގޫކުރާ މީހުންނެވެ.

ކުރުކޮގަތަކަށް މިޛިކުރުކޮށްލި ބަސްކޮޅުގައި އެވަނީ ﷲ އެއިލާހުގެ ރަސޫލާ މުހައްމަދު صلى الله عليه وسلم އެކަމާއިގެން ފޮނުއްވި ޞައްޙަ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއީ އަލްފިރުޤާ އައްނާޖިޔާގެ ޢަޤީދާއެެވެ. އެއީ އަހުލުއްސުންނާ ވަލްޖަމާޢާއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ﷲ ތަޢާލާގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން، ހައްޤުގެ މަތީގައި ނަޞްރުލިބެނިވި ގޮތުގައި ތިމަންކަލޭގެފާނުގެ އުންމަތުގެ ޖަމާޢަތެއްވާނެއެވެ. އެބައިމީހުންނަށް ނަޞްރުނުދިން ބައެއްގެ ސަބަބުން އެބައިމީހުންނަށް ގެއްލުމެއް ނުވާނެއެވެ.”

އަދިވެސް އެކަލޭގެފާނު عليه الصلاة والسلام ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަތްދިހަ އެއް ފިރުޤާއަށް ޔަހޫދީން ބެހުނެވެ. އަދި ހަތްދިހަ ދެ ފިރުޤާއަށް ނަޞާރާއިން ބެހުނެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތް ހަތްދިހަ ތިން ފިރުޤާއަށް ބެހޭނެއެވެ. އެތަނުން އެއް ފިރުޤާ ފިޔަވާ އެހެން ހުރިހާ ފިރުޤާތަކެއްވަނީ ނަރަކައިގައެވެ. ޞަހާބީ ބޭކަލުން ދެންނެވިއެވެ. އެއީ ކޮން ފިރުޤާއެއް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ތިއްބެވި ގޮތުގައި ތިބޭ މީހުންނެވެ.”

އެ ޢަޤީދާއަކީ އޭގައި ހިފެހެއްޓުން ވާޖިބުވެގެންވާ އަދި އޭގެ މަތީ ޘާބިތުވާންޖެހޭ ޢަޤީދާއެވެ. އަދި އެއާ ޚިލާފުވާކަންކަމުން ރައްކާތެރިވާން ޖެހޭނެއެވެ.

____________________________________

މަޞްދަރު: العقيدة الصحيحة وما يضادها للشيخ عبد العزيز بن عبد الله بن باز -رحمه الله-

މިލިޔުމާ ގުޅުންހުރި ލިޔުންތައް